11 November 2025 (Tuesday)

މުޙައްމަދު ޞާލިޙަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ވިޔަފާރި އާއި އިޤްތިޞާދު ފުޅާކުރައްވައި، ކުރިއެރުއްވުމުގެ އެންމެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ، މ. ޝުއާޒް، މުޙައްމަދު ޞާލިޙަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުވައިފިއެވެ.

ޞާލިޙަށް މި ޢިއްޒަތް އަރުވާފައިވަނީ، ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

މުޙައްމަދު ޞާލިޙަކީ، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި، ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓާއި، ޞިއްޙީ ދާއިރާ ފުޅާކޮށް ތަރައްޤީކުރެއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޞާލިޙުގެ ޚިދުމަތުގެ މުއްސަނދި ތާރީޚުން ފާހަގަކުރެވޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތުގެ ޅަފަތުގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގެން، އެ ސިނާޢަތް ފުޅާކުރެއްވުމަށާއި، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރެއްވުމަށް ކުރެއްވި އަގުހުރި މަސައްކަތްތައް ހިމެނެވެ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ މެނެޖިންގ ޑިރެކްޓަރަކީވެސް ޞާލިޙެވެ. އައްޑުއަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށްޓަކައި، ހެރެތެރެ ރިޒޯޓް ވުޖޫދުކުރެއްވުމުގައިވެސް ޞާލިޙު ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ރާއްޖެއިން ބޭރުން މުދާ ގެނެސްގެން ޞާލިޙު ވަނީ، ފުޅާދާއިރާއެއްގައި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ކުރައްވާފައެވެ. އަދި ޞާލިޙުގެ ކުންފުނިތަކުން ވަނީ، ރިއަލް އެސްޓޭޓް އަދި އިންޓީރިއަރ ޑިޒައިން ޚިދުމަތްވެސް ދެއްވާފައެވެ.

ޞާލިޙަކީ، ރާއްޖެއަށް ވިޔަފާރީގެ ގިނަ ޚިދުމަތްތަކެއް ތަޢާރަފުކުރެއްވި ބޭފުޅެކެވެ. އެގޮތުން، އާގުބޯޓުފަހަރު ދުއްވުމާއި، ޔަންމާ އިންޖީނު ރާއްޖެ އެތެރެކޮށް ވިއްކެވުމާއި، ފާނަ އާއި ހުއިފިލަނޑާގެ މަސްވެރިކަން ޓެކްނޮލޮޖީއާ ގުޅުވައިގެން ކުރެއްވުމާއި، އިންޓަރނެޓުގެ ވިޔަފާރީގެ ޚިދުމަތްތައްވެސް ފާހަގަކުރެވެއެވެ. ޞާލިޙު ވަނީ، ދިވެހި ވިޔަފާރިވެރީންގެ ޖަމުޢިއްޔާގެ ރައީސްގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ޒަމާނީ ވަސީލަތްތަކާއެކު ޞިއްޙީ ފަރުވާދޭ، ޕްރައިވެޓް ހޮސްޕިޓަލް، މެޑިކާ ހޮސްޕިޓަލަކީވެސް ޞާލިޙުގެ ޚިދުމަތެކެވެ.

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ) ގެ ޒަޢާމަތުގައި ޞާލިޙް ވަނީ، ދައުލަތުގެ ތަފާތު ގިނަ ބޯޑުތަކާއި ކޮމިޓީތަކުގައި ޚިދުމަތްކުރައްވާފައެވެ. ރާއްޖޭގައި އަލަށް ގާއިމުކުރި، ތައިލެންޑް ކޮންސިއުލޭޓްގެ އޮނަރަރީ ކޮންސުލްގެ މަޤާމުގައި ޞާލިޙް ވަނީ 10 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައެވެ. އެ މަޤާމުގައި ޞާލިޙް ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ތައިލެންޑްގެ ރަސްގެފާނު އަރުވާ މެޑެލް އޮފް ސިވިލިއަން އޮނަރސް، ޞާލިޙަށް ވަނީ އަރުވާފައެވެ.

2022 ވަނަ އަހަރު، ދައުލަތުން ޞާލިޙަށް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި، ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ޞާލިޙަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި، ސިންގަޕޫރާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރެއްވުމަށްޓަކައި ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ޞާލިޙަށް ޚާއްޞަ އެވޯޑެއް ދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.