ދިރާގުގެ މި އަހަރުގެ ކަލަންޑަރުގެ ޑިސެންބަރު މަސް ހާއްސަކޮށްފައިވަނީ ދިވެހި މަސްވެރިކަމަށާއި ދިވެހިންނާއި ކަނޑާ އޮންނަ ގާތް ގުޅުމުގެ މައްޗަށެވެ. މި ކަމުގެ މައްޗަށް ބިނާކޮށް ދިރާގުން ވަނީ ހާއްސަ ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ.
މި ވީޑިއޯގެ ޒަރިއްޔާއިން ކަނޑު މަހާ ދިވެހިންނާ އޮންނަ ގުޅުމާ ގުޅޭގޮތުން ޝައުގުވެރިކުރުވާކަހަލަ މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ. މި ގޮތުން، ހަމައެކަނި ފަރުމަހަށް ބަރޯސާނުވެ، މާ ކަނޑަށް ނިކުމެ އަމިއްލަ އުޅަނދު ފަހަރު ބަނދެ އެންމެ ބާރު ދުވެލީގެ މަހުގެ ބާވަތެއް ކަމުގައިވާ ކަނޑުމަސް ބޭނެން ފެށުނީ ދިވެހި ކާބަފައިންގެ އަޒުމާއި ހިތްވަރުގެ ސަބަބުން ކަމުގައި މި ވީޑިއޯގައި ވަނީ ފާހަގަކޮށްފައެވެ. އަދި، ދޮށި އަޅައިގެން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގައި ކުރަންމުންދާ މަސްވެރިކަމުގެ ތެރެއިން އާންމުކޮށް ބާނާ ވައްތަރުތަކުގެ މައުލޫމާތު ވެސް މި ވީޑިއޯގެ ޒަރިއްޔާއިން އެންގިގެންދެއެވެ.
ދިރާގުގެ 'މިނިވަންކަން މަތީ އަބަދަށް' 2025ގެ ކަލަންޑަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެކެވެ. މި ގޮތުން، މި ކަލަންޑަރުގެ ކޮންމެ މަހެއް ވެސް ހާއްސަކޮށްފައިވަނީ ދިވެހި ސަގާފަތާއި އާދަކާދަތަކާ ގުޅުވާފައިވާ، ގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާނަކަށެވެ.
ދިރާގުން ދަނީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވާ އާލާކުރުމަށް މުހިންމު އިސްކަމެއް ދީގެން މި ފަދަ ކަންކަމަށް އާންމުން ޝައުގުވެރިކުރުމަށް މަސައްކަތްކުރަމުންނެވެ.
