އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ދިވެހިބަހުގެ އެކެޑަމީން 2025 ވަނައަހަރު ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

ހުޅުމާލޭ ފޭސް 2 ގައި ހުންނަ ސަލާހުއްދީން ސްކޫލްގައި ރޭ ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސްޖުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. މި ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމެވެ.

މި އަހަރު ދިވެހި ބަހުގެ އެކެޑަމީން މުޅި ރާއްޖޭގެ އިސްކޫލުތަކަށާއި އަމިއްލަ ފަރާތްތަކަށް ހުޅުވައިލައިގެން ބޭއްވި އަދަބީ ޤައުމީ 4 މުބާރާތުގައި ޖުމުލަ 2947 ބައިވެރިން ބައިވެރިވެފައިވާއިރު، ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ދުވަހާ ގުޅިގެން އެ އެކެޑަމީން ވަނީ އޮފީސްތަކާއި އަމިއްލަ ފަރާތްތަކަށް ހުޅުވައިލައިގެން އަތުލިޔުމުގެ މުބާރާތެއް ވެސް ބާއްވާފައެވެ. މި މުބާރާތުގައި ޖުމުލަ 514 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ދިވެހި ބަހުގެ އެކެޑަމީއިން ބޭއްވި އަދަބީ ޤައުމީ ހަތަރު މުބާރަތަކީ މަޒުމޫނުލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތާއި ޅެންހެދުމުގެ 28 ވަނަ ޤައުމީ މުބާތުގެ އިތުރުން ވާހަކަ ދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތެވެ. މީގެތެރެއިން މަޒުމޫނު ލިޔުމުގެ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ އިތުރުން ޅެންހެދުމުގެ މުބާރާތް ބާއްވާފައި ވަނީ އެ ބައިވެރިއަކު ހުރި ރަށެއްގައި ހުރެގެން މި މުބާރާތްތަކުގައި ބައިވެރިވެވޭ ގޮތަށެވެ. މި ތިން މުބާރާތުގައި ދިވެހިރާއްޖޭގެ 20 އަތޮޅުން ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ވަނީ ދިވެހި ބަހުގެ އެކެޑަމީއިން ބޭއްވި އެކިއެކި އަދަބީ މުބާރާތްތަކުގައި އެއްވަނަ އަދި ދެވަނަ ހާސިލުކުރި ފަރާތްތަކަށާއި މުއައްސަސާތަކަށާއި އަދި ސްކޫލްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަބްދުއްރަޙީމާއި އެ އެކެޑެމީގެ އިސްވެރިން އަދި ދައުލަތުގެ ބައެއް ވަޒީރުންނާއި ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ދަޢުލަތުގެ ޢިއްޒަތްތެރިންނާއި މުބާރާތްތަކުގައި ބައިވެރިވި ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނެވެރީން ބައިވެރިވިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ކުރިއަށްގެންދިޔަ ޤައުމީ އަދަބީ މުބާރާތްތަކުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޤައުމީ ފެންވަރުގައި ބޭއްވުނު މިއީ ފުރަތަމަ ފަހަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.