ހަނދު އޭގެ ހަނދުވަރާ ނުލާ ---- (29)

(  20 އޯގަސްޓް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ފިސްތޯލައިގެ އަޑަށް އެންމެން ތިރިޔަށް ދިޔައިރު ، މުރުތަސިމްގެ އަތްއޮތީ އެލިފައެވެ. އޭނާގެ އަތުގައި އޭރުވެސް ފިސްތޯލަ އޮތެވެ. މުރުތަސިމް އިނީ ގޮނޑިމައްޗަށް ދެމިފައެވެ. މީރަބް ފަހަތުން ދުވެފައި އައިސް ، މުރުތަސިމްގެ މޫނުގައި ފިރުމާލުމަށްފަހު ، ރޮމުންރޮމުން މުރުތަސިމަށް ގޮވައިލިއެވެ.

" ކިހިނެއްވީ ހެއްޔެވެ ؟ ރޮހޭލް މަރުވީކަމަށް ހީކުރީ ހެއްޔެވެ ؟ އެއްދުވަހަކުން ، ހަމަ މިގޮތަށް އަހަރެން ރޮހޭލްގެ ފުރާނަ ދުއްވައިލާނަމެވެ. އަހަރެން ވިސްނަމުން މިގެންދިޔައީ އެކަމާ މެދުގައެވެ. ފިސްތޯލައިގެ ވަޒަން ގޮއްވައިލެވުނީ އެ ޚިޔާލުގައި އިނދެއެވެ. ފިސްތޯލަ ގޮއްވައިލެވުނު ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. " މުރުތަސިމް ، މަޑުމަޑުން ބުނެލިއެވެ.

ގޭގެ ބޭރުގައި ޕޮލިސް އައިސްތިބި ވާހަކަ ، ނޯކަރަކު އައިސް ބުންޏެވެ. ފިސްތޯލައިގެ އަޑުއިވުމުން ، ނޯކަރުން ޕޮލިހަށް ގުޅީމަ އައީކަމަށް ނޯކަރު ބުންޏެވެ. އެމީހުންގެ ކަންތައް ހަމަޖައްސާނީ އޭނާކަމަށް ބުނެ ، މުރުތަސިމް ހިނގައިގަތުމާއެކީ ، ވައްޤާސްވެސް މުރުތަސިމާއެކީ ދިޔައެވެ.

އެރެއިން އެރެޔަށް އަޙްމަދުއާބާދަށް ދިއުމަށް މުރުތަސިމް ނިންމިއެވެ. އޭނާގާތުގައި މަޑުކުރުމަށް މީރަބް ބުނެބުނެވެސް ، މުރުތަސިމް މަޑެއް ނުކުރިއެވެ. މުރުތަސިމްގެ ޖަވާބަކަށްވީ ، މީރަބްވެސް އޭނާއާ ދިމާލަށްބުނާ ބަހެވެ. " އޭނާ އުޅޭނީ އޭނާއުޅޭން ބޭނުންވާ ގޮތަކަށެވެ. ކުރާނީ ކުރާނެ ކަމެކެވެ. އެހެންމީހަކަށް އެކަމެއް ނުހުއްޓުވޭނެއެވެ. "

މުރުތަސިމް ގޮސް ކާރަށް އަރައަރާ ހުއްޓާ މީރަބް އެތަނަށް ދިޔައެވެ. އޭނާ ކަރާޗީއަށް އައީ އެބޭނުމުގައި ނޫންކަމަށް މީރަބް ބުންޏެވެ. އެވަގުތު ގުގުރިޖަހާފައި ވިއްސާރަ ވެހެން ފެއްޓިއެވެ. މުރުތަސިމް ކާރަށް އެރުމާއެކީ ، މީރަބްވެސް ކާރަށް އަރައި އިށީނެވެ.

" އަހަރެން މިހަދަނީ ޙައްޤު ތެދެވެ. އަހަރެން އައީކީ ، ރޮހޭލާ ބައްދަލުކުރާކަށް ނޫނެވެ. އަހަރެން އެހެން ބުނިތަނާ ވާރޭވެހެން ފެށުންވެސް އެއީ އަހަރެން މިބުނާ ބަހުގެ ހެއްކެކެވެ. ވާރޭވެސް އެކަމަށް އެ ހެކިދިނީއެވެ. " މީރަބް ބުންޏެވެ.

މީހެއްގެ ހިތް ތަކުލީފުލިބިގެން ރޯކަމަށް ވަންޏާވެސް ، ވާރޭވެހިދާނެކަމަށް މުރުތަސިމް ބުންޏެވެ. މީރަބް ކާރުން ނުފޭބުމުން ، މީރަބް ގޮވައިގެން އަޙްމަދުއާބާދަށް ދިއުމަށް މުރުތަސިމް ނައްޓައިލިއެވެ. އައިމަގުމަތީގައި ، މީރަބް އެތައް ވާހަކައެއް ދެއްކިއިރުވެސް ، މުރުތަސިމް އަނގަޔަކުން ނުބުނެއެވެ. މީރަބާ ވާހަކަ ދައްކާކަށް މުރުތަސިމް ބޭނުމެއް ނުވިއެވެ. މީރަބްގެ ދިފާޢުގައި އެދައްކާ ވާހަކައިގެ އަޑުއަހާކަށްވެސް ، މުރުތަސިމް ބޭނުމެއް ނޫނެވެ.

އެހާއަވަހަށް މުރުތަސިމް އައިމަ ޚާނަމްގެ އެތައް ސުއާލުތަކެއް ޖުރިމަތިވިއެވެ. މީހެއްގެ ސިއްރުތަކެއް ފާޅުވެ ، ކަމެއް ފަޅާއެރީ ހެއްޔެވެ ؟ މިއޮށް އަނދިރި ރޭގަނޑު ، އެއްވެސް މީހަކަށް ނާންގާ ސިއްރުން އައި ސަބަބެއް އޮންނާނެނޫންހެއްޔެވެ ؟ މުރުތަސިމްމެން އައިކަމެއް ، ވައްޤާސްމެންނަކަށް ނޭނގޭނެއެވެ. ކުއްލިކަމެއް ދިމާވެގެން އެނބުރިއައީކަމަށް މުރުތަސިމް ބުންޏެވެ. އެމީހުން ދަނޑުވެރިކަންކުރާ އަވަށުގެ ބަޔަކު ، މުރުތަސިމާ ބައްދަލުކުރަން އައީއެވެ. އަދި ފަހުން އެވާހަކަ ދައްކާނެކަމަށްބުނެ ، އޭނާގެ ކޮޓަރިޔަށް މުރުތަސިމް ދިޔައެވެ.

ގޭގެފޯނު ރަނގަބީލުވާން ފެށުމާއެކީ ، ޚާނަމް ފޯނުނެގިއިރު އެއީ ޙަޔާއެވެ. ޙަޔާއަށް މާފުކޮށް ، އޭނާ އަޙްމަދުއާބާދަށް ދިއުމުގެ ހުއްދަ ދިނުން އެދި ޚާނަމަށް އާދޭސްކުރަން ފެއްޓިއެވެ. ޙަޔާއަށް ހަމަޖައްސައދޭންޖެހޭ ކަންކަން ފުރިހަމަވީމަ ، ޙަޔާ ގެންނާނެކަމަށް ޚާނަމް ބުންޏެވެ. ފޯނު ބޭއްވުމަށްފަހު ، ޚާނަމްގެ ގާތް ރަޙުމަތްތެރިއެއްކަމުގައިވާ ޞޯބިރާއާ ގުޅިއެވެ. ޚާނަމަށް ، އެރޭ ހުވަފެނެއް ފެނުނުވާހަކައާއި އެ ހުވަފެނުގައި ، ކައިވެނީގެ ހެދުމުގައި ޙަޔާހުރިތަން ފެނުނުކަމަށް ޚާނަމް ބުންޏެވެ. ޚާނަމް އެބުނިވާހަކައެއްގެ މާނައަކީ ކޮބައިކަން އެނގި ، ޚާނަމް ބޭނުންވާ ގޮތަށް އެކަން ހަމަޖެހިގެންދާނެކަމަށް ޞޯބިރާ ބުންޏެވެ.

ކަރާޗީން އައިފަހުން މުރުތަސިމް އުޅެނީ މީރަބާ ދުރުދުރުންނެވެ. ނިދަނީވެސް ، އެންމެ ކުރިން ނިދިގޮތަށް ސޯފާގައި މީރަބާ ވަކިންނެވެ. އަންވަރުވެސް ހުރީ މީރަބްދެކެ ރުޅިއައިއްސައެވެ. މީރަބް އެއުޅުނު ގޮތަކުން ، މުރުތަސިމްގެ ހިތަށް އުނދަގޫވެފައި ހުރިކަން އަންވަރަށް އެނގެއެވެ. އެއީ ، އޭނާގެވެސް ކަންބޮޑުވުމެކެވެ. އަންވަރުވެސް ސުއާލަކަށްފަހު ސުއާލެއް ކުރަމުން ގެންދިޔައެވެ. އަންވަރުގެ ހުރިހާ ސުއާލަކަށް މީރަބް ޖަވާބު ދިނެވެ. އަންވަރުގާތު ، ވައްޤާސް އޮތީ ހުރިހާ ވާހަކައެއް ކިޔައިދީފައެވެ.

މީރަބްގެ ތަޞައްވުރު ކިލަނބުކޮށްލައި ، އޭނާގެ މިނިވަންކަން ގެއްލުވައިލާފައިވަނީ އަންވަރު މެންނެވެ. މީރަބަކީ ، މުރުތަސިމްގެ އަންހެނުންނެވެ. އަންވަރުގެ އަންހެންދަރިއެވެ. އޭގޭގެ ޢިއްޒަތާއި ޤަދަރު ދަމަހައްޓަންޖެހޭ ، އެގޭގެ ދަނބިދަރިއެވެ. އޭގެ މާނަޔަކީ ، މީރަބަށް މީހަކާ ވާހަކަވެސް ދައްކައިނުލެވުންކަމަށް ވަންޏާ ، އެއީ މީރަބަށް ޤަބޫލު ކުރެވޭނެ ހަމައެއްނޫނެވެ. މީރަބްގެވެސް ރަޙުމަތްތެރިންނާއި ގާތް އެކުވެރިން ތިބޭނެއެވެ. އެމީހުންނަކާ މީރަބަކަށް ބައްދަލު ކުރެވޭކަށް ނެތެވެ. ކަރާޗީއަށް ގޮސް ، ރޮހޭލާ ބައްދަލުކުރަން ދިޔަކަމަށް މީރަބް އެއްބަސްވިއެވެ. އަންވަރަކީ ، އޭނާ ޖަވާބުދާރީވާންޖެހޭ މީހެއްކަމަކަށް މީރަބެއް ނުދެކެއެވެ. އޭނާ ޖަވާބުދާރީވާން ޖެހޭނީ މުރުތަސިމަށެވެ. މީރަބްގެ އަބުރާއި ޢިއްޒަތަށް ނޭދެވޭ އަސަރެއްކުރާ ކަމެއްގައި ، މީރަބާ ސުއާލު ނުކޮށް ، މުރުތަސިމާ ސުއާލުކުރުމަށް މީރަބް ބުންޏެވެ.

މުރުތަސިމް ހިތްހަމަ ނުޖެހި ، ރުޅިމޫނު ދައްކައިގެން ހުންނާތީ ، މީރަބަށް މިހާރު ވަރަށް އުނދަގޫ ވެއެވެ. މުރުތަސިމް އަބަދު ހުންނަނީ ނުރުއްސަވައިގެންފައެވެ. މުރުތަސިމް ހިތްހަމަޖައްސުވައި ، އެއްގަލަށް އެރޭނެގޮތެއްވޭތޯ މީރަބް ނުކުރާކަ ކަމެއް ނެތެވެ. މުރުތަސިމަށް މީރުވާނެހެން ހީވާ ތަކެތި ހަދައިގެން މުރުތަސިމަށް ކާންދެވޭތޯވެސް ބަލައެވެ. މީރަބާއި މުރުތަސިމާ ދެމީހުން މައްސަލަޖެހިގެން އުޅޭކަން މަރިޔަމްއަށްވެސް އެނގުނެވެ. ޙަޔާ އެގޭގައި ނޫޅޭކަން ނަޞީބެކެވެ. އެހެންނޫންނަމަ ، އިތުރަށް އަލިފާން އަންދައިގެން ހޫނުކުރެވޭތޯ ބެލީހެވެ.

މީރަބާއި މަރިޔަމްއާ ދެފަހަރިން ، އެކަމާބެހޭގޮތުން ބަހުސްކުރަން ތިއްބާ ، މީހަކު ކަރުކެހިލިއެވެ.

" އަހަރެންގެ ދަރިފުޅަށް ބިރިޔާނީ ވަރަށް މީރުވާނެއެވެ. ބިރިޔާނީއާއެކީ ކީރު ހުރެއްޖިއްޔާ އަދި ވަކިން މީރުވާނެއެވެ. ކާމޭޒުދޮށުން ދުރައްލާންޖެހޭނީ ގަދަކަމުންނެވެ. ސުއާލަކީ ، މުރުތަސިމް ހިތްހަމަ ނުޖެހިގެން އެއުޅެނީ ކީއްވެގެންކަން ނޭނގުމެވެ. " ކަރުކެހިލާފައި އެތަނަށް ވަންނަމުން ޚާނަމް ބުންޏެވެ.

މީރަބްގެ ދެލޯ ބޮޑުވިއެވެ. މުރުތަސިމް އެއްވެސްކަމަކާ ހިތްހަމަ ނުޖެހިގެން ނޫޅޭކަމަށް މީރަބް ބުންޏެވެ. އެބަހެއް ޚާނަމް ޤަބޫލެއް ނުކުރިއެވެ. ވައްޤާސް އާއި އަންވަރާ ދެމީހުން ފޯނުން ވާހަކަ ދެއްކިތަން ޚާނަމަށް އޮތީ ފެނިފައެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެއެވެ. އެދެމީހުންވެސް ތިބީ ވަރަށް ކަންބޮޑުވެފައެވެ. މުރުތަސިމްވެސް އެ ހުންނަނީ ނެގިމަޑު ވެފައެވެ. މީރަބްވެސް ހުންނަނީ އިހަށްވުރެ މައިތިރި ކޮށެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމުގައި ޚާނަމް ބުންޏެވެ. ކަރާޗީއަށްގޮސް ، އެންމެން ގުޅިގެން ޕާޓީއެއް ބޭއްވީތޯ ޚާނަމް ސުއާލު ކުރިއެވެ. މިނިވަންކަން ލިބުނީމަ ، ހައްޔަރުގައިތިބޭ މީހުން އެއްތާކަށް އެއްވެ ، އެމީހުންގެ އެކުވެރިންނާ ބައިވެރިވާނެއެވެ. އަނެއްކާވެސް މީރަބް ކަންތައްގަނޑެއް ހިންގީތޯ ، ޚާނަމް އިތުރަށް ސުއާލު ކުރިއެވެ. އަޙްމަދުއާބާދުގައި ނޫންކަމަށްވަންޏާ ، ކަރާޗީއަށް ގޮސް ކަންތައްގަނޑެއް ހިންގައިލީ ބާވައެވެ. ޚާނަމްގެ ސުއާލުތަކަށް ނިމުމެއް ނައެވެ. ޚާނަމް ބުނާ ކޮންމެ އެއްޗަކަށް ހީލާފައި ބޯޖަހާލަޖަހާލަ ، މީރަބް އިނެވެ. ބައެއް ސުއާލުތަކުން  މީރަބްގެ ދެލޯ ބޮޑުވެގެންދާތަން ޚާނަމަށް ފެނެއެވެ. އެހެންނަމަވެސް ، ކުރާނީ ކީއްހެއްޔެވެ ؟ މީރަބަކީ ހައްލާލައިގެން ކޮނެވޭކަހަލަ މީހެއްނޫނެވެ. އެއަށްވުރެ ބޯހަރުވެފައި ގޮތެއްގައި ހުންނަ މީހެކެވެ.

" މަންމާއެވެ ! އަހަރެން މިހާރު ކައްކަންވެސް ފަށައިފީމެވެ. މަންމަ އެއްޗެއް ބޭނުންކަމަށްވަންޏާ ، އެއެއްޗެއް އަހަރެން ހަދައިދޭނަމެވެ. " މީރަބް ބުންޏެވެ.

މީރަބްގެ ވާހަކަ ނުނިންމާ ވާހަކަދައްކަމުން ، އެތަނުން ތެދުވެގެން ހިނގައްޖެއެވެ. މީރަބްއިނީ ، ޚާނަމްގެ ކިބައިން ސަލާމަތްވާނެގޮތެއް ނޭނގިފައެވެ. މީރަބް ބޭނުން ކޮންމެ އެއްޗެއް ހަދައިދޭށޭ ޚާނަމް ބުންޏެވެ. އެކަމަކު ، ބަލިވެ އިނިއްޔޭ ކިޔައިގެން އޮޅުވާލައިގެން ކަމެއް ކުރަން ނޫޅެއްޗޭ ބުނެ މީރަބާ ، ޚާނަމް ދިމާކޮށްލިއެވެ.

" މަންމާއެވެ ! މަންމަ މިހާރު މީރަބަށް މާފުކުރަން އެބަޖެހެއެވެ. މީރަބަށް އެކުރެވުނު ކަމެއްގެ އިޙްސާސް އޭނާއަށް ކުރެވިއްޖެއެވެ. މަސައްކަތް ކުރަމުން އެގެންދަނީ އެކަން ރަނގަޅު ކުރުމަށެވެ. އެހެންނޫނަސް ، މީހުންނަށް ހެދޭ ގޯހުގެ ވާހަކަ އަބަދު ދައްކަންޏާ ، އެމީހެއްގެ ހިތް ހަލާކުވާނެއެވެ. " މަރިޔަމް ބުންޏެވެ.

ރޭގަނޑު ، މުރުތަސިމަށް ކާންދިނުމަށްޓަކައި މީރަބް ތައްޔާރުކުރީ ބިރިޔާނީއެވެ. މުރުތަސިމް ބޭރަށް ދަނިކޮށް މީރަބް ކައްކަން އުޅޭތަން ފެނިގެން ހުއްޓިލިއެވެ. އެހެނަސް ، އެތަން ނުފެންނަކަމަށް ހަދައި ބޭރަށް ނައްޓައިލިއެވެ. މީރަބަކަށްވެސް މުރުތަސިމް ބޭރަށްދިޔަތަނެއް ނުފެނެއެވެ.

ކާންހަދައި މޭޒުމަތި ތައްޔާރުކުރުމަށްފަހު ، ނޯކަރުން ފޮނުވާލައި ، މުރުތަސިމަށް އިންތިޒާރުކުރަމުން ގޮނޑީގައި މީރަބް އިށީނދެލިއެވެ. އިރުއިރުކޮޅުން މަތީބުރިޔަށް ބަލާލައި ، މުރުތަސިމް ތިރިޔަށް އާދޭތޯ ބަލަމުން ގެންދިޔައެވެ. އެތައް އިރެއްވީއިރުވެސް ، މުރުތަސިމެއް ނައެވެ. އެހެން އިންދާ ނިދިޖެހެމުންގޮސް ގޮނޑީގައި އެއިންގޮތަށް އިންދާ މީރަބަށް ނިދުނެވެ. މުރުތަސިމް ބޭރަށްގޮސް އައީ ، ވަރަށް ލަސްވިފަހުންނެވެ. މަރިޔަމް ކިޔަވަން އިނދެފައި ގޭތެރެޔަށް ނުކުމެލިތަނުން މުރުތަސިމާ ދިމާވެގެން ، ކާން ހަދައިގެން ބޭބެގެ އިންތިޒާރުގައި ދައްތަ އިންނަތާ އެތައް އިރެއް ވެއްޖެކަމުގައި މަރިޔަމް ބުންޏެވެ. މީރަބް އެތާ އިންނަތާ މިހާރު ހައެއްކަ ގަޑިއިރު ވެދާނެއެވެ. މަރިޔަމް ފޮނުވައިލުމަށްފަހު ، ކާމޭޒާ ދިމާލަށް މުރުތަސިމް ހިނގައިގަތެވެ.

މުރުތަސިމް ދިޔައިރު ، މީރަބްގެ ބޯ އޮތީ އެލިފައެވެ. އޭނާއަށް އިނީ ހަމަ ރަނގަޅަށްވެސް ، އެހެން އިންދާ ނިދިފައެވެ.

މުރުތަސިމް ގޮވައިލިތަނާ މީރަބަށް ހޭލެވުނެވެ. އަދި ، ކާ އެއްޗެތި މިހާރު ފިނިވެފައި ހުންނާނެ ވާހަކަބުނެ ، އެތަކެތި ހޫނުކުރަން އުޅުނެވެ. އެހެންނަމަވެސް ، ބަނޑުހައި ނުވާކަމަށް މުރުތަސިމް  ބުނުމާއެކީ ، މީރަބްގެ ކަރު އެލިގެންދިޔައެވެ. މުރުތަސިމް ގެޔަށް އެއައީ ދެންމެއެވެ. އޭނާ އެއައީ ، ބޭރަށްގޮސް ކައިގެންނެވެ.

" މިއަދު ހަތަރުދަމު އަހަރެން މިމަސައްކަތްކުރީ ، މުރުތަސިމް ކާހިތްވާ ކަހަލަ ތަކެތި ، އެކީމީހުންކައިރިން އޮޅުން ފިލުވައިގެން އެ ތަކެތި ތައްޔާރު ކުރާށެވެ. މީގެ ކުރިޔަކުން ، މުރުތަސިމް ބޭރަކުން ނުކައެވެ. މުރުތަސިމް ތިހުރީ އަހަރެންދެކެ ރުޅިއައިއްސަކަން އަހަރެންނަށް އެނގެއެވެ. މުރުތަސިމްގެ އަމިއްލަ ނަފްސަށް ނުވިސްނާ ތިއުޅެނީ އެހެން ވެގެންނެވެ. މުރުތަސިމަށް އެނގޭ ހެއްޔެވެ ؟ އަހަރެން އަމިއްލައަތުން ސައިތަށްޓެއްހާ މިންވަރުވެސް ، މިގެޔަށް އައުމުގެ ކުރިޔަކުން ނުހަދަމެވެ. އެއްވެސް އެއްޗެއް ނުކައްކަމެވެ. އެކަމަކުވެސް ، މުރުތަސިމަށް މީރުވާނެހެން ހީވާ ހުރިހާ އެއްޗެއް ، ހަތަރުދަމު މަސައްކަތްކޮށްގެން އެހުރީ ހަދާފައެވެ. ފިޔާ ކޮށީމެވެ. ލޮލުން ދިލަނަގަނަގާ އޮއްވައެވެ. ރޯންވެސް ރުއީމެވެ. އެއިން އެއްވެސްކަމެއްގެ އަގެއް ނެތީހެއްޔެވެ ؟ " މީރަބް ވާހަކަ ދައްކަމުން ގެންދިޔައެވެ.

ފިޔާވެސް ކޮށީ ދޯއެވެ. އެހާ ލޯބިން މިހުރިހާ އެއްޗެއް ހަދާފައި މިހުރީ ވަރަށް ބުރަމަސައްކަތުންކަން އެނގެއެވެ. އެކަމަކު ، އޭނާގެ ބަނޑެކޭއެއްގޮތަށް ، ހިތްވެސް ފުރިއްޖެކަމުގައި މުރުތަސިމް ބުންޏެވެ.

" ރޮހޭލްގެ ގޭގައި މީރަބް ހޭދަކުރި ތިރީސް މިނިޓް ، އަހަރެން ބަރުދާސްތުކުރީ ކޮންފަދަ ތަކްލީފެއްގައިކަން މީރަބަށް އެނގޭ ހެއްޔެވެ ؟ " މުރުތަސިމް  އެތަނުން ގޮސްގޮސް ހުރެފައި ، މީރަބާދިމާލަށް ފަހަތަށް އެނބުރި އަޑުގަދަ ކޮށްލިއެވެ. އަހަރެންނަށްޓަކައި ތިހާ ބުރަމަސައްކަތް ނުކުރާށެވެ ! ތިހާލޯބިން ނޫޅޭށެވެ ! އިހަށްވެސް ، އަހަރެމެން ދެމީހުންގެ މެދުގައި އޮތްގުޅުމެއް ، އެ ދުރުމިނުގައި އޮތަދޭށެވެ ! އެ ގުޅުމަށް ބަދަލެއް ގެންނަން މަސައްކަތް ނުކުރާށެވެ ! " ދެއަތްޖޯޑުކޮށްފައި މުރުތަސިމް ބުންޏެވެ.

މުރުތަސިމް ހިނގައިގަތްތަނާ ، މުރުތަސިމްގެ ކޯޓުގެ ގިރުވާނުގައި މީރަބް ހިފިއެވެ. އަދި މުރުތަސިމާ ގާތަށް ޖެހިލިއެވެ.

" ތިބުނާގޮތަށް ، އެކަން އެގޮތަށް ދާން އަހަރެންނަކަށް ދޫކޮށެއް ނުލެވޭނެއެވެ. އަހަރެންގެ ޢިއްޒަތަށް އެއްވެސް މީހަކު އަރައިގެންފިނަމަ ، އަހަރެންނަކަށް ހިމޭނަކުން ނުހުރެވޭނެއެވެ. އަހަރެން ކުރިންވެސް ބުނެފީމެވެ. އަދިވެސް އެއްފަހަރު މިބުނަނީއެވެ. އަހަރެން ކަރާޗީއަށް ދިޔައީ ރޮހޭލާ ބައްދަލުކުރާކަށެއް ނޫނެވެ. އަހަރެން ދިޔައީ ސަބާއާ ބައްދަލުކޮށްލާށެވެ. އަހަރެން ދަތުރުކުރި ކާރުގެ ކުރިބައްދައި ، ރޮހޭލްގެ ކާރަށް ގަދަކަމުން އަރުވައިގެން އެގެޔަށް ގެންދިޔައީ ރޮހޭލެވެ. މުރުތަސިމްވެސް އެގެޔަށް ދިޔައިމެއް ނޫންހެއްޔެވެ ؟ ތަޅާފޮޅައި ރޮހޭލަށް އަނިޔާ ކުރީމެއްނޫން ހެއްޔެވެ ؟ އެކަމުގެ ހިސާބު އެއޮތީ އެއްވަރުވެފައި ނޫންހެއްޔެވެ ؟ ކޮންމެގޮތެއްވިޔަސް ، އެއީ އަހަރެންނާ އެއްކްލާހެއްގައި ކިޔަވަން އުޅުނު މީހެކެވެ. އަހަރެން އޭނާ ދަންނަމެވެ. އަހަރެންނަށް އޭނާއާ ބައްދަލުވެސް ކުރެވިދާނެއެވެ. އެއީ ، އެހާ ބޮޑުކަމެއްނޫނެވެ. " މީރަބް ވާހަކަ ދައްކަމުން ގެންދިޔައެވެ.

އެއީ ކިހާވަރެއްގެ ކަމެއްކަން މީރަބަށް ނޭނގޭނެ ކަމުގައި މުރުތަސިމް ބުންޏެވެ. މުރުތަސިމްގާތަށް އައިސްހުރި ރުޅި ، އަދިވެސްހުރީ މައިތިރި ނުވެއެވެ. މީރަބްގެ އަތުގައި މުރުތަސިމް ހިފިއެވެ. އަދި ، ދަމާ ކާއްތަމުން މަތީބުރީގެ ބެލްކަންޏަށް މީރަބް ގެންދިޔައެވެ. މީރަބް ކަރާޗީއަށް ދިޔައީ ރޮހޭލާ ބައްދަލުކުރަން ނޫންކަމަށް ވަންޏާ އޭނާއަށް އެކަން ސާބިތުކޮށްދޭން މުރުތަސިމް ބުންޏެވެ. ބެލްކަނިން ފަތާފެންގަނޑަށް ފުންމައިލާށެވެ ! ފެންގަނޑު ދައްކައިލަމުން މުރުތަސިމް ބުންޏެވެ.

މީރަބް އެތަނުން ފުންމާލައިފިނަމަ ، މީރަބް އެހަދަނީ ތެދުކަން މުރުތަސިމް ޤަބޫލުކުރާނަންތޯ މީރަބް އެހުމާއެކީ ، މުރުތަސިމް އާނއެކޭ ބުންޏެވެ. ފުންމައިލާށެވެ ! އަނެއްކާވެސް މުރުތަސިމް ބުންޏެވެ.

މީރަބް އެތަނުން ފުންމާލައިގެން މަރުވިޔަސް ، އެކަމާ ހިތާމަކުރާނެ މީހަކު ނުހުންނާނެއެވެ. އަންވަރަކީ އޭނާ އުފަންކުރި ބައްޕަނަމަވެސް ، އެއީ ބައްޕައެއްގެ ގޮތުގައި ބަލައިގަންނަން މީރަބްގެ ހިތްއެދޭ މީހެއްނޫނެވެ. ދެންތިބީ ، އަނީލާއާއި ވައްޤާސް އެވެ. މީރަބްގެ ޙަޔާތުގެ ބޮޑުވެގެންވާ ސިއްރެއް އެމީހުން އެތިބީ ސިއްރުކޮށްގެންނެވެ. އަދި ، އެގެއިން ބޭރުކޮށްލައި ، ބައްޕަކަމަށް މީރަބް ޤަބޫލުނުކުރާ މީހެއްގެ ގާތަށް ، އޭނާގެ ޢާއިލާގެ ތެރެޔަށް މީރަބް އެހުރީ ދޫކޮށްލާފައެވެ. މީރަބްދެކެ ، ރޮހޭލް ކިތަންމެ ލޯބިވިޔަސް ، ރޮހޭލްދެކެ މީރަބަކަށް ލޯތްބެއް ނުވެވޭނެއެވެ. މުރުތަސިމްގެ މަންމަ ޚާނަމަކީ ، މީރަބަށް މަލާމާތެއް ކޮށްލެވެން އޮތިއްޔާ އެކަމެއް ދޫކޮށްލާނެ މީހެއްނޫނެވެ. ދެންހުރީ ޙަޔާއެވެ. ޙަޔާ އެހުންނަނީ އެގޭގެ އަންހެންދަރިއެއްގެ ދަރަޖަ ހޯދައިގެން ، މީރަބަށް ބަދުދުޢާ ކޮށްލަކޮށްލައެވެ. އެންމެފަހުމީހަކަށްހުރީ މުރުތަސިމެވެ. މީރަބް އެތަނުން ފުންމައިލުމަށް އަންގަމުން އެ ގެންދަނީ ، އޭނާގެ ފިރިމީހާ ، މުރުތަސިމެވެ. އެތަނުން ފުންމައިލަން އިތުރަށް ވިސްނަން ، މީރަބަށް މަޖްބޫރުކުރާނެ އެއްވެސް ޙާލަތެއް ނެތެވެ. އެތަނުން އޭނާ ފުންމާލައިފިނަމަ  ، މަރުވެސް ވެދާނެއެވެ. އަދި ޢުމުރުދުވަހަށް ފަސޭހަ ނުވާފަދަ ބަލިމަޑުކަމެއްގައި އުޅެންޖެހޭފަދަ ގެއްލުމެއްވެސް ވެދާނެއެވެ. އޭނާގެ އަބުރާއި ޢިއްޒަތުގެ ކުރިމަތީގައި ، އެ ދެގޮތްވެސް މީރަބަށް އެންމެ ރަނގަޅެވެ.

ފުންމައިގެން އަރާ ، ބެލްކަނީގެ ފާރުބުރިމައްޗަށް ، މީރަބް ކޮޅަށް ތެދުވިއެވެ. އޭނާ ބޭނުންވީ މުރުތަސިމް އެދޭގޮތަށް އެފެންގަނޑަށް ފުންމާލައި އޭނާގެ އަބުރާއި ޢިއްޒަތް ސަލާމަތް ކުރާށެވެ. އަދި ، ދެލޯ މަރައިލާފައި ފެންގަނޑާ ދިމާލަށް ، މީރަބް ސީދާ ވެލައި ފުންމައިލުމަށް ، ދެއަތް ދުރުކޮށްލިއެވެ.  އެ މަންޒަރު ޙަޔާއަށް ފެނުނުނަމަ ، ހާދަ އުފާވީހެވެ. ރުޅިމޫނު ދައްކައިގެން މީރަބްގެ ފަހަތުގައި މުރުތަސިމް ހުއްޓެވެ. ( ނުނިމޭ )

 

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.