
ޤައުމަށްޓަކައި އީމާންތެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން، އެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި އިލްތިމާސްކުރައްވާފައިވަނީ، 1447 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް، ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން ކުރިއަށްދިއުމަށް ނިންމައިފިނަމަ، ސަރުކާރުން ގެނެސްދޭ ތަރައްޤީ އާއި ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ގެންނަ ތަރައްޤީއާ އެކު، ދިވެހިރާއްޖެއަށް ފުރިހަމަ، ވަށާޖެހޭ ތަރައްޤީ ލިބޭނޭކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމުގައެވެ.
ކޮންމެ މީހަކީވެސް އިސްލާމް ދީން ބަޔާންކޮށްދެއްވި މަތިވެރި އިރުޝާދުތަކާއި، ދައްކުވައިދީފައިވާ މަތިވެރި މަގުން ކުރިއަށްދާންޖެހޭ މީހެއްކަން ފާހަގަކުރައްވައި، އެ ފަދައިން ޢަމަލުތައް ބައްޓަންކުރަންވީ ދުވަހަކީ މިއީ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ދިވެއްސަކީވެސް، ޤައުމުގެ އަބުޠާލުންގެ މަތިވެރި ޖިހާދުގެ ފުރިހަމަ އަގުވަޒަންކުރާ މީހަކަށް ވާންޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ތަރައްޤީވެފައިވާ، އަމާން އަދި އުފާވެރި ޤައުމެއްގެ ގޮތުގައި ކުރިއަށްދެވެން އޮތީ ހަމައެކަނި މި ބީދައިން ކަމުގައިވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ ފަރުދުންގެ މެދުގައިވާ ލޯތްބާއި އިޙުތިރާމުގެ މައްޗަށްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޙަޤީޤީ ޤައުމިއްޔަތަކީ ކޮބައިކަމާއި، ޤައުމިއްޔަތުގެ ޒިންމާއަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ޒިންމާއެއްކަން ހަނދާންކޮށްދެއްވާފައެވެ.
ޤައުމަށް ކުރިއެރުން ގެނައުމަށް ސަރުކާރުތަކުން މަސައްކަތްކުރައްވާނެ ކަމަށާ، ނަމަވެސް ޙަޤީޤީ ކުރިއެރުމަކީ ފަރުދީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހިތުގައި ޤައުމިއްޔަތު ޢާލާކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކުރަން އޮތް އެންމެ މުހިންމު ކަންތައްކަމުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. އަދި މި ކަމުގައި އަދުގެ ޒުވާނުންގެ މައްޗަށް އޮތް ޒިންމާތަކަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އެރުވި، އުތީމު ރައްޔިތުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އެރުއްވި، ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އާދަމް ޢަބްދުއްރަޙްމާނުގެ ނަންފުޅު ވަކީން ފާހަގަކުރައްވައި، އެ ބޭފުޅާގެ ޚިދުމަތަށްވެސް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. ހަމަ މިއާއެކު، ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭބޭފުޅުންނަށްވެސް އެ މަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.