
(30 އޯގަސްޓް 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކުއްލިޔަކަށް ކޮޓަރީގެ ދޮރާ ދިމާއިން ކޮންމެވެސް މީހެއްގެ އަޑު އިވިއްޖެއެވެ. "ތިޔައީ ސިފައިންގެ މީހުން ދައްކާ ކަހަލަ ވާހަކައެއް ނޫނެވެ." ރަންބީރުގެ ވަށައިގެން ބަލަހައްޓައިގެން ތިބި މީހުން ކުއްލިޔަކަށް ފަހަތަށް އެނބުރި ބަލައިލި އިރު، އެއީ އިސްކޮޅުން ދިގު، ރީތި، ހައިބަތުހުރި މީހެކެވެ. އޭނާ ހުރީ ކިއްލާގެ ކޮމާންޑަރުގެ އަރިހުގައި ދޮރުމަތީގައެވެ. ޤައިދީން އެއްފަރާތަކަށް ޖެހިލައިފިއެވެ. ބޭރުން އައި މީހާ ރަންބީރު އޮންނެވި އެނދު ކައިރިއަށް އައިސް ބުނެފިއެވެ. "ސިފައިންގެ މީހުން މަރުގެ އުނގަށް ވެސް ގޮސް ވަންނަނީ ހިނިތުން ވެތިބެއެވެ. އެބައިމީހުން ގޮތް ހުސް ވެގެން މަރުގެ ކުރިމަތީގައި ހަތިޔާރެއް ނުބަހައްޓާނެއެވެ."
ރަންބީރު އެ މީހާޔާ ދިމާޔަށް ބައްލަވައިލައްވައިފައި ކަންބޮޑު ވެވަޑައިގެން ތެދު ވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. އޭނާގެ ހިތްޕުޅުގައި އުތުރެމުން ދިޔަ ނަފްރަތާއި ފޫހީގެ ޖަޒުބާތު ޙައިރާންކަމަށް ބަދަލު ވެގެން ހިނގައްޖެއެވެ.
މިއީ އެތައް އަހަރެއްގެ ކުރީން އޭނާ މަރުގެ އަނގައިން ފިރުކައިގެންފައި މި ކިއްލާއަށް ފޮނުވި މީހާއެވެ. މިއީ، ފަރުބަދައެއްގެ މަތީގައި ބައްދަލު ވެވަޑައިގެންނެވި ކުޑަކުޑަ ހިނދުކޮޅެއްގެ ބައްދަލު ވެވަޑައިގަތުމަކަށް ފަހު ދާއިމީ ގޮތަކަށް އޭނާގެ ހިތްޕުޅުގައި އެއީ ކާކުބާވައޭ މި ސުވާލު އުފެއްދި މީހާއެވެ.
"މީނާ ބޭސްފޮދެއް ނުހިއްޕެވިއެވެ." ބޭސްވެރިޔާ ބޭރުން އައި މީހާ އާއި ކިއްލާގެ ކޮމާންޑަރާ ދިމާޔަށް ބަލައިލައިފައި ދެންނެވިއެވެ. "އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކޮށްފީމެވެ."
"ގެންނާށެވެ! އަހަރެންގެ އަތަށް ބޭސްތަށި ދޭށެވެ!" ބޭރުން އައި މީހާ މިހެން ބުނެފައި ބޭސް ތަށިކޮޅު ޤައިދީގެ އަތުން އަތުލައިފިއެވެ. އޭނާ ރަންބީރާ ދިމާޔަށް ބަލައިލައިފައި ބުންޏެވެ. "އަޅުގަނޑަށް ހީ ވާ ގޮތުގައި މީގެ ކުރީން ވެސް އެއް ފަހަރަކު އަޅުގަނޑާ މަނިކުފާނާ ބައްދަލު ވެއްޖެއެވެ. މި ބޭސް ތަށިކޮޅު ހިއްޕަވާށެވެ."
ރަންބީރަށް އޭނާގެ ވާހަކައަށް ވުރެ ބޮޑަށް އަސަރު ކުރަމުން ދިޔައީ އޭނާގެ ބެލުމުންނެވެ. ނަމަވެސް އޭނާ ބޭސް ތަށިކޮޅުގައި އަތްޕުޅެއް ނުލެއްވިއެވެ.
"މަނިކުފާނު ބޭސްފޮދު ނުހިއްޕަވާހައި ހިނދަކު އަޅުގަނޑު މިތާނގައި މި ގޮތަށް ހުންނާނަމެވެ." މިހެން ބުނެފައި އެ މީހާ ބޭސް ތަށީކޮޅު ރަންބީރުގެ ތުންފަތްޕުޅުގައި ޖައްސައިފިއެވެ. ރަންބީރު އޭނާގެ އަތުން ބޭސް ތަށިކޮޅު އަތުލައްވައިފިއެވެ. ބޭސް ތަށިކޮޅު ފާރުގައި ޖައްސަވައިފާނަމޭ އޭނާގެ ހިތްޕުޅަށް އެރިއެވެ. ނަމަވެސް އޭނާއަށް އެހެން ހައްދަވާކަށެއް ކެރިވަޑައެއްނުގެންނެވިއެވެ. އިރުކޮޅަކު މަޑު ކޮށްލައްވައިފައި އޭނާ ކުއްލިޔަކަށް ބޭސް ތަށިކޮޅު ހިއްޕަވައިލައްވައިފިއެވެ.
ބޭރުން އައި މީހާ ހީނލައިފައި ބޭސްވެރިޔާއާ ދިމާޔަށް ބަލައިލައިފައި ބުންޏެވެ. "އަޅުގަނޑަށް ހީ ވާ ގޮތުން ކަލާގެ ބޭސް ވަރަށް ހިއްޗެވެ. ޚުދު އަޅުގަނޑު ވެސް ހިތި ބޭސް ބޯން ޖެހިލުން ވެއެވެ."
ކިއްލާގެ ކޮމާންޑަރު ވިދާޅުވިއެވެ. "ހިންގަވާށެވެ! މަނިކުފާނު އަދިވެސް ވަރަށް ގިނަ ކަންތައް ބައްލަވާން ވެފައި އެބަހުއްޓެވެ."
ބޭރުން އައި މީހާ ކޮމާންޑަރާ އެކު ކޮޓަރީން ބޭރަށް ނުކުތުމެއްޖެއެވެ. ބޭސްވެރިޔާ ރަންބީރާ މުޚާޠަބު ކޮށް ދެންނެވިއެވެ. "އަޅުގަނޑު ހަވީރު އަދި އަންނާނަމެވެ. މަނިކުފާނު އިރުކޮޅަކުން ކިރުފޮދެއް ވެސް ހިއްޕަވައިލެއްވިއްޔާ ރަނގަޅު ވާނެއެވެ."
"މަޑު ކުރައްވައިބައްލަވާށެވެ!" ރަންބީރު ވިދާޅުވިއެވެ. "އަޅުގަނޑު ކަލާގެ އަރިހުން ކަމެއް އޮޅުން ފިލުވައިލާން ބޭނުމެވެ."
"ވިދާޅުވެބައްލަވާށެވެ!"
"އެއީ ކާކުތޯއެވެ؟"
"އެއީ ރަސްގެފާނުގެ ލަޝްކަރުގެ ވަރަށް މަތީ އޮފިސަރެކެވެ. ކިއްލާގެ ކޮމާންޑަރު ދުވަސްކޮޅަކަށް ޗުއްޓީ ނަންގަވަނީއެވެ. އެ ދުވަސްކޮޅު ބަދަލުގައި ހުންނަވާނީ އޭނާއެވެ. އަޅުގަނޑަށް އެނގިފައި ވާ ގޮތުން އޭނާ ވަޑައިގަތީ ޤައިދީންނާ ބެހޭގޮތުން ޚާއްޞަ އިޚްތިޔާރުތަކަކާ ވެސް އެކުގައެވެ."
"ނަމަވެސް އޭނާ ވާހަކަ ދައްކާ އިރު ހީ ވަނީ ހިންދުސްތާނުގެ އަހުލުވެރިއެއް ހެންނެވެ."
"އާދޭހެވެ! އެއީ އާ މުސްލިމެކެވެ. އަޅުގަނޑު އަޑު އަހައިފައި ވާ ގޮތުގައި އޭނާ އަކީ ތިޔަ ބޭފުޅުންގެ ޤައުމުގެ ކޮންމެވެސް ރަސްކަލެއްގެ ވަރަށް ތިމާގެފުޅު ބޭފުޅެކެވެ.
+ + +
ފަނަރަވަރަކަށް ދުވަސް ފަހުން ރަންބީރަށް ތެދު ވެވަޑައިގެން ހިންގަވައިއުޅުއްވޭ ވަރު ވެއްޖެއެވެ. އެ ދުވަސްވަރު ކިއްލާގެ އާ ކޮމާންޑަރު ވަރަށް ގިނަ ފަހަރު ރަންބީރުގެ ޙާލުކޮޅު ބައްލަވާން ވަޑައިގެންއުޅުއްވިއެވެ. ކިއްލާގެ ހަތިޔާރު ގުދަންތަކާއި، ބައެއް އޮފިސަރުންގެ ކޮޓަރިތައް ހުންނަ ޚާއްސަ ސަރަޙައްދެއް ފިޔަވައި އެހެން ހުރިހައި ތަނެއްގައި ހިނގައިބިނގައި އުޅުމަކީ ޤައިދީންނަށް ހުއްދަ އޮންނަ ކަމެކެވެ. އެއް ދުވަހަކު ރަންބީރު ހެނދުނު ތެދު ވެވަޑައިގެން ހުންނެވީ ކިއްލާގެ ގޯތިތެރޭގައި ހިންގަވަހިންގަވައެވެ. ކިއްލާގެ ކޮމާންޑަރު ހަތަރު ސަވާރުންނާ އެކު އޭނާއާ ދިމާޔަށް ވަޑައިގަންނަވާތީ އޭނާއަށް ފެނިވަޑައިގެންފިއެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނު އަސް ދުއްވެވުމަކީ ކޮމާންޑަރުގެ އާދަފުޅެކެވެ. ރަންބީރާ ހަމަޔަށް ވަޑައިގެންފައި ކޮމާންޑަރު އޭނާގެ އަސް މަޑު ކޮށްލައްވައިފައި ވިދާޅުވިއެވެ. "ފަތިހު ހިންގެވުމަކީ މަނިކުފާނުގެ ޞިއްޙަތަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމެކެވެ."
ރަންބީރު ތަންކޮޅެއް ރުންކުރު ގޮތަކަށް ވިދާޅުވިއެވެ. "އަޅުގަނޑުގެ ޞިއްޙަތާ މެދަކު އަޅުގަނޑު އެއްވެސް ފަރުވާލެއް ނެތެވެ. ކޮޓަރީގައި އިންނަ އިރު އަޅުގަނޑުގެ ނޭވާ ހާސް ވާތީ ބޭރަށް ނުކުމެލީއެވެ."
"އެހެން ވީއިރު އަޅުގަނޑަށް ހީ ވަނީ މަނިކުފާނަށް ބޭރުގެ ޖައްވުން މާ ބޮޑަށް އަރާމު ލިބިވަޑައިގަންނަވާނެ ހެންނެވެ." މިހެން ވިދާޅުވެފައި ކޮމާންޑަރު ސިފައިންގެ މީހަކާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލޭގެ އަސް އޭނާއަށް އަރުވާށެވެ! އޭނާ ވެސް އަހަރެމެންނާ އެކު އަސް ދުއްވަވާން ވަޑައިގަންނަވާނެއެވެ."
ސިފައިންގެ މީހާ ކޮމާންޑަރުގެ އަމުރުފުޅަށް ތަބާ ވަމުން އޭނާގެ އަހުގެ ލަގަން ރަންބީރުގެ އަތްޕުޅަށް އަރުވާން އުޅުނެވެ. ނަމަވެސް ރަންބީރު ކޮމާންޑަރާ ދިމާޔަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. "މަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. ނަމަވެސް މި ވަގުތު އަޅުގަނޑު އަހަށް ސަވާރު ވާ ހިތެއް ނެތެވެ."
"މަނިކުފާނު އެދިވަޑައިގަންނަވާ ގޮތެކެވެ. ނަމަވެސް މަނިކުފާނު ފަހަރެއްގައި ވެސް އަސް ދުއްވަވާ ހިތްޕުޅު ވެއްޖެ ކަމުގައި ވާނަމަ އަޅުގަނޑުގެ ގާތުގައި ވިދާޅުވައްޗެވެ." ކޮމާންޑަރު މިހެން ވިދާޅުވެފައި އަސް ދުއްވައިލައްވައިފިއެވެ. އޭނާގެ އެކުވެރީން އޭނާގެ ފަހަތްޕުޅުން އަސް ދުއްވައިލައިފިއެވެ.
އޭގެ އަނެއް ދުވަހު ފާރަވެރީންގެ މީހަކު ރަންބީރުގެ އަރިހަށް އަތުވެއްޖެއެވެ. ކިއްލާގެ ކޮމާންޑަރު އޭނާއަށް ވިދާޅުވާ ވާހަކަ ދަންނަވައިފިއެވެ. ރަންބީރު އެ މީހާއާ އެކު ވަޑައިގެންފިއެވެ.
އޭރު ކޮމާންޑަރު ހުންނެވީ އޭނާގެ އޮފީހުގެ ކުރިމަތީގައި އޮންނަ ކުޑަކުޑަ ބަގީޗާއެއްގައި ހިންގަވަހިންގަވައެވެ. ރަންބީރު އޭނާގެ އަރިހަށް ވަޑައިގެން ހުއްޓިވަޑައިގެންފިއެވެ. ކޮމާންޑަރު ގަހެއްގެ ހިޔަލުގައި ހުރި ގޮނޑިތަކަކަށް އިޝާރާތް ކުރައްވައިފައި ވިދާޅުވިއެވެ. "މިތާނގައި އިށީނދެވަޑައިގަންނަވާށެވެ. އަޅުގަނޑު މަނިކުފާނާ ބައެއް ވާހަކަ ދައްކައިލާން ބޭނުމެވެ. --- މިއަދު ކޮޓަރިތަކުގެ ތެރެއިން ވަރަށް ބޮޑަށް އުދާސް ވެއެވެ."
ރަންބީރު ކުޑައިކޮށް ފަސް ޖެހިވަޑައިގެންފައިމެ އެތަނުން އަދަރާދަގޮނޑިއެއްގައި އިށީނދެވަޑައިގެންފިއެވެ. ކޮމާންޑަރު އޭނާގެ ކުރިފުޅުމަތީގައި އެހެން ގޮނޑިއެއްގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "މަނިކުފާނު ނަންދުނާގެ ހަނގުރާމައިގައި ބައިވެރި ވެވަޑައިގަތީ ގުނޫޖުގެ ސިފައިންގެ ކޮމާންޑަރެއްގެ ގޮތުން ދޮގެއްތޯއެވެ؟"
"އާދޭހެވެ!"
"މަނިކުފާނުގެ ވަރަށް ގިނަ އެކުވެރީން މިނިވަން ވެގެން ހިނގައްޖެ ދޮގެއްތޯއެވެ؟"
"އާދޭހެވެ!"
"މިނިވަން ވެވަޑައިގަތުމަށް ޓަކައި މަނިކުފާނަށް ޤަބޫލު ނުކުރެއްވޭ ކަހަލަ ޝަރުޠަކަށް އޮތީ ކޮން ޝަރުޠެއްތޯ އަޅުގަނޑަށް ދަންނަވައިލެވިދާނެތޯއެވެ؟"
ރަންބީރު ޖަވާބު ދެއްވިއެވެ. "ދުޝްމަނުންގެ ޝަރުޠުތަކާ މެދު ވިސްނުމަކީ ބޭނުން ކަމެއްތޯ ވެސް މިހައިތަނަކަށް އަޅުގަނޑު ވިސްނައިފައެއް ނެތެވެ."
ކޮމާންޑަރު ހިނިފުޅު ވަޑުވައިލެއްވިއެވެ. އޭނާ ކުޑަ އިރުކޮޅަކު މަޑު ކޮށްލައްވައިފައި ވިދާޅުވިއެވެ. "މަނިކުފާނު މިތާނގައި ހަތަރު އަހަރު ތިޔަ ހޭދަ ކުރެއްވީ ކޮންމެވެސް ދުވަހަކުން ހިންދުސްތާނުގެ ރަސްރަސްކަލުން އެބޭފުޅުންގެ މުލައްދަނޑިފުޅުގެ ބާރުގައި މަނިކުފާނު މިތަނުން ސަލާމަތް ކުރައްވައިގެން ގެންދަވާނެކަމުގެ އުއްމީދުގައިކަން އަޅުގަނޑަށް އެނގެއެވެ."
ރަންބީރު ވިދާޅުވިއެވެ. "އެހެން ވީއިރު މަނިކުފާނު އަޅުގަނޑު ގާތު ވިދާޅުވާން ތިޔަ އުޅުއްވަނީ މިހާރު ދެން އަޅުގަނޑު ގޮތް ހުސް ވެގެން މަނިކުފާނުގެ އަރިހުން މިނިވަންކަމަށް އެދި ސަލާން ޖަހާން ވީކަމަށްތޯއެވެ؟"
ކޮމާންޑަރު މަޑުމައިތިރިކަމާއި ހަމަޖެހިވަޑައިގަތުމާ އެކު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މި ވަގުތު މަނިކުފާނުގެ އަރިހުގައި ދަންނަވާން ބޭނުން ވަނީ އެއްމެ ވާހަކައެކެވެ. އެއީ، މަނިކުފާނު ކުރެއްވި ހަނގުރާމައެކޭ އެއްގޮތަށް ޖަލުގައި ތިޔަ ހުންނަވާ ހުންނެވުމަކީ ވެސް އެއްވެސް މަޤްޞަދެއް ނެތް ކަމެއްކަމުގައެވެ. މަނިކުފާނު އެ ކަމަކަށް ޓަކައި ތިޔަ ފަޚުރުވެރި ވެވަޑައިގަންނަވާ ހިތްވަރުފުޅުގަދަކަމަށް އަޅުގަނޑު ކިޔާނީ ގޮތް ދޫނުކުރެއްވުމޭ ކަމުގައެވެ. މަނިކުފާނު ތިޔަ ގަސްތު ކުރައްވަނީ ޚިޔާލީ ކިއްލާއެއްގައި އިންނަވައިގެން، ޤުދުރަތުން މަތިވެރި މަޤުޞަދަކަށް ޓަކައި ޚާއްޞަ ކުރައްވައިފައި ވާ ބާރަކާ ހަނގުރާމަ ކުރައްވާން ކަމުގައެވެ."
ރަންބީރު ވިދާޅުވިއެވެ. "ފައްޅިތަކަށް ޙަމަލަ ދެއްވުމާއި ދޭވަތާއިންގެ ބުދުތައް މުގުރުއްވުމަކީ މަނިކުފާނުގެ އަރިހުގައި މަތިވެރި މަޤުޞަދެއް ކަމުގައި ވާނަމަ މަނިކުފާނަށް މަނިކުފާނުގެ މަސައްކަތްޕުޅާ މެދު ފަޚުރުވެރި ވެވަޑައިގެންނެވިދާނެކަން ޔަޤީނެވެ."
ކޮމާންޑަރު ޖަވާބު ދެއްވިއެވެ. "އިންސާނުންގެ އަތުން ކޮށައި މަށައި ހަދައިފައި ހުންނަ ބުދުތައް މުގުރޭނީ އިންސާނުންގެ އަތުންނެވެ. ކޮށައި މަށައިފައި ވާ ހިލަގަނޑެއް ބުރަހުމަނެއްގެ އަތަށް އެރުމުން އެ ހިލަގަނޑު ބަދަލު ވެގެން ދަނީ އިންސާނިއްޔަތުގެ ކޮންފަދަ ނުރައްކައުތެރި ދުޝްމަނަކަށްކަން މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ނަމަ ކިހައި ރަނގަޅު ވީސްތޯއެވެ؟ މަނިކުފާނަކީ ރާޖުޕޫތަކީމުއެވެ. މަނިކުފާނު އެ ބުދުތައް ދެކެ ލޯބިފުޅު ވާ ސަބަބު ވިސްނައިގަތުމަކީ އަޅުގަނޑަށް ދަތި ކަމެއް ނޫނެވެ. ގުނައި ޢަދަދު ނުކުރެވޭހައި ގިނަ އިންސާނުންގެ މައްޗަށް މަނިކުފާނު މާތް ކުރީ އެ ބުދުތަކެވެ. އެތަކެއް ޤަރުނުއްސުރެ ތިޔަ ބޭފުޅުން އެތަކެއް ހާސް އިންސާނުން އެބައިމީހުންގެ މައިގަނޑު އިންސާނީ ޙައްޤުތަކުން މަޙުރޫމު ކުރައްވައިގެން ތިޔަ އުޅުއްވަނީ އެ ބުދުތަކުގެ ބާރުގައެވެ. އިންސާނުން ކުރެ އެއް ބަޔަކަށް ދީނުގެ ވެރިކަން، އަނެއް ބަޔަކަށް ރަސްކަމާއި ސިޔާސީ ވެރިކަން ދީފައި، އަނެއް ބަޔަކު ވިޔަފާރި އާއި ދަނޑުވެރިކަން ކުރުމަށް، އަނެއް ބަޔަކު "ނަޖިސް މީހުންގެ" ނިކަމެތި ދަރަޖަޔާ މެދު ރުހިގެން ތިބޭން މަޖުބޫރު ކުރީ އެ ބުދުތަކެވެ. މި ޤައުމުން އެ ބުދުތަކުގެ ބާރު ކެނޑިގެން ދިޔުމަކީ އިންސާނިއްޔަތަށް ލިބޭނެ އެންމެ މަތިވެރި ފަތަޙައެވެ. މަނިކުފާނު އެ ބުދުތަކުގެ ދިފާޢުގައި ކަނޑި އުފުއްލަވައިލެއްވުމުގެ ކުރީން ކޮންމެވެސް އަޗޫތެއްގެ ގާތުން އެބައިމީހުންގެ ނިކަމެތި ކޮނޑުތަކަށް ބަރު ބޮޑީ ރަސްކަލުންގެ ގަނޑުވަރުތަކުގެތޯ ނުވަތަ ބުދުތަކުގެ ފައްޅިތަކުގެތޯ އައްސަވައިލެއްވި ނަމައެވެ. ނުވަތަ ވިޔަފާރި އާއި ދަނޑުގޮވާން ކުރާން އުޅޭ މީހުންގެ ގާތުން ކަލޭމެންގެ މަސައްކަތުގެ ބޮޑު ބައި ދޭން ޖެހެނީ ކަނޑީގެ ތުނޑުން ޓެކްސް ނަންގަވާ ވެރީންނަށްތޯ ނުވަތަ ބުދުތަކަށް ޖިޒީ ނަގާ ބުރަހުމަނުންނަށްތޯ ސުވާލު ކުރެއްވި ނަމައެވެ."
(ނުނިމޭ)