ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން 2024 ވަނަ އަހަރުގެ، އާމްދަނީ އިން ނަގާ ޓެކުހުގެ ފައިސާ ނުދައްކާ އަދަދު 100،000 ދިވެހި ރުފިޔާއަށްވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފިއެވެ.
ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދެވިފައިވާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެ ކަން އަންގާފައިވާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.
ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން، މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
