ރާއްޖެ އިސްލާމްވި ހާދިސާއާ ބެހޭ ކުޑަކުދީންގެ ވާހަކައެއް ޔޫ.އޭ.އީގައި ޝާއިޢުކޮށްފި

ދިވެހިރާއްޖެ އިސްލާމްވި ހާދިސާ އަސްލަކަށް ބަލައިގެން، ކުޑަކުދީންނަށް އަމާޒުކޮށް ލިޔެފައިވާ ވާހަކައެއް ޔޫ.އޭ.އީގެ ޝާރިޖާގައި ޝާއިޢުކޮށްގެން ނެރެފިއެވެ.

މި ސެޕްޓެންބަރު މަހުގެ 22އިން 26އަށް ޝާރުޖާގައި ކުރިޔަށް ދިޔަ، ޝާރުޖާ ނެރޭޓަރސް ފޯރަމް 2025ގައި ނެރުނު މި ވާހަކައިގެ އަސްލު ލިޔެފައިވަނީ އަރަބިބަހުންނެވެ. ޝާރުޖާގެ ހެރިޓޭޖު އިންސްޓިޓިއުޓުން ނެރުނު މި ވާހަކަ ލިޔުނީ ނޫރާ ޚައްޔާލެވެ. "މަލްދީފިއްޔަން ޖަޒީރަތުއްނޫރު" މި ނަމުގައި އަރަބި ބަހުން ލިޔެ ޗާޕުކޮށްފައިވާ މި ވާހަކައިގެ ކޮޕީއެއް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް ވެދުން ކުރައްވަމުން ނޫރާ ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވީ ދުވަހާއި ނޫރާގެ އުފަން ދުވަހާ އެއީ އެއް ދުވަހެއްކަމަށެވެ. އަދި މި ފޮތް ނެރެ ދިވެހި ރާއްޖޭގެ ވަޒީރަށް ވެދުމަށް މި އެރުވެނީ މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހުގައި ކަމަށްވާތީ، އެ އިއްތިފާޤަށް ޓަކައި ވަރަށް އުފާކުރައްވާކަން ފާހަގަ ކުރެއްވިއެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ނޫރާއަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއާ ބެހޭ އެހާ މުހިންމު ވާހަކައެއް ލިޔުއްވީތީ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެ ރަމްޒުވާ ބައެއް ހަނދާނީ ހަދިޔާ ލިޔުންތެރިޔާއަށް ދެއްވާފައެވެ.

އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ) އަށް ނިސްބަތްވާ ޒުވާން ލިޔުންތެރިޔާގެ އުފަންދުވަސް މިފަހަރު ފާހަގަވެގެން ގޮސްފައި މި ވަނީ މި ވަރަށް ޚާއްޞަ ގޮތަކަށެވެ. ޝާރުޖާގައި އުފަންދުވަހު ހުރި ނަމަވެސް، އޭނާގެ ހިތާއި ޚިޔާލު ހުރީ ދިވެހިރާއްޖެ، ނުވަތަ ޖަޒީރަތުއްނޫރުގައެވެ.

ނޫރާގެ ވާހަކައިގެ އިނގިރޭސި ކޮޕީ ވެސް މިހާރު ވަނީ ނެރެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.