
ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.
ކަންބޮޑުވުންތަކަށް ހައްލު ލިބޭގޮތަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުތައް ހިމަނައިގެން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދު ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާގައެވެ.
މި ބިލު ތަޅުމަށް ހުށަހެޅުއްވުމުން މަޖިލީހުގެ 60 މެންބަރުންގެ ވޯޓުން ވަނީ ބިލު ފާސްކޮށްފައެވެ. ބިލު ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
މިބިލަށް އެމްޑީޕީގެ މަޖިލިސް މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު 2 އިސްލާހެއް ހުށަހެޅުއްވިނަމަވެސް ވޯޓަށް އެހިވަގުތު މެމްބަރުގެ ނަން އިއްވައި، ތަޅުމުން ނެރެފައިވުމުން އެއިސްލާހުތައް ހުށަހެޅޭގޮތް ވަނީ ނުވެފައެވެ. އަދި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ތަޅުމުގައި ހުށަހެޅުއްވި 4 އިސްލާހު ވެސް ވަނީ ފާސްކޮށްފައެވެ.
މި ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ޚަބަރު ފެތުރުުން ހުއްޓުވުމަށް ހުށަހެޅުއްވި ބިލެއްކަމަށް ވަނީ ބަޔާންކުރައްވާފައެވެ. އަދި ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަކީ ވެސް މި ބިލު ހުށަހެޅުއްވި މަގުސަދެއް ކަމުގައި ބަޔާންކުރައްވާފައި ވެއެވެ.