( 19 ނޮވެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
މުރުތަސިމް ގެއިން ނުކުމެގެން ދަނިކޮށް ޚާނަމްއާ ދިމާވެ ، ރޭގަނޑުގެ އެގަޑީގައި އެދަނީ ކޮންތާކަށްތޯ ސުއާލު ކުރިއެވެ. އޭނާ އެދަނީ މީރަބް ހޯދަންކަމަށް މުރުތަސިމް ބުންޏެވެ. މީރަބް ހޯދަން ، މުރުތަސިމް މަސައްކަތް ކުރުމަކީ ޚާނަމް އެދޭގޮތެއްނޫނެވެ. އެއީ އޭނާގެ އަނބިމީހާކަމަށާއި މީރަބާ އޭނާއަށް ވަކިނުވެވޭނެކަމަށް މުރުތަސިމް ބުންޏެވެ. މުރުތަސިމާއި މީރަބާ ދެމެދު އުފެދިފައި އޮތް މައްސަލަޔަކީ ކޮބައިކަމެއް އަދި އެކަމުގެ ސަބަބަކީ ކޮބައިކަމެއް ޚާނަމަކަށް އަދިވެސް ނުވިސްނެއެވެ. މީހަކު ހޯދާކަމަށް ވަންޏާ ރޮހޭލް ހޯދުމަށް މުރުތަސިމަށް ޚާނަމް އެންގިއެވެ. މުރުތަސިމަށް މީރަބް ފެންނާނީ ރޮހޭލްގާތުގައި ހުއްޓައެވެ.
" އަހަރެން ހީކުރީ ، އެއީ އަންވަރުގެ ދަރިއެއްކަމަށް ވާތީ ، ހަމައެކަނި ގޮތް ދޫނުކުރާނީ ކަމަށެވެ. އެކަމަކު ، ލަދެއް ޙަޔާތެއްނެތި ހިލޭ ފިރިހެނުންނާއެކީ ގުޅުންތަކެއް ހިންގައިފާނެކަމަކަށް ހިއެއް ނުކުރަމެވެ. އެންމެ ބޮޑަށް އަހަރެން ޙައިރާންވަނީ ، އަހަރެންގެ ޖަވާހިރެއްފަދަ ފިރިހެންދަރިފުޅު ދޫކޮށްލާފައި ދިޔައިމައެވެ. މުރުތަސިމާ ކައިވެނިކުރަން މީރަބް އިންކާރުކުރީ ކީއްވެގެންކަން މުރުތަސިމަށް މިހާރު އެނގޭނެއެވެ. މިހާރުވެސް ، މީރަބް އެގެންދަނީ ރޮހޭލާ އޮތްގުޅުން ދަމަހައްޓަމުންނެވެ. އެހުރިހާ ޙަޤީޤަތެއް އެނގިހުރެ ، މީރަބްގެ ފުރާނަދުއްވައިނުލާ ތިހުންނަނީ ކީއްވެގެން ހެއްޔެވެ ؟ " ޚާނަމް ބުންޏެވެ.
އަބުރާއި ޤަދަރުގެ ބަދަލުގައި ، އެއްވެސް އިންސާނެއްގެ ފުރާނަ ދުއްވާލައިގެން ނުވާނެކަމުގައި މުރުތަސިމް އޭނާގެ މަންމަޔަށް ވިސްނައިދިނެވެ. މީރަބް ހޯދައިގެން އަންނާނަމޭބުނެ ، މުރުތަސިމް ނުކުތެވެ. ވީ އެންމެ އަވަހަކަށް ، މީރަބް ހޯދައިގެން ގެނެސް ، މީރަބް ވަރިކޮށްފައި ، އެ އަންހެންކުއްޖާއާ އެމީހުންނާއެކު އޮތް ގުޅުން ނިންމައިލާށޭ ބުނެ ، މުރުތަސިމާ ދިމާލަށް ޚާނަމް ހަޅޭއްލަވައިގަތެވެ.
މުރުތަސިމް ދިޔައީ އޭނާގެ ރަޙުމަތްތެރި ، ސިފައިންގެ އިސް އޮފިސަރާ ބައްދަލު ކުރާށެވެ. އޭނާ ބުނިގޮތުގައި ، ކަރާޗީގައި މީރަބް ހޯދަން ފާސްނުކުރާ އެއްވެސް ތަނެއް ނުއޮންނާނެއެވެ. އެކަމަކު ..........
އެކަމަކު ، މީރަބެއް ނުހޯދުނެވެ. ސިފައިންގެ އޮފިސަރުގެ ޖުމްލަ ، މުރުތަސިމް ފުރިހަމަ ކޮށްދިނެވެ.
" މީރަބް ނުފެނުމުގައި އޮތީ ދެގޮތެކެވެ. އެއްގޮތަކީ ، ކަރާޗީ ދޫކޮށް ސަހަރުން ބޭރަށް މީރަބް ދިއުމެވެ. އަނެއްގޮތަކީ ، ރައްޓެއްސެއްގެ ގޭގައި ފިލައިގެން ، މީރަބް ހުރުމެވެ. " ސިފައިންގެ އޮފިސަރު ބުންޏެވެ.
ކަރާޗީން ބޭރަށް މީރަބް ނުދާކަމަށް މުރުތަސިމް ބުންޏެވެ. އަދި އެހާ ވަގުތެއް މީރަބަކަށް ނުލިބެއެވެ. އެހެންކަމަށް ވަންޏާ ، މީރަބް ހުންނާނީ ، ކޮންމެވެސް ރަޙުމަތްތެރިއެއްގެ ގާތުގައެވެ.
ފައިސާ ޚަރަދުކުރަން ބޭނުންވާ ވަރަކަށް އޭނާއެހުރީ ފައިސާދޭންކަމަށް މުރުތަސިމް ބުންޏެވެ. މީހަކާ ވާހަކަ ދައްކަންޖެހޭކަމަށް ވަންޏާ ވާހަކަ ދައްކައި ، ގްރޫޕަކަށް ލާރިދޭންޖެހޭ ކަމަށް ވަންޏާ އެކަންވެސް ކޮށްގެން މީރަބް ހޯދައިދިނުމަށް މުރުތަސިމް އެދުނެވެ. އެނޫން އިތުރުގޮތެއް ނެތެވެ.
މީރަބަށް އޮތީ ކުރުގެޅިގެން އޮއްވައި ނިދިފައެވެ. ނުބައި ހުވަފެނެއް ފެނިގެން ، ނޫނެކޭ ގޮވަމުން މީރަބަށް ލޯ ހުޅުވައި ލެވުނެވެ. އޭނާ އެއޮތީ ކޮންތާކުތޯ މީރަބް ސުއާލު ކުރިއެވެ. ކުރިމަތީގައި ، ތަރުކާރީކޮށަން ، އަންހެނަކު އިށީނދެލައިގެން އިނެވެ. މީރަބް އެއޮތީ އެމީހުންގެ ގޭގައި ސަލާމަތުންކަމަށް އެއަންހެނާ ބުންޏެވެ. އަދި ، މީރަބަށް ދިމާވި ކަންކަން ކިޔައިދިނުމަށް އޭނާ މީރަބްގެ ކިބައިން އެދުނެވެ. އެމީހުންނަށް މީރަބަށް އެހީތެރި ވެވޭނީ މީރަބަށް ދިމާވިގޮތް އެނގިގެންކަން އެ އަންހެނާ ހާމަކުރިއެވެ.
އެގޭގައި ހަމަޖެހިލައިގެން ހުރުމަށް ، އެމީހުން ފުރުޞަތުދިނުން އެއީ މީރަބަށް ފުދޭ މިންވަރެކެވެ. އޭނާގެ ފަރާތުން އެމީހުންނަށް އެއްވެސް ތަކުލީފެއް ލިބޭކަށް މީރަބެއް ނޭދެއެވެ. އެހެނަސް ، މީރަބަކީ ކާކުކަމާއި ކޮން ޢާއިލާއަކުން އައި މީހެއްކަން އަދި މީރަބަށް ދިމާވެގެން އުޅެނީ ކޮން މައްސަލައެއްކަން އެނގެން އެމީހުން ބޭނުން ވެއެވެ. އެމީހުންނަށް މީރަބަށް އެހީތެރިވެވޭނީ އޭރުންނެވެ.
އޭނާގެ އެއްވެސްމީހަކު ނެތްކަމަށް ، އެއަންހެނާގެ ވާހަކަ ނުނިމެނިސް ، މީރަބް ބުންޏެވެ. އޭނާއަކީ ، އެކަނިހުރި މީހެއްކަމަށް ބެލުމަށާއި ، އޭނާގެ އެއްވެސް މީހަކު ދުނިޔޭގައި ނެތްކަމަށް ބެލުމަށް މީރަބް އެދުނެވެ. އެއްވެސް މައްސަލަޔަކީ ، ހިތްވަރުކޮށްފައި އެކަމަކާ ކުރިމަތިލައިގެން ހިއްމަތާއެކު މަސައްކަތް ކޮށްގެންނޫނީ ޙައްލު ކުރެވޭނެ ކަމެއްނޫންކަން ، އެއަންހެނާ މީރަބަށް ވިސްނައިދެމުން ގެންދިޔައެވެ. އެވަގުތު ، އެ އަންހެނާގެ ފިރިމީހާ އެތަނަށް އައިސް ، ވާހަކައެއް ދައްކައިލަން ބޭނުންވާތީ ، ބޭރަށް އައިސް ދިނުމަށް އެދުނެވެ.
އެއްވެސް މީހަކަށް އަންގައިނުލާ ، މީރަބް ގެއިން ނުކުމެގެން ދިޔައީ ، މުރުތަސިމް ކޮންކަމެއް ކޮށްގެން ، ކީކޭ ބުނެގެންތޯ އަންވަރު ސުއާލު ކުރިއެވެ. މީރަބް ނުފެންނަ ގޮތަކަށް އޭނާ މަރުވެދާކަށް ބޭނުމެއް ނޫނެވެ. ކޮންމެ ގޮތަކަށް ކަން ހިނގާފައި އޮތަސް ، މީރަބަކީ ، އޭނާގެ ހަމައެކަނި ހުރި ދަރިފުޅެވެ. މީރަބް ދިޔައީ ރޮހޭލާއެކީގައިކަމަށް މުރުތަސިމް ބުންޏެވެ. އެވަގުތު ، ޙަޔާއަށްވެސް އެތަނަށް އާދެވުނެވެ. އެއީ އަދި ޙަޔާއަށް ނޭނގޭ ނަމެކެވެ. ރޮހޭލްއޭ ކިޔާމީހަކާ މީރަބާ އެއްވެސް ކަހަލަ ގުޅުމެއް އޮންނަކަން ، މިހާތަނަށްވެސް ޙަޔާއަކަށް އެނގިފައެއް ނުވެއެވެ. އެކަން ކުރިން އެނގުނުނަމަ ، އެއީވެސް ، ކަންތައްގަނޑެއް ހިންގާލައި ، މީރަބަށް ޖެއްސުންކުރަން ލިބޭނެ ފުރުޞަތެކެވެ. ރޮހޭލްގެ ނަން ކުރިން ޙަޔާއަށް އަޑުއިވުނުނަމަ ކޮންފަދަ ހެއްޔެވެ ؟
މުރުރަސިމް ބުނިގޮތުގައި ، މީރަބް ގެއިން ނުކުމެގެން ދިޔަމަގުމަތީ މީސްމީހުންނާ މުޢާމަލާތު ކުރެވިފައި ވެއެވެ. އެމީހުންނަކަށް ، ކަރާޗީން ބޭރަކަށް ނުދެވޭނެއެވެ. ސިފައިންނާއި ފުލުހުން އަދި މުރުތަސިމްގެ މީހުން ، އެމީހުންނަށް ފާރަލަމުން އެބަ ގެންދެއެވެ. މީރަބްމެންނަށް ކަރާޗީން ބޭރަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. މީރަބް ހޯދައިގެން ގެންނާނެކަމަށް މުރުތަސިމް ، އަންވަރަށް ވަޢުދުވިއެވެ.
މީރަބް އެދިޔަ ގޭގެމީހުން ، މީރަބާ ބެހޭގޮތުން ވާހަކަ ދައްކަމުން ގެންދިޔައެވެ. ފާރޫޤާއި މީރަބާ ހައިދަރުއާބާދުން ، ބަހުން ދިމާވީއްސުރެ އޭގެ ފަހުން ހިނގިހުރިހާ ކަމެއް އެގޭގައި ދިރިއުޅޭ ދެމަފިރިންނަށް ފާރޫޤު ކިޔައިދިނެވެ. މީރަބްގެ ޢާއިލާގެ މީހުން ، މީރަބް ހޯދަމުންގެންދާ ކަމަށް ފާރޫޤު ބުންޏެވެ. ރަނގަޅަށްވިއްޔާ އެކުއްޖާގެ މީހުން އެވަނީ އެފަކީރަށް ވަރަށް ހިތްދަތި ޙާލެއް ޖައްސާފައިކަމަށް ރުޤިއްޔާ ބުންޏެވެ. އެހެންނޫންނަމަ ، އޭނާގެ އެއްވެސް މީހަކު މި ދުނިޔޭގައި ނެތްކަމަކަށް ނުބުނާނެއެވެ. އެމީހުން ވާހަކައިގާ ތިއްބާ މީރަބަށް އެތަނަށް އާދެވުމާއެކީ ، އެމީހުންގެ ވާހަކަ ހުއްޓައިލިއެވެ.
" އަހަރެން ދާރުލްއަމާނަށް ދާން ބޭނުމެވެ. " މީރަބް ބުންޏެވެ.
ދާރުލްއަމާނަކީ ، އަޅައިލާނެ މީހުންނެތް ނިކަމެތިން ބަލަހައްޓާ ޔަތީމުޚާނާ އެކެވެ. ދާރުލްއަމާނަށް ދާން މީރަބް ބޭނުންވަނީ ކީއްވެތޯ ރުޤިއްޔާ ސުއާލު ކުރިއެވެ. އެމީހުން ވާހަކަ ދައްކަމުން އެގެންދަނީ ، މީރަބަށް ދިމާވެގެންއުޅޭ މައްސަލަޔަށް ޙައްލެއް ހޯދައިދިނުމަށްކަމަށް ފިރިހެންމީހާ ބުންޏެވެ. އެގޭގައި މީރަބް ހުރެގެން ، އެމީހުންނަށް އުނދަގޫވެގެންނެއް ނޫނެވެ. އޭނާގެ މައްސަލަޔަށް ދާއިމީ ޙައްލެއް އޮތްކަމަކަށް މީރަބަކަށް ނުފެނެއެވެ. އެއީ ކީއްވެތޯ ރުޤިއްޔާ ސުއާލު ކުރިއެވެ.
" ހިތުގައި އުފެދޭ ސުއާލަށް ޖަވާބު ނުލިބޭ ކަހަލަ ކަންކަން ، އިންސާނާއަށް ބައެއްފަހަރަށް ކުރިމަތިވާނެއެވެ. އަހަރެންނާ ކުރިމަތިވެފައިވާ ކަންކަމުން އުފެދޭ ސުއާލަށް ދޭނެ ޖަވާބެއް މިވަގުތަކު ނެތެވެ. " މީރަބް ބުންޏެވެ.
މީރަބް ބޭނުންނަމަ ، ބޭނުންދުވަހަކު އެގޭގައި ހުރެވިދާނެކަމަށް ފިރިހެންމީހާ ބުންޏެވެ. ކޮންމެ ކަމެއްގައިވެސް ގޮތް ނިންމާނީ މީރަބެވެ. އެމީހުން އެތިބީ ، މީރަބަށް އެހީތެރިވެދިނުމަކީ އެދެމަފިރިންނަށްލިބޭ އުފަލެއްކަމުގައި ބަލައިގެންނެވެ. އެމީހުން ބަލަނީ މީރަބަކީ ، އެމީހުންގެ ދަރިއެއްކަމުގައެވެ. މީރަބް ހިތަށް ހަމަޖެހުން ލިބުނީމަ ، ހިތްއެދޭނަމަ ، މީރަބަށް ދިމާވި ކަންކަމުގެ ވާހަކަ އެމީހުންނަށް ކިޔައި ދެވިދާނެއެވެ. އެއިން ކަމަކަށް އެމީހުން އެވަގުތު ، ސުއާލުކޮށް ، މަޖްބޫރު ނުކުރުވާނެކަމަށް ، ފިރިހެންމީހާ ބުންޏެވެ.
މީރަބް ކޮޓަރިޔަށްވަދެ ، ކުޑަދޮރުން ބޭރުބަލަހައްޓައިގެން ހުއްޓެވެ. މުރުތަސިމާއެކީ ހޭދަކުރި އުނދަގޫ ދުވަސްތަކުގެ ތެރެޔަށް މީރަބްގެ ޚިޔާލު ދޫވެގެން ދިޔައެވެ. ޙަޔާގެ އަތުގައި މުރުތަސިމް ހިފަހައްޓާލައިގެން ހުއްޓާ ފެނުމުން ، މީރަބަށް ކުރި އިޙްސާސް އަދިވެސް އޭނާގެ ހިތުން ފިލައިގެންނެއް ނުދެއެވެ. މުރުތަސިމްގެ ގައިގައި ފަހަތުން ބައްދާލައިގެން ޙަޔާހުރި މަންޒަރު އެއީ އޭނާއަށް ފެނުނު އެންމެ ފަހު މަންޒަރެވެ. ކުރީގެ އިޙްސާސްތަކުން ޒަޚަމްވެފައި އޮތް ހިތަށް ، އެންމެފަހުން އެފެނުނު މަންޒަރުން ލިބިގެންދާނެ ރިހުން ، އެއްވެސްމީހަކަށް އިޙްސާސެއް ނުކުރެވޭނެއެވެ. ލޯތްބަކީ ތިންވަނަ މީހަކުއައިސް ދެމީހެއްގެ ދެމެދަށް ވަންނަން ފުރުޞަތު ދެވޭވަރަށްވުރެ ނާޒުކް އިޙްސާސެކެވެ. އަންހެންކުއްޖެއްގެ ހިތް އެކަމަށް އެއްބަސް ކުރުވުމަކީ މުސްތަޙީލުކަމެއްކަމުގައި މީރަބްގެ ޚިޔާލަށް ފެނުނެވެ.
މީރަބާ ބެހޭ އެއްވެސް ވާހަކައެއް ، އޭނާއެހުރި ގޭގެމީހުންގާތު އަދިވެސް ނުބުނެއެވެ. އެކަމާ ރުޤިއްޔާ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. އެމީހުންނަށް މީރަބަށް އިތުބާރު ކުރެވެންދެން ކެތްތެރިކަމާއެކީ މަޑުކުރުމަށް ، ރުޤިއްޔާގާތު އޭނާގެ ފިރިމީހާ ބުންޏެވެ. މީރަބްގެ ކަމަކީ ، އިރުއިރުކޮޅުން ރުއިމެވެ. އޭނާގެ ލޯތްބަށްއެދި ފެންބޮވައިގެންފައިހުރި މުރުތަސިމާ ދިމާލަށް އޭނާއަށް ކިޔިފައިވާ އެއްޗިއްސާއި ، މުރުތަސިމަށް ޖެއްސުން ކުރުމަށް ކުރެވިފައިވާ ކަންކަމުގެ މަތިން މީރަބް ހަނދާން ކުރަމުން ގެންދިޔައެވެ. އެ ހަނދާންތައް މީރަބްގެ ހިތަށް އުނދަގޫކުރަން ފަށާއިރަށް އޭނާއަށް ރޮވެއެވެ.
މުރުތަސިމްމެންގޭގައި ، މީރަބަށް ލަޢުނަތްދީ ، ޚާނަމްގެ ހިތަށްއެރި ކޮންމެ އެއްޗެއް މީރަބާދިމާލަށް ގޮވަމުން ގެންދެއެވެ. ޚާނަމްގެ ހިތަށް އުނދަގޫވެ ، މީރަބާމެދު ނަފްރަތު އުފެދޭނެ ހުރިހާ މަގެއް ޙަޔާގެންދިޔައީ ކޮށަމުން ، އޭނާގެ މަގަށް މަގުފަހި ކުރަމުންނެވެ.
އެމީހެއްގެމަތިން މީރަބް ހަނދާންކުރަމުން ، ހިތަށް އުނދަގޫކުރަމުން އެގެންދާ މީހަކީ ކާކުތޯ ރުޤިއްޔާ ސުއާލު ކުރިއެވެ. އެއީ އެއްވެސްމީހެއް ނޫންކަމަށް މީރަބް ބުނިނަމަވެސް ރުޤިއްޔާ އެކަން ޤަބޫލެއް ނުކުރިއެވެ.
" މީހަކު ހުއްޓެވެ. އަހަރެންނަށް އަޅާލައި އޯގާތެރިކަމާއެކީ އަހަރެންނަށް ، އަބަދުވެސް ލޯބި ދިނެވެ. އަހަރެންނަށް ކުރިމަތިވަމުން އައި ކޮންމެ ގެއްލުމަކުން ސަލާމަތް ކޮށްދިނެވެ. ލޯބީގެ ފޮނި އިޙްސާސްތަކުން އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދޭން އަބަދުވެސް މަސައްކަތް ކުރިއެވެ. އެކަމަކު ، އަހަރެންގެ ދިރިއުޅުމުގައި އެ ލޯތްބާއި އެމީހާއެއްވެސް ނެތެވެ. " މީރަބް މަޑުމަޑުން ކިޔައިދިނެވެ.
ދިރިއުޅުމަކީ ، އުނދަގުލާއި ތަކްލީފުން ފުރިގެންވާ ތަނަކަށްވިޔަސް ، ހަމައެއާއެކީ ، އެއީ ހަމަޖެހުމާއި އަރާމުގެ ދާނެއްކަން ، މީރަބަށް ، ރުޤިއްޔާ ވިސްނައިދެމުން ގެންދިޔައެވެ. ހުރިހާ އުފަލަކާއި އަރާމެއް ، އެއްވެސްމީހެއްގެ ދިރިއުޅުމުގައި އަބަދަކު ނުއޮންނާނެއެވެ. ހަމަ އެގޮތަށް ، އުނދަގުލާއި ތަކްލީފާއި ހިތާމަވެސް ، އިންސާނާގެ ދިރިއުޅުމުގައި އަބަދަކު ނުއޮންނާނެއެވެ. ދުނިޔެއަކީ ، އެއްވަތުމަތިން އަނެއްވަތުދަށުން ހިނގަމުން އަންނަ ތަނެއްކަމަށް މީހުން ބުނެއުޅެނީ އެހެންވެގެންނެވެ.
ރުޤިއްޔާގެ ދެމަފިރިންވެސް މިއަދު އެތިބީ އެކަނިވެރި ވެފައެވެ. އެއްވެސް ދަރިއެއްގެ ފަރާތުން ހިތްހަމަޖެހުމެއް ނުލިބެއެވެ. ޚާލިދު އެހުންނަނީ ، އެކަމާ ފިކުރު ބޮޑުވެފައެވެ.
" ފިރިމީހާ އަޅާލައި ލޯބިދޭކަމަށް ވަންޏާ ، ދެމީހުންނަށް ކުރިމަތިވާ އުނދަގޫ ޙާލަތުގައި އެކަކު އަނެކަކަށް އެހީތެރިވާން ވާނެއެވެ. ލޮލަށް ފެންނަ ކޮންމެ މަންޒަރަކުން ، ތިމާދެކެ ލޯބިވާ ފިރިޔަކަށް އޮންނަ އިތުބާރަށް އަސަރު ކޮށްގެން ނުވާނެއެވެ. ކުރިމަތިވެފައިވާ ޙާލަތަށް ކެތްކޮށް ، ރުޤިއްޔާވެސް އެހުރީ ޚާލިދާއެކުގައެވެ. އޭނާގެ އަނތްބެއްގެ ގޮތުގައިހުރެ ، މަރުވެދާށެވެ.
މީރަބަށް ކުއްލިޔަކަށް ތެދުވެވުނެވެ. މީރަބް އެހުރީ މީހަކާ އިނދެގެންތޯއާއި އޭނާގެ ފިރިޔަކު އެބަހުރިތޯ ރުޤިއްޔާ ސުއާލު ކުރިއެވެ. އެހެންނަމަވެސް ، ކުރިންވެސް މީރަބް ބުނެފައި އޮތްގޮތަށް ، އޭނާގެ އެއްވެސް މީހަކު ދުނިޔޭގައި ނެތްކަމަށް ބުނެ އެބަސް ތަކުރާރު ކުރިއެވެ. އެހެނަސް ، ކޮންމެވެސް މީހަކު ހުންނާނެ ނޫންހޭ އަހައި ރުޤިއްޔާ ސުއާލުކުރިއެވެ. މީރަބާ އެ ކުރެވެމުންދާ ސުއާލަކީ ، އޭނާއަށް ޖަވާބުދެވެން އޮތް ސުއާލެއް ނޫނެވެ. އެގޭގައި މީރަބް ހުރެގެން ރުޤިއްޔާމެންނަށް އުނދަގުލަކަށް ވަންޏާ ، އޭނާ އެގެއިން ނުކުމެގެން ހިނގައިދާނެކަމަށް މީރަބް ބުންޏެވެ.
މީރަބް އެހެން ބުނުމާއެކީ ، ރުޤިއްޔާއަށް ރޮވުނެވެ. އެމީހުން މީރަބް ބަލައިގެންފައި އެވަނީ އެމީހުންގެ ދަރިއެއްގެ ގޮތުގައި ކަމަށް ރުޤިއްޔާ ބުންޏެވެ. ތިޔައީ ޔަތީމު ކުއްޖެއްނޫނެވެ. އޭނާއާއި ޚާލިދަކީ ، މީރަބްގެ މަންމައާއި ބައްޕައެވެ. މީރަބް ހުންނާނީ އެމީހުންގެ ގާތުގައެވެ. މީރަބް ، އެއްވެސްތަނަކަށް ގޮސްގެން ނުވާނެކަމަށް ރުޤިއްޔާ ބުންޏެވެ.
އެގޭގައި ރުޤިއްޔާމެންނާއެކީ މީރަބް އުޅެމުންގެންދާއިރު ، ރުޤިއްޔާއަށް ފުރުޞަތެއް ލިބިއްޖިއްޔާ މީރަބަށް ހިތްވަރުދީ ، ނަޞޭޙަތްދެމުން ގެންދެއެވެ. ހަމަޖެހިލައިގެން ދިރިއުޅެން ބޭނުމިއްޔާ މާޒީ ހަނދާން ނައްތައިލަން ޖެހޭކަން ހަނދާން ކޮށްދެއެވެ. މީރަބަކީ އޭނާގެ ދަރިއެއްގެ ގޮތުގައި ބަލަމުން ގެންދާއިރު ، މީރަބް އަބަދު ރޮއި ހިތާމަކުރާތަން ފެނުމަކީ ރުޤިއްޔާއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވެއެވެ. އިރުއިރުކޮޅުން މީރަބާ ސުއާލު ކުރެވެނީވެސް އެހެން ވެގެންނެވެ.
" ދަރިފުޅާއެވެ ! މީހުން ބުނެ އުޅެއެވެ. އިންސާނަކު އެހެންމީހެއްގެ މަތިން ހަނދާން ކުރާއިރު ، އެ ހަނދާންކުރާ މީހާވެސް އަނެކާގެ މަތިން ، ހަމަ އެބީދައިން ހަނދާން ކުރާނެއެވެ. " ރުޤިއްޔާ ބުންޏެވެ.
ހުރިހާކަމެއްގައި މީރަބް އެކަނި އުޅެ އެކަމެއް ޙާޞިލްކުރުމަކީ ، ފަޚުރެއްކަމަށް ދެކޭކަން ، މީރަބްގެ ހަވަނަ ޙިއްޞު އޭނާއަށް ހަނދާން ކޮށްދިނެވެ. މީރަބް މިހާރު އެހުރީ ، މުރުތަސިމްގެ ހިޔަނިން ބޭރުގައެވެ. މީރަބަށް ކުރިން ދިމާވާ ކަންކަމުގައި މުރުތަސިމް ހުންނަނީ އެހީވުމަށް ތައްޔާރުގައެވެ. އެކަމަކު ، މިހާރުގެ ޙާލަތަށް ބަލައިލަ ބަލާށެވެ ! އެއްވެސް މީހަކު ނެތެވެ. އެކަނި އުޅުއުޅެ ވަރުބަލިވިޔަސް ، މީރަބް ބޭނުންވާ މަންޒިލަކަށް ވާސިލެއް ނުވެވޭނެއެވެ. މީރަބްގެ އަމިއްލަ ނަފްސަށް ތިދޭ އަނިޔާ ނިންމައިލާށެވެ ! އެއީ މީރަބަށް ޙައްޤު މިންވަރެއް ނޫނެވެ. ތިޔަ ގޮތްދޫނުކުރުން ދޫކޮށްލާށެވެ ! މީރަބްގެ ހަވަނަ ޙިއްޞުވެސް ، ރުޤިއްޔާއެކޭ އެއްގޮތަށް އޭނާއަށް ވިސްނައިދެމުން ގެންދިޔައެވެ. މީރަބްގެ ވިސްނުންވެސް މަޑުމަޑުން ބަދަލުވަމުން ދިޔައެވެ. ގޭތެރެޔަށް ނުކުމެ ، ގޭގައި ކުރަން ހުންނަ ކަންކަމުގައި ރުޤިއްޔާއަށް އެހީތެރިވަމުން ގެންދެއެވެ.
" ކޮންމެ ކަމެއްގައި މުރުތަސިމާ ބަހުސްކޮށް ޒުވާބު ކުރުމަކީ ކިހާ މަޖާކަމެއް ހެއްޔެވެ ؟ މިހާރަކު އެ ސަމާސާއެއް ނެތެވެ. އަދި މުރުތަސިމެއްވެސް ނެތެވެ. ހިތާއި ސިކުނޑީގެ މި ހަނގުރާމައިގާ ، ހުރިހާ ޒުވާބެއް ކުރަން މިޖެހެނީ އަހަރެންނާއި އަހަރެންގެ އަމިއްލަ ނަފްސުގެ މެދުގައެވެ. ހިތް އޭގެ ކާމިޔާބީ ޙާޞިލް ކުރަމުންދާއިރު ، އަހަރެން ބަލިވަނީ ހެއްޔެވެ ؟
ޚާލިދާއި ރުޤިއްޔާގާތުގައި އެގޭގައި އެހުންނަނީ މީރަބް އެކަންޏެވެ. މީރަބަކީ ، އެމީހުންގެ ދަރިއެއްގެ ގޮތުގައި ބެލުމަށްފަހު ، އެދެމީހުންވެސް ، މީރަބާމެދު ފިކުރު ކުރެއެވެ. އެއީ ، އެކަނިހުރި ކުއްޖެކެވެ. އެދެމީހުން ނެތުމަށްފަހު ، މީރަބް އެކަނިވާނެއެވެ. އަޅައިލާނެ މީހަކު ނުހުންނާނެއެވެ. އަންހެންދަރިންނަށް ދުނިޔެ ހޯދައިދީ ، އެދުނިޔެއާއެކީ ، އެކުގައި ހިނގާނެ މީހަކު ހޯދައިދިނުމަކީ ، މައިންބަފައިންގެ ވާޖިބެކެވެ. އެއީ ، ޚާލިދާއި ރުޤިއްޔާގެ އެއްދުވަހެއް ދެދުވަހެއްގެ ވާހަކައެއް ނޫނެވެ. އެމީހުންގެ ވާހަކަތަކުގެ އަޑު ، މީރަބަށް އިވެއެވެ. އޭރު އޮތީ ، ފާރޫޤާއެކީވެސް މީރަބްގެ ރަޙުމަތްތެރިކަމާއި ގާތްކަން އުފެދިފައެވެ. މީރަބް ބޭނުންވާ ބައެއްކަންކަން ، ފާރޫޤުގާތު ބުނެވޭވަރަށް ދެމީހުންގެ ގާތްކަން އުފެދިފައި އޮތެވެ. އެއްދުވަހަކު ، ފާރޫޤަށް ފޯނު ކޮށްފައި އޭނާ އެބުނާ ކަމެއް ކޮށްލަދީފާނަންތޯ އަހައި ، މީރަބް ވާހަކަތަކެއް ދެއްކިއެވެ.
ފާރޫޤު ދިޔައީ ، ސަބާގެ ގެޔަށެވެ. އެގެޔަށް ވަންނަން ހިނގައިގަތްތަނާ ، ކުރިމަތީ އޮތް ކާރެއްގެ ބޮކިތައް ދިއްލުނެވެ. އެ ކާރުން ފޭބީ ، ބަޚްތިޔާރެވެ. ފާރޫޤު އެދަނީ ކޮންތާކަށްތޯއާއި އޭނާގެ ނަމަކީ ކޮބައިތޯ ބަޚްތިޔާރު ސުއާލު ކުރިއެވެ. ނަމަކީ ﷲ ގެ މިލްކެއްކަމަށާއި ނަމުގައި ކުރާނީ ކީއްތޯއާއި އޭނާ އެދަނީ އެގެޔަށް ވަންނަން ކަމުގައި ބުނެ ބަޚްތިޔާރަށް ، ފާރޫޤު ޖަވާބު ދިނެވެ. ނަން ނުބުނަނިސް ، އެގެޔަށް ވަންނަން އޭނާއަށް ފުރުޞަތު ނުދޭނެކަމުގައި ބަޚްތިޔާރު ބުންޏެވެ. އެވަގުތު ، މުރުތަސިމްވެސް އެތަނަށް އައިސް ކާރުން ފައިބައިފިއެވެ. އަދި ސުއާލަކަށްފަހު ސުއާލެއް ކުރަމުން ގޮސް ، އެންމެފަހުން އޭނާ އެގެޔަށް އައީ ކޮންއިރަކުތޯ ސުއާލު ކުރިއެވެ. އޭނާ އެގެޔަށް އެންމެ ފަހުން އައީ މީރަބް ގޮވައިގެންނެވެ. އޭރު ، އެގޭގައި އެއްވެސް މީހަކު ނޫޅެއެވެ. އެގޭ އެންމެންވީ ލަންޑަނަށް ގޮހެވެ. ވަރަށް ވިސްނައިގެންހުރެ ، މީރަބްގެ ނަންނުގަނެ ، ފާރޫޤު އެގެޔަށް އައީ މީގެ މަހެއްހާ ދުވަސް ކުރިންކަމަށް ފާރޫޤު ބުންޏެވެ.
އެގޭގެ އެންމެން ލަންޑަނަށް ދިޔަވާހަކައާއި ، އެގޭގައި އެއްވެސް މީހަކު އެ ވަގުތު ނޫޅޭކަމަށް ބަޚްތިޔާރު ބުންޏެވެ. އޭނާ އެތަނުން ދިއުމަށް ބަޚްތިޔާރު ބުނުމާއެކީ ، ފާރޫޤާ ގާތަށް މުރުތަސިމް ޖެހިލިއެވެ. އެމީހުން މީހަކު ހޯދަނީތޯ ފާރޫޤަށް ސުއާލު ކުރެވުނެވެ. ނޫނެކޭ ބުނެ ، ދެވަނަ ފަހަރަށް އެގެޔަށް އަންނާނަމޭ ހިތަށް ނާރުވާށޭ ބުނެ ، ފާރޫޤަށް ، މުރުތަސިމް ޖަވާބު ދިނެވެ. ދެން ، ނާންނާނަމޭ ބުނެ ، ކުރޮޅިޔަށް އަރައި ފާރޫޤު އަވަސްއަވަހަށް އެތަނުން ނައްޓައިލިއެވެ. ( ނުނިނޭ )
