މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގެ ރައްޔިތުންގެ ތަރައްޤީއާ ގުޅިފައިވާ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެއްޓެވުމާއި، އަދުގެ ސަރުކާރުން އެރަށުގައި ކުރިއަށްގެންދަވައި ނިންމަވާފައިވާ ގިނަ މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
އެގޮތުން އެންމެ ފުރަތަމަ އެމަނިކުފާނު ބައިވެރިވެވަޑައިގަތީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ޚިދުމަތް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ކުރިއަށްގެންދަވާ މަޝްރުޢޫގެ ދަށުން، ރ. ދުވާފަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ)ގެ އޭ.ޓީ.އެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ކުރިއަށްގެންދެވި ރަސްމިއްޔާތުގައެވެ. ރ. ދުވާފަރުގައި އެމް.އައި.ބީގެ އޭ.ޓީ.އެމް ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް، ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި ހަވާލުކުރައްވައިގެން ތަރައްޤީކުރެއްވި މި ފިއުލް ސްކިޑަކީ، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކިއެކި ހައްލުތައް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް، ރާއްޖޭގެ އެކި ސަހަރައްދުތަކުގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ފިއުލް ސްކިޑްތަކުގެ ތެރެއިން އެންމެ ފުރަތަމަ ގާއިމު ކުރެއްވި ފިއުލް ސްކިޑެވެ.
ދުވާފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނޭ އެކްސްޓެންޝަން މަސައްކަތް ޢަމަލީ ގޮތުން ފެއްޓެވުމަށް އެ ރަށު ބަނދަރު ސަރަޙައްދުގައި މިއަދު ހެނދުނު ކުރިއަށްގެންދެވި ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ ދުވާފަރު ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. ދުވާފަރު ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ ސިޔާސަތެކެވެ. އަދި، ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި، ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރެއްވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޢުމްރާނީ ތަރައްޤީއަށް، ރާއްޖޭގެ ތާރީޚުގައިވެސް ހިންގަވާ އެންމެ ބިޔަ މަޝްރޫޢެވެ.
މީގެ އިތުރުން، ރ. ދުވާފަރު ހިއްކިބިން ސަރަޙައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި، ހިއްކިބިން ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް، އެ ސަރަޙައްދުގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ހިމެނިގެން، ރ. ދުވާފަރުގައި 50 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުންވެސް އޮތެވެ. އަދި 2026 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަކަމުގައި ހެދުމަށް ހިންގާ މަޝްރޫޢުގެ ދަށުން، ރ. ދުވާފަރަށް އިޔާދަކުރަނިވި ހަކަތައިގެ މަންފާ ލިބިދިނުމަށާއި، ޑީސަލް އަންދާ މިންވަރު ދަށްކޮށް، ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު ދަށްކުރުމުގެ މަޤްޞަދުގައި ހިންގާ "އިރުން ހަކަތަ" ޕްރޮގްރާމްވެސް އިފްތިތާޙްކުރެއްވީ މި ރަސްމިއްޔާތުގައެވެ. މީގެ އިތުރުން ދުވާފަރު ބިންހިއްކުމުގެ މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ދިރިއުޅުމުގެ ކަންކަން އިންތިޒާމުކޮށް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞާ އިސްކަމުގެ ދަށުން، ތަފާތު ގިނަ މަޝްރޫޢުތަކެއް ރ. ދުވާފަރުގައި ދަނީ ހިންގަވަމުންނެވެ. އެގޮތުން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހެނދުނު، ރ. ދުވާފަރުގައި ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
ހަމަ މިފަދައިން ޞިއްޙީ ޚިދުމަތް ހޯދުމުގައި މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަވައި، ރާއްޖޭގެ ހުރިހާ ހިސާބަކުން ޞިއްޙީ ފަރުވާގެ ކަންކަން ކަށަވަރުކުރެވޭނެ އިންތިޒާމު ފަހިކޮށްދެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރ. ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް، ތިއޭޓަރ ކޮމްޕްލެކްސްއަކާއެކު އަލަށް ތަރައްޤީކުރާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހޮސްޕިޓަލު ތަރައްޤީކުރެއްވުމާ ހަމައަށްވެސް ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ވީހާވެސް ފުރިހަމަ ގޮތެއްގައި ފޯރުކޮށްދެއްވުމަށް މިހާރުން މިހާރަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ދުވާފަރުގެ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވުނު އިމާރާތް އެމަނިކުފާނު ވަނީ، ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި އިމާރާތަކީ މީގެ ކުރިން ރަށުން ފޯރުކޮށްދެވެމުން ނުދާ ގިނަ ޚިދުމަތްތަކަކާއެކު ތަރައްޤީކުރެވިފައިވާ ޢިމާރާތެކެވެ. އެގޮތުން ކުއްލި ހާލަތުގައި ޞިއްޙީ ފަރުވާ ދެވޭނެ ޒަމާނީ ފެންވަރުގެ އެމަރޖެންސީ ރޫމް، އެކްސްރޭ، ދަތުގެ ފަރުވާގެ އިތުރުން އަލްޓްރާ ސައުންޑްގެ ޚިދުމަތްވެސް ވަނީ ގާއިމުކުރެވިފައެވެ.
ކުޅިވަރުގެ ދާއިރާއިންވެސް ރަށުގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރުން ގެންދަވަނީ ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންނެވެ. އެގޮތުން ރ. ދުވާފަރުގައި ތަރައްޤީކުރެވޭ އައުޓްޑޯ ވޮލީކޯޓުގެ ޢަމަލީ މަސައްކަތް ފެށުމާއި، ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެނދުނު އެ ރަށުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ދުވާފަރު ކުންޏާއި ވަޞީލަތްތައް މެނޭޖުކުރާ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން، ރ. ދުވާފަރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަނާލް ޢިމާރާތް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްތައް ރަސްމީގޮތުން ފެށުމަށް މިއަދު ހަވީރު އެ ރަށުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދުގެ ސަރުކާރުން ރާއްޖޭގެ 4 ސަރަޙައްދެއްގައި ދަނާލުތައް ތަރައްޤީކުރައްވާއިރު، މި ދަނާލުތަކުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް، މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް، އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާގެ މީހުންނާއެކު އަގުހެޔޮކޮށް ތިބެވޭނެ ފުރުޞަތު އިތުރަށް ފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީ ތަޢުލީމު ޙާސިލުކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ލުއި ފަސޭހަކަމާއެކު އެކަށޭނަ މާހައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއާއި އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
