
އިމާރާތްކުރުމާއި ގެދޮރަށް ބޭނުންވާ ސާމާނު ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި ޢާންމުން، އެއްތަނަކަށް އެއްވެ، މަޢުލޫމާތު ބަދަލުކުރުމުގެ ބޭނުމުގައި، ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވަމުންދާ، ލިވިން އެކްސްޕޯއަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ޒިޔާރަތްކުރައްވައިފި އެވެ.
މި އެކްސްޕޯ ކުރިއަށް ގެންދަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައެވެ.
އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމަށް ފަހު މޭޔަރ ޢާޒިމް ވިދާޅުވީ، ލިވިން އެކްސްޕޯއަކީ، ރިއަލްއެސްޓޭޓްގެ ވިޔަފާރީ ފުޅާކުރުމަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދޭ މުހިންމު އިވެންޓެއް ކަމަށެވެ. މީގެ އިތުރުން ޢިމާރާތްކުރުމަށް ބޭނުންވާ ތަފާތު ފެންވަރުގެ ސާމާނުތައް މި އެކްސްޕޯގެ ތެރެއިން ފެނިގެންދާނެކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ، މި އެކްސްޕޯގެ ސަބަބުން ގިނަ ރައްޔިތުންނަށް ބޮޑެތި ފައިދާތަކާއި ފަސޭހަތަކެއް ލިބެމުން އަންނަކަން ފާހަކަ ކުރެވޭ ކަމަށެވެ.
މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން، 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންނަށް އެކި ސްޓޯލްތަކުން ޑިސްކައުންޓާއި ޕްރޮމޯޝަން ލިބުމުގެ އިތުރުން، ސްޓޯލްތައް ހިންގާ ފަރާތްތައް މެދުވެރިކޮށް، ގެދޮރު އެޅުމާއި ގުޅުންހުރި ގިނަ މަޢޫލޫމާތުތަކެއް ލިބިގެންދާނެއެވެ.
މިއީ މެދުކެނޑުމެއްނެތި ލިވިން އެކްސްޕޯ ބާއްވާތާ 13ވަނަ އަހަރެވެ. 30 އަށްވުރެ ގިނަ ބައިވެރިންނާއެކު ފެށި މި އެކްސްޕޯގައި، 60 އަށްވުރެ ގިނަ ސްޓޯލް ހިމެނެއެވެ. އޭގެ ތެރޭގައި ބޭންކުތަކާއި ރިއަލް އެސްޓޭޓްގެ ވިޔަފާރިކުރާ ކުންފުނިތަކާއި ގެދޮރު އިމާރާތްކުރުމާއި، ގެދޮރު ޢިމާރާތްކުރުމަށް ބޭނުންވާތަކެތި ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތައް ވެސް ހިމެނެއެވެ.