ދިރާގުގެ 2026ވަނަ އަހަރުގެ ރީތި ކަލަންޑަރުން ކަނޑުފަޅުތަކުގެ ގުޅުމާއި ދިވެހިރާއްޖޭގެ ގުޅުން ދައްކައިލައިފި

ދިރާގުން "ކަނޑުފަޅުގެ ގުޅުންތަކުގެ އަހަރެއް" މި ޝިއާރުގެ ދަށުން އެކުލަވާލައިފައިވާ އެ ކުންފުނީގެ 2026ވަނަ އަހަރުގެ ކަލަންޑަރު ތައާރަފްކޮށްފިއެވެ.

މި ކަލަންޑަރަކީ ކަނޑުފަޅުތަކުގެ ދިރުންތައް އެކަތި އަނެކައްޗަށް ބަރޯސާ ވާ ފަދައިން، ދިވެހިރާއްޖޭގައި އެކަކު އަނެކަކު ގުޅުވައިދިނުމުގައި ދިރާގު އަދާކުރަމުންދާ މުހިންމު ދައުރާއި ހުރި މާނަވީ ގުޅުމުގެ މައްޗަށް ބިނާކޮށް ހަދައިފައިވާ ކަލަންޑަރެކެވެ.

މި ކަލަންޑަރު ތައާރަފްކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައި މި ކަލަންޑަރު ތައާރަފްކޮށްދެއްވައިފައިވަނީ ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއީލް ރަޝީދެވެ. މި ހަފްލާގައި ދިރާގުގެ އިސް ވެރިންގެ އިތުރުން ކަނޑުތަކާއި ތިމާވެށި ހިމާއަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއި އަމަލީ ގޮތުން މަސައްކަތްތައް ކުރަމުންދާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވިގޮތުގައި، "އަޅުގަނޑުމެންގެ މަގުސަދަކީ މި ކަލަންޑަރުގެ އެހީގައި އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށި ދެމެހެއްޓިނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކަނޑުފަޅުގެ ދިރުންތަކުގެ މުހިންމުކަން އަންގައިދީ، ކަނޑުތައް ރައްކާތެރިކުރުމަށް ބާރުއެޅުން. އަދި ކަނޑުތައް ރައްކާތެރިކުރުމަކީ ދިރާގުގެ ސީ.އެސް.އާރުގެ ތެރެއިން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ދާއިރާއަކަށް ވާ އިރު އަޅުގަނޑުމެންގެ އުންމީދަކީ މި ކަލަންޑަރުގެ އެހީގައި މި ކަމަށް ހޭލުންތެރިކަން އިތުރުކުރުން."

މި ކަލަންޑަރުގައި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ ރީތިކަން ދައްކުވައިދޭ ކުރެހުންތައް ވަނީ ހިމަނައިފައިއެވެ. އަދި ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަކޮށްފައިވަނީ ކަނޑުގައި ދިރިއުޅޭ ތަފާތު ދިރޭ ބާވަތްތައް އެކަތި އަނެކަތީގެ ދިރިހުރުމަށް އެއްބާރުލުންދޭ ގޮތުގެ މައްޗަށެވެ. މި ގުޅުންތައް ބިނާވެފައިވަނީ އިންސާނުންނާއި ކަނޑުގެ ދިރުންތައް ގުޅިލާމެހިފައިވާ ފަދައިން، ކަނޑުގެ ދިރުންތައް ވެސް ކެއިންބުއިމަށާއި ރައްކާތެރިކަމަށާއި ދިރިއުޅޭ ތަން ބިނާކުރުމަށް އެކަތި އަނެކައްޗަށް ބަރޯސާ ވާ ގޮތުގެ މައްޗަށެވެ.

ދިވެހިރާއްޖޭގެ ގުޅުމުގެ ހައިސިއްޔަތުން، ދިރާގަކީ ދިވެހިރާއްޖެ ގުޅުވައިލަދިން ކުންފުންޏެވެ. އަދި ކަނޑަކީ ދިވެހިރާއްޖޭގައި އެކަތި އަނެކައްޗާއި ލާމެހިފައިވާ ގުޅުން ދައްކުވައިދޭ އެންމެ ވަރުގަދަ އެއް މިސާލެވެ. ރައްތަކުގެ ތިމާވެށި ދެމެހެއްޓުމަށް ވިލު، ފަޅު އަދި ކަނޑުގެ މެރިން އިކޯސިސްޓަމްގައި ދިރިއުޅޭ މަސްމަހާމެއްސާއި ސޫފާސޫފީގެ މެދުގައި އޮތް ގުޅުން މުހިންމު ވާ ފަދައިން، އެކަކު އަނެކަކާ ގުޅުވާލަދީ، ފުރުސަތުތަކަށް މަގުފަހިކޮށްދިނުމަށާއި، މުޖުތަމައުގެ ކުރިއެރުމަށް ދިރާގަކީ މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.