އެންމެ ފަހުގެ ޙަމަލާ – 23

(29 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަޅުގަނޑުގެ ނިމުމާ މެދު އަޅުގަނޑު ޚިޔާލު ކުރާން ފަށައިފީމެވެ. އިރު އެރުމާ އެކު އަޅުގަނޑު ހައްޔަރު ކުރެވޭނެކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑާ ދެކޮޅަށް ހެކި ދޭނެ އެތައް ބަޔަކު ތިބޭނެއެވެ. ޕަރައުހަތުގެ ކޮއްކޮ ހޭފުޅު އެރުމާ އެކު ކީރިތި ކުރައްވައި ހަޅޭއްފުޅު ލައްވާން ފައްޓަވާނެއެވެ. އޭނާ ނަގަރުކޯޓުގެ ސިފައިންގެ ކޮންމެ މީހަކީ އަޅުގަނޑުގެ ލެޔަށް ދަހިވެތިވެ ފެންބޮވައިގެންފައި ހުރި މީހަކަށް ހައްދަވާނެއެވެ. އަޅުގަނޑުގެ އަމިއްލަ ސިފައިން ހީ ކުރާނީ އަޅުގަނޑު މޮޔަ ވީ ކަމުގައެވެ. ނަމަވެސް އެބައިމީހުން އަޅުގަނޑު ޤަތުލު ކުރުމުގެ ބަދަލުގައި ދިރިހުއްޓައި އަތުލައިގަނެވޭތޯ މަސައްކަތް ކުރާނެއެވެ. އެއަށްފަހު ނަގަރުކޯޓުގައި ކާލީ ދޭވީގެ ކުރިމަތީގައި އަޅުގަނޑު ޤުރުބާން ކުރެވޭނީއެވެ. އަޅުގަނޑުގެ ލެއިން ކާލީ ދޭވީގެ ފައި ދޮވެވެމުންދާނެއެވެ. އެއް ވެފައި ތިބޭ މީހުން "ކާލީ ދޭވީއަށް ނަޞްރެވެ" ގޮވައި ނަޢުރާ ކުރަމުންގެންދާނެއެވެ.

އަޅުގަނޑުގެ ހިތަށް އެރިއެވެ. އަޅުގަނޑުގެ ތަޤްދީރުގައި ވަނީ މަރު ކަމުގައި ވާނަމަ، ކާލީ ދޭވީގެ ފައްޅިއާ ހަމަޔަށް ފޯރާންދެން އިންތިޒާރު ކުރާންވީ ކީއްކުރާން ހެއްޔެވެ؟ އަޅުގަނޑު އެ ބުދުގެ ނުޠާހިރު ފައިމައްޗަށް އަޅުގަނޑުގެ ފުރާނަ ދޫ ކޮށްލުމުގެ ބަދަލުގައި މި ފެނާރަށް ފުންމައިނުލާންވީ ކީއްވެގެން ހެއްޔެވެ؟ އަޅުގަނޑުގެ ކުރިމަތީގައި ޙަޔާތުގެ ކޮންމެ ހިނދުކޮޅެއް މަރަށް ވުރެ ވެސް ބިރުވެރި ކަމުގައި ހިމެނޭނެ ވަގުތަކަށް އިންތިޒާރު ކުރާން ވީ ކީއްވެގެންހެއްޔެވެ؟ އަޅުގަނޑު ތެދު ވެ އެންމެ ފިޔަވަޅެއް ކުރިޔަށް އަޅާ އިރަށް އެ ބިރުވެރި ހޮހަޅައިގެ ތެރެޔަށް ވެއްޓޭ ކަހަލަ ތަނަކަށް ހުއްޓިއްޖައީމެވެ. ދެތިން ދުވަހެއްގެ ކުރީން އަޅުގަނޑުގެ ކުރިމަތީގައި ހުރިހައި ވެސް އުފަލެއް ކަމުގައި ހިމެނުނު ދުނިޔެ ވަނީ، އަޅުގަނޑުގެ ކުރިމަތީގައި އެއްވެސް މާނައެއް ނެތް ތަނެއް ކަމުގައި ވެފައެވެ. ނަމަވެސް އަޅުގަނޑުގެ ފަސްބައިގައި އޭރު ވެސް ހިފަހައްޓައިފައި ވާ ޚިޔާލެއް އޮތެވެ. އަޅުގަނޑުގެ ހިތުގެ ކޮންމެ ވިންދެއް ހަރު އަޑުން "އާޝާ! އާޝާ!!" އޭ ގޮވަމުންގެންދެއެވެ. އަޅުގަނޑު ތުރުތުރު އަޅައިގެންދިޔުމާ އެކު ދެ ލޯ މަރައިލައިފީމެވެ. އެއް ފައިން ހިލަގަނޑުގެ ކައިރިފަށް ހޯދުމަށް ޓަކައި ފައި ކާއްތާން ފަށައިފީމެވެ. ކުއްލިޔަކަށް ފަހަތުން އަޑެއް އިވިއްޖެއެވެ. އެ އަޑު އަޅުގަނޑުގެ ހަތަރެސްފައިގައި އަނެއްކާވެސް ދިރިހުރުމަށް އެދުންވެރި ވުމުގެ ހިލިހިލާތަކުން ކަސްތޮޅު އަޅުވައިފިއެވެ. އެއީ ދާދި ދެންމެއަކު އަޅުގަނޑު މުޅީންހެން ކޮށައިލި ހިލިހިލާތަކެކެވެ. އަޑަކީ އާޝާގެ އަޑެވެ. އޭނާ އަޅުގަނޑަށް ގޮވަމުން ކައިރިޔަށް އައިސް އަޅުގަނޑުގެ މުލައްދަނޑީގައި ހިފަހައްޓައިފައި ފަހަތަށް ދަމާން ފަށައިފިއެވެ.

އޭނާ ގިސް ލަމުން ބުންޏެވެ. "މަނިކުފާނު ތިޔަ އުޅުއްވަނީ މިތަނަށް ފުންމައިލައްވައިގެން އަނެއް ފަރާތަށް އަރައިވަޑައިގަންނަވާންކަމަށްތޯއެވެ؟ މަނިކުފާނަށް މިތާނގެ ފުންމިން އެނގިވަޑައިނުގަންނަވަނީއެވެ. މިތަނަށް ބޮޑު ބިޔަ ގަހެއް ވައްޓައިލި ކަމުގައި ވިޔަސް ފެނާރުގެ ފެންގަނޑު އެ ގަސް ކުދިކުދި ކޮށްލާނެއެވެ."

"އާޝާއެވެ! ކަލޭ އެނބުރި ތިޔަ އައީ ކީއްވެގެންހެއްޔެވެ؟" އަޅުގަނޑުގެ ޙައިރާންކަމުގެ މައްޗަށް ބާރު ފޯރުވޭތޯ މަސައްކަތް ކުރަމުން އަޅުގަނޑު ސުވާލު ކުރީމެވެ.

އޭނާ ބުންޏެވެ. "ވާސިދިޔޫއެވެ! މަނިކުފާނު މަރުގެ އަނގަޔަށް ދޫ ކޮށްލައިފައި އަޅުގަނޑު ހިނގައިދާނެކަމަށް މަނިކުފާނަށް ޔަޤީން ވެވަޑައިގެންނެވީ ކިހިނަކުންތޯއެވެ؟ އިތުރުފުޅުތައް ހައްދަވައިގެން އަޅުގަނޑުގެ ހިތް ހަމަޖައްސަވައިދެއްވާން އުޅުއްވުމުގެ ބޭނުމެއް ނެތެވެ."

އަޅުގަނޑު ބުނެފީމެވެ. "އާޝާއެވެ! އަހަންނަށް އިތުބާރު ކުރާށެވެ. އަދިވެސް ވަގުތު އެބައޮތެވެ. ކަލޭ އަވަހަށް ފިލާން ދާށެވެ. ބުންސީދާސް ކޮބައިހެއްޔެވެ؟ އޭނާ ވީ ކޮންތާކުހެއްޔެވެ؟"

އާޝާ ހަމަޖެހިލައިފައި ޖަވާބު ދިނެވެ. "ބުންސީދާސް މިހާރު ވަރަށް ދުރަށް ހިނގައިދާނެއެވެ."

އަޅުގަނޑު ބުނެފީމެވެ. "ތިޔައީ އަހަރެން އޭނާއާ މެދު އުއްމީދު ކުރި ގޮތެއް ނޫނެވެ. އޭނާ ފަހަރެއްގައި ވެސް ކަލޭ ދޫ ކޮށްލައިފައި ހިނގައިދާނެކަމަކަށް އަހަރެން ހީއެއް ނުކުރަމެވެ."

އޭނާ ބުންޏެވެ. "އޭނާ އަޅުގަނޑު ދޫ ކޮށްލައިފައި ދިޔައީކީއެއް ނޫނެވެ. ޚުދު އަޅުގަނޑު އޭނާއަށް ފިލައިގެން އައީއެވެ."

އަޅުގަނޑު ވޭނުން ފުރިފައި ވާ އަޑަކުން ބުނެފީމެވެ. "އެއީ ކީއްވެގެން ހެއްޔެވެ؟ ތިޔަ ވާނީ އެ މޮޔަ ކަލޭގެ އަހަރެންގެ ފުރާނަ ވަނީ ނުރައްކަލުގެ ތެރޭގައޭ ކަލޭ ގާތު ބުނީކަމަށެވެ."

އާޝާ ޖަވާބު ދިނެވެ. "އޭނާއަށް އެ ވާހަކަ ބުނާކަށް ނުޖެހެއެވެ. އޭނާ ދިޔައީ އަޑުން އަޑު ނަގައި ރޮމުން ގިސް ލަމުންނެވެ. އޭނާގެ ކަރުނަ އަޅުގަނޑަށް ވިސްނައިދޭން ފުދެއެވެ."

އަޅުގަނޑުގެ ގައިން ބާރު ދޫ ވާގޮތް ވެގެން ހިލައެއްގެ މަތީގައި އިށީންނަމުން ބުނެފީމެވެ. "އާޝާއެވެ! އަހަރެން މަރު ވެދާނެތީ ބިރެއް ނުގަނެއެވެ. ނަމަވެސް ކަލޭ އެނބުރި އައުމުގެ ސަބަބުން މަރުގެ ޚިޔާލަކީ ވެސް އަހަރެންގެ ކުރިމަތީގައި ނާމާން ޚިޔާލަކަށް ހަދައިފީމުއެވެ. ކަލޭ އަހަންނަށް ގޮވައިނުލައި އިރުކޮޅެއް ވީ ނަމަ އަހަރެން އެ ވަޅަށް ފުންމައިލީމުހެވެ. އެއީ ސަލާމަތުން އަނެއް ފަރާތަށް ދެވޭނެކަމުގެ އުއްމީދުގައެއް ނޫނެވެ. އަހަރެންގެ މަރު ވެފައި އޮންނަ ހަށިގަނޑަށް އެ މިނިކާވަގުތަކުގެ ވަކިތައް ނުފޯރާނެކަމުގެ ޔަޤީންކަމުގައެވެ."

އާޝާ އަޅުގަނޑުގެ ގާތުގައި އިށީންނަމުން ބުންޏެވެ. "އަޅުގަނޑު ޖެހިލުން ވާ ކަމަކަށް އޮތީ އެންމެ ކަމެކެވެ. އެއީ މަނިކުފާނުގެ ކަލާނގެ ރުހިވޮޑިނުގަންނަވާ ގޮތަކަށް މަނިކުފާނު ފަހަރެއްގައި އުޅުއްވައިފާނެކަމެވެ."

އަޅުގަނޑަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. އަޅުގަނޑު ބުނެފީމެވެ. "ކަލޭގެ ޚިޔާލުގައި އަހަރެންގެ ކަލާނގެ ރުހިވޮޑިގެން ވަނީ އަހަރެންގެ ލޯމަތީގައި އެބައިމީހުން ކަލޭ ހައްޔަރު ކުރާތަން ދެކޭށާއި، އެޔަށްފަހު ކާލީ ދޭވީގެ ކުރިމަތީގައި އަހަރެން ޤުރުބާން ކުރެވުމަށް ހެއްޔެވެ؟"

"ނޫނެކެވެ." އޭނާ ބުންޏެވެ. "މަނިކުފާނުގެ ކަލާނގެ އެދިވޮޑިގެން ވަނީ މަނިކުފާނު ދުނިޔޭގައި ލަހައްޓަވާށެވެ. އެހެން ނޫން ނަމަ، މަނިކުފާނަކަށް އެއްކަލަ ދުވަހު ކޯރުން ސަލާމަތް ވެވަޑައެއްނުގެންނެވުނީހެވެ. އަޅުގަނޑުގެ ކާފަ ބުނުއްވައިފައި ވަނީ މަނިކުފާނުގެ ކަލާނގެ މަނިކުފާނު މެދުވެރި ކުރައްވައި އެކަލާނގެ ކޮންމެވެސް ނިޔާފުޅެއް ފުރިހަމަ ކުރައްވާން އެދިވޮޑިގެންވާ ކަމުގައެވެ."

އަޅުގަނޑު ބުނެފީމެވެ. "ކަލެޔަކީ ބޮޑު ސޭކެކެވެ. އާޝާއެވެ! އެކަލާނގެ އަހަރެން މި ދުނިޔޭގައި ލެހެއްޓެވިކަމުގައި ވިޔަސް އަހަންނަށް ޓަކައި މިންވަރު ކުރެވިފައި ވާނީ ނަގަރުކޯޓުގެ ޖަލުގެ އެންމެ އަނދިރި ކޮޓަރިއެވެ. ފަހަރުގައި ކަލެޔާ ދެވަނަ ފަހަރަށް ބައްދަލު ވެވުމުގެ އުއްމީދުގައި އަހަންނަށް ޢުމުރުގެ ދެން އޮތް ބައެއް އެތާނގައި ހޭދަ ކުރާން ޤަބޫލު ވެވިދާނެއެވެ. ނަމަވެސް ކަލެޔާ މެދު އެބައިމީހުން ޢަމަލު ކުރާނެ ގޮތް ހިތަށް އަރުވައިލިޔަސް އަހަންނަށް އަހަރެންގެ އަމިއްލަ އަތުން އަމިއްލަ ކަރު އަނބުރައިލާން އުޅެވޭނެއެވެ."

އާޝާ ޖަވާބު ދިނެވެ. "އެބައިމީހުންނަކަށް އަޅުގަނޑު ދިރިހުއްޓައެއް އަޅުގަނޑުގެ ގަޔަކު އަތެއް ނުލެވޭނެއެވެ. ނަމަވެސް މަނިކުފާނު އަމިއްލަފުޅަށް އަވަހާރަ ވެވަޑައިނުގަންނަވާނެކަމަށް ވަޢުދު ވެވަޑައިގެންދެއްވާށެވެ. އަޅުގަނޑު މަރު ވިކަމުގައި ވިޔަސް ކޮންމެވެސް އެހެން ރޫފައެއްގައި އައިސް މަނިކުފާނު ހޯދާނަމެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.