ހަނދު އޭގެ ހަނދުވަރާ ނުލާ ... (48)

( 9 ނޮވެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ދެވޭ ނުދެވޭ ތަނެއް ނޭނގި ، މަގުގެ އެއްފަރާތުން މީރަބް ހިނގަމުން ދިޔައެވެ. އޭނާގެ އަތުގައި އެންމެ ލޯ ލާރިއެއްވެސް ނެތްކަމެއް ހަނދާނެއް ނެތެވެ. ޓެކްސީއަކަށް އަރައިފިއްޔާ ، ދާތާކަށް ދެވުނީމަ ޓެކްސީއަށް ފައިސާ ދައްކަން ޖެހޭނެކަމެއްވެސް މީރަބްގެ ހަނދާނަކު ނެތެވެ. މަގުމަތިން ދިޔަ އެތައް ޓެކްސީއަކަށް އަތްނެގިނަމަވެސް ، އެއްވެސް ޓެކްސީއެއް ނުހުއްޓިއެވެ. އެންމެ ފަހުން އޭނާއާ ދިމާލަށް އައި ލޮރީއަކަށް އަތް އުފުލައިލުމުން އެ ލޮރީ ހުއްޓިއެވެ. ލޮރީ ނުހުއްޓިނަމަ މީރަބްގެ ގައިގާ ޖެހޭވަރަށް އޭނާއަށް ހުރެވުނީ މަގުމައްޗަށް ނުކުމެވިފައެވެ. ލޮރީން ފައިބައިގެން އައިމީހާ މީރަބާ ދިމާލަށް އެއްޗެތި ގޮވައިގަތެވެ. އަމިއްލަޔަށް މަރުވާން އުޅެނީތޯ ބުނެ ސުއާލު ކޮށްގަތެވެ. ނަސީބަކުން އެއީ ކަރާޗީ ލޮރީއެކެވެ. ލޮރީއަށް ބަލައިލީމަ އެއީ ކަރާޗީ ލޮރީއެއްކަން މީރަބަށްވެސް އެނގުނެވެ. ކަރާޗީ ލޮރީ ހުންނާނީ އެކިކުލަކުލައިން ދަވާދު ލާފައެވެ. އޭގައި ނެތް ކުލައެއް ނުހުންނާނެއެވެ. ލޮރީއަކަށް އަރައިފިއްޔާ ލާރިދައްކާކަށްވެސް ނުޖެހޭނެއެވެ. އެހެންނަމަވެސް ، އެލޮރީއަކަށް މީރަބެއް ނޭރުވިއެވެ. އޭގެ ފަހަތުން އައި ބަހެއް މީރަބް ހުއްޓުވިއެވެ. ބަހުގައިވެސް މީރަބް ނުޖެހުނީ ކިރިޔާއެވެ. ބަހުގެ ޓިކެޓް ކަނޑާމީހާވެސް ބަހުންފައިބައިގެން އައިސް މީރަބާ ދިމާލަށް އެއްޗެތި ކިޔައިގަތެވެ. އެއީ ، ކަރާޗީއަށްދާ ބަހެއްކަން ކަށަވަރުކޮށް ، މީރަބް އެ ބަހަށް އެރުވުމަށް އެދުނެވެ. ނަސީބަކުން ، އެބަހަށް މީރަބް އަރުވައިފިއެވެ. ބަހުގެ ޓިކެޓް ކަނޑާނެ ފައިސާއާ މެދު މީރަބެއް ނުވިސްނައެވެ.

ޓިކެޓް ކަނޑާމީހާ އެކިމީހުން އަތުން ފައިސާ ނަގަމުން އައިސް ، މީރަބާ ގާތަށްޖެހިލައި ، ޓިކެޓަށް ފަސްސަތޭކަ ރުފިޔާ ދޭން ބުންޏެވެ. ޓިކެޓް ކަނޑާނެ ފައިސާ ، މީރަބްއަތުގައި ނެތްކަން ، އެނގުނީ އެހިސާބުންނެވެ. މީރަބް އަތުގައި ފައިސާ ނެތްވާހަކަ ބުނުމާއެކީ ، ޓިކެޓް ކަނޑާމީހާ ، މީރަބާ ދިމާލަށް ހަޅޭއްލަވައިގަތެވެ. މީރަބަށް ހަދާނެގޮތް ބޮޑުވިއެވެ. ކަރުގައި އޮތް ރަންފަށް ނަގައި ، ޓިކެޓް ކަނޑާ މީހާއަށް ދިއްކޮށްލުމާއެކީ ، އެއީ އަޞްލު ރަންތޯ އޭނާ ސުއާލު ކުރިއެވެ. އަދި ، އޭގައިވާ ޖަވާހިރާ ބެހޭގޮތުންވެސް އޭނާ ސުއާލު ކުރިއެވެ. ފަށަކީވެސް އަދި ޖަވާހިރަކީވެސް އަޞްލުކަމުގައި މީރަބް ބުނުމާއެކީ ، މައްސަލައެއް ނެތޭ ބުނެ ، ފަށްނަގައި އޭނާގެ ޖީބަށް ވައްޓައިލިއެވެ.

އެގޮތް މިގޮތަކުން ، މީރަބް އޭނާގެ ގެޔާ ހިސާބަށް ދިޔައެވެ. އެހެންނަމަވެސް ، ރޮމުންރޮމުން ދޮރުގައި ތަޅައި ދޮރުހުޅުވައިދޭން އެދުމުން އެގޭގެ ދޮރެއް ނުހުޅުވިއެވެ. ރޭގަނޑުގެ ލަސް ގަޑިއެއްކަމަށްވާތީ ، ނޯކަރުވެސް ވީ އޭނާގެ ގެޔަށް ގޮހެވެ. ވައްޤާސްމެންވެސް ތިބޭނީ އެދުވަހުގެ ދަތުރު ވަރުބައްޔާ ގުޅިގެން ގަދަޔަށް ނިދިފައެވެ.

އެގޭގެ ދޮރު ، އޭނާއަށްޓަކައި ނުހުޅުވުމަކީ ، ރަނގަޅަކަށްވީ ކަމެއްކަމުގައި މީރަބްގެ ހަވަނަ ޙިއްޞު ، އޭނާއަށް ވިސްނައިދިނެވެ. ވައްޤާސްމެންގާތުގައި ހުރެއްޖެނަމަ ، އަނެއްކާވެސް އޭނާ ޙަވާލު ކުރެވޭނީ މުރުތަސިމް މެންނާއެވެ.

ހަދާނެގޮތް ބޮޑުވެގެން ، އަނެއްކާވެސް މީރަބް ނުކުތީ މަގުމައްޗަށެވެ. ދެވޭނުދެވޭ ތަނެއް ނޭނގޭ ޙާލުގައި ، އެއްފިޔަވަޅު ކުރިޔަށް އެޅިއްޔާ އަނެއް ދެފިޔަވަޅު ފަހަތަށް އަޅަމުން ، ނޭފަތުކުރި ހުރިދިމާލަށް މީރަބް ހިނގައިގަތެވެ.

ގޮނޑީގައި އިށީނދެލައިގެން އިންދާ ، ކުއްލިޔަކަށް ހޭލެވިގެން މީރަބޭ ގޮވައި ، ވައްޤާސް ރޮއިގަތެވެ. އެވަގުތު އަނީލާއަށްވެސް އެތަނަށް އާދެވުނެވެ. މީރަބް އެގެޔަށް އައިސް ދޮރުގައި ތަޅައި ، އެމީހުންނަށް ގޮވައިފިކަމުގައި ވައްޤާސް ބުންޏެވެ. އެހެނަސް ، މީރަބްވީ އޭނާގެ ގޭގައިކަމަށާއި އެހާ ލަސްގަޑިއެއްގައި ނުގޮތަކަށް މީރަބް ، ކަރާޗީއަށް ނުއަންނާނެކަމަށް އަނީލާ ބުނަމުން ގެންދިޔައެވެ. އެހެނަސް ، އަނީލާގެ ވާހަކަ ، ވައްޤާސްއަކަށް ޤަބޫލެއް ނުކުރެވުނެވެ. މީރަބް އައިކަމަށާއި ރޮމުންރޮމުން ދޮރުގައި ތެޅިކަމަށް ވައްޤާސް ބުނުމާއެކު ، އެއީ ވައްޤާސްއަށް ފެނުނު ހުވަފެނެއްކަމުގައި އަނީލާ ބުންޏެވެ.

މަގުގެ އެއްފަރާތުން މީރަބް ހިނގަމުން ދިޔައިރު ، އޭނާގެ ކުރިމައްޗަށް ނިއުޅެމުން ހާމަވަމުން އެދަނީ ، މުރުތަސިމްގެ ބޭވަފާތެރިކަމުގެ މަންޒަރުތަކެވެ. އެކިއެކި ކަންކަމާ ގުޅިގެން ނަފްސު ކޮންޓްރޯލްނުވެ ، މީރަބާ ދިމާލަށް މުރުތަސިމް ގޮވަމުން ގެންދިޔަ އެއްޗިއްސެވެ. ލޯބިވަމޭ ބުންޏަސް ، މީރަބްދެކެ މުރުތަސިމް ލޯބިވާނަމަ ، މުރުތަސިމްގެ ގައިގައި ޙަޔާ ބައްދާލައިގެން ހުންނާކަށް ފުރުޞަތެއް ނުދޭނެއެވެ. އެކަހަލަ ކޮންމެ ޙާދިސާއެއްގައިވެސް މީރަބަށް ސާފުކޮށް ފެނިފައިވަނީ މުރުތަސިމްގެ ބޭވަފާތެރިކަމެވެ. މައްސަލައެއް ނެތެވެ. ޙަޔާއަކީ ޙީލަތްތެރި މަކަރުވެރި މީހެކެވެ. އެކަމަކު ، ޙަޔާގެ ޢަމަލުތައް ތަކުރާރުކުރަމުން މީރަބާއި މުރުތަސިމާ ދެމެދަށް ވަންނަމުން އެގެންދަނީ ، އެކަމަށް މުރުތަސިމް ފުރުޞަތު ދޭތީއެވެ. އަދި ، ޚާނަމް މަންމައަށްވެސް ޙަޔާގެ ކުށެއް ނުފެންނާތީއެވެ. ބޭވަފާތެރިކަމަކީ ، ކިހާވަރެއްގެ ކަމެއްކަން އޭނާވެސް މުރުތަސިމަށް އަންގައިލާނެކަމަށް މީރަބްގެ ހިތާހިތާ ބުނަމުން ގެންދިޔައެވެ. ޙަޤީޤަތް އެނގޭއިރު އޮންނާނީ މާ ލަސްވެފައެވެ. އެހެނަސް އެދުވަހަކުން މުރުތަސިމް ހިތާމަކޮށް ރޮއެހަދާނެއެވެ. މުރުތަސިމް އެ ކުރަމުންގެންދިޔަ ލާއިންސާނީ ޢަމަލުތަކުގެ އަދަބަކީ މުރުތަސިމަށް ޙައްޤު އެއްޗެކެވެ. މުރުތަސިމަށް އޭނާއަށް ޙައްޤުޖަޒާ ދޭނެކަމަށް ، މީރަބް އޭނާގެ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. މުރުތަސިމަށް ދެން ، އޭނާގެ މޫނު ދައްކާނީ ، އެދުވަސް އައީމާކަމަށް މީރަބް ނިންމިއެވެ.

ހިތާމަވެރި ޙާލަތްތަކުގައި މުރުތަސިމް ގޮސްހުންނަ ރާޅުގަނޑު ކައިރީ ، އަތިރިމަތީގައި ހުއްޓިލައިގެން ހުރިއިރު ، މުރުތަސިމުގެ ކުރިމަތިން ފެންނަމުން އެދަނީ ، ރޮހޭލާއި މީރަބާގުޅިގެން އޭނާއަށް ތަޖްރިބާ ކުރެވުނު މަންޒަރު ތަކެވެ. އެއީ ބޭވަފާތެރިކަން ނޫން އެހެން ކޮން އެއްޗެއް ހެއްޔެވެ ؟ ރޮހޭލާ ބައްދަލު ނުކުރަން އެހާވަރަށް މީރަބްގެ ކިބައިން އޭނާ އެދިފައި އޮއްވާ ، ކަރާޗީއަށް ގޮސް ރޮހޭލާ ބައްދަލު ނުކޮށް އެންމެ ދުވަހެއްވެސް މީރަބަކަށް ކެތެއް ނުކުރެވުނެވެ. މީރަބްގެ އަތުގައި ހިފައި ކާރަށް އެރުވީ ރޮހޭލެވެ. ރޮހޭލް ބޭނުންގޮތަކަށް މީރަބްގެ އަތުގައި ހިފަން މީރަބް ހުރީ ދޫކޮށްލައިގެންނެވެ.

މުރުތަސިމާ ދުރުގައި އަދަބުވެރިކަމާއެކީ ހުއްޓިލައިގެންހުރި ބަޚްތިޔާރަށް މުރުތަސިމް ގޮވައިލިއެވެ. ބަޚްތިޔާރު އޭނާގާތަށް އައުމުން ، ސުއާލެއް ކޮށްލަންތޯ އަހައި ، އެއްވެސް އިރެއްގައި ބަޚްތިޔާރުގެ އަމިއްލަ ނަފްސަށް ގެއްލުމެއް ދިނިންތޯ ސުއާލުކުރިއެވެ.

" ނޫނެކެވެ. ސާހިބާއެވެ ! އަހަރެން އެއްވެސް މީހަކުދެކެ ލޯތްބެއް ނުވަމެވެ. އަދި އެއްވެސް މީހަކާ ނުވެސް އިންނަމެވެ. އަދި އެއްވެސްމީހަކު ދެކެ ލޯބިވެ ، އަހަރެންގެ އަމިއްލަ ނަފްސަށް ގެއްލުންދީ ، ސާހިބާގޮތަށް އަމިއްލަ ނަފްސަށް އަނިޔާވެރިއެއް ނުވަމެވެ. އަހަރެންގެ އަމިއްލަ ނަފްސުގެ މަތިން ހަނދާން ނެތޭވަރަށް އެހެން އިންސާނަކުދެކެ ލޯތްބެއް ނުވަމެވެ. އަހަރެން މިހުރީ އަހަރެންގެ އަމިއްލަ ނަފްސަށެވެ. އަހަރެންނަށް އޭނާ ފެންނަހިނދު ، އޭނާގެ ހިތުގައިވާ ބިރުވެރިކަން އަހަރެންނަށް ފެނެއެވެ. އެ ބިރު ، އަހަރެންނަށްވެސް އިޙްސާސް ކުރެވެއެވެ. އޭނާގެ ތަކްލީފުތައް އަހަރެންގެ ހިތަށް އިޙްސާސް ވެއެވެ. ސާހިބާއެވެ ! އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް އަނިޔާވެރިއެއް ނުވަމެވެ. " ބަޚްތިޔާރު ބުންޏެވެ.

ބަޚްތިޔާރަކީ ޢާންމުކޮށް އެއްވެސް މީހަކާ މާގިނައިން ވާހަކަ ދައްކާ މީހެއް ނޫނެވެ. އެއީ ، ކިޔަމަންތެރި ޚާދިމެކެވެ. ބަޚްތިޔާރުގެ ވާހަކަތަކުން މުރުތަސިމްގެ ހިތް ކުދިކުދިވަމުން ދިޔައެވެ. އަދި ، އޭނާ އަމިއްލަޔަށް ، އޭނާގެ ނަފްސަށް ގެއްލުންދީފިންކަމަށް މުރުތަސިމް ބުންޏެވެ.

" ސާހިބާއެވެ ! ގޮސް އޭނާގާތުން މާފަށް އެދޭށެވެ ! " ބަޚްތިޔާރު ލަފާދިނެވެ.

މާފަށް އެދުނީމަ ، މާފުލިބިދާނެތޯ މުރުތަސިމް ސުއާލު ކުރިއެވެ. ތިމާއެދޭ އެއްވެސްކަމެއް ، އެކަމަކަށް މަސައްކަތް ނުކޮށް ހުއްޓާ ، އޭގެ އަމިއްލަ ޒާތުގައި ފުރިހަމަވެގެން ނުދާނެކަމަށް ބަޚްތިޔާރު ބުންޏެވެ.

" ސާހިބާއެވެ ! ލަސް ނުކުރާށެވެ ! ލަސްކުރަން ހަދައިގެން ، މާ ލަސްވެދާނެއެވެ. ގެޔަށްދަމާ ހިނގާށެވެ ! ރޭވެ ، ރޭގަނޑުގެ ހަތަރުދަމުން ތިންދަންގޮސް ، މިހާރު އެއޮށް އަލިވިލެން ތައްޔާރުވަނީއެވެ. " ބަޚްތިޔާރު އަނެއްކާވެސް ބުންޏެވެ.

ބަޚްތިޔާރު އެބުނީ ރަނގަޅަށްކަމަށް މުރުތަސިމް ބުންޏެވެ. ލަސްކުރަން ހަދައިގެން މާ ލަސްވާން ފުރުޞަތު ދިނުން ރަނގަޅެއްނޫނެވެ. މުރުތަސިމް ގެޔަށް ދާން ހިނގައިގަންނަމުން ބަޚްތިޔާރުގެ ކޮނޑުގައި އަތްބާއްވައިލިއެވެ. އަދި ބުންޏެވެ.

" ތިބާގެ ހިތް ވަރަށް ރަނގަޅަށް ބަލަހައްޓައްޗެވެ ! ވަރަށްގިނަ ސިއްރުތައް އެ ހިތުގައި ފޮރުވިފައި ހުންނާނެއެވެ. "

މުރުތަސިމް ގެޔަށް އައިސް ކާރުން ފޭބުމާއެކީ ، އެރޭ މީރަބް ގެއިން ނުކުމެގެންދާން ދޮރުހުޅުވައިދިން ދޮރުވާނު ، މުރުތަސިމްގާތު ވާހަކައެއް ބުނަންވެގެން މުރުތަސިމަށް ގޮވަމުން ފަހަތުން އައެވެ. އެހެންނަމަވެސް ، ބަޚްތިޔާރު އޭނާ ހުއްޓުވިއެވެ. އެއްވެސް އަދަބެއް ސަދަބެއްނެތި ، މުރުތަސިމަށް ގޮވަމުން ފަހަތުން އޭނާ އައީތީ ބަޚްތިޔާރުގާތަށް ހުރީ ރުޅި އައިއްސައެވެ. އޭނާ ބުނިގޮތުގައި އޭނާ ބުނަން އެއުޅެނީ އެހެންކަހަލަ ވާހަކަ އެކެވެ. އެވާހަކަ އޭނާއަށް ބުނެވޭނީ ހަމައެކަނި މުރުތަސިމްގާތުގައެވެ. އެންމެފަހުން ބަޚްތިޔާރު ނުހުއްޓީމަ ، އެރޭ ލަސްވިފަހުން ، ހިނގާފައި މީރަބް އެގެއިން ނުކުމެގެން ދިޔަވާހަކަ ބަޚްތިޔާރުގާތު ބުންޏެވެ.

މުރުތަސިމް ގެޔަށް ވަދެގެން ދިޔައިރު  މީރަބް ބުނެފައިވާ ވާހަކަތަކެއް އޭނާގެ ކަންފަތްދޮށުގައި ފަށްފަށްވަމުން ދިޔައެވެ.

" ލޯތްބަކީ އެހާ ފަސޭހައިން ލިބެން ހުންނަ އެއްޗެއްނަމަ ، އެއީ ޙަޤީޤީ ލޯތްބަކަށް ނުވާނެއެވެ. ޙަޤީޤީ ލޯތްބެއް ހޯދުމަށްޓަކައި ޤުރްބާނީތަކެއް ވާންޖެހޭނެއެވެ. ދިގު އިންތިޒާރެއް ކުރަން ޖެހޭނެއެވެ. އަޞްލު ޙަޤީޤީ ލޯތްބެއް ލިބޭނީ އޭރުންނެވެ. "

މީރަބާއި މުރުތަސިމް ގޭތެރެއިން ނުފެނިގެން ، ޚާނަމް އެކަމާ ނުރުހި ޙަޔާގާތު ކުދިކިޔަމުން ގެންދިޔައެވެ. ހެނދުނުގެ ނާސްތާއަށް މިހާރު ނޮރޭޒާއި މަރިޔަމް އަންނާނެއެވެ. މީރަބް ކަމަނާ އަދިވެސް އެއޮތީ ނިދާފައެވެ. އާދަކާދައިގައި ، މަރިޔަމް މެންނަށް މިއަދު ހަދާ ނާސްތާ ހަދަންޖެހޭނީ ފަހަރިއެވެ. ބޭބެޔަކަށް ހުރި މުރުތަސިމްވެސް އަދިވެސް ކޮޓަރިޔަކުން ބޭރަކަށް ނުނިކުމެއެވެ.

އެވަގުތު ، މުރުތަސިމްވެސް އައިސް ގެޔަށް ވަނެވެ. މުރުތަސިމްގެ ބޯހުރީ ހާވައިލެވިފައެވެ. އެރޭ ނުނިދާކަން އޭނާގެ ލޮލުން އެނގެއެވެ. މުރުތަސިމް މެންގެ ކޮޓަރިޔާ ދިމާލަށް ބަލައިލާ ، މުރުތަސިމް އެއައީ ކޮންތާކުންތޯ ޚާނަމް ސުއާލު ކުރިއެވެ. ހުރި ހަމައެކަނި ކޮއްކޮ ، މީހަކާ އިނދެގެން ގެއިން ނުކުމެންދިޔައިރު ، ދެކިލަންވެސް މުރުތަސިމް ނާދެއެވެ. މުރުތަސިމްދެކެ ރުޅި އައިސްގެން ، ޚާނަމް ނުކިޔާ އެއްޗެއް ނެތެވެ. މީރަބާ ދިމާލަށްވެސް އެހާ އެތިވަރު ގޮވިއެވެ. އަނގައިންވެސް ނުބުނެ މުރުތަސިމް ، ހިމޭނުން ހުއްޓެވެ. އޭނާއަށް މާފުކުރުމަށް އެދުން ފިޔަވައި އެހެން އެއްޗެކޭ ނުބުނެއެވެ. އަންހެނުން ހޭލައްވައިގެން ، ނަގައިގެން ، މަރިޔަމަށް ގެންދަން ތައްޔާރު ކޮށްފައިހުރި ހެނދުނުގެ ނާސްތާ ، އެގެޔަށް ގެންގޮސްލާފައި އަންނަން ޚާނަމް އެންގިއެވެ. މީރަބް ގޮވައިގެން އެބަ އަންނަމޭ ބުނެ ، މުރުތަސިމް ހިނގައިގަތްއިރުވެސް އަދި އެރޭ އެގެއިން ނުކުމެގެން މީރަބް ދިޔަކަން އެނގޭއިރުވެސް ، ޙަޔާ އަނގައިންނެއް ނުބުނެއެވެ. މުރުތަސިމް ހިނގައިގަތްތަނާ ، ނޮރޭޒް އެގެޔަށް އައިވާހަކަ ، ޚާދިމާއަކު އައިސް ބުންޏެވެ. ޚާނަމްގެ މޫނު އަލިވެގެން ދިޔައެވެ. ނޮރޭޒާއި މަރިޔަމް ، އެހާ ހެނދުނާ ، ނާސްތާކުރަން އެގެޔަށް  އައިމައެވެ. ކިހާ އުފާވެރި އިއްތިފާޤެއް ހެއްޔެވެ ؟ ދެން އެގެޔަށް ނާންނާނަމޭ ބުނެފަވެސް ، މަރިޔަމް އެއައީއެވެ.

މަރިޔަމެއް ނާދެއެވެ. އައީ ނޮރޭޒް އެކަންޏެވެ. ހުރިހާ ވާހަކައެއް އޭނާއަށް މަރިޔަމް ކިޔައިދީފިކަމުގައި ނޮރޭޒް ބުންޏެވެ. އެހާ ކުއްލިގޮތަކަށް ، އެމީހުން އޭނާއާ މަރިޔަމް ދެވީ ކީއްވެގެންކަން މަރިޔަމް އޮޅުން ފިލުވައިދިން ވާހަކަ ، ނޮރޭޒް ބުންޏެވެ. މަލިކު ޒުބޭރު މަރިޔަމްއާމެދު ކަންތައް ކުރިގޮތުގެ ވާހަކަވެސް ކިޔައިދިނެވެ. އެންމެންގެ މޫނުމަތިންވެސް ކަންބޮޑުވުން ފާޅުވިއެވެ. ޚާނަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މަރިޔަމްއަކީ މަޢުޞޫމު ކުއްޖެއްކަމަށާއި ، ނޮރޭޒް އެހީކުރާކަހަލަ އެއްވެސްކަމެއް މަރިޔަމްއަށް ކުރިމަތި ނުވާކަމަށް އަދި އެއީ ސާފު ، ހަށި ޠޯހިރު ކުއްޖެއްކަމަށް ޚާނަމް ބުންޏެވެ.

" ތިވާހަކަ އަހަރެންގާތު ތިބުނަނީ ކީއްކުރަން ހެއްޔެވެ ؟ ތިވާހަކަ ބުނަން ޖެހޭނީ މަރިޔަމްގާތުގައި ނޫން ހެއްޔެވެ ؟ އެއީ ، ކުށެއްނެތް މަޢުޞޫމު އިންސާނެކެވެ. އޭނާގެ ކުށެއް ނެތެވެ. ޙީލަތްތެރި މަޅިއެއްގައި އޭނާ ޖެހުނީއެވެ. މަރިޔަމައާއި މީރަބާ ދެފަހަރިން ކުށްވެރިކުރި ސަބަބަކީ ކޮބައި ހެއްޔެވެ ؟ އަހަރެންވެސް މިވަނީ ، ޙީލަތްތެރި ރޭވުމަކުން ހައްލައި ލެވިފައެވެ. އަހަރެންދެކެ މަރިޔަމް ލޯބިވާ ވާހަކަ އަހަރެންގާތު ބުނެވުނެވެ. އެއީ ދޮގެކެވެ. " ޙަޔާއާ ދިމާލަށް ބަލަހައްޓައިގެން ހުރެ ނޮރޭޒް ބުންޏެވެ.

" އެކަމަކު ، އަހަރެންނަށް މަރިޔަމްދެކެ ލޯބި ވެވިއްޖެއެވެ. ތިޔައީ މަރިޔަމްގެ މަންމަ ނޫންހެއްޔެވެ ؟ އެކަމަކު ، މީރަބް ތިބަލަނީ ދުރުހިލޭ މީހެއްގެ ގޮތުގައި ނޫން ހެއްޔެވެ ؟ ބުރަޔަކަށް ވެގެން އުނދަގޫ ނުއުފުއްލަން ، ޖަނަވާރެއް ގެއިން ބޭރުކޮށްލެވޭގޮތަށް މަރިޔަމް ތިފޮނުވައިލީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ ؟ މަރިޔަމަށް ކުށެއްކރެވުނީމާ މަޢާފު ނުކުރެވުނީ ކީއްވެ ހެއްޔެވެ ؟ މަރިޔަމަކީ ކިޔަވައިގެން ހުރި ރަނގަޅު ކުއްޖެކެވެ. މަރިޔަމަށް ބޭނުންވީ މަންމައެއްގެ ކުލުނާއި ލޯތްބާ އަދި ބޭބެއެއްގެ އެހީތެރިކަމެވެ. އެ ވާޖިބު އެއަދާކުރީ މީރަބެވެ. އަނިޔާވެރިޔަކީ އެހެންމީހެއްކަން އެނގިހުރެމެ ، އަނިޔާ ތިދިނީ މަރިޔަމްއާއި މީރަބަށް ނޫންހެއްޔެވެ ؟ " ނޮރޭޒް ވާހަކަ ދައްކަމުން ގެންދިޔައެވެ.

ނޮރޭޒް ، މުރުތަސިމާ ދިމާލަށް އެނބުރިލިއެވެ.

" ދޮށީ ބޭބެޔަކީ ، ބައްޕައެއްގެ ދަރަޖައިގާ ހުންނަމީހެއްކަމަށް މީހުން ބުނެއުޅޭ ނޫންހެއްޔެވެ ؟ މީހަކާ އިނދެގެން ގެއިން ނުކުމެގެން މަރިޔަމް ދިޔައިރު ، ބައްޕަޔެއްގެ ޙައިޞިއްޔަތުން ، ދެކިލަންވެސް ނާންނަމެއް ނޫންހެއްޔެވެ ؟ ކޮއްކޮއެއްކަމަށް ނުދެކޭތާނގައި ، އިންސާނިއްޔަތަށްޓަކައިވެސް އެއީ މުރުތަސިމްގެ މައްޗަށް އޮތް ވާޖިބެއް ނޫންހެއްޔެވެ ؟ މައްސަލައެއް ނެތެވެ. އެހުރިހާކަމެއް ހަނދާން ނެތޭވަރަށް އަހަރެން މަރިޔަމަށް ލޯބިދޭނަމެވެ. ހިނގައިދިޔަ ހުރިހާ ކަމަކާ އެކުވެސް ، އަހަރެން ، މަރިޔަމް ބަލައިގަންނަމެވެ. އަނތްބެއްގެ ގޮތުގައެވެ. އެކަމަކު ، މިގެޔަށް ދުވަހަކުވެސް ، މަރިޔަމް އައުމަކީ އަހަރެން އެދޭކަމެއްނޫނެވެ. އަދި އެއީ މަރިޔަމްވެސް ބޭނުންވާ ގޮތެވެ. " ނޮރޭޒްގެ ވާހަކަ ނިންމާލައި ސަލާމް ގޮވައިލުމަށްފަހު ނުކުމެގެން ދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.