( 7 ޑިސެންބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ލައްކަ މަސައްކަތް ކޮށްގެންވެސް ، މީރަބްގެ އެއްވެސް ޚަބަރެއް އެއްވެސް ގޮތަކަށް ނުލިބުމުން ، އެންމެ ފަހުން ، މުރުތަސިމަށް ގުޅައި އޭނާއާ ބައްދަލުކުރުމަށް ސަބާ އެދުނެވެ. މުރުތަސިމްވެސް ހުރީ ، ސަބާއާ ވާހަކަ ދައްކައިލަން ބޭނުންވެފައެވެ. އެހެންކަމުން ލަސްނުކޮށް އެދުވަހުން އެދުވަހަށް ، އަޙްމަދުއާބާދަށް ސަބާ އައިސް ދިނުމަށް މުރުތަސިމް އެދުނެވެ.
މުރުތަސިމް އެދުނުގޮތަށް ، ސަބާވެސް އެދުވަހުން އެދުވަހަށް ، އަޙްމަދުއާބާދަށް ގޮސް މުރުތަސިމާ ބައްދަލު ކުރިއެވެ. މީރަބްގެ އެއްވެސް ޚަބަރެއް ސަބާއަށް ވެއްޖެތޯ މުރުތަސިމް ސުއާލު ކުރިއެވެ. ސަބާއަށް ވިސްނުނުގޮތުގައި މުރުތަސިމްވެސް އެހުރީ މީރަބް ނުފެނިގެން ދުނިޔެއިން މޮޔަވެފައެވެ. އެވަގުތު އެތަނަށް ޙަޔާއައިސް ، އެއަންހެންކުއްޖާއަކީ ކާކުތޯ ސުއާލު ކުރިއެވެ. އެއީ މީރަބްގެ ރަޙްމަތްތެރިއެއްކަމަށް ސަބާ ބުންޏެވެ. އޭނާ އެއައީ ، މީރަބްގެ ޚަބަރެއް ނުވެގެން މުރުތަސިމާ ބައްދަލު ކުރާށެވެ. މީރަބްގެ ޙާލުއަޙުވާލު ބަލައިލުމަށްޓަކައެވެ. ސަބާ އެއައީ ، މީރަބްގެ ގެޔަށްވެސް ގޮއްސައެވެ. އަނީލާއަކާވެސް ސަބާއަކާ ދިމަލެއް ނުވިއެވެ. އަނީލާވީ އެމެރިކާއަށް ހިޖުރަ ކޮށްފައިކަން ، އެގެޔަށް ދިޔައިމަ ސަބާއަށް އެނގުނެވެ. މީރަބް ގެއިން ނުކުމެގެންދިޔައިމަ ، ވައްޤާސް ނިޔާވިކަންވެސް ސަބާއަށް ޔަޤީންވީ ، އެގެޔަށް ދިޔައިމައެވެ.
" އާނއެކެވެ ! ސަބާގެ ރަޙްމަތްތެރިޔާ ، އޭނާގެ ބައްޕަ ނިޔާވުމުން މޫނުދެކިލަންވެސް ނާދެއެވެ. އެއުޅެނީ އެންމެންނަށް ފިލައިގެންނެވެ. އެއްވެސްމީހަކާ ގުޅުން ބާއްވައިގެން އުޅޭކަށް ، ސަބާގެ ރަޙްމަތްތެރިޔާ ބޭނުމެއް ނޫނެވެ. " ރުޅިމޫނު ހަދައިގެންހުރެ ، ޙަޔާ ބުންޏެވެ.
ގެއިން ފިލައިގެން މީރަބް ދިޔައީ ކީއްވެތޯ ސަބާ ސުއާލު ކުރިއެވެ. މުރުތަސިމާ އިނދެގެން އުޅެން މީރަބް ބޭނުންނުވާތީކަމަށް ޙަޔާ ބުންޏެވެ. އެހެންކަމަށް ވަންޏާ މީރަބް ދިޔައީ ކޮންތާކަށްތޯ ސަބާ ސުއާލު ކުރިއެވެ.
" ކޮންމެވެސް ރޮހޭލޭކިޔާ ހިލޭ ފިރިހެނަކާ އެކީގައެވެ. މީރަބް ފިލައިގެން ދިޔައީ ރޮހޭލާ އެކީގައެވެ. އަހަރެމެންނަށް އެނގޭވަރަކީ އެއީއެވެ. " އެ ސުއާލަށްވެސް ، ރުންކުރުގޮތަކަށް ޖަވާބުދިނީ ޙަޔާއެވެ.
ރޮހޭލާއެކީ މީރަބް ނުދާކަމަށް ސަބާ ބުންޏެވެ. ސަބާގެ ޖަވާބުން މުރުތަސިމްގެ ދެލޯ ބޮޑުވިއެވެ. ޙަޔާއަށްވެސް މުރުތަސިމާ ދިމާލަށް ބަލައިލެވުނެވެ. ރޮހޭލާއެކީ ނުދާކަމަށް ވަންޏާ ރޮހޭލްވީ ކޮންތާކުކަން އެނގޭތޯ މުރުތަސިމް ސުއާލު ކުރިއެވެ. ރޮހޭލްވީ ޑުބާއީގައި ރޮހޭލްގެ ކޮއްކޮގާތުގައިކަމަށް ސަބާ ބުންޏެވެ.
" މީރަބް ހޯދަން އަހަރެމެންގޭ ދޮށުގައި މުރުތަސިމްގެ މީހުން ފޯރިމަރަމުން ދިޔައިރު ، އަހަރެންހުރީ ކަރާޗީން ބޭރުގައެވެ. އެކަމަކު ، އަހަރެންވެސް ރޮހޭލާ ވާހަކަ ދެއްކީމެވެ. އަހަރެންވެސް ހީކުރީ މީރަބްވީތަނެއް ރޮހޭލަށް އެނގޭނެ ކަމަށެވެ. އެކަމަކު ، އޭނާއާއެކީ މީރަބް ނުދާކަމަށް އަހަރެންގާތު ރޮހޭލް ބުންޏެވެ. މުރުތަސިމްގެ މީހުން އައިސް ރޮހޭލަށް އަނިޔާކުރިފަހުން ، ރޮހޭލަކާ މީރަބަކާ ދިމަލެއްވެސް ނުވެއެވެ. އެހެންވެ ގަންނާކުރެއްވި ބިރުން ، ފުރާނަ ސަލާމަތްކުރުމަށްޓަކައި ، ޤައުމު ދޫކޮށްލާފައި ޑުބާއީއަށް ، ރޮހޭލް ހިޖުރަ ކުރީއެވެ. " ސަބާ ބުންޏެވެ.
އޭނާ ބުނަން އެއުޅެނީ ، މީރަބްވީ ރޮހޭލާއެކީގައި ނޫން ހެއްޔޭ ، އޮޅުމަކުން ރޮހޭލާއެކީގައެއް ނޫނޭ ބުނެވުނީ ދޯއޭ ، ޙަޔާ ބުންޏެވެ. އެހިސާބުން މުރުތަސިމަކަށް މަޑެއްކޮށެއް ނުހުރެވުނެވެ. ޙަޔާ އަނގަ މަޑުންލައިގެން ހުރުމަށް މުރުތަސިމް އެންގިއެވެ.
ސަބާ ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް މުރުތަސިމް އެދުނެވެ. އެތައްވާހަކައެއް މުރުތަސިމަށް ސަބާ ކިޔައިދިނެވެ.
" ފަހަރެއްގައި ، ރޮހޭލް އެއުޅެނީ މީރަބް ފޮރުވައިގެންކަމަށް ވެދާނެ ނޫންހެއްޔެވެ ؟ ރޮހޭލް ޑުބާއީއަށް ދިޔައީ މީރަބް ގޮވައިގެންނެވެ. ރޮހޭލް ސަބާއަށް އެހަދަނީ ދޮގެވެ. " ޙަޔާ އަނެއްކާވެސް ބުންޏެވެ.
ނޫނެކެވެ. ރޮހޭލްގެ ކޮއްކޮޔަކީ އޭނާގެ ވަރަށް ގާތް ރަޙްމަތްތެރިއެއްކަމަށް ސަބާ ބުންޏެވެ. އޭނާ ސަބާއަކަށް ދޮގެއް ނުހަދާނެއެވެ. ރޮހޭލް މިހާރު މީހަކާވެސް އިނދެފިކަމަށާއި އޭނާއަތުގައި ކައިވެނީގެ ފޮޓޯތައް އެބަހުރިކަމަށް ސަބާ އިތުރަށް ބުންޏެވެ. އެއީ ސަބާއާ ޢާއިލީގޮތުން ގާތް ބަޔެކެވެ. ސަބާއަށްވެސް ރޮހޭލްގެ ކައިވެންޏަށް ދަޢުވަތު ދިނެވެ. އެކަމަކު ސަބާއަށް ނުދެވުނީއެވެ.
" ރޮހޭލާއެކީ މީރަބެއް ނުދާނެއެވެ. ފިލައިގެންނެއްވެސް ގެއިން ނުކުމެގެންނެއްވެސް މީރަބެއް ނުދާނެއެވެ. އަހަރެންނަށް އެކަން ޔަޤީނެވެ. ރޮހޭލަކަށް މީރަބްގެ އެއްވެސް ޝަޢުޤުވެރިކަމެއް ނުވެސް ނެތެވެ. މީރަބްގެ ހިތުގައި ރޮހޭލްގެ މައްޗަކަށް އެއްވެސް ޚާއްޞަކަމެއް ނޯވެއެވެ. ލޯބިވާކަމަށް ދަޢުވާ ކުރަމުން ، މީރަބްގެ ފަހަތުން ދުވީ ރޮހޭލެވެ. މީރަބާ ރޮހޭލް ބައްދަލުކުރަނީ މީރަބަށް އޮޅުވައިލައިގެން ، މަކަރު ހަދައިގެން ގަދަކަމުންނެވެ. އެއީ މަކަރުވެރި ދޮގުވެރިޔެކެވެ. ޑުބާއީއަށް ރޮހޭލް އެދިޔައީ ، މީރަބްވެސް އަދި އަހަރެންވެސް ރޮހޭލްގެ މަޅީގައި ނުޖެއްސޭނެކަން އެނގުނީމަ ، އަދި އަމްދުން ، މުރުތަސިމަށް ބިރުންނެވެ. އަހަރެން ހައްލައިލަންވެސް ރޮހޭލް އުޅުނެވެ. ނަޞީބު ރަނގަޅުކަމުން ، މީރަބެކޭ އެއްގޮތަށް އަހަރެންވެސް ، ރޮހޭލްގެ އަތްދަށުގައި ނުވީއެވެ. " ސަބާ ބުންޏެވެ.
ސަބާ އެގެޔަށް އެއައީ ކީއްކުރަންތޯ އާއި މީރަބް މިހާރު އެގޭގައި ނޫޅޭކަމަށް ޙަޔާ ބުންޏެވެ. ޙަޔާގެ ބޭނުމަކީ ، ސަބާއައިސް މީރަބާ އެއްކޮޅަށް ދައްކާ ވާހަކައިން މުރުތަސިމްގެ ޚިޔާލު ބަދަލުވެދާނެތީ ، އެގެއިން ސަބާ އަވަހަށް ފޮނުވައިލުމެވެ. މުރުތަސިމްގެ ފާރަވެރިން ސަބާގެ ގޭދޮށުން ދިޔައީ މީރަބް ފެނިގެންކަމަށް ހީކޮށް ، އޭނާ އެއައީ މީރަބާ ބައްދަލުކޮށްލުމުގެ ބޭނުމުގައިކަމަށް ސަބާ ބުންޏެވެ.
މީރަބެއް ނުފެނެއެވެ. މީރަބް ފެނުނުނަމަވެސް ، ތަފާތެއް ނާންނާނެކަމަށް ޙަޔާ ބުންޏެވެ. މުރުތަސިމާއި އޭނާގެ ކައިވެނި މިހަފުތާ ތެރޭގައި ކުރެވޭނެކަމަށް ޙަޔާ ބުންޏެވެ. ސަބާ ، މުރުތަސިމަށް ގޮވައިލިއެވެ. އަދި ، މީރަބް ހޯދުމުގެ މަސައްކަތް މުރުތަސިމް ހުއްޓައިލީތޯ ސަބާ ސުއާލު ކުރިއެވެ. މީރަބެއް ނުހޯދޭނެ ހެއްޔެވެ ؟ ކުށެއްނެތް އަހަރެންގެ ރަޙުމަތްތެރިޔާ ، ނުހޯދޭނެ ހެއްޔޭ އަހައި މުރުތަސިމާ ، ސަބާ ސުއާލު ކުރިއެވެ.
" ދެއަހަރުވަންދެން ، އަހަރެމެން މީރަބް ހޯދައިފީމެވެ. ދެން ، އިތުރަށް އަހަރެމެންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ ؟ މުރުތަސިމަށްވެސް އޭނާގެ ދިރިއުޅުން ކުރިޔަށް ގެންދިއުމުގެ ޙައްޤު އޮންނާނެއެވެ. މުރުތަސިމްގެ މުޅި ޢުމުރު މީރަބަށްޓަކައި ދުއްވައެއް ނުލެވޭނެއެވެ. " ސަބާގެ އެސުއާލަށްވެސް ޖަވާބުދިނީ ޙަޔާއެވެ.
ޙަޔާގެ އަނގަގަދަކަމުން މުރުތަސިމް ހުރީ ރުޅިގަދަވެފައެވެ. އޭނާ މަޑުން އެހުންނަނީ ސަބާ ، އެމީހުންގެ ކުރިމަތީގައި ހުރީތީއެވެ. އެހެން ހެއްޔޭ ބުނުމާއެކީ ، ސަބާއައި ބޭނުން ފުދިއްޖެކަމަށް ބުނަމުން އެގެއިން ނުކުމެގެން ދިޔައެވެ.
މީސަމް ނިންދަވާފައި ތަރުކާރީ ކޮށަން މީރަބް އިންދާ ، ރުޤިއްޔާ ތައްޔާރުވެގެން ނުކުތެވެ. އޭނާ އެދަނީ ގާތް ތިމާގެ މީހަކު ނިޔާވެގެން އެގެޔަށެވެ. ޚާލިދުވެސް ވީ އެގޭގައެވެ. އޭނާއަށް އާދެވޭނީ ހަވީރުއެވެ. އެއްވެސް ކަމެއް ބޭނުންވެއްޖިއްޔާ ފޯނު ކުރަން ބުނުމަށްފަހު ރުޤިއްޔާ ނުކުތެވެ. އެއްވެސް ޙާލެއްގައި މީރަބް ބޭރަށް ގޮސްގެން ނުވާނެކަމަށް ރުޤިއްޔާ ބުންޏެވެ. ރުޤިއްޔާ ނުކުތްތާ އިރުކޮޅެއްވީފަހުން ، މީސަމް އެނދުން ވެއްޓުނު އަޑު މީރަބަށް އިވުނެވެ. މީރަބަށް ދެވުނުއިރު ، މީސަމް ފިރުކިފައި ރޮމުންރޮމުން ދޮރާދިމާލަށް އާދެއެވެ. އޭރު މީސަމްގެ ކަންފަތްދޮށުން ލޭފައިބަމުން ދެއެވެ. މީސަމް އުރައިލުމަށްފަހު މީސަމް ގޮވައިގެން ކްލިނިކަކަށްދާން މީރަބް ބޭރަށް ނުކުތެވެ. އޭނާއަށް އެ ކުރެވެނީ ކީއްކަމެއްވެސް ނޭނގެއެވެ. ކާރަކަށް ގޮވާގޮވާ އެއްވެސް ކާރެއް ނުހުއްޓިއެވެ. އޭރު އަޑުންއަޑުނަގައި މީސަމް ރޮމުން ގެންދިޔައެވެ. މީރަބަށްވެސް ހުރީ ރޮވިފައެވެ.
ސަބާ ކަރާޗީއަށްގޮސް ، ޢާންމުކޮށް މީހުން ގޮސްނޫޅޭ ހިސާބުތަކަށް އޭނާގެ ކާރުގައި ދުއްވަމުން ، މީރަބް ފެނޭތޯ ބަލަމުން ގެންދިޔައެވެ. ނަސީބު ކަންދިމާކުރިގޮތުން ، ކާރެއް ނުލިބިގެން މީރަބް ރޯން ހުއްޓާ އެދިމާވީ ސަބާއާ އެވެ. މީރަބަށްވެސް ސަބާ ފެނުނެވެ. އަވަސް އަވަހަށް އައިސް މީސަމް ގޮވައިގެން ، މީރަބް އެކާރަށް އެރިއެވެ. އަދި ، އޭނާ ކްލިނިކަކަށް ގެންގޮސްދޭން ސަބާގާތުގައި އެދުނެވެ.
ކްލިނިކަށްގޮސް މީސަމް ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރަށް ދައްކާނެ ފައިސާއެއް މީރަބް އަތަކު ނެތެވެ. އެފައިސާ ދައްކައިދިނީ ސަބާއެވެ. އެވަގުތު ފާރޫޤުވެސް ދުވެފައި އެތަނަށް އައިސް މީސަމްއަށް ވީ ކިހިނެއްތޯ ސުއާލު ކުރިއެވެ. އައިމަގުމަތީ ، މީރަބް އޮތީ ފާރޫޤަށް ފޯނުކޮށް އެޚަބަރު ދީފައެވެ. ފާރޫޤު އެ ކްލިނިކަށް އެއައީ މީރަބް ދިޔަތަނެއް ނޭނގިގެން ، އެހިސާބުގައިހުރި ދެތިން ކްލިނިކެއް ބަލާފައެވެ. މީރަބް އެނދުން ވެއްޓުނީކަމަށާއި ، ހަލާކުވެފައިހުރިތަން ފަހަން ޖެހުނު ވާހަކަ މީރަބް ބުނޏެވެ.
މީސަމް ވެއްޓުމުން ދެތިން ތަނަކުން ފަހަން ޖެހުނެވެ. މީރަބް ހުރީ އެކަމާ ކަންބޮޑުވެގެންގޮސް ރޮވިފައެވެ. ސަބާ ، މީރަބަށް ހިތްވަރުދެމުން ގެންދިޔައެވެ. މީސަމް ރަނގަޅުވެދާނެ ކަމަށާއި ، ޒަޚަމްތައް މާގިނަ ދުވަހެއްނުވެ ފަސޭހަ ވެދާނެކަމަށް ސަބާ ބުންޏެވެ.
" ޒަޚަމްތައް ފަސޭހަ ވެދާނެއެވެ. އެކަމަކު ، ލަކުނުތައް ހުންނާނެއެވެ. އެ ލަކުނުތައް ފެނުމުން ، ޒަޚަމްވީ ވަގުތު ހަށިގަނޑުގައި އެޅި ވޭނުގެ ތަކްލީފުތައް މި މަޢުޞޫމު ކުއްޖާޔަށްވެސް ، އިޙްސާސްކޮށްދޭނެއެވެ. " މީރަބް ބުންޏެވެ.
މީރަބަށް ސަބާ ގޮވައިލިއެވެ. މުރުތަސިމްގެ ގާތަށް އެނބުރި ދިއުމަށް މީރަބްގާތު ސަބާ އެދުނެވެ. އެ ކުއްޖާފުޅަކީ މުރުތަސިމްގެ ކުއްޖެއް ނޫންހެއްޔެވެ ؟ މީސަމަށް މިއަދު އެލިބުނު އަނިޔާއަކީ ފެށުމެކެވެ. އޭނާއާ މީރަބާ މިއަދު ދިމާނުވިނަމަ ، ވާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ކްލިނިކަށް ދިޔައިރު މީރަބްގެ އަތުގައި އެންމެ ލޯ ލާރިއެއްވެސް ނެތެވެ. މީރަބްގެ އަތުގައި ފޯނެއް ނެތެވެ. އެ ކުއްޖާފުޅަށް ފަރުވާއެއްދެވޭނީ ކިހިނެއް ހެއްޔެވެ ؟ ފަރުވާ އެއްފަރާތުގައި ބާއްވާށެވެ ! ކްލިނިކަކާ ހިސާބަށް ދާނީވެސް ކިހިނެއް ހެއްޔެވެ ؟ ސަބާ އެ ވެދިން އެހީއަށް ، އޭނާގެ މުޅި ޢުމުރުގައިވެސް ދަރަނިވެރިވެފައިވާކަމުގައި މީރަބް ބުންޏެވެ. އޭނާއަށް ޝުކުރުވެރި ވުމުގެ ބަދަލުގައި މީސަމާއި މީރަބާމެދު ވިސްނުމަށް ސަބާ އެދުނެވެ.
މީރަބަށް ދިމާވި ކަންކަމުގެ ވާހަކަ ، ގެޔަށް އައި މަގުމަތީ ކުރުގޮތަކަށް ސަބާއަށް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަން ފާރޫޤުވެސް އިނެވެ. އެއީ ، މީރަބް ކަންބޮޑުވާ ކަމެއްނޫނެވެ. ފާރޫޤަކީ ، މިހާރު މީރަބްގެ ގާތް ރައްޓެއްސެކެވެ. ހިތްހެޔޮ ، ހެޔޮލަފާ އިޚްލާޞްތެރި ރަޙުމަތްތެރި މަދަދުޤާރެކެވެ.
މީރަބަށް މުރުތަސިމްގެ ބޭނުންޖެހިފައި އޮތްގޮތަށް ، މީސަމަށްވެސް އެކުއްޖާގެ ބައްޕަގެ ބޭނުންވަނީ ޖެހިފައިކަން ، މީރަބަށް ސަބާ ހަނދާން ކޮށްދިނެވެ. ނިކަން ވިސްނައިލަ ބަލާށެވެ ! އޭނާގެ ލޯބިލޯބި ދަރިފުޅެއްހުރިކަން މުރުތަސިމަކަށް ނޭނގެއެވެ. މީރަބާއި މީސަމަށް އެގޮތަށް މުރުތަސިމަށް އެހެދެނީ ، މީރަބްގެ އެއްވެސް ޚަބަރެއް ނުލިބި ، މުރުތަސިމްގެ ޙަޔާތުން މީރަބް ގެއްލިފައިވާތީއެވެ. މީރަބް އަމިއްލަޔަށް އޭނާގެ ނަފްސަށާއި މީސަމަށް އެ އަނިޔާވެރިވަނީ ކީއްވެގެން ހެއްޔެވެ ؟ މުރުތަސިމްމެންގެޔަށް ދިޔައިމަ ، ކަންވީގޮތް މީރަބަށް ސަބާ ކިޔައިދިނެވެ.
" އަހަރެން ކުރާނީ ކީއްހެއްޔެވެ ؟ މިހާރު އެއޮތީ އެއްވެސްކަމެއްކުރަން ލަސްވެފައެވެ. " މީރަބް ބުންޏެވެ.
ވަގުތު އެބައޮތްކަމަށާ އަދި އެހާ ލަސްނުވާކަމަށް ސަބާ ބުނަމުން ގެންދިޔައެވެ. އެކަމަކު މިވަގުތު ، މީރަބް ނުގޮއްސިނަމަ ، މާބޮޑަށް ލަސްވެދާނެއެވެ. މީރަބް ބުނިގޮތުގައި އޭނާއަށް އެވަރު ފުދެއެވެ. މީރަބްގެ ލޮލުން ފެންނަ އެކަނިވެރިކަމާއި ތަކްލީފުތައް ސަބާއަށް ފެނި ، އެކަން އެބަ އިޙްސާސްކުރެވޭކަމުގައި ސަބާ ބުނަމުން ގެންދިޔައެވެ. އަދިވެސް ، މުރުތަސިމްދެކެ މީރަބް ލޯބިވާކަން ، މީރަބްގެ ލޮލުން ސަބާއަށް އެބަ ޔަޤީން ކުރެވެއެވެ. މީރަބް އެ ލޯބިވާގޮތަށް ، މުރުތަސިމްވެސް މީރަބްދެކެ ލޯބި ވެއެވެ. ސަބާ އެއައީ ، މުރުތަސިމާ ބައްދަލުކޮށްފައެވެ. މުރުތަސިމްގެ ލޮލުންވެސް ސަބާއަށް ފެނުނީ ، ލޯތްބާއި ތަކްލީފެވެ. ވޭނާއި ކެކުޅުމެވެ. މުރުތަސިމްދެކެ ލޯބިނުވަންތޯ އަހައި ސަބާ ، މީރަބާސުއާލު ކުރިއެވެ. މީސަމްގެ ޙައްޤުގައި ހުވާކޮށްފައި ، މުރުތަސިމްދެކެ ލޯބިނުވަމޭ ނިކަން ބުނެ ބަލާށެވެ ! ސަބާ ، މީރަބަށް ވިސްނައިދެމުން ގެންދިޔައެވެ. މުރުތަސިމްދެކެ މީރަބް ލޯބިނުވާނަމަ ، އެވާހަކަ ސާފުކޮށް ބުނުމަށް ސަބާ އެދުނެވެ. އޭރަށް އެވާހަކައެއް އޭނާ ، މީރަބަކާ ދުވަހަކުވެސް ނުދައްކާނެއެވެ.
" އާނއެކެވެ ! އަހަރެން މުރުތަސިމްދެކެ ލޯބިވަމެވެ. މުރުތަސިމް އަހަރެންދެކެ ލޯބިވާވަރަށް ، އަހަރެންވެސް މުރުތަސިމްދެކެ ލޯބިވަމެވެ. ފަހަރެއްގައި މުރުތަސިމް އަހަރެންދެކެ ލޯބިވާވަރަށްވުރެ ބޮޑަށް ، އަހަރެން މުރުތަސިމްދެކެ ލޯބިވަމެވެ. އެކަމަކު ، މިހުރިހާ ދުވަހެއްކޮށްފައި މުރުތަސިމްގާތަށްގޮސް އަހަރެން ދައްކާނީ ކޮން މޫނެއް ހެއްޔެވެ ؟ އެވަރުގެ ހިތްވަރެއް އަހަރެން ގަޔަކު މިހާރަކު ނެތެވެ. އަހަރެން މީ ކުރީގެ މީރަބެއްނޫނެވެ. " ރޮމުންރޮމުން މީރަބަށް ބުނެވުނެވެ.
މީރަބްގެ އަމިއްލަ ނަފްސަށް ނޫންކަމަށް ވަންޏާ ، މީސަމަށްޓަކައިވެސް ހިތްވަރުކުރުމަށްބުނެ ، ސަބާ ، މީރަބަށް ހިތްވަރުދެމުން ގެންދިޔައެވެ. އެކުއްޖާފުޅުގެ ކުށަކީ ކޮބައި ހެއްޔެވެ ؟ މިއަދު ނޫނީ މާދަމާ ، މީސަމަށްޓަކައި ، މުރުތަސިމްގެ ބޭނުން މީރަބަށް ޖެހޭނެއެވެ. އެއީ ، ޔަޤީން ކަށަވަރު ކަމެކެވެ. އެގޭ މީހުންގެ ޙިމާޔަތުގައި މީރަބަށް ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ ؟ އެ ދެމަފިރިން އެތިބީ އަދުތޯ މާދަންތޯ ވެފައެވެ. އެމީހުން ނެތިއްޖެނަމަ ، އެގޭގައި މީރަބްގެ ދެމައިންނަކަށް ނުވެސް ތިބެވޭނެއެވެ. ދެންހަދާނީ ކިހިނެއް ހެއްޔެވެ ؟ މަގުމައްޗަށް ނުކުމެ ސަލާން ޖަހަމުން ހިނގާނީތޯ ސަބާ ސުއާލު ކުރިއެވެ. އެކަންކަމާމެދު ވިސްނުމަށް ނަޞޭޙަތްދެމުން ސަބާ އެގެއިން ނުކުތެވެ. އެއްވެސްކަމެއް ބޭނުންވެއްޖެނަމަ ، އޭނާއަށް ފޯނުކޮށްލުމަށް ސަބާ އެދުނެވެ. އެމީހުންގެ ރަޙްމަތްތެރިކަމުގެ ޙައްޤުގައެވެ. ސަބާ އެ ވެދިން އެހީތެރިކަމަށްޓަކައި މީރަބް ޝުކުރު އަދާކުރިއެވެ. ސަބާއާއި މީރަބް ނުކުތްއިރު ، ރުޤިއްޔާއާއި ޚާލިދު ، ގޭދޮރުމަތީ ތިއްބެވެ. ސަބާއާއި މީރަބް ދެއްކި ހުރިހާ ވާހަކައެއް އެދެމީހުންނަށް ސާފުކޮށް އެނގޭނެއެވެ. އެދެމީހުން ގޭތެރެޔަށް ނުވަދެ އެތިބީ ، މީރަބާއި ސަބާގެ ވާހަކަޔަށް ހުރަސް ނާޅަން ވެގެންނެވެ. އެދެކުދިން ދައްކާ ވާހަކައިގެ އަޑުއިވުނަސް ، އެދެކުދިން މިނިވަންކަމާއެކީ ވާހަކަ ދައްކައިލަން ފުރުޞަތު ދިނުމަށްޓަކައެވެ. ދެމީހުންގެ ވާހަކައިން އެއީ ، ކުޑައިރުގެ ދެ ރަޙްމަތްތެރިންކަން ރުޤިއްޔާއަށް ފާހަގަ ކުރެވުނެވެ.
ރުޤިއްޔާމެން އެތާތިބިތަން މީރަބަށް ފެނުމާއެކީ ، ސަބާއަށް އެދެމީހުން ތަޢާރުފް ކޮށްދިނެވެ. އަދި ، ސަބާއަށްވެސް ، ރުޤިއްޔާއާއި ޚާލިދު ތަޢާރުފް ކޮށްދިނެވެ. ސަބާއަކީ ، އޭނާގެ ވަރަށްގާތް ރަޙްމަތްތެރިޔެއްކަމުގައި މީރަބް ބުންޏެވެ. އަދި ޚާލިދާއި ރުޤިއްޔާއަކީ މީސަމާއި މީރަބްގެ ބެލެނިވެރިންކަމަށްވެސް މީރަބް ބުންޏެވެ.
ސަބާ ނުކުމެގެން ދިއުމާއެކީ ، ޚާލިދާއި ރުޤިއްޔާވެސް މީރަބަށް ނަޞޭޙަތްދެމުން ގެންދިޔައެވެ. މީރަބާއި މީސަމްދެކެ އެދެމީހުން ވާ ލޯބީގެ ސަބަބުން ، މީސަމްގެ މުސްތަޤްބަލްގެ މަތިން ހަނދާންނެތުނީއެވެ. ޚާލިދުވެސް ، ރުޤިއްޔާގެ ވާހަކަތަކަށް ތާއީދު ކުރިއެވެ. މާމަ ދަރިފުޅާއި ކާފަ ދަރިފުޅުގެ ލޯބީގައި ދުނިޔޭގެ އެހެން ހުރިހާ އެއްޗެއް އެމީހުންނަށް ހަނދާން ނައްތައި ލެވުނީއެވެ. އެމީހުންގެ މުޅި ޢުމުރުގައިވެސް ، މީސަމާއި މީރަބަކީ އެމީހުންގެ ދަރިންކަމަށް ބަލާނެއެވެ. އަދި ، އެމީހުންގެ ހުރިއްޔާ ހުރިއެއްޗެއްގެ ވާރިސަކީ މީސަމްކަމުގައި މިހާރު އޮތީ ، ވަޞިއްޔަތުނާމާވެސް ލިޔެފައެވެ. އެހެނެއްކަމަކު ، މީރަބަށްވެސް އަދި މީސަމަށްވެސް ، ދުނިޔެއިން ޙައްޤު މިންވަރަކީ އެއީއެއް ނޫނެވެ. މުރުތަސިމްގެ އަޅައިލުމާއި ލޯތްބާ އަދި އޯގާތެރިކަން ފިޔަވައި ، އެހެން އެއްޗެއް މީރަބަކަށް މިހާރު ބޭނުމެއް ނުވެއެވެ. އެކަމަކު ، މީސަމަށް ވާނީ ކިހިނެއް ހެއްޔެވެ ؟ އެކުއްޖާފުޅުގެ އެންމެހައި ޙައްޤުތަކުން މަޙްރޫމްކޮށްގެން އެފަދަ އަނިޔާއެއް މީސަމަށް ދިނުމުގެ ހައްޤެއް މީރަބަކަށްވެސް ލިބިގެންނެއް ނުވެއެވެ.
" އަންހެނަކު އަންހެނަކަށްވަނީ ކާކުގެ ސަބަބުންކަން ، އަންހެނުންނަށް އެނގެން ޖެހޭނެއެވެ. އެއީ ، ފިރިހެނެއްގެ ސަބަބުންނެވެ. ފިރިހެނަކާ ނުލައި އަންހެނަކުވެސް އަދި ފިރިހެނަކުވެސް މިދުނިޔެއަކަށް ނުއަންނާނެއެވެ. " މީރަބްގާތު މުރުތަސިމް ބުނެފައިވާ ވާހަކައެއް މީރަބްގެ ހަނދާނަށް އައެވެ. މުރުތަސިމް އެ ބުނާވާހަކައެއް މީރަބަށް ނުވިސްނިގެން ، އިތުރަށް ސުއާލުކުރިކަންވެސް މީރަބް ހަނދާން އެބަހުއްޓެވެ.
" ޙައްވާގެފާނު ވިޔަސް ، އާދަމްގެފާނާ ނުލައި ، އާދަމްގެފާނު ވިޔަސް ޙައްވާގެފާނާ ނުލައި ، އިންސާނީ ދަރިފަސްކޮޅު ދެމިގެންނެއް ނުދިޔައީހެވެ. އާދަމްގެފާނަކީ ފިރިހެނަކަށް ވުމުގެ ސަބަބުން ، އިންސާނީ ދަރިފަސްކޮޅުގެ ފެށުމަކީ އާދަމްގެފާނެވެ. އެއީ ފިރިހެނެކެވެ. އަހަރެމެން ، ހުރިހާ އިންސާނުންގެ ބައްޕަޔަކީ އާދަމްގެފާނެވެ. މަންމަޔަކީ ޙައްވާގެފާނެވެ. " މުރުތަސިމް ބުނެފައި ވެއެވެ.
މީރަބްގެ މުޅިޢުމުރު ހޭދަކުރިޔަސް ، ޚާލިދާއި ރުޤިއްޔާގެ އިޙްސާންތެރިކަމުގެ އަގު އަދައެއް ނުކުރެވޭނެއެވެ. އެއީ ، އެމީހުންގެ އިޙްސާންތެރިކަން ނޫންކަން ޚާލިދު ، މީރަބަށް ވިސްނައިދިނެވެ. އެއީ ، މަޔަކާއި ބަފައެއްގެ ލޯތްބެވެ. އެމީހުންގެ ހިތަށްލިބޭ އުފަލާއި އަރާމެވެ. އެ ދެމީހުންގެ ދިރިއުޅުމުގެ އެންމެ ފަހު ދުވަސްކޮޅުގެ އުއްމީދެވެ. އެއީ މައިންބަފައިންގެ ވާޖިބެވެ. ރުޤިއްޔާއާއި ޚާލިދު އެއަދާކުރީ އެ ވާޖިބާއި މަސްއޫލިއްޔަތެވެ. އެއީ އެމީހުންނަށް ލިބުނު ބުރައެއް ، އަދި ތަކުލީފެއް ނޫނެވެ.
މީރަބްގެ އަތްތިލަ ނަގައި ރުގިއްޔާގެ މުށުތެރެޔަށްލައި ފިރުމައިލިއެވެ.
" އަހަރެން މިބުނާ ވާހަކަ އަޑުއަހާނަން ހެއްޔެވެ ؟ އެކަމަށް އެއްބަސްވާނަން ހެއްޔެވެ ؟ އޭރަށް މި މަންމަގެ ދުނިޔޭގެ ހުރިހާ އެދުމެއް ފުރިހަމަވީއެވެ. މަންމައެއްގެ ޙައިޞިއްޔަތުން ، އަހަރެން ބޭނުމީ މީސަމްގެ ހިނިތުންވުމުގެ އަޞްލު އެކުއްޖާފުޅަށް ހޯދައިދިނުމެވެ. މީރަބްގެ މޫނުމަތިން ދެއަހަރެއް ވަންދެން ގެއްލިފައި އޮތް އުފާވެރިކަމުގެ ހިނިތުންވުން އަލުން އަނބުރާ ތިޔަ ލޯބި މޫނުމައްޗަށް ލިބި ޝާއްބަކަމުން ފުރިހަމަވެގެން ދިއުމެވެ. ދަރިފުޅާއެވެ ! ދަރިފުޅުގެ ފިރިމީހާގެ ގާތަށް އެނބުރި ދާށެވެ ! މީސަމްގެ ބައްޕަގެ ގާތަށެވެ. މީރަބްވެސް މުރުތަސިމްދެކެ ނުލާހިކު ލޯބިވަމެއް ނޫންހެއްޔެވެ ؟ އެ ލޯބީގެ ޙައްޤުގައި ، މަންމަޔަށް އެކަން ފުރިހަމަ ކޮށްދޭށެވެ ! " ރުޤިއްޔާ ބުންޏެވެ.
ޚާލިދުވެސް ، މީރަބްގެ ކިބައިން އެކަމަށް އެދުނެވެ. މީރަބް އެއްވެސް އެއްޗެކޭ ނުބުނެ އެތައް އިރަކު އިނެވެ. އެ ހުރިހާ މީހުންވެސް އެ ދައްކަނީ ރަނގަޅު ވާހަކަކަން މީރަބަށްވެސް ވިސްނެއެވެ. އެކަމަކު ، އެކަން ކުރަން ލަހެއް ނުވޭ ހެއްޔެވެ ؟ މުރުތަސިމް ބުނިހެން ލަހުންނަމަވެސް ، މާލަސްވެއްޖިއްޔާ ލަސްވެދާނެއެވެ. މުރުތަސިމްގެ އެބަސް ، މީރަބްގެ ހަނދާނުގައި އަބަދުވެސް އޮވެއެވެ. އެއީ ، މުރުތަސިމްދެކެ ލޯބިވާން މީރަބް ، މާގިނަދުވަސް ނަގާތީ ، މުރުތަސިމް އޭނާގާތު އެއްދުވަހަކު ބުނެފައިވާ ވާހަކަ އެކެވެ. މީރަބަށް މުރުތަސިމްދެކެ ލޯބިވެވޭއިރު ، މާގިނަދުވަސް ވެދާނެކަން ހަނދާން ކޮށްދިނުމަށް ބުނެފައިވާ ވާހަކަ އެކެވެ. މިހާރު އެދުވަސް އެ އައީ ބާވައެވެ ؟ މުރުތަސިމްގެ މައްޗަށް އޭނާގެ ހިތުގައި ލޯބި އުފެދެން ، ގިނަދުވަސް ނަގައި އެކަމުގެ ވަގުތު ފާއިތުވީ ބާވައެވެ. މީރަބްގެ ލޯތްބަށް ދެންވާނީ ކިހިނެއް ހެއްޔެވެ ؟ މީރަބްގެ ހިތަށް އެރިއެވެ. ( ނުނިމޭ )
