
ޖަޕާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުކަމުގެ މަޤާމަށް އިޚްތިޔާރުކުރެއްވުމާ ގުޅިގެން، ހާ އެކްސަލަންސީ ސަނޭ ޓަކައިޗީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާރެއްވި ޕޯސްޓެއްގައި، ބޮޑުވަޒީރު ޓަކައިޗީއަކީ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމުގެ ޤާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ޔަޤީންކުރައްވާކަމުގައި ފާހަގަކުރައްވައި، އެކަމަނާގެ ބޮޑުވަޒީރުކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވާފައިވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަން ހާމަކުރައްވައި، ބޮޑުވަޒީރު ތަކައިޗީއާއި އަދި އެކަމަނާގެ ސަރުކާރާއެކު ގާތުން މަސައްކަތްޕުޅު ކުރެއްވުމުގެ އިންތިޒާރުގައި ހުންނެވިކަން ހާމަކުރައްވާފައެވެ.