އޮޕަރޭޝަން އަލިމަގު: ދެކުނުގެ އަތޮޅުތަކުން 13 މީހުން ހައްޔަރުކޮށްފި

އޮޕަރޭޝަން އަލިމަގުގައި ދެކުނުގެ އަތޮޅުތަކުން 13 ތަނަކާއި 4 އުޅަނދެއް ބަލައި ފާސްކޮށް، 13 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

އޮޕަރޭޝަން "އަލިމަގު"އަކީ މަސްތުވާތަކެތީގެ ނެޓްވަރކްތައް ހޯދައި، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް ފުލުހުން ފެށްޓެވި އޮޕަރޭޝަނެކެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސައުތު ޕޮލިސްގެ ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ދެކުނުގެ ރަށްރަށުން 13 ތަނަކާއި 4 އުޅަނދެއް ބަލައި ފާސްކޮށް، 13 މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އަދި ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި ފައިސާއާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ސާމާނާއި އިލެކްޓްރޯނިކް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދެކުނު އަތޮޅުތަކުގައި އޮޕަރޭޝަން ކުރިއަށްގެންދިޔައީ 11 ސަރަހައްދަކަށް އަމާޒުކޮށްގެން ކަމަށެވެ. އެގޮތުން އައްޑޫ ފޭދޫ، މަރަދޫ އަދި ހިތަދޫގެ އިތުރުން ގއ. ވިލިނގިލި، ގއ. މާމެންދޫ، ގއ. ކޮލަމާފުށި އަދި ގދ. ފަރެސްމާތޮޑާއިން ތަންތަން ބަލައި ފާސްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ޑްރަގް އެންފޯސްމެންޓާއި އިންޓަލެޖެންސް ޔުނިޓުތަކާއި އިންވެސްޓިގޭޝަން ޔުނިޓުތައް ގުޅިގެން 124 ފުލުހުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކަމަށެވެ.

6 މަސް ދުވަހުން ފުލުހުން އެއްކޮށްފައިވާ އިންޓަލެޖެންސް މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ފެށީ މިއަދު ހެނދުނު 05:30 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.