”އިރުން ހަކަތަ“ ގެ ނަމުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް އިފްތިތާހުކޮށްފިއެވެ.
ރ. ދުވާފަރުގައި މި މަޝްރޫއު އިފްތިތާހު ކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.
” މި މަޝްރޫޢު ފައްޓަވައިދެއްވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ އެމްޑަބްލިއުއެސްސީންނެވެ.
އެމްޑަބްލިއުއެސްސީން ބުނީ، އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ“ ޕްރޮގްރާމުގެ އަމާޒަކީ، ދުވާފަރު ގޭބިސިތަކަށް އިޢާދަކުރަނިވި ހަކަތައިގެ މަންފާ ލިބިދީ ކަރަންޓުބިލް ކުޑަކުރުމަށް މަގުފަހިކޮށް، ދުވާފަރުގައި އުފައްދާ ކަރަންޓުގެ %33 އަކީ އިޢާދަކުރަނިވި ހަކަތައަށް 2026 ގެ ނިޔަލަށް ހަދައި އަދި ޑީސަލް އަންދާ މިންވަރު ދަށްކޮށް ޖައްވަށް ބޭރުކުރެވޭ ދުމުން ދުވާފަރުގެ ތިމާވެށި ރައްކާތެރިކުރުން ކަމަށެވެ.
މިއަދު އިފްތިތާހް ކުރެވިގެން މިދިޔައީ މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވެއްސެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ދުވާފަރު ގޭބިސީތަކުގައި ހަރުކުރާ ސޯލާ ޕީވީ ނިޒާމުތަކަށް އިންސްޓޯލްމަންޓަށް ގޭބިސީ އިން ފައިސާ ދައްކާ ގޮތަށެވެ. މި ޕްރޮގްރާމްގެ ދަށުން އަވިން ހަކަތަ އުފައްދާ ނިޒާމުތައް ހަރުކުރާ ގޭބިސީތަކަށް ބިލުކުރާނީ ނެޓް މީޓަރިން އުސޫލުގެ ދަށުން ކަމަށާއި، މި އުސޫލުގެ ދަށުން ބިލު ކުރާނީ ގޭބިސިއެއްގައި ބޭނުންކުރި ކަރަންޓު ޔުނިޓުގެ އަދަދުން ސޯލާ ޕީވީ ނިޒާމުން އުފެއްދި އަދަދު އުނިކުރުމުން ބާކީވާ ޔުނިޓުތަކަށް ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ، ކަރަންޓު ބިލުން އުނިވާ އަދަދު، އިންސްޓޯލްމަންޓް އުސޫލުން ގަނެފައިވާ ޕީވީ ނިޒާމުގެ އަގު ހަމަވަންދެން ކޮންމެމަހެއްގެ ކަރަންޓު ބިލުގައި ހިމެނޭނެ ކަމަށެވެ.
މިއީ ސޯލާ ނިޒާމް ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
”އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ“ ޕްރޮގްރާމަށް ޝައުގުވެރިވާ ދުވާފަރު ރައްޔިތުންނަށް http://www.irunhakatha-mwsc-com.mv މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތުވެސް މި ޕޯޓަލް އިން ލިބޭނެއެވެ.
އެމްޑަބްލިއުއެސްސީން އިތުރަށް ބުނިގޮތުގައި، ރ. ދުވާފަރަކީ ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު އަދި ވޭސްޓް މެނޭޖުމަންޓްގެ ޚިދުމަތް އިންޓެގްރޭޓަޑް މޮޑެލްއެއްގެ ދަށުންފޯރުކޮށްދޭ ހަމައެކަނ ރަށެވެ.
