ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ޑައުންޕޭމަންޓާ ގުޅިގެން ރައްޔިތުން ފާޅުކުރެއްވި ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި، އެ ކަންބޮޑުވުންތަކަށް ގެނެސްދެއްވެން އޮތް އެންމެ ރަނގަޅު ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަޤީންކަން ދެއްވާފައި މިވަނީ، މާލޭ ސިޓީގެ ގަލޮޅުގެ ރައްޔިތުންނާއެކު ރޭ، ޢިމާދުއްދީން ސްކޫލުގައި ކުރިއަށްގެންދެވި މަޝްވަރާބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރޭގެ މަޝްވަރާ ބައްދަލުކުރެއްވުމުގައިވެސް އެންމެ ގިނަ ރައްޔިތުން ޙިއްޞާކުރެއްވީ ބޯހިޔާވަހިކަމާ ގުޅިފައިވާ ކަންބޮޑުވުންތައް ކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ރައްޔިތެއްގެ ޚިޔާލާއި، ފާޅުކުރެއްވި ޝުޢޫރަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، މިއިން ކޮންމެ ކަމަކީވެސް، ސީރިއަސްކަމާއެކު ބައްލަވާނެ ކަންކަން ކަމުގައި ވިދާޅުވެފައެވެ. އެގޮތުން، 4000 ހައުސިންގ ޔުނިޓްގެ ޑައުންޕޭމަންޓާއި، އެއަށްފަހު މަހުން މަހަށް ދައްކަން ޖެހޭ ކުއްޔާ ގުޅިގެން ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއްވިއިރު، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން، އެ ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލެއް ގެނެސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަ މިމޭރުމުން އެމަނިކުފާނު ވަނީ ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރެވިފައި އޮތް ނަމަވެސް، އެ ގޯތިތައް ކަނޑައިނުދެވި ލަސްވަމުންދާ ދިއުމާ ގުޅިގެން އާންމުން ހުށަހެޅުއްވި ޝަކުވާތަކަށްވެސް ޖަވާބުދާރީވެވަޑައިގެންފައެވެ. އެގޮތުން، ގުޅިފަޅުން ގޯތިކަނޑައިދިނުމުގެ ދުވެލި ހަލުވި ކުރައްވައި، މާ ގިނަ ދުވަސްތަކެއް ނުވެ، އެ ގޯތިތައް ޙައްޤުވެރިންނާ ޙަވާލުކުރެއްވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިރޭގެ މަޝްވަރާ ބައްދަލުވުމުގައި ދެއްވާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް، އަދި ވަކީން ޚާއްޞަކޮށް މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، މީގެ ކުރިން ހަވާސާ ކުރެވިފައިވާ ގިންތިއަށްވެސް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެކަމުގައި ވިދާޅުވެފައެވެ. މީގެ ކުރިން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި މައިމުޅަވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީއެއް ނެތްއިރު، އެމަނިކުފާނުގެ ސަރުކާރުން ހިންގަވާ ފުރަތަމަ މަޝްރޫޢުންވެސް، މިފަދަ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ކެޓަގަރީއިން ޙައްޤު ފަރާތްތަކަށް، ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މާލޭ ސިޓީގެ އަވަށްތަކުގެ ތެރެއިން ގަލޮޅަކީ ބޯހިޔާވަހިކަމުގެ އެކި ސްކީމްތަކުގެ ދަށުން ދޫކުރެވިފައިވާ ފްލެޓްތައް އެންމެ ގިނަ ސަރަޙައްދަށް ވާއިރު، ފްލެޓްތަކުގައި ދިރިއުޅުއްވާ ބައެއް ރައްޔިތުން ވަނީ އެ ބޭފުޅުން ތަހައްމަލުކުރައްވާ ތަކުލީފުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮންމެ އެހީއެއް ފޯރުކޮށްދެއްވުމަށްވެސް އެމަނިކުފާނުގެ ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ވިދާޅުވެ، އެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މީގެ ކުރިން މަޢާފުކޮށްދެއްވާފައިވާ ކުލީގެ ފައިސާ ހިމެނޭހެން ބިލުކުރެވެމުންދާކަމުގެ ޝަކުވާ ރައްޔިތުން އުފުއްލެވިއިރު، އެކަން އެހެން ކުރެވިގެން ނުވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިރޭގެ ބައްދަލުވުން ނިންމަވާލައްވަމުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ އިތުރު ބައްދަލުވުންތަކަށް ވަގުތުހުސްކޮށްދެއްވާނެކަމުގެ ޚަބަރު، ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
