އެންމެ ފަހުގެ ޙަމަލާ – 30

(17 ޖަނަވަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރާމްނާތުގެ ބައްޕަ ގޯޕީޗަންދަކީ މެދުފަންތީގެ ބިންވެރިއެކެވެ. އޭނާގެ އަވަށަކީ ކޯރުގެ އައްސޭރީގައި އޮންނަ ވިހި މޭލު ދިގު ފަނަރަ މޭލު ފުޅާ ފެހި ކުލައިގެ ދަނޑުބިމުގެ ސަރަޙައްދުގައި ހިމެނޭ އަވަށެކެވެ. އެއީ ސޫމްނާތުގެ ފައްޅީގެ ވަގުފު ބިމެކެވެ. ސޫމްނާތުގެ ފައްޅިއަށް އިންޑިއާގެ އެތަންމިތަނުން އެކަހަލަ އެތައް ބިންތަކެއް އެކިއެކި ރަސްރަސްކަލުން ވަނީ ވަގުފު ކުރައްވައިފައެވެ.

ގަވާލިޔާރުގެ އެ މުއްސަނދި ބިންތަކުގެ މައްޗަށް އެކުލެވިގެންވާ އަވަށްތަކުގައި އެތާނގެ ރަސްގެފާނުގެ އަމުރުފުޅު ހިނގަނީ ހަމައެކަނި ނަމަކަށެވެ. ޙަޤީޤީ ވެރިކަން އޮންނަނީ ސޫމްނާތުގެ ޕަރައުހަތުގެ މަންދޫބުންގެ ގޮތުގައި ގޮއި ނަގާން އަންނަ ބުރަހުމަނުންގެ އަތުގައެވެ. ކޮންމެ އަހަރަކު ވެސް ފައްޅީގެ އަޅުވެރީން އެތްތަކުގެ މައްޗަށް ސަވާރު ވެގެން އައިސް ގޮޔަށް ޖަމާ ވެފައި ހުންނަ ފައިސާ ހިފައިގެން ހިނގައިދެއެވެ. ގޮއި ނަގަނީ ކަނޑައެޅިފައި ވާ ވަކި ޢަދަދަކަށް ނޫނެވެ. އެހެންކަމުން، ސޫމްނާތުގެ މަންދޫބުން ގެންދަނީ ތަނެއްދޮރެއް ނުބަލައި ރައްޔިތުން ފޭރެމުންނެވެ. އެއްވެސް ދަނޑުވެރިޔަކަށް ގޮއި އަދާ ނުކުރެވި ލަސް ވެއްޖެ ކަމުގައި ވާނަމަ، އެ މީހެއްގެ މުދަލާއި ގެރިބަކަރި ފައްޅިއަށް ހިފެވެނީއެވެ. އަޅުވެރީން އައިސް ތިބޭ ދުވަސްވަރު އެބައިމީހުންގެ އެތްތަކަށް ރައްޔިތުންގެ ދަނޑުތަކުގައި ހުންނަ ގަސްތައް ކެއުމާއި ގޮވާންތައް ހަލާކު ކުރުމުގެ އާންމު މިނިވަންކަން އޮވެއެވެ. ހަތިޔާރު އެޅި ފަންސާހަކަށް ފަސްދޮޅަހަކަށް މީހުން ސޫމްނާތުގެ ޕަރައުހަތުގެ ފަރާތުން އެ ހިސާބުގަނޑަށް ޢައްޔަން ކޮށްފައި ތިބެއެވެ. އެބައިމީހުން ތިބެނީ އަޅުވެރީންގެ އިޝާރާތެއް ލިބޭ އިރަށް ގޮއި ނުދައްކާ ދަނޑުވެރީން ބިރު ގަންނުވައި، އަނިޔާ ކޮށް، ބޭޒާރު ކޮށްހަދާން ތައްޔާރަށެވެ. ސޫމްނާތުގެ އަޅުވެރީންގެ ޙައްދުން ނެއްޓެމުންދާ ދަހިވެތިކަން ފެނުމުން އެ އަވަށްތަކުގެ މީހުން މާޒީގެ ހަނދާންތައް އައު ކޮށް އެބައިމީހުންގެ ކާބަފައިން ސޫމްނާތުގެ ފައްޅީގެ ބަދަލުގައި އެމީހުންގެ އަމިއްލަ ރަސްރަސްކަލުންނަށް ގޮއި އަދާ ކުރި ދުވަސްވަރުގެ ވާހަކަ ދައްކައެވެ. އޭރު ތިޔާގިކަމާއި ތަނަވަސްކަން އޮންނަ ވަރުން، ދަނޑުވެރީން ކޮންމެ އަހަރަކު އެތަކެއް ހާސް ރުފިޔާ ހިތުން ރުހުމުން ސޫމްނާތުގެ ފައްޅިއަށް ހަދިޔާ ކުރަމުން ގެންދިޔައެވެ.

ރާމްނާތުގެ ބައްޕަ ގޯޕީޗަންދަކީ ޚާއްޞަ ގޮތެއްގައި އެ ވާހަކަ ދައްކަވާ ބޭފުޅެކެވެ. އޭގެ އެއް ސަބަބަކީ އެ ސަރަޙައްދަށް ސޫމްނާތުގެ އަޅުވެރީން ވެރި ވުމުގެ ކުރީން އޭނާގެ ކާފާފުޅުގެ އަމިއްލަފުޅު ބޮޑު ރަށެއް އޮތެވެ. ނަމަވެސް އެ ސަރަޙައްދު ސޫމްނާތުގެ ވަގުފަކަށް ވުމާ އެކު ގޮއި ނަގާން އަންނަ ބުރަހުމަނުންގެ ލޫޓުވުމާއި ފޭރުމުގެ ސަބަބުން މާ ގިނަ ދުވަސްތަކެއް ނުވެ އޭނާގެ އަތްޕުޅުމަތި ހުސް ވެއްޖެއެވެ.

ގޯޕީޗަންދު ބޮޑުފުޅު ވިއިރު އެ ބޭފުޅުންގެ އަތްޕުޅުގައި ހުރީ ވަރަށް މަދު ޢަދަދެއްގެ ދަނޑެވެ. އޭނާ ވެސް އޭނާގެ ބައްޕަ އާއި ކާފަ ގެންގުޅުއްވި އުޞޫލުގެ މަތީން ދަނޑުވެރީންގެ އަތުން އަތުލައްވަނީ އިންޞާފުވެރި ގޮތުގައި އޭނާއަށް ލިބިވަޑައިގަންނަވާން ޖެހޭ ވަރެވެ. ނަމަވެސް ސޫމްނާތުގެ އަޅުވެރީން އޭނާއަށް ލިބިވަޑައިގަންނަވާ އާމުދަނީ އަކީ ކިހައިވަރެއްތޯ ބަލާކަށެއް ބޭނުމެއް ނުވެއެވެ. އެމީހުން އޭނާގެ އަނގަފުޅުގައި އޮންނަ ރޮށިކޮޅު ދަމައިގަންނާކަށް ވެސް ޖެހިލުމެއް ނުވެއެވެ. އެހެންކަމުން ގޯޕީޗަންދަށް އޭނާގެ އުޞޫލު ހިފެހެއްޓެވުމަށް ޓަކައި ކޮންމެ ދެ އަހަރެއް ނުވަތަ ތިން އަހަރަކުން ދަނޑެއްގެ ކޮންމެވެސް ބައެއް ވިއްކައިލައްވާން މަޖުބޫރު ވެވަޑައިގަނެއެވެ. ހުރިހައި ހިންދީންނެކޭ އެއްގޮތަށް އޭނާ ވެސް ދެކެވަޑައިގަންނަވަނީ ސޫމްނާތުގެ ފައްޅިއަށް ޓަކައި އޭނާގެ ފުރާނަފުޅަށް ދާންދެން ޤުރުބާން ކުރެއްވުމަކީ ވާޖިބެއް ކަމުގައެވެ. ނަމަވެސް އެތަކެއް ހާސް އިންސާނުން ލެޔާއި ދާ އޮހޮރައިގެން ހޯދާ އެތިކޮޅުން އަޅުވެރީންގެ މަދު ބަޔަކު މަޖާ ކުރަމުން ގެންދާތީ އޭނާ ހުންނަވަނީ އެކަމާ ވަރަށް ބޮޑަށް ނުޤަބޫލުފުޅު ވެފައެވެ. އޭނާ އެބައިމީހުންނަށް އަނިޔާވެރި، ފޭރޭ ޑާކޫންގެ ނަން ދެއްވައެވެ. ސޫމްނާތުގެ އަޅުވެރީންނަށް މި ބާވަތުގެ ނަމެއް ދުލުން ބޭރު ކުރުމަކީ ތިމާގެ މަރަށް ދަޢުވަތު ދިނުން ފަދަ ކަމެކެވެ. ނަމަވެސް އަވަށުގެ އެންމެން ވެސް ގޯޕީޗަންދު ދެކެ ލޯބި ވެއެވެ. އޭނާއަށް އިޙުތިރާމު ކުރެއެވެ. އެހެންކަމުން އެއްވެސް މީހަކަށް އޭނާގެ ވާހަކަ ސޫމްނާތުގެ އަޅުވެރީންނާ ހަމަޔަށް އުފުލާކަށެއް ނުކެރެއެވެ. އޭނާ އަކީ ޠަބީޢީ ގޮތުން ވެސް ދީލަތި ބޭފުޅެކެވެ. މީހެއްގެ ގެރިބަކަރި މަރު ވެ ދަނޑު ހަލާކު ވެ މިފަދަ ގެއްލުމެއް ލިބިއްޖެ ކަމުގައި ވާނަމަ، އޭނާ އޭނާގެ ދަނޑު ވިއްކަވައިފައި ވެސް އެ މީހަކަށް ބަދަލު ހޯއްދަވައިދެއްވައެވެ. ކޮންމެވެސް ނިކަމެތި ދަނޑުވެރިޔަކު ގޮއި ނުދެއްކުމުގެ ކުށުގައި އަޅުވެރީން އެ މީހަކު ހައްޔަރު ކޮށްފައި ސިފައިންނާ ޙަވާލު ކުރާން އުޅެފި ކަމުގައި ވާނަމަ، އެ މީހަކު ތިމާގެ އެންމެ ފަހުގެ އެހީތެރިޔަކު ކަމުގައި ބަލަނީ ގޯޕީޗަންދެވެ.

ކަން މިހެން ހުރުމާ އެކު، އޭނާއަށް ކޮންމެ ފިޔަވަޅެއް އެޅުއްވެނީ ފަޤީރުކަމާ ދިމާޔަށެވެ. އޭނާގެ ހިތްޕުޅުގެ ދީލަތިކަމާއި އަތްޕުޅުމަތި ދަތިކަމާ އެކު، އޭނާ ނިހާޔަތުގެ ކޯފާ ގަދަ ބޭފުޅަކަށް ވެއްޖެއެވެ. ނަމަވެސް އެ އަވަށުގެ މީހުން އޭނާގެ ކޯފާގަދަކަން ދެކެ ވެސް ލޯބި ވެއެވެ. އޭނާގެ އަރިހުގައި ދުނިޔޭގައި ވާ އެންމެ އިޙުތިރާމް ކުރުން ވާޖިބު އެއްޗަކީ ސޫމްނާތުގެ ބުދެވެ. ދުނިޔޭގައި ވާ އެންމެ ނަފްރަތު ކުރެވޭ އިންސާނުންނަކީ ސޫމްނާތުގެ ބުދުގެ ނަމުގައި ގޮއި ނަގާން އަންނަ މީހުންނެވެ. ހަމަ އެފަދައިން، އޭނާ އަންހެން ގެރި ދެކެ ލޯބިފުޅު ވާ ވަރުގެ ނިހާޔަތަށް ނީލަގެރިއެތަށް ކޯފާ ވެއެވެ. ޚާއްޞަކޮށް، އަޅުވެރީން އޭނާގެ ދަނޑަށް އަށް އެތް ދޫ ކޮށްލުމުގެ ސަބަބުން ގޮވާމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހަލާކު ވުމުގެ ޙާދިސާ ހިނގި ފަހުން، އޭނާ އެތްތައް ދެކެ އިސް ވާ ކޯފާ ވަނީ މޮޔަފުޅު ވާ ދަރަޖަޔަށް ގޮސްފައެވެ. އެ ދުވަސްވަރު އިންޑިއާގެ ޢާއްމުން އެތަށް ކިޔައިއުޅެނީ ދޭވަތާއެވެ. ނަމަވެސް ގޯޕީޗަންދު ވިދާޅުވެއެވެ. "ދޭވަތާއިންގެ ކަމަކީ ގޮވާން ކޮށްފައި ވާ ދަނޑުތައް ހަލާކު ކުރުން ކަމުގައި ވާ ނަމަ، ޝައްކެއް ނެތް ގޮތުގައި އެތަކީ ކިތަންމެހައިވެސް ބޮޑު ދޭވަތާއެކެވެ." އަވަށުގެ ސަމާސާ މިޒާޖުގެ ކުދީން ބައެއް ފަހަރު އޭނާއާ ސަމާސާ ކުރުމުގެ ގޮތުން ދަންނަވައެވެ. "ސާހިބާއެވެ! މަނިކުފާނު ނީލަގެރިއެތް ދެކެ ތިޔަހައި ބޮޑަށް ކޯފާ ވަނީ ކީއްވެގެންތޯއެވެ؟" އެބައިމީހުންން މިހެން ދަންނަވާ އިރަށް ގޯޕީޗަންދުގެ ކޯފާ ޙައްދު ފަހަނަޅައި ހިނގައިދެއެވެ. އޭނާ ވިދާޅުވެއެވެ. "ދަރިފުޅާއެވެ! ކަލޭގެ ދަނޑުގައި ގޮވާން ހައްދާ އިރަށް އެތް އެސޮރުގެ ހޮނޑުން އެ ގަސްތައް އުފުރާން ފެށުމުން ކަލޭ އެއަށް ދޭވަތާއެކޭ ކިޔާނީ ކޮން ދުލަކުން ހެއްޔެވެ؟ ކަލާނގެ ގަންދީ ބުނަމެވެ. ދޭވަތާ އެއްކިބައިގައި އޮއްވައި، އެތަކީ ޖަނަވާރުގެ ތެރޭގައި ހިމަނާކަށް ވެސް އަހަރެން ރުހޭ އެއްޗެއް ނޫނެވެ."

އިންޑިއާގެ އުތުރުން سلطان محمود ގެ ޙަމަލަތައް ފެށުނު ދުވަސްވަރު، އިންޑިއާގެ ރަސްރަސްކަލުންގެ ލަޝްކަރުތަކުގެ ވާހަކަޔާ އެކު އެ ބޭފުޅުންގެ އެތްތަކުގެ ވާހަކަ ވެސް މަޝްހޫރު ވާން ފެށުމުން، ޢާއްމުން އެތް ދެކެ ކުރިޔަށް ވުރެ ވެސް މާ ބޮޑަށް ލޯބި ވާން ފަށައިފިއެވެ. ގޯޕީޗަންދަށް ދުވަސްކޮޅަކު އެ "ދޭވަތާ" އާ މެދު އޭނާގެ ކޯފާ އާއި ނަފްރަތު ފާޅު ކުރެއްވުމުގައި ތަންކޮޅެއް ކެތްތެރި ވެވަޑައިގެން ބައްލަވައިގެން އުޅުއްވާން ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް އިންޑިއާގެ ލަޝްކަރުތަކަށް ވިދިވިދިގެން ލިބެމުން ދިޔަ ނާކާމިޔާބުގެ ވާހަކަތަކާ އެކު، އެވެނި ހަނގުރާމައެއްގައި ދުޝްމަނުން އަހަރެމެންގެ މިތައް އެތް އަތުލައިގެންފިޔޭ، މިވެނި ހަނގުރާމައެއްގައި އެތްތައް ބިރުން ފިލާން ދުވުމުގެ ތެރޭގައި އަހަރެމެންގެ އަމިއްލަ ސިފައިންގެ ސަފުތައް މުގުރައިލައިފިޔޭ، މި ކަހަލަ ވާހަކަތައް ދެކެވޭން ފެށުމުން ގޯޕީޗަންދުގެ "ރަހަ" އަނެއްކާވެސް މައްޗަށް ހިނގައްޖެއެވެ. އޭނާ ވަރަށް ގިނައިން ވިދާޅުވެއެވެ. "މާތް ރަސްކަލާނގެ ގަންދީ ބުނަމެވެ. މި ދޭވަތާތައް އަހަރެމެން ހަލާކު ކޮށް ސުންނާފަތި ކޮށްފައި މެނުވީ ހުއްޓައެއްނުލާނެއެވެ. މި ޖަނަވާރުގެ ބޮލުގައި ސިކުނޑިއެއް ނޯވެއެވެ. މާތްކަލާނގެ ބުއްދީގެ ބަދަލުގައި އެސޮރަށް ދެއްވީ ހޮނޑެކެވެ. އަހަރެމެންނަށް ކުރިމަތި ވެފައި ވަނީ ދެ މުޞީބާތެކެވެ. އެއީ ސޫމްނާތުގެ ޕަރައުހަތުގެ އަޅުވެރީންގެ ލޮކިމަސް ޖަހައިފައި ބޮޑު ސިންގާ ސިނގު ބަނޑާއި އެތްތަކުގެ ހޮނޑެވެ."

ރާމްނާތުގެ މުސްތަޤުބަލާ މެދު އޭނާ ވަރަށް ބޮޑަށް ފިކުރުފުޅު ކުރައްވައެވެ. އޭނާގެ އެންމެ ބޮޑު އުއްމީދަކީ ރާމްނާތު ސިފައިންގެ މީހަކަށް ހެއްދެވުމެވެ. އޭނާއަށް ރަސްގެފާނުގެ ލަޝްކަރުން ކޮންމެވެސް ރަނގަޅު މަޤާމެއް ލިބިވަޑައިގެންފި ކަމުގައި ވާނަމަ، އޭނާ މި ހިސާބުގަނޑު ދޫ ކޮށްލައްވައިފައި ކޮންމެވެސް އެހެން ތަނެއްގައި ވަޒަންވެރި ވެވަޑައިގެންނެވުމެވެ. ސޫމްނާތުގެ އަޅުވެރީންގެ ލޫޓުމާރު ކުރުމުން ސަލާމަތް ވެވަޑައިގެންނެވޭނެ ތަނެކެވެ. އެ ދުވަސްވަރު ސިފައިންނަށް އެބައިމީހުންގެ ހިތްވަރުގަދަ ހަނގުރާމަވެރި ޚިދުމަތުގެ ބަދަލުގައި ރަސްގެފާނުގެ ފަރާތްޕުޅުން ބޮޑެތި ބިންތައް ލިބެމުންދެއެވެ. ގޯޕީޗަންދު އެ އުއްމީދުގައި އޭނާގެ ދަރިކަލުންނަށް ޕަންޑިތެއްގެ އަރިހުން ތަޢުލީމު ދެއްވުމަށް ފަހު ދުނި އުއްކެވުމާއި ކަނޑިހެވިކަމާއި އަސް ދުއްވެވުމުގެ މަސައްކަތް ދަސްފުޅު ކުރެއްވުމަށް ދޫ ކޮށްލައްވައިފިއެވެ. ޒުވާން ޢުމުރުގައި ސިފައިންގެ ތެރޭގައި އުޅެފައި ވާ މީހުން އެ ހިސާބުގަނޑުގެ އަވަށްއަވަށުގައި ތިއްބެވެ. ރާމްނާތު އެ މީސްމީހުންގެ ގާތަށް ވަޑައިގެން ސިފައިންގެ މަސައްކަތް ދަސްފުޅު ކުރައްވައެވެ. އަވަށުގެ ޢީދުތަކުގައި ހިފުމާއި އޮޅުލުމުގެ މުބާރާތްތައް ބޭއްވޭ އިރު ރާމްނާތު އެ މުބާރާތްތަކުގައި ބައިވެރި ވެވަޑައިގަންނަވައެވެ. އޭނާގެ ޒުވާން ޢުމުރުފުޅުގެ ކުރީކޮޅުގައި އެ ހިސާބުގަނޑުގެ ހުރިހައި މަޝްހޫރު ފަހުލަވާނުން ބަލި ކޮށްލައްވައިފިއެވެ. ގޯޕީޗަންދު އޭނާގެ ދަރިކަލުންގެ ބާރުފުޅު ހެޔޮކަމާ މެދު ފަޚުރުވެރި ވެވަޑައިގަންނަވައެވެ. ނަމަވެސް ރާމްނާތުގެ މިޒާޖުފުޅުގައި އޭނާ ވަރަށް ނުޤަބޫލުފުޅު ސިފައެއް ހުރެއެވެ. އެއީ ރާމްނާތު ނިހާޔަތުގެ ދަރަޖައަށް މިޔުޒިކަށް ލޯބި ކުރައްވާކަމެވެ. ގޯޕީޗަންދުގެ އަރިހުގައި އޭނާގެ ދަރިކަލުން ވަރަށް ރީތިކޮށް ޅެން ހައްދަވައި ލަވަ ވިދާޅުވެއުޅުއްވައޭ ދެންނެވުމަކީ އޭނާގެ އަރިހުގައި އޭނާއަށް އެއްޗެތި ގޮވުން ފަދަ ކަމެކެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.