ދަރުމެންދުރަގެ ޞިއްހީ ހާލު ދެރަވެގެން ، މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނީ މިމަހުގެ ކުރީކޮޅުގައެވެ. ދަރުމެންދުރަ މަރުވީ ، ޖުހޫގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި މިއަދު ، 24 ނޮވެމްބަރ 2025 ވީ ހޯމަދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ދަރުމެންދުރަ މަރުވިއިރު ، އޭނާގެ ޢުމުރަކީ 89 އަހަރެވެ.
ދަރުމެންދުރަ މަރުވިއިރު ، އޭނާގެ ދެއަނބިން ދުނިޔޭގައި އެބަތިއްބެވެ. އެއީ މަޝްހޫރު ހިންދީ ފިލްމްސްޓާރ ހެމާ މާލިނީއާއި ޕްރަކާޝް ކައުރުއެވެ. ހަކުދިން އެބަތިއްބެވެ. އެއީ ސަނީ ޑިއޯލާއި ، ބޮބީ ޑިއޯލް ، އީޝާ ޑިއޯލް އަދި އަހާނާ ޑެއޯލާއި ވިޖެތާ ޑިއޯލާއި އަޖީތާ ޑިއޯލެވެ.
ދަރުމެންދުރަ މަރުވުމާ ގުޅިގެން މިއަދަކީ އިންޑިއާގައި ހިތާމައިގެ ދުވަހެކެވެ. ސިޔާސީ މީހުންނާއި ދަރުމެންދުރައަށް އިޙްތިރާމްކުރާ ، އިންޑިއާގެ އެތައްމިލިޔަން ބަޔަކު މިހިތާމައިގައި ބައިވެރިވަމުން އެބަގެންދެއެވެ. އިންޑިއާގެ ރައީސް ޑްރޯޕަޑީ މުރްމު އަދި ، ބޮޑުވަޒީރު ނަރެންދުރަ މޯޑީ އާއި ހޯމް މިނިސްޓަރ އަމިތު ޝާހު ، ދަރުމެންދުރަގެ ޢާއިލާއަށް ތަޢުޒިޔާ ކިޔާފައި ވެއެވެ. އަދި ، ކުރީގެ ހިންދީ ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ، އަމީތާބު ބައްޗަން އާއި އަކްޝޭ ކުމާރު އަދި ރަޖްނީކާންތުފަދަ ތަރިންނާއި މިހާރުގެ ތަރިން ، ދަރުމެންދުރަގެ ޢާއިލާއަށް ތަޢުޒިޔާ ކިޔާފައި ވެއެވެ.
ހިންދީ ފިލްމު އިންޑަސްޓްރީއަށް ، ދަރުމެންދުރަ ވަނީ 1960 ގައި އުފެއްދި ފިލްމު ، ދިލްބީ ތޭރާ ހަމްބީ ތޭރޭ އިންނެވެ. އެއަހަރުގެ މެދުތެރޭގައި ހިންދީ ފިމްލު އިންޑަސްޓްރީގައި ވިދަމުން އަރަމުން އަންނަ ތަރިޔަކަށް ދަރުމެންދުރަ ވިއެވެ. އާއީ މިލަންކީ ބޭލާ ، އާއޭދިން ބަހާރުކޭފަދަ ފިލްމުތަކުން ، ދަރުމެންދުރަގެ ފިލްމީ ދަތުރުގެ ކާމިޔާބީތައް ފެށުނެވެ. ދަރުމެންދުރަގެ ފިލްމީ ޙަޔާތުގެ މިސްރާބު ބަދަލުކޮށްލި ފިލްމަކީ ޕޫލް އައުރު ޕައްތަރެވެ. އޭގެ ފަހުން ، ސީތާ އައުރު ގީތާ ، ޝޯލޭ ، ޔާދޯންކީ ބާރާތުފަދަ ފިލްމުތަކުން ، ދަރުމެންދުރަޔަކީ ، ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ނަން ހިނގާ އެންމެ ކުލަގަދަ އެއްތަރިޔަށް ވެގެން ދިޔައެވެ.
1970 ގެ އަހަރުތަކުގައިވެސް ، ދަރުމެންދުރަ ، އޭނާގެ މަޤާމު ދިފާޢުކުރަމުން ގެންދިޔައެވެ. އަދި 1980 ގެ އަހަރުތަކުގައިވެސް ، ދަރުމެންދުރަގެ ވިދުން އިތުރަށް ދިޔައީ ގަދަވަމުންނެވެ.
ހިންދީ ފިލްމު އިންޑަސްޓްރީގައި 65 އަހަރުވަންދެން ދެމިހުރިއިރު ، ދަރުމެންދުރަވަނީ ތިންސަތޭކަޔަށްވުރެ ގިނަފިލްމު ކުޅެފައި ވެއެވެ. ކާމިޔާބު 75 ފިލްމު ހިމެނެއެވެ. ހަ ބްލޮކްބަސްޓަރ ފިލްމާއި ހަތް ސްޕަރހިޓް ފިލްމު އޭގެ ތެރޭގައި ހިމެނެއެވެ.
ކާމިޔާބު ، ފިލްމީ ތަރިޔެއްގެ އިތުރަށް ، 14 ވަނަ ލޯކްސަބާގެ އިންތިޚާބުގައި ، ރާޖަސްތާނުގެ ބިކާނަރ ތަމްސީލުކުރާ މެންބަރެއްގެ އިންތިކާބު ކާމިޔާބު ކޮށްފައި ވެއެވެ. ބީޖޭޕީއާ ދަރުމެންދުރަ ގުޅުނީ 2004 ވަނަ އަހަރުއެވެ.
ދަރުމެންދުރަޔަކީ ، ހިންދީ ފިލްމުބަލާ ، ދިބެހި މުޖްތަމަޢުގެ ތެރޭގައިވެސް މުހިންމު އަދި މަޤްބޫލު ފިލްމީ ތަރިޔެކެވެ.
