ފެނިދެނިވެ ރަހުމަތްތެރިކަން އުފެދުމަކީ، ހަމައެކަނި ވަކި ގައުމެއްގެ ބަޔަކާ ދެމެދު އުފެދޭ ގުޅުމެއް ނޫނެވެ. އަޅުގަނޑުގެ ގާތް ރަހުމަތްތެރިންގެ ތެރޭގައި ވެސް ތަފާތު ގައުމުތަކުގެ މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ވެސް ބައެއް ބޭފުޅުން މިހާރު ވަނީ އަޅުގަނޑުމެންނާ ވަކިވެވަޑައިގެން ދެމި އޮތުމުގެ އާލަމަށް ދަތުރު ކުރައްވައިފައެވެ. "އަޅުގަނޑު ދުށް ބައެއް ޝަޚުސިއްޔަތުންގެ ތެރެއިން... !" މި ފަހަރު މި ލިޔެލަނީ، އެ ފަދަ ޝަޚުސިއްޔަތެކެވެ.
2014ން ފެށިގެން 4 އަހަރެއްހައި ދުވަހު އަޅުގަނޑުމެން އުޅުނީ، ހ. ރެއާލްގައެވެ. އެހެންކަމުން، އެ ދުވަސްވަރު އާންމުކޮށް ނަމާދަށް ދެވެނީ، މަސްޖިދު އިސްކަންދަރަށެވެ. އެ ގޮތުން ދާދިއުމުގައި ބޭރު ގައުމެއްގެ، އެހެންޏާ ނުފެންނަ މީހަކު އާންމުކޮށް މިސްކިތުން ފެންނަން ފެށިއެވެ. ފުރަތަމަ ފެނުމުން ވެސް އެއީ އަރަބި ގައުމެއްގެ މީހެއްކަމަށް ލަފާ ކުރެވުނެވެ. ފަހުން ބައެއް ވަގުތުތަކުގައި މިސްކިތުގައި އޮށޯވެލައްވައިގެން އޮންނަވާތީ ވެސް ފެންނަން ފެށިއެވެ. ތަންކޮޅެއް ގިނައިން ފެންނަން ފެށުމުން، ސަލާން ގޮވައިލައި ރަހުމަތްތެރިކަން އުފެދިއްޖެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަހުމަތްތެރިއަކަށް ވެއްޖެއެވެ. އެކީގައި ކޮފީއަކަށް، ބައެއް ފަހަރު ކެއުމަކަށް ދެވި ދެ ފަރާތުން ތާރަފުވެ، ގުޅުން ބަދަހި ޖެއެވެ.
އެއީ، ޔަމަންގެ ރައްޔިތެއްކަމުގައިވާ، ޔާސިރު ޔަޙްޔާ ޞާލިޙެވެ. އޭނާ ރާއްޖެ ދުރުވީ، ޔަމަނުގައި ހަނގުރާމައިގެ ކަންތައް ބޮޑުވުމުން ދިމާވި ބައެއް ދަތިތަކާ ގުޅިގެން އެ ގައުމުން ބޭރުވެ އެހެން ގައުމަކުން ވަޒީފާއެއް ހޯއްދެވުމުގެ އުންމީދީ ދަތުރެއްގައެވެ. އެ ގޮތުން ފުރަތަމަ ދުރުވީ، ސްރީލަންކާއަށެވެ. ނަމަވެސް ލަންކާގެ މާހައުލު އޭނާއަށް މާރަނގަޅުކަމަށް ފާހަގަ ނުކުރެއްވުމުން، ރާއްޖެއަށް ދުރުވީކަމަށް އަޅުގަނޑު ގާތު ބުނުއްވިއެވެ. އަދި ދިވެހި ކުއްޖަކާ ކާވެނިކުރައްވައިގެން ރާއްޖޭގައި އުޅުއްވަން ބޭނުންވާ ކަމަށް ވެސް ބުނުއްވިއެވެ.
ކަންދިމާކުރި ގޮތުން މާގިނަ ދުވަހެއް ނުވެ، ދިވެއްސަކާ ކައިވެނި ކުރެއްވުމުގެ ފުރުސަތު ލިބިލެއްވިއެވެ. އެއާ އެކު ވަޒީފާއެއް ހޯއްދެވުމުގެ މަސައްކަތް ވެސް ފެއްޓެވިއެވެ. އެކަމުގައި އަޅުގަނޑަށް ކޮށްދެވެން އޮތް އެހީތެރިކަމެއް ދިނީމެވެ. އެ ގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން، އަރަބި މުދައްރިސެއްގެ ވަޒީފާ ހަމަޖެހުނެވެ. ވަޒީފާ ހަމަޖެހުނުތާ ދުވަސްކޮޅެއް ފަހުން، އޭނާ ވަޒީފާ އަދާކުރައްވާ ގޮތާ ބެހޭ ގޮތުން އަޅުގަނޑު މައުލޫމާތު ހޯދީމެވެ. ވަރަށް ރަނގަޅު މުދައްރިސެއްކަމަށް މައުލޫމާތު ލިބުނެވެ.
ހަނދާންވާ ގޮތުގައި އޭގެ ދެ އަހަރެއްހައި ދުވަސް ފަހުން، ކުއްލިއަކަށް ލިބުނީ، 2017 މާރިޗު 3ވަނަ ދުވަހު، އިމިގްރޭޝަންގެ ބެއްލެވުމުގެ ދަށަށް، އޭނާ ގެންދެވި ޚަބަރާއި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތު ކުރެވިގެން ދިޔަ ޚަބަރެވެ. 3 އަހަރަށް ވުރެ ގިނަ ދުވަހު ގާތް ރަހުމަތްތެރިކަމުގައި އުޅުނުއިރު ދުވަހަކު ވެސް މައްސަލައެއް އުފެދިދާނެ ފަދަ ތަފާތު ވާހަކައެއް ވެސް ދައްކަވައިފައެއް ނުވެއެވެ. ދީނީ ޚިލާފެއްގެ ވާހަކައެއް ވެސް މެއެވެ. އަޅުގަނޑުމެންގެ މެދުގައި މުޅީން ވެސް ދެކެވުނީ، ރާއްޖޭގެ މާހައުލުގެ އަމާންކަމުގެ ވާހަކައާއި ދިވެހީންގެ ހިތްހެޔޮކަމުގެ ވާހަކައާއި އަދި އޭނާގެ އަނބިކަބަލުންގެ ރަށުގެ ހިތްގައިމުކަމުގެ ވާހަކަތައް ފަދަ ވާހަކަތަކެވެ.
އަޙްމަދިއްޔާ ސްކޫލުގައި މަސައްކަތްކުރައްވާ، ޢަލީ އާދަމް ވެސް ވިދާޅުވި ގޮތުގައި، ޔާސިރަކީ، އޭނާގެ ވެސް ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އެއީ، ވަރަށް ރަނގަޅު ދީންވެރި ބޭކަލެކެވެ. އަދި އޭނާގެ ފަރާތުން ދީނީ ގޮތުން ވެސް އަދި އެހެން ގޮތަކުން ވެސް ހަރުކަށި އެއްވެސް ކަމެއްގެ ވާހަކައެއް އަޑުއައްސަވައިފައެއް ނުވެއެވެ.
ލިބުނު ހިތާމަވެރި ޚަބަރާ ގުޅިގެން ޔާސިރުގެ އާއިލާއާ މެދު އަޅުގަނޑުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އަދި އަމުދުން އޭރު އޭނާގެ އަނބިކަނބަލުން އިންނެވީ ނުކެރިކަމަށް ވުމަކީ، އަޅުގަނޑަށް ވެސް ލިބުނު ފުން ހިތާމައެކެވެ. އެހެންކަމުން ވަރަށް ގާތުން ޚަބަރުދަބަރު ބަލަމުން ގެންދިޔައިމެވެ. ޔާސިރަށް ވާނުވާ ބަލަމުން ގެންދިޔައިމެވެ.
ޓެރަރިޒަމްގެ ތުހުމަތެއްގައި އިމިގްރޭޝަން ޤާނޫނުގެ ދަށުން، އޭނާ ރާއްޖޭގައި ހުރުމަށް ދެއްވާފައިވާ ހުއްދަ ބާތިލުކޮށް ހުޅުމާލޭ ޑިޓޭންޝަން ސެންޓަރގައި 3 އަހަރަށްވުރެ ދިގު މުއްދަތެއްގައި ބަހައްޓަވާފައި ހުއްޓެވެ. އެ ދުވަސްވަރު ޔާސިރުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ، "އޭނާއަކީ މުޖުތަމައަށް ނުރައްކާ މީހެއް ކަމަށް ސަރުކާރުން ބުނާއިރު، 2014ވަނަ އަހަރު ރާއްޖެ އައި ފަހުން ތިން އަހަރު ވަންދެން ދޫކޮށްލާފައިވާ ކަމަށާއި އެ ތުހުމަތުތަކުގެ އަސާސެއް ނެތް ކަން އެކަމުން އެނގޭ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން 2017ވަނަ އަހަރު ޔާސިރު ހައްޔަރު ކުރުމަށް ފަހު، އެއްވެސް ތަހުގީގެއް އަދި ދައުވާއެއް އުފުލާފައި ނުވުމަކީ ވެސް ތުހުމަތުތަކުގައި އަސާސެއް ނެތް" ކަން ދޭހަވާ ކަމެއްކަމަށެވެ.
ކޮންމެ އަކަސް އެ މުއްދަތުގެތެރޭގައި ޔާސިރުގެ ސިއްހީ ހާލަތު ދަށްވެގެން ދެ ފަހަރެއްގެ މަތީން އެނދުމަތިކޮށްގެން ފަރުވާ ދެވުނެވެ. އެއް ފަހަރު ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އަނެއް ފަހަރު އައިޖީއެމްއެޗުގައެވެ. ދެ ފަހަރު ވެސް، އަޅުގަނޑު އޭނާއަށް ޒިޔާރަތް ކުރީމެވެ.
ޔާސިރާ މެދު އަމަލުކުރެވެމުން ދިޔަ ގޮތުން، ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި އޭނާ ދުވަސްތަކެއް ހޭދަކުރެއްވިއެވެ. އެކަމުގެ ސަބަބުންނާއި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމުގެ ސަބަބުން ފަހުން ޔާސިރު ފެނުނީ، ހަށިގަނޑުން ވަރަށް ނިކަމެތިވެފައިވާ، އަނަރޫފަ ސިފައެއްގައެވެ. ކުރީން އޭނާއަކީ، ހަށިގަނޑުން ބިޔަ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. ބަންދުގައި ހުރި އިރު އޭނާއަށް ދިމާވި، އަދި އޭނާއާ މެދު ކަންކަންވެފައިވާ ބައެއް ކަންކަމުގެ ވާހަކަ އަޅުގަނޑަށް ވަނީ އަޑު އިވިފައެވެ. އެކަމަކު އެ ވާހަކަތައް އަޅުގަނޑު ލިޔާކަށް ނެތީމެވެ.
ޔާސިރުގެ ސިއްހީ ހާލަތު ދަށްވެގެން، އައިޖީއެމްއެޗުގައި އެނދުމަތިކޮށްގެން ފަރުވާ ދެވެމުން ދަނިކޮށް ނިޔާވެފައި ވަނީ، 2 އޮގަސްޓް 2020 އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އޭރު ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔާސިރު ނިޔާވީ، ސްޓްރޯކެއްގެ ޖެހިގެންނެވެ. ނިޔާވީ އިރު، ތުއްތު ފިރިހެން ދަރިފުޅަކާއި އަނބިކަނބަލަކު އިންނެވިއެވެ.
ރަސްމީކޮށް ފުރިހަމަކުރަންޖެހޭ އިޖުރާއާތުތަކަށް ފަހު، ޔާސިރުގެ ޖަނާޒާ ބޭއްވުނީ އޭގެ 3 ދުވަސް ފަހުންނެވެ.
