އިމިގްރޭޝަނުން ޚިދުމަތް ރަނގަޅުކުރުމަށް އަމާޒުކޮށްގެން ތިން ކެމްޕޭނެއް ފަށައިފި

މިއަދު، އިމިގްރޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމަށްޓަކައި ތިން އައު ކެމްޕޭނެއް ރަސްމީކޮށް ފެށިއްޖެއެވެ.

މި ކެމްޕޭންތަކަކީ؛ ހިނިތުންވުމާއެކު ޚިދުމަތްދިނުން، ނަޒާހަތްތެރިކަން އިސްކުރުން، އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމެވެ. މި ކެމްޕޭންތައް އިފްތިތާޙުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރޓ) އަޙްމަދު ފަސީޙްއެވެ.

"ހިނިތުންވުމާއެކު ޚިދުމަތްދިނުން" ކެމްޕޭނުގައި އަލިއަޅުވާލަނީ ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އަދި އޮފިސަރުން އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ހިތްވަރުދިނުމަށެވެ. "ނަޒާހަތްތެރިކަން އިސްކުރަމާ" ކެމްޕޭނުގެ މަޤްޞަދަކީ ތެދުވެރިކަމާއި، ހާމަކަން ބޮޑުކަމާއި، ޖަވާބުދާރީވުން އިތުރުކުރުމެވެ. އަދި އެންމެ މަތީ ދަރަޖައިގެ އަޚްލާޤީ މިންގަނޑުތައް ދެމެހެއްޓުމުގެ ޒިންމާ އޮފިސަރުންނަށް ހަނދާންކޮށްދިނުމެވެ. އަދި "އިންސާނިއްޔަތުކަން ދެމެހެއްޓުން" ކެމްޕޭނުގައި އަލިއަޅުވާލަނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކާމެދު އިޙްތިރާމާއި، ހަމަހަމަކަމާއި، ޤަދަރުވެރިކަމާއެކު މުޢާމަލާތްކުރުމުގެ މުހިންމުކަމަށެވެ.

މި ކެމްޕޭންތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ އަޅުގަނޑުމެންގެ އޮފިސަރުންނަކީ ޤައުމުގެ މޫނުމަތި ކަމަށާއި ސަބަބަކީ އަޅުގަނޑުމެންގެ އޮފިސަރުންނަކީ ފަތުރުވެރިން އައުމުން އެންމެ ފުރަތަމަ މަރުޙަބާ ކިޔާ އަދި ފުރާއިރު އެންމެ ފަހުން ދިމާވާނެ ފަރާތްތައް ކަމަށެވެ. އަދި އަޅުގަނޑުމެން ދޭ  ފެންވަރު ރަނގަޅު ޚިދުމަތަކީ މުއައްސަސާގެ އަދި ޤައުމުގެ އަގުވެސް ހިފަހައްޓަދޭނެ ކަމަށެވެ.

"މި ކެމްޕޭންތަކުން އަޅުގަނޑުމެންނަށް ހަނދާންކޮށްދޭނީ ނަޒާހަތްތެރިކަމާއި، އިޙްތިރާމާއެކު، އަބަދުވެސް ހިނިތުންވުމާއެކު ޚިދުމަތްދިނުމުގެ މުހިންމުކަން. އަޅުގަނޑުމެން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވީ އިތުބާރު ހިފޭ، ރައްޔިތުންގެ ލޯތްބާއި ގަދަރު އަބަދުވެސް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ދެމިތިބުމަށް" ފަސީހު ވިދާޅުވިއެވެ.

ކެމްޕޭންތައް ފެށުމަށްފަހު، ކޮންޓްރޯލަރ ޖެނެރަލް ވަނީ ޑިވިޜަންތަކަށް ޒިޔާރަތްކުރައްވައި، އަމިއްލަފުޅަށް މި ކެމްޕޭންތައް ތަޢާރަފުކޮށްދެއްވައި، ކޮންމެ ދުވަހަކު ކުރާ މަސައްކަތްތަކުގައި މި ރަނގަޅު އަމަލުތައް ހިމެނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލާފައެވެ.

މި ކެމްޕޭންތައް މާލެއާއި އަތޮޅުތަކުގައި ހުރި އެކި އޮފީސްތަކުގައި ކުރިއަށްދާނެއެވެ. އަދި ހުރިހާ އިމިގްރޭޝަން އޮފިސަރުން މީގައި ޢަމަލީގޮތުން ބައިވެރިވާނެއެވެ. މީގެ އިތުރުން، ކަސްޓަމަރ ސަރވިސްއާއި، ނަޒާހަތްތެރިކަމާއި، އިންސާނީ ޙައްޤުތަކުގެ މުހިންމުކަމާ ގުޅޭގޮތުން ތަޖުރިބާކާރުން ކުރިއަށްގެންދާ ސެޝަންތައްވެސް މި ކެމްޕޭންގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.