އެންމެ ފަހުގެ ޙަމަލާ – 32

(31 ޖަނަވަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރާމްނާތު ސިފައިންގެ ތެރެއަށް ވެދެވަޑައިގެންނެވި ފަހުން ދެ އަހަރު ވެއްޖެއެވެ. އެ ދުވަސްވަރު سلطان محمود غزنوی ގެ ފުތޫޙާތުގެ ސައިލު ވަނީ ގަންގާ އާއި ޖަމްނާގެ ވާދީއާ ދިމާޔަށް ދެމިގެންފައެވެ. އިންޑިއާގެ ދެކުނު އިރުމަތީގެ ޢާއްމުން ކުރީން ހިތް ހަމަޖައްސައިގެން ތިބީ ގުނޫޖުގެ ޝަހެންޝާހުގެ ވެރިކަމުގެ ދަށުގައި ދެން ތިއްބެވި ރަސްރަސްކަލުންގެ ގުޅިފައި ވާ ލަޝްކަރު ކުރިޔަށް ނުކުމެ ދުޝްމަނުންގެ މޫނު ފަހަތަށް އަނބުރައިލާނެ ކަމަށެވެ. ނަމަވެސް سلطان محمود ކުރި އަރައިވަޑައިގަންނަވާލެއް ހަލުވިފުޅުކަމުގެ ސަބަބުން އެބައިމީހުން އުއްމީދު ކުރާ ވަރުގެ ވަރުގަދަ ލަޝްކަރު ޙަރަކާތްތެރި ކުރެވުމުގެ ކުރީގައި غزنی ގެ ލަޝްކަރު ދިމާ ވާ ކޮންމެ ރަށަކާއި ކިއްލާއެއް ފަތަޙަ ކުރަމުން ގުނޫޖާއި ކަލަންޖަރާ ހަމަޔަށް އަތުވެދާނެކަމުގެ ބިރު ހީ ވާން ފަށައިފިއެވެ. ނަމަވެސް މުތުރާގެ ބުރަހުމަނުން ތިބީ އެ މުޤައްދަސް ރަށުގެ ބޭރު ފާރުދޮށުގައި އެބައިމީހުންގެ ވަޠަނުގެ ކޮންމެ ސިފައިންގެ މީހަކު ވެސް ޤުރުބާން ވެ މަރު ވެގެންދާނެކަމަށް ޔަޤީން ކޮށްގެންނެވެ. ދުޝްމަނުން އެ މަތިވެރި މުޤައްދަސް ފައްޅިއާ ކައިރި ވިޔަނުދޭނެކަން ކަށަވަރު ކޮށްގެންނެވެ. އެ ފައްޅި އަކީ އެތަކެއް ޤަރުނުއްސުރެ ރަސްރަސްކަލުންނާއި ޝަހެންޝާހުންގެ އަތްޕުޅުން ޖިޒީ ނަގަމުން އައި ފައްޅިއެކެވެ. ސަރުސިވާއިން ފެށިގެން ގަވާލިޔާރާއި ކަލަންޖަރާ ހަމަޔަށް ހުރި ހުރިހައި ފައްޅިތަކެއްގެ އަޅުވެރީން "މުތުރާ ސަލާމަތް ކުރާށެވެ" ގޮވަމުން ނަޢުރާގެ އަޑު އުފުލަމުން ގެންދިޔައެވެ. سلطان محمود غزنوی ސަރުސިވާގެ ރަސްގެފާނު ބަލި ކޮށްލައްވައިފައި ބަރަނާ ދިމާޔަށް ކުރިޔަށް ވަޑައިގަންނަވާން ފެއްޓެވުމުން މުތުރާގެ ބުރަހުމަނުން ރަސްރަސްކަލުންނަށް އެއްޗެތި ގޮވަމުން، ކައިރި ރަށްރަށަށް ދަތުރު ކޮށް ޢާއްމުންގެ ކިބައިން މުތުރާ ސަލާމަތް ކުރުމަށް ޓަކައި ޖާނާއި މާލުން ޤުރުބާން ވެދޭން އެދޭން ފަށައިފިއެވެ.

އެހެނިހެން ރަށްރަށެކޭ އެއްގޮތަށް ގަވާލިޔާރުގެ ޢާއްމުންނަށް ވެސް މުތުރާގެ ބުރަހުމަނުންގެ އާދޭހާއި އިލްތިމާސުގެ އަސަރު ނުކޮށްނުދިޔައެވެ. އެތަކެއް ހާސް ޒުވާނުން މުތުރާ ދިފާޢު ކުރުމުގެ މުޤައްދަސް ހަނގުރާމައިގައި ހިލޭސާބަހަށް ބައިވެރި ވާން ހިނގައްޖެއެވެ. ޢާއްމުން އެބައިމީހުންނަށް އެހީ ވާން ފިސާރި ދީލަތިކަމާ އެކު ޗަންދާ ދިނެވެ. ބުރަހުމަނުންގެ ބަޔަކު ގޯޕީޗަންދުގެ އަވަށަށް ވެސް ދިޔައެވެ. މުތުރާގެ ބުރަހުމަނުން ވަށައިގެން ހުރި އަވަށްއަވަށުން ޚާއްޞަ މީހުންކޮޅެއް އެއް ކޮށްފައި އެމީހުންގެ ފަރާތުން އެހީއަށް އެދިއްޖެއެވެ. މުތުރާގެ ބުރަހުމަނުންގެ ވާހަކައިގެ ސަބަބުން އަސަރު ކޮށްގެން އެ ހިސާބުގަނޑުން ވެސް ޒުވާނުންގެ އެތައް ބަޔަކު މުތުރާއަށް ދާން އެއްބަސް ވެއްޖެއެވެ. ނަމަވެސް ޒުވާނުންނަށް އަހާއި ހަތިޔާރު ހޯދުމުގެ މައްސަލަ ކުރިމަތި ވުމުން، ޢާއްމުން ޢުޒުރަކަށް ދެއްކީ ސޫމްނާތުގެ އަޅުވެރީން ގޮއި ނަގާން އަންނަ ދުވަސްވަރު ކައިރި ވެފައި ވާކަމެވެ. ސޫމްނާތުގެ އަޅުވެރީން އެއްވެސް މީހަކަށް ލޯ ފައިސާއެއް ވެސް މަޢާފު ނުކުރާނެކަމެވެ. އެމީހުން ދެކެ ބިރު ގަންނާން ޖެހިފައި ނުވާ ނަމަ، ޢާއްމުންގެ ކޮންމެ މީހަކު ވެސް ނުކައިނުބޮއި ހުރެގެން ވެސް މުތުރާ ދިފާޢު ކުރުމަށް ޓަކައި ދާން ތައްޔާރު ވެގެން ތިބި ހިލޭސާބަހުގެ ހަނގުރާމަވެރީންނާ އެހީ ވާނެކަމެވެ. މުތުރާގެ ބުރަހުމަނުން ޢާއްމުންނަށް ވިސްނައިދިނެވެ. "ސޫމްނާތުގެ ފައްޅީގެ ބިންތައް މުޅި އިންޑިއާގައި އެބަހުއްޓެވެ. އެތަންތާނގެ ގިނަ ދަނޑުވެރީން އެބައިމީހުންގެ ހުރިހައި އެއްޗެއް މުތުރާގެ މުޤައްދަސް ފައްޅީގެ ޙިމާޔަތަށް ވަގުފު ކޮށްފިއެވެ. ސޫމްނާތުގެ ފައްޅި ހުރީ މިތަނާ އެތަކެއް ހާސް މޭލު ދުރުގައެވެ. އެހެންކަމުން، އެތާނގެ ޕަރައުހަތު سلطان محمود غزنوی ދެކެ ޖެހިލުން ވެވަޑައެއްނުގަނެއެވެ. ނަމަވެސް سلطان محمود غزنوی މުތުރާއަށް ވަޑައިގަތުން މާކަ ލަހެއް ނުވާނެއެވެ. އެހެންކަމުން އަހަރެމެންނަށް ދުޝްމަނުން މުތުރާއާ ހަމައިން ނުހުއްޓުވިއްޖެ ކަމުގައި ވާނަމަ، އެބައިމީހުންގެ އަސްތައް މި އަވަށްތަކުގައި ކަޑަބޮއްޖަހަމުން ދާނެ ދުވަސް މާ ދުރެއް ނޫނެވެ."

ގޯޕީޗަންދު މުތުރާގެ ބުރަހުމަނުންނަށް ތާއީދު ކުރެއްވުމުގެ ގޮތުން ތަޤުރީރު ކުރައްވަމުން ވިދާޅުވިއެވެ. "އަޚުންނޭވެ! ދުޝްމަނުން އަހަރެމެންނާ ދިމާޔަށް އަންނަ މަގުމަތީގައި ހުރި އެންމެ ބޮޑު ދިފާޢީ މަރުކަޒަކީ މުތުރާއެވެ. ދުޝްމަނުން މުތުރާ ފަތަޙަ ކުރުމަކީ ހިންދީ ދީނުގެ ވެއްޓުމެވެ. ދުޝްމަނުން ގަންގާ އާއި ޖަމްނާގެ ވާދީގައި އަސް ދުއްވަމުންދާ ތަން ފެނުމުން ވެސް ހަމަހޭވެރިކަން ނާންނަ ވަރަށް ސޫމްނާތުގެ އަޅުވެރީންގެ ޙިއްސުތައް ކެނޑިފައި ވާނަމަ، އަހަރެމެންނަށް އެބައިމީހުންގެ ގާތުގައި ބުނެވިދާނެއެވެ. އަހަރެމެންގެ މިނިވަންކަމަށް ނުރައްކާ ވެފައި ވަނިކޮށެއް އަހަރެމެންނަށް ގޮޔެއް ނުދެވޭނެއެވެ. އަހަރެމެން އަހަރެމެންގެ ރަސްގެފާނުގެ އަރިހުގައި ސޫމްނާތުގެ އަޅުވެރީން އަހަރެމެންނަށް އަނިޔާ ކުރިޔަނުދެއްވުން އެދި ދަންނަވާނީއެވެ. އެބައިމީހުންނަކީ ހަމައެކަނި އަހަރެމެންގެ ލެޔާއި ދާ އޮހޮރައިގެން އެއް ކުރާ އެތިކޮޅުން ތިމާމެންގެ ލޮކިމަސް ޖަހައިފައި ވާ ބަނޑުތައް މިހާރަށް ވުރެ ވެސް ބޮޑު ކުރާން ތިބޭ ބައެކެވެ. ރަސްގެފާނު އަހަރެމެންގެ އާދޭހަށް ކަންފަތްޕުޅު ނުދެއްވައިފި ކަމުގައި ވާނަމަ، އަހަރެމެން އަމިއްލަޔަށް އަހަރެމެންގެ އަމިއްލަ ނަފުސުތައް ދިފާޢު ކުރާނީއެވެ. މުތުރާގެ ބުރަހުމަނުން ޚުދު އެބައިމީހުންނަށް އެހީއަކަށް އެދުނު ނަމަ، އަހަރެން އެބައިމީހުންގެ ގާތުގައި އަހަރެމެންނަކީ ސޫމްނާތުގެ ރައްޔިތުންނޭ، އަހަރެމެންގެ އަތުގައި ކަލޭމެންނަށް ދޭން ލޯފައިސާއެއް ވެސް ނެތޭ ބުނީމުސްކަން ޔަޤީނެވެ. ނަމަވެސް މިހާރު އަހަރެން އަހަރެންގެ އަތުގައި އޮތް އެންމެ ފަހުގެ ލޯފައިސާފޮއްޗަށް ދާންދެން ހޭދަ ކުރާން މި އުޅެނީ މުތުރާގެ ފައްޅި ދިފާޢު ކުރުމަށް ޓަކައެވެ. އަހަރެންގެ ޤުރުބާނީގެ މަޤްޞަދަކީ ހިންދީ ދީނުގެ ނާމޫސާއި އަމިއްލަ މިނިވަންކަމާއި ޢިއްޒަތް ރައްކައުތެރި ކުރުމެވެ." ސޫމްނާތުގެ އަޅުވެރީންނާ މެދު ވަރަށް ގިނަ ބައެއްގެ ވެސް އިޙުސާސްތައް ގޯޕީޗަންދާ ތަފާތެއް ނޫނެވެ. ނަމަވެސް ބޮޑު ޖަލްސާއެއްގައި އެ ކަހަލަ ޚިޔާލުފުޅުތަކެއް ފާޅު ކުރައްވާން ކެރިވަޑައިގަންނަވާނީ ހަމަ ގޯޕީޗަންދަށެވެ.

ގޯޕީޗަންދުގެ ތަޤުރީރަށް ފަހު އަވަށުގެ ލާރިކޮޅު ގެންގުޅޭ މީހުން އެބައިމީހުންގެ އަތުގައި ހުރި ލާރިކޮޅު މުތުރާގެ އަޅުވެރީންނަށް ދޭން ފަށައިފިއެވެ. އަނެއް ބަޔަކު އެބައިމީހުންނަށް އެއް ވެފައި ހުރި ގޮވާންކޮޅު، ގެނެސް މުތުރާގެ ބުރަހުމަނުންނަށް ވެދުން ކުރާން ފަށައިފިއެވެ. އަންހެނުން އެބައިމީހުންގެ ކަރުގިލަ އާއި ގަހަނާތައް ބައިލައިފައި ބުރަހުމަނުންނަށް ހަދިޔާ ކުރާން ފަށައިފިއެވެ. ގޯޕީޗަންދު އޭނާގެ ދަނޑުން ލިބިވަޑައިގަތް ގޮވާން ވިއްކަވައިފައި ސޫމްނާތުގެ ގޮޔަށް އެއް ކުރައްވައިފައި ހުރި ފައިސާކޮޅު އެކަށް އެބައިމީހުންނަށް ދެއްވައިފިއެވެ. އޭގެ އިތުރަށް އޭނާގެ އަތްޕުޅުގައި ހުރި އެއްޗަކީ އަވަހާރަ ވި އަނބިކަނބަލުންގެ ގަހަނާކޮޅުތަކެވެ. އޭނާ އެ ތަކެތި ރައްކާ ކުރައްވައިފައި ހުރީ ކޮންމެވެސް ދުވަހަކުން އޭނާގެ ޅީދަރިކަނބަލުން އެ ތަކެތި އަޅުއްވާނެ ކަމަށެވެ. ނަމަވެސް އޭނާ އެހެން އެންމެންނަށް ވުރެ ކުރިޔަށް ނުކުމެވަޑައިގެންނެވުމުގެ އެދުންފުޅުގައި އެ ތަކެތި ވެސް ބުރަހުމަނުންނަށް ދެއްވައިފިއެވެ. އޭނާ މުތުރާގެ ވަފުދާ އެކު އެ ހިސާބުގަނޑުގައި ބުރު ޖައްސަވާން ވެސް ވަޑައިގެންނެވިއެވެ. އިންޑިއާގެ އެހެން ފައްޅިތަކެކޭ އެއްގޮތަށް މުތުރާގެ އަޅުވެރީން ވެސް ތިބެނީ ސޫމްނާތުގެ އަޅުވެރީންގެ ނުފޫޒު ގަދަ ވަމުންދާ ވަރާ މެދު ޙަސަދަވެރި ވެފައެވެ. އެބައިމީހުން ގޯޕީޗަންދު ކަހަލަ ދޫފުޅު ހިނގާ ކެރޭ ބޭފުޅަކު ލިބުމުން އޭނާގެ ފައިދާ ފުރިހަމަޔަށް ލިބިގަތެވެ. ޚުދު އެބައިމީހުންނަށް ދައްކާން ނުކެރޭ ވާހަކަތައް ގޯޕީޗަންދު މެދުވެރި ކޮށް ޢާއްމުންނާ ހަމަޔަށް ފޯރުވިއެވެ. ގޯޕީޗަންދު އޭނާގެ ކޮންމެ ތަޤުރީރެއްގައި އޭނާގެ ހިތްވަރުފުޅުގަދަކަމާއި ޙައްޤު ބަސް ވިދާޅުވާން ކެރިވަޑައިގަންނަވާކަމުގެ އިތުރު ހެތްކެއް ދައްކަވަމުން ގެންދެވިއެވެ. ބައެއް އަވަށްއަވަށުގެ މީހުން ގޯޕީޗަންދު އެ ބާވަތުގެ ވާހަކަފުޅު ދައްކަވާތީ އެކަމާ އިޢުތިރާޒު ކުރެއެވެ. ނަމަވެސް ގޯޕީޗަންދު އިޢުތިރާޒު ކުރާ ކޮންމެ މީހަކަށް ދެއްވާ ޖަވާބަކީ، "ކަލޭމެން ފިނޑީއެވެ. އަހަންނަކީ ފިނޑިއެއް ނޫނީމެވެ" މިއެވެ.

ވިއްސަކަށް ދުވަހުގެ ތެރޭގައި ބުރަހުމަނުންގެ ވަފުދު އެ ހިސާބުގަނޑުގައި ބާކީ ހުރި އެތިކޮޅު އެއް ކޮށްލައިގެން ފުރައިގެން ދިޔައީ، މުތުރާ ޙިމާޔަތް ކުރާނެ ހިލޭސާބަހުގެ އެއްހާސް ސިފައިން ވެސް ފުރުވައިލައިފައެވެ. އެ ވަފުދު ފުރިތާ މަހެއްހައި ދުވަހުގެ ތެރޭގައި ސޫމްނާތުގެ އަޅުވެރީން ގޮއި ނަގާން އަތުވެއްޖެއެވެ. އެބައިމީހުންނަށް އެ ހިސާބުގަނޑުގެ ދަނޑުވެރީންނާއި ބިންވެރީންގެ ފަރާތުން އާންމު ބަޣާވަތެއްގެ އަސަރު ފެނުމުން ގަވާލިޔާރުގެ ރަސްގެފާނުގެ އަރިހަށް އެކަމުގެ ޝަކުވާ ހުށައަޅައިފިއެވެ. ރަސްގެފާނު މައްސަލަ ތަޙުޤީޤު ކުރެއްވުމަށް ޓަކައި ވަޒީރަކު ފޮނުއްވިއެވެ. ވަޒީރު، ކަން ހުރި ގޮތް ބެއްލެވުމަށް ފަހު ރަސްގެފާނުގެ އަރިހަށް ރިޕޯޓު ހުށަހެޅުއްވިއެވެ. "ރައްޔިތުންނަށް ގޯސްތަކެއް ވަނީ ހެދިފައެވެ. ނަމަވެސް އެބައިމީހުންގެ ނިޔަތް ނުބައެއް ނޫނެވެ. އެހެންކަމުން މީގެ ފަހުން ސޫމްނާތުގެ ގޮއި އަދާ ކުރުމުގައި ފަރުވާ ކުޑަ ކޮށްފިނަމަ އެބައިމީހުންނަށް ވެރިކަމުގެ ފަރާތުން އަދަބު ދިނުމުގައި ސޫމްނާތުގެ އަޅުވެރީންނާ އެހީ ވާނެކަން އަންގަވާން ފެނެއެވެ. މި އަހަރު އެބައިމީހުންގެ އަތުގައި އެއްވެސް އެއްޗެއް ނެތެވެ. އެހެންކަމުން މި އަހަރު އެބައިމީހުންނަށް ގޮއިބައި މަޢާފު ކުރައްވާން ފެނެއެވެ." ނަތީޖާއެއްގެ ގޮތުން އަޅުވެރީން އުފާ ކުރުއްވުމަށް ޓަކައި ރަސްގެފާނުގެ ޚަޒާނާއިން އެކަށީގެންވާ ޢަދަދެއްގެ ފައިސާ ދެއްވިއެވެ. ރަސްގެފާނު ދެއްވި ފައިސާ އެ އަވަށުގެ ގޮއިން ލިބޭ ފައިސާއަށް ވުރެ މަދެއް ނޫނެވެ. ނަމަވެސް ސޫމްނާތުގެ އަޅުވެރީންގެ ކުރިމަތީގައި އެ އަވަށުގެ މީހުންގެ ޖެހިލުންކުޑަކަމަކީ މަޢާފު ކުރެވޭ ފަދަ ކަމަކަށެއް ނުވިއެވެ. އެހެންކަމުން އެބައިމީހުން އެނބުރި ދަމުން، އެބައިމީހުންގެ ބައެއް އެކުވެރީން އެ އަވަށުގައި ބައިތިއްބިއެވެ. ސޫމްނާތާ ދެކޮޅަށް މުތުރާގެ ބުރަހުމަނުން ކުރާ ތަބްލީޣުގެ އަސަރު ފިލުވަން މަސައްކަތް ކުރާން ނަސޭހަތް ދީފައެވެ.

އެ ޙާދިސާ ހިނގިތާ މާގިނަ ދުވަހެއް ނުވަނީސް އަވަށުގެ މީހުންނަށް އިވުނީ سلطان محمود ގެ ލަޝްކަރުތައް ބަރަނާއި މަހާބަން ފަތަޙަ ކުރުމަށް ފަހު މުތުރާ ވަށައިލި ވާހަކައެވެ. އޭގެ ދުވަސްކޮޅެއްގެ ފަހުން سلطان محمود މުތުރާ ފަތަޙަ ކުރެއްވި ޚަބަރު ލިބިއްޖެއެވެ. އެ ޚަބަރު ލިބުމުން އެންމެ ބޮޑަށް ހިތްޕުޅު ދަތި ވީ ގޯޕީޗަންދެވެ. އެ ޚަބަރު ލިބުމުން އެ ހިސާބުގަނޑުގައި ތިބި ސޫމްނާތުގެ އަޅުވެރީން ޢާއްމުންނަށް ވިސްނައިދޭން ފެށިއެވެ. މުތުރާގެ ބުރަހުމަނުން ދެކެ ސޫމްނާތުގެ ދޭވަތާ ކޯފާ ވީއެވެ. އެބައިމީހުންނަށް އެ ލިބުނީ އެ ފާފައިގެ ސަޒާއެވެ. ސޫމްނާތުގެ ދޭވަތާ އެކަލާނގެ ފިޔަވައި އެހެން ދޭވަތާއަކަށް ޚިދުމަތް ކުރާ ކޮންމެ މީހަކަށް ސަޒާ ދެއްވާނެއެވެ. އެ ތަނެއްގެ އަޅުވެރީން ސޫމްނާތުގެ އަޅުވެރީންނަށް ޤަދަރު ކޮށް ކަމޭނުހިތާ ކޮންމެ ފައްޅިއަކާއި އެ ތަނެއްގެ ބުދުތައް ދާނީ މުގުރެމުންނެވެ. އަހަރެމެންގެ ވަގުފުތަކުން އެހެން ފައްޅިއެއްގެ ޚިދުމަތުގައި ނުވަތަ ޢަސްކަރީ ބޭނުމުގައި ޗަންދާ އެއް ކުރުމުގެ ހުއްދަ ދެއްވައިފި ކޮންމެ ރަސްކަލަކަށް ވެސް ޖެހިވަޑައިގަންނަވާނީ އެ ޙާލުކޮޅެވެ. އެ ހުރިހައި އެންމެން ނިމިގެން ދާނީ ވަރަށް ނުބައި ނިމުމަކުންނެވެ. މި ޤައުމު ސަލާމަތް ވާނީ ހުރިހައި ދައުލަތެއްގެ ރަސްރަސްކަލުންނާއި، ޢާއްމުންނާއި، ހުރިހައި ފައްޅިތަކެއްގެ ޕަރައުހަތުންނާއި އަޅުވެރީން ސޫމްނާތުގެ ކުރިމަތީގައި އިޙުތިރާމާ އެކު ބޯ ލަނބައިގެންނެވެ.

ގޯޕީޗަންދުގެ ވާހަކަ ދެއްކެވުމުގެ ކުޅަދާނަފުޅުކަމުން އެ ހިސާބުގަނޑުގައި އޭނާއާ އެއް ޚިޔާލުގެ މީހުން ކަމުގައި ހައްދަވައިފައި ތިބި މީހުން އެ ވާހަކަތަކުގެ އަޑު އިވުމުން އަވަސްއަވަހަށް ތައުބާ ވެއްޖެއެވެ. އޭގެ ތެރެއިން ގިނަ މީހުން އެބައިމީހުންގެ "ކޯފާ ވެވޮޑިގެންފައިވާ" ކަލާނގެ ރުއްސެވުން ހޯދުމަށް ޓަކައި ތިމާމެންގެ ގެރިބަކަރި ވިއްކައިގެން ފައިސާ ހޯދައިފައި ސޫމްނާތުގެ އަޅުވެރީންނަށް ވެދުން ކުރާން ފަށައިފިއެވެ. ގޯޕީޗަންދާ އެއް ޚިޔާލުގައި ތަންކޮޅެއް ހަރުދަނާކަމާ އެކު ސާބިތު ވެތިބި މީހުން ވެސް ގުނޫޖުގެ ރަސްގެފާނު ބަލިފުޅު ވުމުން އަވަސް ވެގަތީ ތައުބާ ވުމަށެވެ. ގޯޕީޗަންދު އަދިވެސް ހުންނެވީ އޭނާގެ އުޞޫލުގެ މަތީގައެވެ. ނަމަވެސް މިހާރު އޭނާއާ ބައިވެރި ވާނެ އެކަކު ވެސް ނުވެއެވެ. މީގެ ކުރީން އޭނާގެ ހިތްވަރުފުޅުގަދަކަމާއި ކެރިވަޑައިގަތުމަށް ތަޢުރީފު ކުރި މީހުން މިހާރު އޭނާއާ ވާހަކަ ދައްކާން ވެސް ޖެހިލުން ވެއެވެ. އޭނާ މީހުންނަށް ވިސްނައިދެއްވޭތޯ ބައްލަވައެވެ. އިންސާނުން އެކަކު އަނެކަކާ ދުޝްމަން ވެދާނެއެވެ. ނަމަވެސް މާތްރަސްކަލާނގެ ދޭވަތާއިންތައް އެއް ދޭވަތާއަކު އަނެއް ދޭވަތާއެއްގެ ދުޝްމަނުން ކަމުގައެއް ނުވާނެއެވެ. ސޫމްނާތުގެ އަޅުވެރީން އަހަރެމެން ދެކެ ރުޅި އައިމާ، ސޫމްނާތުގެ ދޭވަތާގެ ބުދު މުތުރާ އާއި މަހާބަނާއި ގުނޫޖާއި އާސީގެ ފައްޅިތަކުން ބަދަލު ހިއްޕެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އަހަރެމެންގެ ޤުރުބާނީގެ މަޤްޞަދަކީ އެކިއެކި ރަށްރަށުގައި ހުރި މާތްކަލާނގެ ދޭވަތާއިންގެ ފައްޅިތަކާއި ބުދުތައް ޙިމާޔަތް ކުރުމެވެ. އެކަމާ ސޫމްނާތުގެ ދޭވަތާ އަހަރެމެންނާ މެދު ރުހިވޮޑިގަތުމުގެ ބަދަލުގައި "ކޯފާ ވެވޮޑިގެންފި" ކަމުގައި އަހަރެން ޤަބޫލެއް ނުކުރާނަމެވެ. އަހަރެމެން ބަލި ވީ އަހަރެމެންގެ ވެރީންގެ ފިނޑިފުޅުކަމުންނެވެ. ދެވަނަ ސަބަބަކީ އެކިއެކި ފައްޅިތަކުގެ އަޅުވެރީންގެ މެދުގައި އޮންނަ ޙަސަދަ އާއި ވާދަ ފިޔަވައި އެހެން ކަމެއް ނޫނެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.