މިދިޔަ އަހަރު އިސްލާމީ ދާއިރާއިން 90 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދިޔަކަމަށާއި، ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 8 މިސްކިތް ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާތަކަކީ މާތްﷲގެ ގެކޮޅު ކަމަށްވާ މިސްކިތްތައްކަން ފާހަގަކުރައްވާ، އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަކީ މިސްކިތްކަމަށާއި އެކަން، ސައްތައިންސައްތަ އިސްލާމީ ޤައުމެއް ކަމަށްވާ، ރާއްޖެއިން ވަރަށް ފުރިހަމައަށް ފެންނަންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރުއާން މަރުކަޒު އަދި 6 ވަޤްފް ބިނާއާއި އެކު މުޅި ޖުމުލަ 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި، 10 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމާ ހުޅުވި ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހު އިތުރު 8 މިސްކިތް ހުޅުވައި، މިހާރު ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތުކުރުމަށްވެސް ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް މިދިޔަ އަހަރު 19 މިލިއަނަށްވެރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި މިއަހަރު އެކަމަށް 15 މިލިއަން ރުފިޔާ ހަމަޖައްސަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
