މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފިއެވެ.
ފުވައްމުލަކުގައި ގާއިމް ކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިދެއްވީ އެކަމަށްޓަކާ ފުވައްމުލަކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބުއެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރާއި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިނާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގާއި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފެސިލިޓީން ފުވައްމުލައް ރައްޔިތުންނަށް މަސްގަނެ ޕްރޮސެސް ކުރަން ފަށާނެ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.
މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.
ފުވައްމުލަކުގައި ގާއިމް ކުރި މަސް ޕްރޮސެސްކުރާ ފެސިލިޓީން މަރުކަޒުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މީގެއިތުރުން މިދިޔަ އޮގަސްޓު މަހުން ފެށިގެން މިފްކޯއިން ވަނީ ފުވައްމުލައް ސިޓީ އިން މަސް ގަންނަން ފަށާފައެވެ.
މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށާފައިވާއިރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސީދާ އައްޑޫއަތޮޅުން މަސް އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން. އިތުރުކުރުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ވަނީ ކޮށްފައެވެ.
