ކެރަމް ވޯލްޑް ކަޕްގެ މީޑިއާ ޕާޓްނަރަކަށް އަދަދު ހަމަޖައްސައިފި

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގެ ފުރިހަމަ އެއްބާރުލުމާއެކު ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި "އަދަދު" ހަމަޖައްސައިފިއެވެ.

"އަދަދު" އާއި ކެރަމް އެސޯސިއޭޝަންގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ސޮއިކުރުން އޮތީ އާދީއްތަ ދުވަހުގެ ހެނދުނު "އަދަދު" ނޫހުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއް ގައެވެ.

ކެރަމް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ރައުޝާން އެވެ. "އަދަދު" ގެ ފަރާތުން ސޮއިކުރީ، ސްޕޯޓްސް އެޑިޓަރ އައްޒާމް އަލިފުޅު އެވެ.

ރައުޝާން ވިދާޅުވީ، "އަދަދު" ނޫހަކީ، ވަކި ކުޅިވަރަކަށް ބެލުމެއްނެތި ހުރިހާ ކުޅިވަރަކަށް ވެސް އެއްވަރަކަށް ސަމާލުކަންދީގެން، ވަރަށް ފުރިހަމަ އަށް ކަވަރޭޖް ގެނެސްދޭ ނޫހެއް ކަމަށެވެ.

"މިވަގުތު ރާއްޖޭގައި ހުރި ނޫސްތަކުގެ ތެރެއިން މިވަރުގެ ބޮޑު މުބާރާތެއްގެ ކަވަރޭޖް ފުރިހަމަ އަށް ގެނެސްދެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ޕާޓްނަރެއްގެ ގޮތުގައި އަދަދު ހަމަޖައްސަން ނިންމީ ވަރަށް ގިނަ މަޝްވަރާތަކަށްފަހު،" ރައުޝާން ވިދާޅުވިއެވެ.

ކޮންމެ ކުޅިވަރެއްގައި ވެސް އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދާ މުބާރާތަކީ، ވޯލްޑް ކަޕް، އެ ގޮތުން، ބަލާއިރު، ކެރަމްގެ ވޯލްޑް ކަޕަކީ ވެސް ދުނިޔޭގެ ލެވަލްގެ އެންމެ މޮޅެތި ކުޅުންތެރިން ފެނިގެންދާނެ މުބާރާތް، އެ ލެވަލްގެ މުބާރާތެއް، ރާއްޖޭގައި ހޯސްޓްކުރެވިގެންދާއިރު، އޭގައި ޕާޓްނަރެއްގެ ހައިސިއްޔަތުން ބައިވެރިވެވުމަކީ، ކުރެވޭ ޤައުމީ މަސައްކަތެއް،" އައްޒާމް ބުންޏެވެ.

އައްޒާމް ބުނީ، މީގެކުރީން ބައިނަލްއަގުވާމީ އެކި ކުޅިވަރު މުބާރާތްތަކުގައި ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާއިރު، އެ މުބާރާތްތަކުގެ ތަޖުރިބާގެ އަލީގައި، ކެރަމް ވޯލްޑް ކަޕަށް ވެސް އަދަދު ސްޕޯޓްސް އިން ފުރިހަމަ ކަވަރޭޖެއް، ނިއުސް މީޑިއާ އާއި ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމުގައި ގެނެސްދޭނެ ކަމަށެވެ.

މީގެ ހަތަރުވަރަކަށް އަހަރުކުރީން ވުޖޫދުވި "އަދަދު" ނޫހަކީ، މިވަގުތު ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ އެއް ނޫހެވެ. އެގޮތުން، އަދަދު ސްޕޯޓްސް އިން، ރާއްޖޭގައި އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި ވިޒިޓް މޯލްޑިވްސް ޕްރޯ، ބޮޑީބޯޑިން އިންޓަނޭޝަނަލް މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ވަނީ މަސައްކަތްކޮށްފައެވެ. އަދި، ރާއްޖޭގައި ބޭއްވި އިންޓަރނޭޝަނަލް އެކި ވޮލީބޯޅަ މުބާރާތްތަކުގައި ވެސް ޕާޓްނަރެއްގެ ގޮތުގައި އަދަދު ސްޕޯޓްސް ވަނީ މަސައްކަތްކޮށްފައެވެ.

އަންނަ ޑިސެންބަރު މަހުގެ ކުރީކޮޅު މާލޭގައި ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 20 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެ އެވެ. ކެރަމްގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ކެރަމް ވޯލްޑް ކަޕްގެ ގޮތުގައި މި މުބާރާތް ރާއްޖޭގައި ބޭއްވިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެކެވެ.

ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.