ދަރުމެންދުރަ މަރުވެއްޖެ

ދަރުމެންދުރަގެ ޞިއްހީ ހާލު ދެރަވެގެން ، މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނީ މިމަހުގެ ކުރީކޮޅުގައެވެ. ދަރުމެންދުރަ މަރުވީ ، ޖުހޫގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި މިއަދު  ، 24 ނޮވެމްބަރ 2025 ވީ ހޯމަދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ދަރުމެންދުރަ މަރުވިއިރު ، އޭނާގެ ޢުމުރަކީ 89 އަހަރެވެ.

ދަރުމެންދުރަ މަރުވިއިރު ، އޭނާގެ ދެއަނބިން ދުނިޔޭގައި އެބަތިއްބެވެ. އެއީ މަޝްހޫރު ހިންދީ ފިލްމްސްޓާރ ހެމާ މާލިނީއާއި ޕްރަކާޝް ކައުރުއެވެ. ހަކުދިން އެބަތިއްބެވެ. އެއީ ސަނީ ޑިއޯލާއި ، ބޮބީ ޑިއޯލް ، އީޝާ ޑިއޯލް އަދި އަހާނާ ޑެއޯލާއި ވިޖެތާ ޑިއޯލާއި އަޖީތާ ޑިއޯލެވެ.

ދަރުމެންދުރަ މަރުވުމާ ގުޅިގެން މިއަދަކީ އިންޑިއާގައި ހިތާމައިގެ ދުވަހެކެވެ. ސިޔާސީ މީހުންނާއި ދަރުމެންދުރައަށް އިޙްތިރާމްކުރާ ، އިންޑިއާގެ އެތައްމިލިޔަން ބަޔަކު މިހިތާމައިގައި ބައިވެރިވަމުން އެބަގެންދެއެވެ. އިންޑިއާގެ ރައީސް  ޑްރޯޕަޑީ މުރްމު އަދި ، ބޮޑުވަޒީރު ނަރެންދުރަ މޯޑީ އާއި ހޯމް މިނިސްޓަރ އަމިތު ޝާހު ، ދަރުމެންދުރަގެ ޢާއިލާއަށް ތަޢުޒިޔާ ކިޔާފައި ވެއެވެ. އަދި ، ކުރީގެ ހިންދީ ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ، އަމީތާބު ބައްޗަން އާއި އަކްޝޭ ކުމާރު އަދި ރަޖްނީކާންތުފަދަ ތަރިންނާއި މިހާރުގެ ތަރިން ، ދަރުމެންދުރަގެ ޢާއިލާއަށް ތަޢުޒިޔާ ކިޔާފައި ވެއެވެ.

ހިންދީ ފިލްމު އިންޑަސްޓްރީއަށް ، ދަރުމެންދުރަ ވަނީ 1960 ގައި އުފެއްދި ފިލްމު ، ދިލްބީ ތޭރާ ހަމްބީ ތޭރޭ އިންނެވެ. އެއަހަރުގެ މެދުތެރޭގައި ހިންދީ ފިމްލު އިންޑަސްޓްރީގައި ވިދަމުން އަރަމުން އަންނަ ތަރިޔަކަށް ދަރުމެންދުރަ ވިއެވެ. އާއީ މިލަންކީ ބޭލާ ، އާއޭދިން ބަހާރުކޭފަދަ ފިލްމުތަކުން ، ދަރުމެންދުރަގެ ފިލްމީ ދަތުރުގެ ކާމިޔާބީތައް ފެށުނެވެ. ދަރުމެންދުރަގެ ފިލްމީ ޙަޔާތުގެ މިސްރާބު ބަދަލުކޮށްލި ފިލްމަކީ ޕޫލް އައުރު ޕައްތަރެވެ. އޭގެ ފަހުން ، ސީތާ އައުރު ގީތާ ، ޝޯލޭ ، ޔާދޯންކީ ބާރާތުފަދަ ފިލްމުތަކުން ، ދަރުމެންދުރަޔަކީ ، ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ނަން ހިނގާ އެންމެ ކުލަގަދަ އެއްތަރިޔަށް ވެގެން ދިޔައެވެ.

1970 ގެ އަހަރުތަކުގައިވެސް ، ދަރުމެންދުރަ ، އޭނާގެ މަޤާމު ދިފާޢުކުރަމުން ގެންދިޔައެވެ. އަދި 1980 ގެ އަހަރުތަކުގައިވެސް ، ދަރުމެންދުރަގެ ވިދުން އިތުރަށް ދިޔައީ ގަދަވަމުންނެވެ.

ހިންދީ ފިލްމު އިންޑަސްޓްރީގައި 65 އަހަރުވަންދެން ދެމިހުރިއިރު ، ދަރުމެންދުރަވަނީ ތިންސަތޭކަޔަށްވުރެ ގިނަފިލްމު ކުޅެފައި ވެއެވެ. ކާމިޔާބު 75 ފިލްމު ހިމެނެއެވެ. ހަ ބްލޮކްބަސްޓަރ ފިލްމާއި ހަތް ސްޕަރހިޓް ފިލްމު އޭގެ ތެރޭގައި ހިމެނެއެވެ.

ކާމިޔާބު ، ފިލްމީ ތަރިޔެއްގެ އިތުރަށް ، 14 ވަނަ ލޯކްސަބާގެ އިންތިޚާބުގައި ، ރާޖަސްތާނުގެ ބިކާނަރ ތަމްސީލުކުރާ މެންބަރެއްގެ އިންތިކާބު ކާމިޔާބު ކޮށްފައި ވެއެވެ. ބީޖޭޕީއާ ދަރުމެންދުރަ ގުޅުނީ 2004 ވަނަ އަހަރުއެވެ.

ދަރުމެންދުރަޔަކީ ، ހިންދީ ފިލްމުބަލާ ، ދިބެހި މުޖްތަމަޢުގެ ތެރޭގައިވެސް މުހިންމު އަދި މަޤްބޫލު ފިލްމީ ތަރިޔެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.