އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި ރޯވި އަލިފާން ނިއްވާލައިފި

އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އދ.މާމިގިލި ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އދ.މާމިގިލި ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު މިއަދު 15:28 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 15:30 ހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައި އިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެތެރޭގައެވެ.
މި ހާދިސާގައި ރޯވި އަލިފާން، އެއްކޮށް ނިއްވާލާފައި ވަނީ މާމިގިލީ އެއާޕޯޓުގެ ފަޔަރ ފައިޓަރުންގެ އެހީތެރިކަމާ އެކުގައެވެ. މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.