ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން މި ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ކުރިއަށް ގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗު ކާމިޔާބުކަމާއެކު ނިންމާލާ، ޕްރޮގްރާމް ފުރިހަމަ ކުރި 4 ބައިވެރިންނަށް އާރްޑީސީއިން ދާއިމީ ވަޒީފާގެ ފުރުޞަތު ހަމަޖެހިއްޖެއެވެ.
އެގޮތުން، 6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމުގެ މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާހޯދުމާއި، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްޤީކުރުމުގެ ފުރުޞަތުތައް ފަހިކުރުމެވެ. މި އިންޓާންޝިޕްގެ ފުރަތަމަ ބެޗްގައި ބައިވެރިވެ ޕްރޮގްރާމު ފުރިހަމަ ކުރި އެއް ފަރާތަކަށް އާރްޑީސީއިން ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ. މިކަމަށް ޚާއްސަ އަޙައްމިޔަތުކަމެއް ދީގެން މި ވުޒާރާއިން ދަނީ އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، މި ވުޒާރާއާއިން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި، ރިސޯޓުތަކާއެކުވެސް މަސައްކަތްކުރަމުންނެވެ. ހަމައެހެންމެ، ކެއަރ ސޮސައިޓީއާއި މި ވުޒާރާއާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދެވޭ 'ޖޮބް ރެޑިނަސް' ޕްރޮގްރާމުގެ ދަށުން 2 ބެޗެއް މިހާތަނަށް ވަނީ ތަމްރީނުކުރެވިފައެވެ.
