
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2025ގެ އޮފިޝަލް ކޯޗިންގ ޕާޓްނަރުން އިއުލާންކޮށްފިއެވެ.
ޑީ.އެމް.އާރް.އާރްގެ އޮފިޝަލް ކޯޗިންގ ޕާޓްނަރުންނާއެކު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމަށް ތައްޔާރުވުމަށް ބައިވެރިންނަށް ހާއްސަ ކޯޗިންގ ހޯދުމުގެ ފުރުސަތު ހިލޭ ލިބިގެންދާނެއެވެ. މިއީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން ފަސޭހަކުރުމަށްޓަކައި 2018 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން މި އަހަރުގެ ކޯޗިންގ ޕާޓްނަރުންނަކީ:
- އައިލެންޑް ރަނަރސް މޮލްޑިވްސް: ޑީ.އެމް.އާރް.އާރްގެ ބައިވެރިންނަށް 1 މަސް ދުވަހަށް ތަމްރީނު ވުމުގެ ފުރުސަތު.
- އެލީޓް ރަނަރސް: ޑީ.އެމް.އާރް.އާރްގެ ބައިވެރިންނަށް ޕާސަނަލައިޒްޑް ޓްރެއިނިންގ ޕްރޮގްރާމަކާއެކު ތަމްރީނު ވުމުގެ ފުރުސަތު.
- ނަސީރް ސްޕޯޓްސް އެކަޑަމީ: ފުރަތަމަ ފަހަރަށް ޑީ.އެމް.އާރް.އާރްގައި ބައިވެރިވާ ފަރާތްތަކަށް ކޯޗް ނަސީރާއެކު ތަމްރީނު ވުމުގެ ފުރުސަތު.
- ސާއިދް ސްޕޯޓްސް: ފުރަތަމަ ފަހަރަށް ޑީ.އެމް.އާރް.އާރްގައި ބައިވެރިވާ ފަރާތްތަކަށް ދިރާގު ބްރޭންޑް އެމްބެސެޑަރ އަދި ރާއްޖޭގައި ހުރި އެންމެ ހަލުވި ދުވުންތެރިޔާކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ތަމްރީނު ވުމުގެ ފުރުސަތު.
- ލެގަސީ ފިޓްނަސް: ފުރަތަމަ ފަހަރަށް ޑީ.އެމް.އާރް.އާރްގައި ބައިވެރިވާ ފަރާތްތަކަށް ޓްރެއިނާރ ރިޔާޝްއާއެކު ތަމްރީނު ވުމުގެ ފުރުސަތު.
''ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ ބައިވެރިންނަށް ކޯޗިން ޕާޓްނަރުން މެދުވެރިކޮށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ މަގުސަދަކީ ކޮންމެ ދުވުންތެރިއަކަށް ވެސް މި ދުވުމަށް ތައްޔާރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމުގެ މަގު ފަހިކޮށްދީ، ދުވުމުގައި ބައިވެިވުމަށް ހިތްވަރުދީ ދުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުން.'' ދިރާގު ސީނިއާރ މެނޭޖާރ، ބްރޭންޑްސް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވިއެވެ.
ޑީ.އެމް.އާރްެ.އާރްގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޫބަރު 2025 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ބައިނަލްއަގްވާމީ ދުވުންތެރިން އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.