އެޕްސްޓައިން ފައިލްތަކުގެ އަސްލު "ވިސުލްބުލޯވަރ"

އޭނާ، 2001 ވަނަ އަހަރު، އެންމެންނަށް އިންޒާރުދޭން މަސައްކަތް ކުރިއެވެ. އޭނާ، ނަން ހާމަކުރި ފިރިހެނުންނަކީ ބާރުގަދަ ބައެކެވެ. އޭގެ ފަހުން ހިނގި ކަންތައްތަކުން، އޭނާގެ ދިރިއުޅުން ހަލާކުވެގެން ދިޔައެވެ.

ކަރެން މޮލްޑަރއަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް މޮޑެލްއެވެ. އޭނާ ވަސާޗީ، ޑިއޯ، އަދި ޗެނަލްއާ އެކު މަސައްކަތްކޮށް، އޮރިޖިނަލް "ވިކްޓޯރިއާ ސީކްރެޓް" ގެ މޮޑެލްއަކަށްވިއެވެ. އޭނާގެ ދުވަސްވަރު، އެންމެ ބޮޑު މުސާރައެއް ލިބޭ މޮޑެލުންގެ ތެރޭގައި، އޭނާ ހިމެނުނެވެ.

2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، މޮލްޑަރ ވަނީ ފަރަންސޭސިވިލާގެ "ޓޯކް ޝޯ" އަކަށް ގޮސް، މޮޑެލިން ޞިނާޢަތުގެ އިސް ފަރާތްތަކެއްގެ މައްޗަށް "ޢިއްފަތް ފޭރިގަތުމާއި،" "ޖިންސީ ގޯނާއާއި،" އަދި "އިންސާނީ ވަގުފާރީގެ" ތުހުމަތުކޮށްފައެވެ. އޭނާ، އެހުރިހާ އެންމެންގެ ނަންތައް ހާމަކުރިއެވެ. އެކަމަކު، އެ އިންޓަވިއު އޭގެފަހުން ދުވަހަކުވެސް ދައްކާފައި ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ވީޑިއޯ ފުޓޭޖް ވަނީ ހަލާކުކޮށްލާފައެވެ.

އޭގެ ގަޑިތަކެއް ފަހުން، އޭނާ އާންމުންގެ ލޯމަތިން ގެއްލުވާލައި، ޕެރިހުގެ ނަފުސާނީ ހޮސްޕިޓަލަކަށް ގެންގޮސް މަސްތަކެއް ވަންދެން އެތަނުގައި ބެހެއްޓިއެވެ. އަދި، އޭނާގެ ނަފުސާނީ ދުޅަހެޔޮކަމާމެދު ސުވާލު އުފެއްދިއެވެ. އެހިސާބުން އޭނާގެ އިތުބާރު ގެއްލިގެން ދިޔައެވެ. އަދި، އޭނާގެ މޮޑެލިން ކެރިއަރު ނިމުނެވެ. އަހަރުތަކެއް ވަންދެން އޭނާ ސިފަކޮށްފައި ވަނީ ބަލިކަށި، އަދި އިތުބާރު ނުކުރެވޭ މީހެއްގެ ގޮތުގައެވެ.

އޭނާ، އަނިޔާވެރިންގެ ގޮތުގައި ތުހުމަތުގެ އިނގިލި ދިއްކުރި ފިރިހެނުން، އެމީހުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައެވެ. އޭގެ ތެރެއިން އެކަކު ކަމަށްވާ ޖީން ލޫކް ބްރޫނެލްއަކީ ޖެފްރީ އެޕްސްޓައިންއާ ގާތް ގުޅުމެއް އޮތް މީހެއްކަން ފަހުން ހާމަވިއެވެ. ކޯޓުގެ ލިޔެކިޔުންތަކާއި، ހެކިބަސްތަކުން ހާމަވެފައިވާ ގޮތުގައި، ބްރޫނެލްއަކީ މޮޑެލިން އެޖެންސީތައް މެދުވެރިކޮށް ހިންގާ ބައިނަލްއަޤުވާމީ އިސްތިޣުލާލު ނުވަތަ އެކްސްޕްލޮއިޓޭޝަން ނެޓްވޯކަކާ ގުޅިފައިވާ މީހެކެވެ. އެތައް އަންހެނުންނެއް ވަނީ އޭނާގެ މައްޗަށް، ކުޑަ އަންހެން ކުދިންނަށް ޖިންސީގޯނާ ކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ. އެޕްސްޓައިން ފައިލްތަކުން ތަކުރާރުކޮށް އޭނާގެ ނަން ފެނިގެން ގޮސްފައިވާއިރު، ކުޑަކުދިންނާ ދެކޮޅަށް ޖިންސީ ކުށްތަކާއި، އިންސާނީ ވަގުފާރީގެ ތުހުމަތުގައި، 2020 ވަނަ އަހަރު ފްރާންސުން އޭނާ ހައްޔަރުކުރިއެވެ. ޝަރީއަތުގެ މަރުހަލާގައި ޖަލުގައި ހުއްޓާ، 2022 ވަނަ އަހަރު، އޭނާ ވަނީ މަރުވެފައެވެ.

ކަރެން މޮލްޑަރ ނަން ހާމަކުރި އަނެއް މީހާއަކީ ޖެރަލްޑް މަރީއެވެ. އޭގެފަހުން ފަނަރަވަރަކަށް އަންހެނުން، އޭނާގެ މައްޗަށް "ޢިއްފަތް ފޭރިގަތުމާއި" "ޖިންސީ ގޯނާގެ" ތުހުމަތު ކޮށްފައިވެއެވެ. އަދި، ބީ.ބީ.ސީއިން ހިންގި ތަޙުޤީޤެއްގައި، ހަށިގަތުމަށް އޭނާ ކުޑަކުއްޖަކަށް ފައިސާ ދޭން އުޅުނު މަންޒަރު ދައްކާފައިވެއެވެ. އެހުރިހާ ކަމަކާއެކުވެސް، މޮޑެލިންއާއި، ފެޝަންގެ ދާއިރާގައި ނުފޫޒުގަދަ މީހެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން އޭނާ ދެމިހުއްޓެވެ.

ކަރެން މޮލްޑަރ އަކަށް ރައްކާތެރިކަމެއް ނުލިބުނެވެ. އޭނަ ހުރީ ހިމޭންކޮށްލާފައެވެ. އޭގެ ދެ ދަސް އަހަރު ފަހުން، އޭނާ އިންޒާރު ދިން ފިރިހެނުންތައް ހައްޔަރުކޮށް، ފަޟީޙަތްވެ، އަދި ޖަލު ގޮޅިތަކުގައި މަރުވަމުން ދިޔައެވެ. ތެދު ޙަޤީޤަތް ހާމަކޮށްގެން ހުރިހާ ގެއްލުމެއް ލިބުނީ ކަރެން މޮލްޑަރއަށެވެ. އެކަމުގެ އޭގެ ސަބަބުން އޭނާގެ ވާހަކަތައް ހަނދާން ބަހައްޓަންޖެހޭ ގޮތް ބަދަލުވެގެން ދިޔައެވެ. ކަރެން މޮލްޑަރއަކީ މޮޔައެއް ނޫނެވެ. އޭނާ މޮޔައަކަށް ހެދީ ދުނިޔޭގެ ދައްޖާލީ ނިޒާމެވެ. އޭނާގެ ކުށަކީ، އެޕްސްޓައިން ފައިލްތަކުގެ ޙަޤީޤަތް ހާމަވުމުގެ މާކުރިން، އެވާހަކަ ދެއްކުމެވެ.

ޙަސަން ލުޠުފީ (ރަންފަސް)
ޙަސަން ލުޠުފީ (ރަންފަސް)
ޙަސަން ލުޠުފީއަކީ ވަރަށް ގިނަ ލިޔުންތަކެއް ލިޔުއްފައިވާ އަދި މިހާރުވެސް ލިޔުއްވަމުން ގެންދަވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ޚާއްސަކޮށް ދުނިޔޭގެ މަސްރަހުގެ ލިޔުންތަކާއި އުފެއްދުންތެރި ލިޔުންތަކަށް ފަރިތަފުޅު ބޭފުޅެކެވެ. ލުޠުފީ ވަނީ ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަން ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.