އެމްޑަބްލިއުއެސްސީގެ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ބޮޑު މަޝްރޫއެއް މިމަހުގެތެރޭގައި ފަށާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީންއެވެ.
މަތީން ވިދާޅުވީ މާލޭގައި 13،000 ޓަނުގެ 2 ތާނގި ބެހެއްޓުމުގެ މަސައްކަތް މިމަހުގެތެރޭގައި ފަށާނެކަމަށާއި މާލޭގެ އާބާދީއަށް ބޭނުންވާ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށް އެމްޑަބްލިއުއެސްސީއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި މިކަމަށް ބޭނުންވާ ސާމާނު ރާއްޖެއަށް ގެނެސް ސައިޓުގައި މިމަހު މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މި މަސައްކަތްކުރުމަށް ހުރި ދަތިތައް ފާހަގަކުރައްވަމުން މަތީން ވަނީ ބިމުގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި ތާނގި ޖެހުމަށް ލިބުނު ބިމަކީ ކުރީގެ ކުނިގޮނޑު ހުރި ސަރަހައްދު ކަމަށް ވެސް ވިދާޅުވިއެވެ.
މި މަސައްކަތަށް ތަކެތި ގެންނަނީ ކޮލިޓީއަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށާއި މި މަސައްކަތް މިމަހު ފެށިގެންދާއިރު، މިއީ މާލޭގެ ފެން ރައްކާކުރުމުގެ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މަތީން ވިދާޅުވިއެވެ. ފެން ރައްކާކުރެވޭނެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެމްޑަބްލިއުއެސްސީ އިން ވަނީ މިދިޔަ އަހަރު ހުޅުމާލޭގައި 10000 ޓަނުގެ ފެން ރައްކާކުރެވޭ ނިޒާމެއް ގާއިމުކޮށްފައެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާނގީއެވެ. މިއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22600 ޓަނަށް ވަނީ އިތުރުވެފައެވެ.
