20 September 2025 (Saturday)

އެންމެ ފަހުގެ ޙަމަލާ – 12

(13 ސެޕްޓެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަޅުގަނޑު ތިޔަ ގޮތަށް ވަޢުދު ވެއްޖެ ކަމުގައި ވާނަމަ މަނިކުފާނު އެ ވަޢުދަށް އިތުބާރު ކުރައްވާނުތޯއެވެ؟"

"އާދޭހެވެ!"

"އަޅުގަނޑު އެފަދަ ވަޢުދެއް ނުވެއްޖެ ކަމުގައި ވާނަމަ މަނިކުފާނު ހައްދަވާނީ ކިހިނަކުންތޯއެވެ؟"

"އެހެން ވެއްޖެ ކަމުގައި ވާނަމަ، ކަލަންޖަރުގެ ރަސްގެފާނާއި އޭނާގެ އެކުވެރީންނާ ދެކޮޅަށް އަޅުގަނޑުމެން ކުރާ ހަނގުރާމަ ނިމޭންދެން މަނިކުފާނަށް މިތަނުގައި ހުންނަވާން ޖެހިވަޑައިގަންނަވާނެއެވެ. އެ ހަނގުރާމަ ނިމުމުން ގަންގާ އާއި ޖަމްނާގެ ވާދީގައި އަޅުގަނޑުމެންނާ ދެކޮޅަށް ތެދު ވެވަޑައިގަންނަވާން ކެރިވަޑައިގަންނަވާނެ އެއްވެސް ވެރިޔަކު ނުހުންނަވާނެއެވެ. އޭރުން ހަނގުރާމައިގެ ޤައިދީން ހައްޔަރު ކޮށްފައި ބައިތިއްބުމުގެ ބޭނުމެއް ނެތިގެން ދޫ ކޮށްލެވޭނެކަން އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑު ފުރުމުގެ ކުރީން ދާނީ މަނިކުފާނާ ބެހޭގޮތުން، މަނިކުފާނު ދޫ ކޮށްލުމުގެ އަމުރު ލިޔެފައި ކިއްލާގައި ބާއްވައިފައެވެ. އަޅުގަނޑުމެންގެ ހަނގުރާމަ ކާމިޔާބު ވުމާ އެކު މަނިކުފާނު ދޫކޮށްލާން އެ އަމުރުގައި ލިޔާނަމެވެ. ނަމަވެސް އަޅުގަނޑު މިތާނގައި ހުރިހައި ހިނދަކު މަނިކުފާނު އަޅުގަނޑާ ބައްދަލު ކުރައްވަމުންގެންދެވުމަކީ އަޅުގަނޑުގެ އެދުމެކެވެ. އަޅުގަނޑަށް ޙައްޤާއި ބާޠިލު ވަކި ކޮށްދިން ތެދުމަގުގެ ނޫރު މަނިކުފާނުގެ ހިތްޕުޅުގައި ވެސް އިންޤިލާބެއް އުފައްދައި، އުއްމީދު ގެއްލިފައި ވާ ސިފައިންގެ މީހެއްގެ ބަދަލުގައި އައު ޙަޔާތެއްގެ ދަންމަރަކާ އެކު މަނިކުފާނުގެ ވަޒަނަށް އެނބުރިވަޑައިގަންނަވާނެ ގޮތް މެދުވެރި ވުމަކީ ވެސް ދުރު ކަމެއް ނޫނެވެ. މަނިކުފާނު ބޭނުންފުޅު ކޮންމެ ވަގުތަކު އަޅުގަނޑުގެ ގާތަށް ވަޑައިގެންނެވިދާނެއެވެ. އަޅުގަނޑުގެ ގޭގެ ދޮރު އަބަދުވެސް ހުންނާނީ މަނިކުފާނަށް ޓަކައި ހުޅުވިފައެވެ."

ރަންބީރަށް ނަންދުނާގެ ހަނގުރާމައިގައި ބައިވެރި ވެވަޑައިގަތުމުގެ ކުރީން ވަރަށް ގިނަ ބުރަހުމަނުންގެ ފަރާތުން ވަނީ محمود ގެ ލަޝްކަރުގައި ފަތަޙަ ކުރެވޭ ތަންތާނގެ ހިންދީން އެބައިމީހުންގެ ދީނުން ބޭރު ކުރާ ސިޙުރުވެރީންގެ ބަޔަކު ތިބޭ ވާހަކަ އަޑު އިވިވަޑައިގެންފައެވެ. އެހެންކަމުން ހައްޔަރު ވެވަޑައިގަތުމާ އެކު އޭނާގެ ހިތްޕުޅުން ޢަހުދު ވެވަޑައިގެންފައި ވަނީ އިސްލާމް ދީނަށް ގޮވައިލާ މީހުންގެ ވާހަކަތަކަށް ހެއްލިވަޑައިނުގަތުމަށެވެ. އެހެންކަމުން އިސްލާމް ދީނަށް ގޮވައިލާ މީހަކު ޤައިދީންގެ ގާތަށް އަތުވެއްޖެ ކަމުގައި ވާނަމަ ރަންބީރު އެ މީހެއްގެ ވާހަކަޔަކަށް ސަމާލުކަމެއް ނުދެއްވައެވެ. އޭނާގެ ހިތްޕުޅުން ދޭވަތާއިންނަށް ސަނާ ވިދާޅުވާން ފައްޓަވަނީއެވެ. ނަމަވެސް މިއަދު ކިއްލާގެ ކޮމާންޑަރު ވާހަކަފުޅު ދެއްކެވި އިރު ދޭވަތާއިންގެ ޚިޔާލުފުޅު ވެސް އޭނާއަށް އެއްވެސް އެހީއެއް ނުފޯރުވިއެވެ. ކޮމާންޑަރާ ބައްދަލު ކުރައްވައިފައި އޭނާ އެނބުރި ކޮޓަރިއަށް ވަޑައިގެންނެވި އިރު ކޮމާންޑަރުގެ ވާހަކަފުޅުގެ އެތަކެއް ޖުމުލަތަކެއް އޭނާގެ ކަންފަތްޕުޅުގައި ގުގުމަމުން ދިޔައެވެ. އޭނާ ގެންދެވީ އޭނާގެ ލޮޅުން އަރަމުންދާ އީމާނަށް އިތުރު ހަރުދަނާކަމެއް ގެނެވޭތޯ މަސައްކަތް ކުރައްވަމުންނެވެ.

ދުވާލުގެ ބާކީ ވަގުތުތައް އޭނާ ހޭދަ ކުރެއްވީ ވަރަށް ބޮޑު ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމެއްގައެވެ. ވިދިގެން އައި ރޭ އޭނާ ރޭގަނޑުގެ ގިނަ ވަގުތު ހޭދަ ކުރެއްވީ ވެސް އެނދުގައި އޮންނަވައި ވިސްނައިވަޑައިގަތުމުގައެވެ. ކޮމާންޑަރު ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން "މަނިކުފާނު ކުރެއްވި ހަނގުރާމައެކޭ އެއްގޮތަށް މަނިކުފާނު ހައްޔަރުގައި ތިޔަ ހުންނަވާ ހުންނެވުމަކީ ވެސް އެއްވެސް މަޤްޞަދެއް ނެތް ކަމެކެވެ" މި ޖުމުލަ އޭނާގެ ހިތްޕުޅަށް ޚަންޖަރެއް ފަދައިން ވަނީ ހެރިފައެވެ. ރަންބީރަށް އިޙްސާސް ވެވަޑައިގަންނަވަމުން ދިޔައީ އޭނާ އާދަޔާ ޚިލާފު ޢަޒުމަކާއި ސާބިތުކަމެއް ނުދައްކަވައިފި ކަމުގައި ވާނަމަ މި ކަހަލަ ދެތިން ބައްދަލު ވެވަޑައިގަތުމަކުން އޭނާގެ އީމާންކަމުގެ ކިއްލާ ފުނޑުފުނޑު ވެދާނެކަމުގެ ބިރެވެ. އޭނާ ވަރަށް ގިނަ އިރު ވާންދެން ހާސްކަމާއި ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމުގައި ދެ ފަރާތަށް ފުރޮޅިވަޑައިގަންނަވާން އޮންނެވިއެވެ. އެންމެ ފަހުން، އޭނާ ކަނޑައެޅުއްވިއެވެ. "އަހަރެން ދެވަނަ ފަހަރަށް އޭނާގެ އަރިހަކަށް ނުދާނަމެވެ. އޭނާ އަހަރެން ބަލައި ފޮނުއްވައިފި ނަމަ އަހަރެން އޭނާގެ އަރިހުގައި ސާފުކޮށް ދަންނަވާނަމެވެ. މަނިކުފާނު އަޅުގަނޑުގެ ވަގުތު ބޭކާރު ކުރައްވަނީއެވެ. ދުނިޔޭގެ އެއްވެސް ބާރަކަށް އަޅުގަނޑު އަޅުގަނޑުގެ ކާބަފައިންގެ ދީން ދޫ ކުރާކަށެއް ތައްޔާރެއް ނުކުރެވޭނެއެވެ."

ނަމަވެސް، އޭގެ އަނެއް ދުވަހު ރަންބީރުގެ ޚިޔާލުފުޅު މުޅީން ތަފާތެވެ. އޭނާ އިރުކޮޅެއް ވާންދެން ޤައިދީންނާ ވާހަކަފުޅު ދައްކަވައިގެން ހިތްޕުޅު ހަމަޖެއްސެވޭތޯ ބެއްލެވިއެވެ. ނަމަވެސް އޭނާއަށް ހަމަޖެހުމެއް ލިބިވަޑައެއްނުގެންނެވިއެވެ. އޭނާގެ ޒަމީރު ތަކުރާރުކޮށް ދަންނަވަމުންގެންދިޔައެވެ. "ތިޔައީ ފިނޑިފުޅުކަމެކެވެ. މަނިކުފާނު އޭނާއަށް ސާބިތު ކޮށްދެއްވާން ވީ މަނިކުފާނުގެ ހިތްޕުޅަކީ ފަރުބަދައެއް ފަދައިން ގުޑުމެއް ނާރާނެ އެއްޗެއްކަމެވެ. އެއްވެސް މީހެއްގެ ވާހަކައިގެ ޖާދޫއިން މަނިކުފާނުގެ އިޢުތިޤާދަށް އަސަރެއް ނުފޯރާނެކަމެވެ. މިއަދު ވެސް އޭނާ މަނިކުފާނު ބަލައި ފޮނުއްވައިފި ކަމުގައި ވާނަމަ، ކޮންމެހެން ވެސް ވަޑައިގަންނަވާން ވާނެއެވެ. ކޮންމެ ގޮތެއްގައި ވެސް އޭނާ އަކީ ރާޖުޕޫތެކެވެ. އޭނާގެ މޫނުފުޅުމަތީން އޭނާގެ ހިތްޕުޅުގެ ތަނަވަސްކަމާއި ހިތްވަރުފުޅުގަދަކަން ހާމަ ވެއެވެ. މަނިކުފާނަށް ވިދާޅުވެވޭ ކޮންމެވެސް ވާހަކަފުޅަކުން އޭނާގެ ހިތްޕުޅުގައި ޣީރަތު އުފެދި، އިނާހެތި ޝަރުޠުތަކަކާ ނުލައި މަނިކުފާނު ދޫ ކޮށްލެއްވުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ."

މެންދުރު ވީ އިރު ވެސް، މީހަކު ރަންބީރު ބަލައެއް މީހަކު ނާދެއެވެ. އޭނާއަށް އިތުރަކަށް އިންތިޒާރެއް ނުކުރެއްވުނެވެ. އޭނާ ކޮމާންޑަރުގެ ކޮޓަރިކޮޅާ ދިމާޔަށް ވަޑައިގެންފިއެވެ. އޭރު ރަންބީރުގެ ހިތްޕުޅުގެ އެންމެ އަޑީން ނިދާއެއް އިވިވަޑައިގަންނަވަމުން ދެއެވެ. "ރަންބީރެވެ! މަނިކުފާނު އަމިއްލަފުޅު ނަފުސަށް ކެހި ދެއްވާން ނުއުޅުއްވާށެވެ! މަނިކުފާނު ތިޔަ ވަޑައިގަންނަވަނީ މަނިކުފާނުގެ ހިތްވަރުފުޅުގަދަކަން ސާބިތު ކޮށްދެއްވާކަށެއް ނޫނެވެ. އަދި ކީއްތޯއެވެ! މަނިކުފާނު ތިޔަ ވަޑައިގަންނަވަނީ މަނިކުފާނުގެ އާރެއްބާރެއް ނެތްކަން ފާޅު ކުރައްވާށެވެ. މަނިކުފާނު ދެކެވަޑައިގަންނަވަނީ އޭނާ އަކީ ސިހުރުވެރިއެއް ކަމަކަށެއް ނޫނެވެ. މަނިކުފާނުގެ މުނިފޫހިފުޅު ފިލުއްވައިދެއްވަވައި، ހިތާމަފުޅުގައި ބައިވެރި ވެވަޑައިގަންނަވާ ބޭފުޅެއް ކަމުގައެވެ."

ރަންބީރު ކޮމާންޑަރުގެ އޮފީހަށް ވެދެވަޑައިގެންނެވި އިރު އޭނާ ކާތިބަކު ލައްވައި ސިޓީފުޅެއް ލިޔުއްވަނީއެވެ. އޭނާ ރަންބީރާ ދިމާޔަށް ބައްލަވައިލައްވައިފައި ގޮނޑިއަކާ ދިމާޔަށް އިޝާރާތް ކުރައްވަމުން ވިދާޅުވިއެވެ. "އިށީނދެވަޑައިގަންނަވާށެވެ! އަޅުގަނޑު މިހާރު މި ނިމެނީއެވެ."

ދެތިން ފޮޅުވަތެއް ލިޔުއްވުމަށް ފަހު އޭނާ ކާތިބު ފޮނުއްވައިލައްވައިފައި ރަންބީރާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "މަނިކުފާނު ވަޑައިގެންނެވިކަން ވަރަށް ރަނގަޅެވެ. އެހެން ނޫން ނަމަ އަޅުގަނޑު ކުޑަ އިރުކޮޅަކުން މަނިކުފާނު ބަލައި ފޮނުވީމުހެވެ."

ރަންބީރު ކޮމާންޑަރުގެ ކުރިފުޅުމަތީގައި އިށީނދެވަޑައިގެންފިއެވެ. އޭނާ ހިތްޕުޅުން އޭނާގެ އަމިއްލަފުޅު ނަފުސަށް އެއްޗެހި ވިދާޅުވަމުން ގެންދެވިއެވެ. އޭނާގެ ހިތްޕުޅަށް އަރައެވެ. "އަހަންނަށް އަދި ކުޑަ އިރުކޮޅަކު އިންތިޒާރު ނުކުރެވުނީ ކީއްވެގެން ބާވައެވެ!"

ކޮމާންޑަރު އިރުކޮޅަކު ހިމޭނުން އިންނަވައިފައި ވިދާޅުވިއެވެ. "އިއްޔެ މަނިކުފާނު އެނބުރި ވަޑައިގަތުމުން އަޅުގަނޑުގެ ހިތަށް އެރިއެވެ. ދިމާ ވި ޙާދިސާތަކެއްގެ ސަބަބުން އަޅުގަނޑުގެ ޚިޔާލަށް އިންޤިލާބެއް ނައި ނަމަ، މަނިކުފާނެކޭ އެއްގޮތަށް އަޅުގަނޑު ވެސް އަޅުގަނޑުމެންގެ ރަސްގެފާނާއި ދޭވަތާއިންނަށް ނަޞުރު ދޭން ނަންދުނާގެ ހަނގުރާމައިގައި ބައިވެރި ވުމާއި، ޤައިދީއެއްގެ ހައިސިއްޔަތުން މަނިކުފާނާ އަޅުގަނޑާ މި ކިއްލާއިން ތަޢާރަފު ވުމަކީ އެކަށީގެން ވާ ކަމެކެވެ. އެގޮތަށް ދިމާ ވި ނަމަ، އަޅުގަނޑުމެން ދެ މީހުން ދައްކާނެ ވާހަކަ އިއްޔެ އަޅުގަނޑުމެން ދެއްކި ވާހަކަޔާ ތަފާތު ވާނެކަން ޔަޤީނެވެ. އަޅުގަނޑުމެން އެކަކު އަނެކެއްގެ ގާތުން އަހާނީ ކޮން ރަށެއްގެ މީހެއްތޯ އާއި، ކިތައް އަޚުންނާއި ކިތައް އުޚްތުން ތިބޭތޯ އާއި، މައިންބަފައިންގެ ޙާލަކީ ކޮބައިތޯ އާއި، އެންމެ ހިތްދަތި ކުރުވަނީ ކާކުގެ ހަނދާނެއްތޯއާ، މި ކަހަލަ ވާހަކަތަކެއްކަން ކަށަވަރެވެ. މިއަދު އަޅުގަނޑު ގަސްދު ކޮށްގެން މިހިރީ، މަނިކުފާނު ވަޑައިގެންފި ކަމުގައި ވާނަމަ އެކަހަލަ ވާހަކަތަކެއް އޮޅުން ފިލުވާށެވެ. މި ކިއްލާގެ ކޮމާންޑަރުގެ ހައިސިއްޔަތަކުން ނޫނެވެ. ޢާއްމު އިންސާނެއްގެ ހައިސިއްޔަތުންނެވެ. --- އިންސާނެއްގެ ހައިސިއްޔަތުން އަޅުގަނޑު ވެސް ވަނީ ޖަލުގެ ކެތް ކުރާން ދަތި އެކަނިވެރިކަމާއި ނިކަމެތިކަން ދެކެފައެވެ. ކޮންމެވެސް މީހެއްގެ ވާހަކަ އަޑުއެއްސެވުމަށާއި، މަނިކުފާނުގެ ވާހަކަ ވިދާޅުވެދެއްވުމުގެ އެދުންފުޅު މަނިކުފާނުގެ ހިތްޕުޅުގެ ފާރުތަކުގައި ޖެހިފައި ހިމޭން ވަމުން ދާ ކަމުގައި ވާނަމަ، ފަހަރެއްގައި އަޅުގަނޑަކީ މަނިކުފާނުގެ ސިއްރުވެރިއެއް ކަމުގައި ހައްދަވާކަށެއް ފަސްޖެހިވަޑައެއްނުގަންނަވާނޫއެވެ."

ރަންބީރު ކުޑައިކޮށް ފަސްޖެހިވަޑައިގެންފައި ވިދާޅުވިއެވެ. "އިންސާނެއްގެ ހައިސިއްޔަތުން އަޅުގަނޑު މަނިކުފާނުގެ ސުވާލުތަކަށް ޖަވާބު އަރުވާކަށެއް އިޢުތިރާޒެއް ނެތެވެ. އަޅުގަނޑުގެ ވާހަކަ ވަރަށް ކުރެވެ. އަޅުގަނޑުގެ އެއްވެސް އަޚެއް ނެތެވެ. މަންމަ އަވަހާރަ ވެއްޖެއެވެ. ބައްޕަޔާއި އަންހެން ކޮއްކޮއެއް ފިޔަވައި އެހެން އެއްވެސް މީހެއްގެ ހަނދާނަކުން އަޅުގަނޑަކަށް ހިތްދަތިކަމެއް ނުލިބެއެވެ. ނަމަވެސް މަނިކުފާނު ކުށްހީފުޅެއް ނުކުރައްވައްޗެވެ. އަޅުގަނޑު މި އައީ މަނިކުފާނުގެ އަރިހުގައި އާދޭސް ދަންނަވާކަށެއް ނޫނެވެ. މިއީ ހަމައެކަނި މަނިކުފާނުގެ ސުވާލުތަކުގެ ޖަވާބެވެ." ރަންބީރުގެ އަޑުފުޅު ބެދިއްޖެއެވެ. އޭނާ އޭނާގެ ލޯފުޅުގެ ތެރެޔަށް އެއް ވަމުންދިޔަ ކަރުނަތައް ފޮރުއްވޭތޯ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އިރުކޮޅަކުން އޭނާގެ ހިތްޕުޅުން ވަރަށް ބޮޑު ބަރެއް ލުއި ވެއްޖެއެވެ. ކިއްލާގެ ކޮމާންޑަރަށް އޭނާގެ ގަނޑުވަރާއި ރަށާ ބެހޭ ވާހަކަތައް ވިދާޅުވެދެއްވުމުން އޭނާއަށް ހިތްޕުޅުހަމަޖެހުމެއް ލިބިވަޑައިގަންނަވާން ފަށައިފިއެވެ. މަޑުމަޑުން އޭނާގެ ހިތްޕުޅުގައި ކޮމާންޑަރާ މެދު ގާތްކަން އުފެދެމުންދާން ފަށައިފިއެވެ. އޭނާ ގެންދެވީ ހިނިފުޅު ވަޑުވަމުންނެވެ. ނަމަވެސް އޭނާގެ ހިނިފުޅުވެޑުވުން ވަނީ ކަރުނަފޮދުން އެއްކިބާ ވެފައެއް ނޫނެވެ. އެންމެ ފަހުން ރަންބީރު ކޮމާންޑަރާ ދިމާޔަށް ވިދާޅުވިއެވެ. "ދެން އަޅުގަނޑު މަނިކުފާނުގެ އަރިހުން އޮޅުން ފިލުވާން ބޭނުން ވަނީ އެ ހާދިސާއެއްގެ ސަބަބުން މަނިކުފާނުގެ ހިތްޕުޅަށް ތިޔަ ފަދަ އިންޤިލާބެއް އައި ހާދިސާއަކީ ކޮބައިތޯ އާއި، މަނިކުފާނު ހައްޔަރު ވެވަޑައިގަތީ ކޮން ހަނގުރާމައެއްގައި ކަމެވެ."

ކޮމާންޑަރު ވިދާޅުވިއެވެ. "އަޅުގަނޑުގެ ވާހަކަ މަނިކުފާނުގެ ވާހަކަފުޅާ ވަރަށް ތަފާތެވެ. އަދި ވަރަށް ދިގު ވެސްމެއެވެ. މަނިކުފާނު މާ އަވަހަށް އަވަހާރަފުޅު ލައްޕަވާން އާދަ ވެވަޑައިގެންފައި ނުވާ ކަމުގައި ވާނަމަ، ރޭގަނޑުގެ ފަރީއްކޮޅުން ނިމިވަޑައިގަތުމާ އެކު، އަޅުގަނޑުގެ ގާތަށް ވަޑައިގަންނަވާށެވެ! އޭރުން އަޅުގަނޑުމެންނަށް ވަރަށް ގިނަ އިރު ވާންދެން ވާހަކަ ދައްކާން ތިބެވިދާނެއެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.