14 November 2025 (Friday)

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ހެލްތު އެކްސްޕޯ 2025 ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ހެލްތު އެކްސްޕޯ 2025 ހުޅުއްވައިދެއްވައިފިއެވެ.

އެކަމަނާ، ހެލްތު އެކްސްޕޯ 2025 ހުޅުވައިދެއްވީ އެކަމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮތް ޚާއްޞަ ރަސްމިއްޔާތުގައެވެ.

ހެލްތު އެކްސްޕޯ 2025 އަކީ، ދުޅަހެޔޮ ޖީލަކާއި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގައި ހިމެނިގެން، ޞިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް ހެލްތުން އިންތިޒާމު ކުރައްވައިގެން ކުރިއަށްގެންދަވާ ހަރަކާތެކެވެ.

ހެލްތު އެކްސްޕޯ 2025 ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހެލްތު އެކްސްޕޯ 2025 ގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ސްޓޯލްތަކުން ފޯރުކޮށްދެއްވާ މަޢުލޫމާތު އޮޅުންފިއްލުވާފައެވެ.

ޞިއްޙީ ކަންކަމާ ގުޅޭ ޞައްޙަ މަޢުލޫމާތާއި، އެ ލިބޭ މަޢުލޫމާތުތަކަށް ފަހު ދެން ޢަމަލުތައް ބައްޓަންކުރަންވީ ގޮތާއި، ވަކީން ޚާއްޞަކޮށް ބަލިޖެހުމުގެ ކުރީން ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ހިމެނޭހެން، ވަށާޖެހޭ ގޮތެއްގައި ފުރިހަމަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް، މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލުތައް ހިމެނޭހެން ދާއިރާގެ ކަމާ ގުޅުންހުރި، 50 އަށްވުރެ ގިނަ ޖަމުޢިއްޔާ، ޖަމާޢަތްތަކުން މި އަހަރުގެ އެކްސްޕޯގައި ބައިވެރިވެއެވެ.

މިއީ ޞިއްޙީ އެކި ކަންކަމަށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، މަސައްކަތުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް، ހުރިހާ ޢުމުރެއްގެ ބޭފުޅުންނަށްވެސް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް، އާންމުކޮށް ހުޅުވާލައްވައިގެން ބާއްވަވާ އެކްސްޕޯއެކެވެ. "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން، ހެލްތު އެކްސްޕޯ 2025 ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވަނީ މިހިނގާ ނޮވެމްބަރު 13، 15 އަދި 16، މި 3 ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.