އަންދަލުސްގެ ބާޒު – 63

(19 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާގެ ހިތްޕުޅަށް އެރިއެވެ. [މި އުފާވެރި ދަނޑިވަޅުގައި ކަލޭގެ މޫނު ނުފެނުނު ނަމައެވެ.]

މޫސާއާއި ބަޝީރާއި އަބޫ މުޙްސިނާއި މަންޞޫރާ ތިއްބެވީ ބަދްރުގެ ފަހަތްޕުޅުގައެވެ. ހިމޭންކަމާއެކު އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާއަށް ބައްލަވަނީއެވެ. ބަދްރުގެ މޫނުފުޅުން އޭނާގެ ހިތްޕުޅުގެ ޝުއޫރުތައް ދެނެގަތުން އެހައި ފަސޭހައެއް ނޫނެވެ.

އަބޫ ޢަބްދުﷲ ކުއްލިއަކަށް ކޮއްޅަށް ތެދުވެއްޖެއެވެ. ތުރުތުރު އަޅަމުން ކުރިއަށް ދެ ފިޔަވަޅެއް އެޅުމަށް ފަހު ބަދްރާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ދުލުން ނުކުތީ ވޭނުން ފުރިފައިވާ އަޑެކެވެ. [މަނިކުފާނު އަޅުގަނޑު ގަތުލު ނުކުރައްވައި ހުންނަވަނީ ކީއްވެގެންތޯއެވެ؟ ފާފައިގެ ބަރު އުފުލުމަކީ މިހާރު އަޅުގަނޑަކަށް ކުޅަދާނަވާވަރުގެ ކަމެއް ނޫނެވެ.]

އަބޫ ޢަބްދުﷲގެ ލޮލުން ކަރުނަ ފައިބަނީއެވެ. ބަދްރު ޖެހި ބުދެއްހެން ހުންނެވީއެވެ. އަބޫ ޢަބްދުﷲ އަނެއްކާވެސް ވާހަކަދައްކާން ފަށައިފިއެވެ. [ދިރިއުޅުމުގެ އަޒާބުން އަޅުގަނޑު މާ ކުރީން މިންޖުވެއްޖައީމެވެ. ދުޝްމިނުން އަޅުގަނޑު ކުދިކުދިކޮށްލީހެވެ. އެކަމަކު މަނިކުފާނު ވަޑައިގެން އަޅުގަނޑަށް ކުރެއްވީ އަނިޔާއެކެވެ. އެއީ އަޅުގަނޑު ސަލާމަތްކުރެއްވުމެވެ.  ﷲއަށްޓަކައި ދަންނަވަމެވެ. އަޅުގަނޑު ގަތުލުކުރައްވާށެވެ. މި ބިމަށްވެސް މި ވަނީ އަޅުގަނޑުގެ ބުރަ އުފުލުން ދަތިކަމަކަށް ވެފައެވެ.] އޭނާ ރޮމުން ގެންދިޔައެވެ.

ބަދްރު ބިން މުޣީރާގެ ހިތްޕުޅުގައި އަބޫ ޢަބްދުﷲ ފަދަ ޣައްދާރަކަށް އެއްވެސް ކަހަލަ ރަހުމުފުޅެއް ނެތެވެ. އެކަމަކު އޭނާއަކީ އުސޫލުތަކެއްގައި ހިފަހައްޓަވާ މުޖާހިދެކެވެ. ދުޝްމިނުންގެ މައްޗަށް ބާރު ފޯރުއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމާއެކު ގޮތެއްފޮތެއް ނުބަލައި ހަމަލަދެއްވުމަކީ އޭނާގެ އާދަފުޅެއް ނޫނެވެ. އޭނާ ވިދާޅުވިއެވެ. [އޭ އަބޫ ޢަބްދުﷲއެވެ. ކަލޭގެ ކަރުނައަކުން އަހަންނަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. އެކަމަކު ކަލޭގެ ދަހަނާގައި ލޭގެ އަސަރު އެބަހުއްޓެވެ. ހަނގުރާމައިގެ މައިދާނުގައި ކަލޭގެ ލޭ ވަނީ ޝަހީދުންގެ ލެޔާ އެކުވެފައެވެ. އެހެންވީމާ އަހަރެން ކަލޭގެ ގަޔަކު އަތެއް ނުލާނަމެވެ. އަހަރެންގެ ޒާތީ ދެކޮޅުވެރިކަމަށް ބަލާނަމަ އަހަރެން ކަލެއަށް މާފުކޮށްފީމެވެ. އެކަމަކު ކަލެއަކީ ގައުމުގެ މުޖުރިމަކަށް ވާތީ ގައުމުގެ ހައްގުގައި ކަލޭ ކުޅަ ކުށަށް މާފު ކުރުމާއި ނުކުރުން އޮތީ ގައުމުގެ މައްޗަށެވެ. ގްރަނާދާގެ މައުސޫމު ރައްޔިތުންނަކީ މޮޔަކަމާ ގާތަށް ހެޔޮ ބައެއްކަން އަހަރެން ދަންނަމެވެ. އެހެންވީމާ ކަލޭގެ ފަސްބައިގައި ތިޔަހަރަ ލޭ ފެނިފައި އެ މީހުން ކަލޭގެ މާޒީ ހަނދާން ނައްތައިލާނެއެވެ. ކަލޭ ފެނުމާއެކު ރަސްގެފާނު ޒިންދާބާދޭ ގޮވާނެކަންވެސް އަހަންނަށް އެނގެއެވެ. އެކަމަކު އަބޫ ޢަބްދުﷲއެވެ. ހަނދާން ކުރާށެވެ. އެފަދަ ހެޔޮ މައުސޫމު ރައްޔިތަކަށް ދެވަނަ ފަހަރަށް ޚިޔާނާތްތެރިވާނަމޭ ހިތަށްވެސް ނާރުވައްޗެވެ. އަހަރެން މި ބުނާ ވާހަކައާ މެދު ކުޑަކޮށްވެސް ޝައްކެއް ނުކުރާށެވެ. އަހަންނާ ކަލެޔާ ބައްދަލު މިވީ ހަނގުރާމައިގެ މައިދާނެއްގައެވެ. މީގެ ބަދަލުގައި އަލްޙަމްރާގެ ދަރުބާރެއްގައި އޮތް ބައްދަލުވުމެއް ނަމަ އަހަރެން ކަލެއަށް ވާހަކަދައްކާނޭ ފުިރުސަތެއްވެސް ނުދިނީމުހެވެ. ގްރަނާދާގެ ރައްޔިތުން ކިތަންމެ ވަރަކަށް ދެކޮޅު ހެދިޔަސް، ތާޖެއްގެ އެދުމުގައި ގައުމުގެ އަންހެން ދަރީންގެ ޢިއްފަތްތެރިކަން ދުޝްމިނުންނަށް ވިއްކައިލީ މީހެއްގެ ބޯ ކަނދުރާއިން ވަކިކޮށްނުލައެއް އަހަރެންގެ ކަނޑި އުރައަކަށް ނުލީމުހެވެ. އެކަމަކު މި ވަގުތު ކަލެއަކީ ގައުމުގެ ސިފައެކެވެ. ކަލޭގެ ކަނޑި ތިޔަ ވަނީ ދުޝްމިނުންގެ ލެއިން ފެންވަރައިފައެވެ. ކަލޭގެ ލޭގެ ހައެއްކަ ތިކިން މާޒީގެ ބައެއް ލައް ފޮހެލެވިއްޖެކަމަށްވެސް ވެދާނެއެވެ.]

އަބޫ ޢަބްދުﷲގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އޭނާ އަރިއަޅައިލާ ކަހަލަ ގޮތެއް ވެފައި ކުޑަކޮށް ފަހަތަށް ޖެހިލައި ގަހަށް ލެނގިލައިފިއެވެ. [މަނިކުފާނުގެ ހެޔޮފުޅުކަން ވަރަށް ބޮޑެވެ. އެކަމަކު އަޅުގަނޑުގެ ފަސްބައި ދޮންނަން ކަނޑުގެ ލޮނުގަނޑު އެކީގައި ގެނައިނަމަވެސް ނުފުދޭނޭކަން އަޅުގަނޑަށް އެނގެއެވެ. މަނިކުފާނު އަޅުގަނޑު މަރުން ސަލާމަތް ނުކުރެއްވި ނަމައެވެ.] އޭނާ ވަރުބަލިކަމާއެކު ލޯ މަރައިލިއެވެ. ވެއްޓޭން އުޅުމާއެކު ބަޝީރު ވަޑައިގެން ހިފަހައްޓަވައިފިއެވެ. އަދި މަޑުމަޑުން އޭނާ ބިންމަތީގައި ބާއްވަވައިފިއެވެ.

ބަދްރު ބިން މުޣީރާ އަސްކޮޅަށް އަރައިވަޑައިގަންނަވަމުން ވިދާޅުވިއެވެ. [ބަޝީރެވެ. މީނާ ރައްކައުތެރިކަމާއެކު ބެލެހެއްޓެވުމަކީ ބަޝީރްގެ ޒިންމާފުޅެކެވެ. އަޅުގަނޑުމެން ކުރަންޖެހޭ ލައްކަ މަސައްކަތް އަދިވެސް އެބަހުއްޓެވެ.]

މޫސާއާއި މަންޞޫރާއި އަބޫ މުޙްސިންވެސް އަހަށް ސަވާރުވެވަޑައިގެންފިއެވެ.

ފެރްނާންދޯގެ ފައިމަގުގެ ލަޝްކަރުން ސަލާމަތްވެގެން ފިލައިގެން ދިޔަ މީސްކޮޅު ހާސްވެގެން އެކި ދިމަދިމާއަށް ދުވަނީއެވެ. ގްރަނާދާގެ މުޖާހިދުން އެމީހުން އަތުޖެހުނު ތަނަކުން ގަތުލުކުރަމުން އެބަގެންދެއެވެ. ބައެއް މީހުން މަސައްކަތް ކުރަމުން ދިޔައީ ދަނޑުތަކާއި މޭވާ ބަގީޗާތަކަށް ވަދެ ފިލާށެވެ. އެކަމަކު އެއިން އެއްވެސް ތަނަކުން އެ މީހުންނަކަށް ސަލާމަތެއް ނުވެވެއެވެ. ދުޝްމިނުންނާ އެންމެ ފަހުގެ ހަމަލަދިނުމަށްޓަކައި ރަށުގެ މުސްކުޅި ފުރައިގެ މީހުންނާއި ޒުވާނުންނަށް ދާންދެން ނުކުމެއްޖެއެވެ. އިރުއޮސުމުގެ ކުރިން މައިދާން ސާފުކޮށް ނިމިއްޖެއެވެ. މުޅި މައިދާން ފުރިފައި އޮތީ ދުޝްމިނުންގެ މުޅަ ހަށިތަކުންނެވެ. ގައިދީންގެ އަދަދު ގާތްގަނޑަކަށް ފަސްހާހަށް އަރައެވެ. މަރުވީ މީހުންގެ އަދަދު އޭގެ ހަތަރު ގުނައަށްވުރެ އިތުރެވެ.

(8)

ފާތިޙް ލަޝްކަރު ފަތިސް ނަމާދުކުރީ ޚެނީލް ކޯރުގެ އައްސޭރީގައެވެ. މޫސާގެ އެދިވަޑައިގަތުމުގެ މަތީން އިމާމުވެވަޑައިގެން ނަމާދުކުރެއްވީ ބަދްރު ބިން މުޣީރާއެވެ. ނަމާދަށް ފަހު ކުރު ދުޢާއެއްކުރުން އޮތެވެ. [އޭ ޖަޒާއާއި ސަޒާގެ ވެރި ރަސްކަލާކޯއެވެ. އަޅަމެންގެ ކާބަފައިންނަށް ދެއްވިފަދަ އީމާންކަމެއް އަޅަމެންނަށްވެސް ދެއްވައިފާނދޭވެ. އަޅަމެންގެ ބޯ އިބަރަސްކަލާގެ ހަޟުރަތަށް ނޫން ފަރާތަކަށް ތިރިކުރެވޭނޭ ގޮތް މެދުވެރި ނުކުރައްވާށިއެވެ. އަޅަމެންގެ ހިތް އެހެން ފަރާތަކަށް ލެނބިގެން ނުދާނޭގޮތް ހައްދައިފާނދޭވެ. އަޅަމެންނީ އިބަކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރާ ބަޔަކު ކަމުގައި ވުމުގެ ތައުފީގު ދެއްވައިފާނދޭވެ. އިބަކަލާނގެ ޙަޟުރަތުން މާތް ނަބިއްޔާ ގެނެސްދެއްވި ދީނުގެ ގަދަރާއި އިއްޒަތް އުފުލާ ބަޔަކު ކަމުގައި އަޅަމެން ލައްވައިފާނދޭވެ. އެ ދީނުގެ ހައްގުގައި ދިރިއުޅޭ އަދި މަރުވާ ބަޔަކު ކަމުގައި އަޅަމެން ލައްވައިފާނދޭވެ. އާމީން.]

ދުޢާއަށް ފަހު ބަދްރު ބިން މުޣީރާ އިރުކޮޅެއް ވާންދެން ހިމޭނުން ހުންނެވިއެވެ. ބާޒުގެ ވާދީގެ މުޖާހިދުން ފަޚުރުވެރިކަމާއެކު އެބައިމީހުންގެ ލީޑަރާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ގްރަނާދާގެ އަހުލުވެރިން އެބައިމީހުންގެ މުޙްސިނާ ދިމާއަށް ބަލަހައްޓައިގެން ތިބީ މަޑުމޮޅިކަމާއި ޝުކުރުވެރިކަމާއެކުގައެވެ.

ބަދްރު ވިދާޅުވިއެވެ. [އަހަރެންގެ އިސް ރަށްވެހިންނާއި އަޚުންނޭވެ. މި ފަޚުރުވެރި ކާމިޔާބީއަށްޓަކައި ތިޔަބައިމީހުންނަށް ތަހުނިޔާ ކިޔަމެވެ. އެކަމަކު މި ހަނގުރާމަޔާއެކު އަންނާން އޮތް ނުރައްކަލުން ސަލާމަތްވެވުނީ ކަމުގައި ފަހަރެއްގައިވެސް ހީނުކުރާށެވެ. ތިޔަބައމީހުންނަށް ކުރެވުނު ކަމަކީ ދުޝްމިނުން ގްރަނާދާގެ ހަތަރު ފާރާ ދުރަށް ޖެއްސުމެވެ. ތިޔަބައިމީހުންގެ ވެރިކަމުގެ ބޮޑުބައި އަދިވެސް އޮތީ ދުޝްމިނުންގެ އަތްދަށުގައެވެ. އަތުން ބީވެގެން ދިޔަ ގްރަނާދާގެ ވެރިކަން އަލުން ހޯދުމަކުން ތިޔަބައިމީހުންގެ މަސައެްކަތް ނިމުނީއެއް ނޫނެވެ. މުޅި އަންދަލުސް އަތުނުލެވެނީހެއް ހަމަޖެހުމުގެ ނޭވައެއް ލެވޭކަށް ނޯންނާނެއެވެ. މި ފަތަޙައަށް ފަހު ނިދީގެ ތެރެއަށް ވަދެއްޖެނަމަ ދަންނާށެވެ. ނިދާފައި ތިބޭ މީހުން އިރުއިރުކޮޅާ ހޭލެއްވުމަކީ ގުދުރަތުގެ އާދައެއް ނޫނެވެ. ގުދުރަތުން ކޮއްޓައިލަނީ ގައުމެއްގައި ދިރިތިބިކަމުގެ އަލާމަތެއް ހުރިނަމައެވެ. މާޔޫސީގައި ދިރިއުޅޭ ގައުމެއް ނަމަ ގުދުރަތުން ނާނާ ކިޔައި އެ ގައުމެއް ނިންދަވައިލާނެއެވެ. އޭ އަންދަލުސްގެ އިސްލާމުންނޭވެ. ތިޔަބައިމީހުންނަށް މިހާރު މިލިބޭ ގެއްލުމުގެ ސަބަބަކީ ކޮބައިކަން އެނގޭހެއްޔެވެ؟ މިއީ މި މަތިވެރި ގައުމުގެ ބޮޑު ބައެއް ދުޝްމިނުންނާ ހަވާލުކުރުމަށް ފަހު ތިމަތިމާމެންނަށްޓަކައި ގްރަނާދާގެ މި ބިމުން ކުޑަތަންކޮޅެއް ލިބުނީމާ އެއީ ފުދޭވަރެއް ކަމަށް ބަލައި އުފާކޮށް އެތާނގައި ތިބެގެން އަރާމުކުރަމުން ގެންދާ ވެރިންނާއި ރަސްކަލުންގެ ވިޔާނުދާކަމުގެ ނަތީޖާއެވެ. އަންދަލުސްގައި އަނިޔާލިބެމުންދާ އިސްލާމީ ރައްޔިތުން ތިބީ އެބައިމީހުންގެ ތިޔަ އަޚުން އެބައިމީހުންނަށް އެހީތެރިވާން އަންނާނޭ ކަމުގެ އުއްމީދުގައެވެ. އެކަމަކު ތިޔަބައިމީހުން ތިބީ ގަދަ ނިދީން ނިދައިފައެވެ. އަންދަލުސްގައި ތިޔަބައިމީހުންގެ އަޚުން އަނިޔާވެރިކަމުގެ އުޑީގައި ފިސްވަމުން ދިޔައީއެވެ. ބިރުވެރިކަމާއި އަނިޔާވެރިކަމުގެ އަތްތަކުން ތިޔަބައިމީހުންގެ އުޚުތުންގެ ޢިއްފަތްތެރިކަން ފޭރެވެމުން ދިޔައީއެވެ. ތިޔަބައިމީހުން ނިދައިފައި ތިބީއެވެ. ތިޔަބައިމީހުންގެ ޣީރަތްތެރިކަމެއް ހެއެއް ނުލިއެވެ. ޖޯޝް ހިލިއެއް ނުގަތެވެ. އެބައިމީހުންގެ ދުލުން ފަރިޔާދުގެ ލަފުޒުތައް އޮހެމުން ދިޔައީއެވެ. ލޮލުން ކަރުނަ އޮހެމުން ދިޔައީއެވެ. އެކަމަކު ތިޔަބައިމީހުން ކަހާތަން ހިރުވައިވެސް ނުލީމުއެވެ. ތިޔަބައިމީހުން ތިބީ އުފާވެރިކަމާއި އަރާމުގެ ރާގުތަކުގެ ތެރެއަށް ގެނބިފައެވެ.]

[އަބުލްޙަސަން ތެދުވެވަޑައިގަތީ ކާބަފައިންގެ ފަރުވާކުޑަކަމުގެ ކައްފާރާ އަދާކުރައްވާށެވެ. އެކަމަކު ރުބާބުގެ ފޮނިފޮނި ރާގުތަކުގެ އަޑާއެކު ނިދަން އާދަވެފައި ތިބި މީހުންނަކަށް ކަނޑީގެ ތޮޅިލުމުގެ އަޑެއް ކަމަކު ނުދިޔައެވެ. ތިޔަބައިމީހުން އެ ފިރިހެންވަންތަ މުޖާހިދުގެ ދެއަތް ބަނދެލީއެވެ.]

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.