މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައު ފްރަންޓް އޮފީސް މިއަދު ހެނދުނު ހުޅުވައިފިއެވެ.
އެމްސީއެސްގެ ފްރަންޓް އޮފީސް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ. ފްރަންޓް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ސޮބާޙް އަދި ސީނިއަރ މެނޭޖްމަންޓް ބައިވެރިވެލެއްވިއެވެ.
ހުޅުމާލޭ ޖަލުގެ ހުޅަނގު ދެކުނު ކަންމަތީގައި، ރީތިގަސް މަގާއި ކަށިމާ ހިނގުމަށްވާހެން ޤާއިމުކުރެވުނު އެމްސީއެސްއިން އައު ފްރަންޓް އޮފީސް ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމެވެ. އަދި އެމްސީއެސްގެ ހެޑްކުއަރޓަރސް ފަދައިން، ފްރަންޓް އޮފީހަކީވެސް ރިހެބިލިޓޭޝަންގެ ތެރެއިން ވަޒީފާ އަދާކުރާ ޤައިދީންނާއި އެމްސީއެސްގެ އޮފިސަރުންގެ ހީވާގި އަދި ބުރަ މަސައްކަތުން ބިނާކޮށްފައިވާ އޮފީހެކެވެ.
އެމްސީއެސްގެ ފްރަންޓް އޮފީހުން ކުށުގެ ރެކޯޑް ސާފުކުރުން، ފޯނު ކޯލްތަކަށް ޖަވާބު ދިނުން، މައި އީމެއިލް އަދި ކައުންޓަރަށް އަންނަ ސިޓީ ފަދަ ލިއުންތައް ބަލައިގަތުމާއި ކަމާބެހޭ ސެކްޝަން / ޑިވިޜަން އަދި ކޮމާންޑްތަކާ ޙަވާލުކުރުމާއި ރެކޯޑް ބެލެހެއްޓުން، އެކިއެކި ކަންކަމުގައި މިސަރވިސްއަށް އަންނަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން ފަދަ ޚިދުމަތްތައް ލިބޭނެއެވެ.
އަދި މީގެ އިތުރުން، ޤައިދީންނާއި ބަންދުމީހުންގެ އަންނައުނު ބަލައިގަތުމުގެ ޢުޞޫލާއި އެއްގޮތަށް ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި އަންގާރަ، މިދެދުވަހު ޢާއިލާތަކުން ގެންނަ އަންނައުނު ބަލައިގަތުން ހިމެނެއެވެ.
