
ކްލަބް މޯލްޑިވްސް ކްލެސިކްގައި ވާދަކުރާ މާލެ ސިޓީ ކައުންސިލްގެ، ކުލަބް މާލެ ސިޓީ ފުޓްސަލް ޓީމަށް ޖާޒީ ހަވާލުކޮށްފިއެވެ.
މާލެ ސިޓީ ހޯލުގައި މިރޭ އޮތް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، ޓީމުގެ ޖާޒީ ހާވާލުކޮށްދެއްވީ، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ. އަދި ޓީމުގެ އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް އެވެ. މި ރަސްމިއްޔާތުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބުދުލް މުހައިމިން ނަސީރުގެ އިތުރުން ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުލަބް މާލެ ސިޓީގެ ފުޓްސަލް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވައި، މޭޔަރ އާދަމް ޢާޒިމް ވަނީ، މުބާރާތުގައި ކުޅިވަރުގެ ރޫހާ އެއްގޮތަށް، އަޚުލާޤު ގެންގުޅެ، ރީތި ކުޅުމެއް ކުޅުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މޭޔަރު ވަނީ، މާލެ ސިޓީ ކައުންސިލްގައި، ފުޓްސަލް ކުޅެން ހުނަރުވެރި ގިނަ ކުޅުންތެރިން ތިބިކަން ފާހަގަކުރައްވައި، މި ފަދަ މުބާރާތްތަކަކީ އެ ކުޅުންތެރިންނަށް ކުރިއަށް ދިއުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމުގައި ވިދާޅުވެފައެވެ. އަދި މުބާރާތުގެ ވަނައެއް ހޯދުމަށް ޓަކައި ހުރިހައި ކުޅުންތެރިން ވެސް، އެކުގައި ގަދައަޅައި މަސައްކަތް ކުރުމަށް ގޮވައިލެއްވިއެވެ.
މޭޔަރުގެ ވާހަކަފުޅުގައި، މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުޅުންތެރިންނަށް، ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ކްލަބް މާލެ ސިޓީ ޓީމުގެ ކުޅުންތެރިން ވެސް ވަނީ، މުބާރާތަށް ޓަކައި ހުނަރުތައް އިތުރަށް ތަރައްޤީކޮށް، ފިޒިކަލް ފިޓްނަސް ވަރުގަދަ ކުރުމުގެ މަސައްކަތުގައި ތިބިކަން ހާމަކޮށްފައެވެ.
ކްލަބް މޯލްޑިވްސް ކްލެސިކްއަކީ، ދިވެހިރާއްޖޭގެ ފުޓްސަލް ކުޅުންތެރިންގެ މެދުގައި ވަރަށް މަގުބޫލު މުބާރާތެކެވެ. މި ފަހަރުގެ މުބާރާތުގައި ކުލަބް މާލެ ސިޓީގެ ޓީމް ހިމެނެނީ ގްރޫޕް އެޗްގައެވެ. އެޗްގައި ހިމެނޭ ޓީމް ތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ރަނަރަޕް މޯލްޑިވެސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރައްޔިތުންގެ މަޖިލިސް އަދި އިލެކްޝަން ކޮމިޝަން ހިމެނެވެ.
ހުޅުމާލެ ރެހެންދި ޓާފް ދަނޑުގައި ރަސްމީކޮށް މި މުބާރާތް ފަށާފައިވާ އިރު، މާލެ ސިޓީގެ ޓީމް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ 8:15 ގައި ބައްދަލު ކުރާނީ އެމްއެމްއޭއެވެ.