
( 6 އޯގަސްޓް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
މީރަބް ކަމަކަށް ބޭނުންވެއްޖިއްޔާ ގޮވާލީމަ އެތެރެޔަށް ވަންނަގޮތަށް ، ޚާނަމްވަނީ ޚާދިމާއަކު ހަމަޖައްސާފައެވެ. މީރަބް ހޯދަމުން ގޮސް ކޮޓަރިޔަށް ވަތްއިރު މީރަބެއް ނުފެނުނެވެ. ޚާދިމާވެސް ފެންނާކަށް ނެތެވެ. ކަންބޮޑުވެގެންގޮސް ، ޚާނަމް އަންވަރަށްވެސް ގޮވައިގެން ޚާދިމާ ހޯދައިގެން ގެނައިމަ ، މުރުތަސިމާ ބައްދަލުކުރަން ، މީރަބް ދަނޑަށް ދިޔަވާހަކަ ބުންޏެވެ. މީރަބް އެއަވަށަށް ދިޔަވާހަކަ ، މީރަބްގާތު ޚާނަމް ނުބުނީވެސް ، އެތަނަށް މީރަބް ހިނގައިދާނެތީއެވެ. އޭރު މީރަބަށް މުރުތަސިމް ނުފެންނަތާ ދެދުވަސް ވެއްޖެއެވެ. މުރުތަސިމް ހުރިއްޔާ ، މީރަބްގެ ކަންތައް ހަމަޖައްސާނެ ވާހަކަ ބުނުމާއެކީ ، ޚާނަމަށް ކުޑަކޮށް ހަމަޖެހިލެވުނެވެ. އެކަމަކު ، މުރުތަސިމާއެކީ ޙަޔާ ފޮނުވުނު މޮޔަ ޚާނަމްގެ ހިތަށް ވަނެވެ. އެކަމަކު އެއީ ، މީރަބަށް ރަނގަޅަކަށް ކުރިކަމެއްކަމަކަށް މީރަބެއް ނުބަލާނެއެވެ. މުރުތަސިމާ ޙަޔާ ދުރުކުރުމުގެ ޒިންމާއަކީ ، ޚުދު ޚާނަމް އަމިއްލަޔަށް ކޮނޑުއަޅައިގެން ހުރި ޒިންމާއެކެވެ. މީރަބް ނެތްތާނގައި ، ޙަޔާއަށް ލިބުނު ފުރުޞަތުގެ ބޭނުން ، އެންމެ ރަނގަޅަށް ޙަޔާ ހިފާނެކަންވެސް ޚާނަމަށް އެނގެއެވެ. އެކަމަކު ، މީރަބް އެއިން ޙާލަތުގައި އަވަށަށް ދިއުމަކީ ، ރަނގަޅުކަމަކަށް ނުވާނެކަމަށް ޚާނަމަށް ފެނުނީއެވެ. މީރަބް އެތަނަށް ގޮއްސިއްޔާ މަޑެއްކޮށެއް ނުހުންނާނެއެވެ. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.
ދަތުރު ނިންމާފަ މުރުތަސިމް ގެޔަށް އައިސް ވަނުމާއެކީ ، މީރަބް ބަލިވެއިންވާހަކަ ، ޚާނަމް ބުނުމުން ، މުރުތަސިމަށް ލިބުނު ސިހުން މީރަބަށްވެސް ފާހަގަ ކުރެވުނެވެ. އަންވަރުވެސް އައިސް މުރުތަސިމަށް މަރުޙަބާ ކިޔެވެ. މުރުތަސިމާ ދިމާލަށް މީހުން ނުބަލާ ވަގުތުތަކުގައި ، މުރުތަސިމް ހުރީ މީރަބާދިމާލަށް ކަޅިއަޅައިގެންނެވެ. ޚާނަމްއަށް ލިބިފައިވާ އުފާވެރިކަން ފެނިފައި ، އެއީ ވެދާނެކަމެއްނަމަ ، މަންމަޔަށް ލިބޭނެ އުފަލުގެމަތިން މުރުތަސިމް ހަނދާން ކޮށްލިއެވެ.
މީރަބްގެ އަނގައިން ، އޭނާ ބަލިވެއިންވާހަކަ ބުނުމަށް މުރުތަސިމް އެދުނެވެ. މުރުތަސިމްގެ އެވާހަކައިން ، އެތާތިބި އެންމެންނަށްވެސް ޙައިރާންކަން ލިބުނެވެ. މީރަބް ބަލިވެ އިންވާހަކަ ، މަންމަގާތު މީރަބް ބުނިތޯ މުރުތަސިމް ސުއާލު ކުރިއެވެ. އެއީ ، ޚާނަމް ކުރަން ބޭނުންވާ ސުއާލެއް ނޫނެވެ. އޯކަށް ދެމެމުންގޮސް މީރަބް ހޮޑުލީ ޚާނަމްގެ ކުރިމަތީގައެވެ. އެކަމާ ، މީރަބާ ސުއާލުކުރުމުގެ ބޭނުމެއް އޮތްކަމަށް ޚާނަމަށް ނުފެނުނީއެވެ. މީރަބް ބަލިވެއިންކަން ، މީރަބްގެ އަނގައިން ބުނުމަށް ، އަނެއްކާވެސް މުރުތަސިމް އެދުނެވެ. އޭރަށް ، މަންމަމެންނަށް ލިބިފައިވާ އުފާވެރިކަން ، އިތުރަށް ބޮޑުވާނެއެވެ.
ވަރަށް ވިސްނަން އިނދެފައި އާނއެކޭ މީރަބް ބުނުމާއެކީ ، މުރުތަސިމަށް ދެންލިބުނު ޙައިރާންކަން ވަކިން ބޮޑުވިއެވެ. ޙަޔާއަށް އެތާ ހުންނަން ކެތްނުކުރެވިގެން ، ބާރަށްގޮސް ކޮޓަރިޔަށް ވަދެ ، ދޮރުތަޅުލައި އެނދުމައްޗަށް ވެއްޓި ، އަޑުން އަޑުނަގައި ރޮއިގަތެވެ. ޙަޔާއަށް ވީގޮތެއް ސާފުކުރުމަށް މަރިޔަމް މަސައްކަތް ކުރިއެވެ. އިރުކޮޅަކުން ، މީރަބާއި މީރަބްގެ ދަރިފުޅަށް ރޮމުންރޮމުން ބަދުދުޢާކުރަން ފެއްޓުމާއެކީ ، ޙަޔާއަށް އެވީގޮތް މަރިޔަމަށްވެސް އެނގުނެވެ.
މީރަބް ކޮޓަރިޔަށް ދިއުމުގެ ކުރިން މުރުތަސިމްގޮސް ކޮޓަރިޔަށް ވަނެވެ. މީރަބް ވަނުމާއެކީ ދޮރުތަޅުލިއެވެ. އަދި ، މީރަބް މިހާރު އެކުޅެންފެށީ ކޮން ޑްރާމާއެއްތޯ ސުއާލު ކުރިއެވެ. އެހާބޮޑު ދޮގެއް ، މީރަބް ހަދަންޖެހުނު ސަބަބު އޮޅުންފިލުވަން މުރުތަސިމް ބޭނުންވިއެވެ. ރުޅިއައިސްހުރެ ، ވަތްގަނޑު ހާވަމުންގޮސް ، ކައިވެނީގެ ރޭ އޭނާ ލައްވާ މީރަބް ސޮއިކުރުވި ލިޔުން ނަގައި މީރަބަށް ދައްކައިލިއެވެ. އޭގައި އޮތްގޮތުން ، މީރަބްގެ ގައިގާ މުރުތަސިމް ބީހިލަންވާނީ ، މީރަބް ބޭނުންވެގެން ، މީރަބްގެ ރުހުމުގައިކަމުގައި ލިޔެފައި އޮތެވެ. އަދި މިވީހާތަނަށް ، މީރަބްގެ ގައިގާ ، ފިރިއެއްގެ ގޮތުގައި މުރުތަސިމް ބީހިލާފައި ނުވާކަން މީރަބަށް ހަނދާން ކޮށްދިނެވެ.
މީރަބް ބުނިގޮތުގައި އޭނާ ދޮގެއް ނުހަދައެވެ. އޮޅުވައެއްވެސް ނުލައެވެ. ކުރީދުވަހު ކާރުދުއްވަންގޮސް ، ޕާނިޕޫރީ ކެއިފަހުން އޭނާގެ ބަނޑުހުރީ ގޯސްވެފައެވެ. އެއީ އެހާ ގިނަދުވަސް ކޮށްފައި އެހާ ކުޅިކޮށް ، ޕާނިޕޫރީ ކޭމަވީގޮތަކަށްވެސް ވެދާނެއެވެ. ބަނޑުގައި ރިއްސްއިގެންފައި ، އޭނާއަށް ހޮޑުލެވުނުއިރު ، ޚާނަމް އެކޮޓަރީގައި ހުއްޓެވެ. އޭނާ ބަލިވެއިންކަމަށް ޚާނަމް ބުނުމުން ، އެކަހަލަ ކަމެއްނުވާކަމަށް މީރަބް ބުންޏެވެ. އެކަމަކު ، ޚާނަމަށް ލިބުނު އުފާވެރިކަމުގައި ، ހުރިހާކަމެއް ހަނދާން ނައްތާލިއެވެ. މީރަބް ދެއްކި އެއްވެސް ވާހަކައެއް އަޑުއަހާކަށް ޚާނަމް ބޭނުމެއްވެސް ނުވިއެވެ. އެވާހަކަ މުރުތަސިމް ގާތުބުނެގެން މަންމަޔަށް ސާފުކޮށްދޭން ނިންމިއިރު ، މުރުތަސިމް ހުރީ ޙަޔާގޮވައިގެންގޮސް ، ނާޗަރަނގީ ކުޅެން އަވަށުގައެވެ. މީރަބާ އެންމެފަހަރަކުވެސް ، މުރުތަސިމް ގުޅާލީކީ ނޫނެވެ. އެކަމުގައި މީރަބްގެ އޮތީ ކޮންކުށެއް ހެއްޔެވެ ؟
މުރުތަސިމްވެސް ، މަންމަގާތު ދެންބުނާނީ ކީކޭ ހެއްޔެވެ ؟ އެންމެން އެތިބީ މީރަބް ބަލިވެއިންކަމަށް ޤަބޫލުކޮށްގެން ، އުފަލުންގޮސް ފޮޅިފައެވެ. މީރަބާއި މުރުތަސިމާ ދެމީހުން އެޒުވާބެއްގައި ތިއްބާ ، ޚާނަމް އައިސް ޓަކިޖަހާލާފައި މީރަބަށް ގޮވައިލިއެވެ. ޚާނަމް ކޮޓަރިޔަށް ވަނުމުގެ ކުރިން ، މީރަބްވެސް ފޫނުފުހެލައި ، މުރުތަސިމް ވެސް ހަމަޖެހިލިއެވެ. އެކަކު އަނެކަކަށް އަޑުގަދަކޮށް ވާހަކަ ދައްކަމުން ދިޔަކަން ހަނދާން ނައްތައިލިއެވެ.
ކޮޓަރިޔަށްވަދެ ، ޚާނަމް އެންމެ ފުރަތަމަވެސް އަޑުލައިގަތީ މުރުތަސިމާ ދިމާލަށެވެ. އެކޮޓަރީގައި އަޑުގަދަ ކޮށްގެންނެވެ. ދެމީހުން ޒުވާބުކުރީތޯ އަހައި ، ދެން މީގެފަހުން އެއްވެސް ވަރަކަށް ދެމީހުންކުރެ އެކަކުވެސް ، ޒުވާބުކޮށްގެން ނުވާނެކަމަށް ޚާނަމް އެންގިއެވެ. އޭނާގެ ދަނބިދަރިފުޅު ރަނގަޅަށް ބެލުމަށް މުރުތަސިމަށް އެންގުމަށްފަހު ، ޚާނަމް ގެނައި މޭވާ މީރަބަށް ކާންދިނުމަށް މުރުތަސިމަށް އެންގިއެވެ. މުރުތަސިމްވެސް ، އެތަނުން އާފަލް ފޮއްޗެއް ނަގައި މީރަބަށް ކާންދިނުމަށް މަސައްކަތް ކުރިއެވެ. އަދި ، މީރަބާ ދިމާލަށް ލޯއަޅައިގެންހުރެ ، މަންމަގެ ދަރިފުޅު ރަނގަޅަށް ބަލާނެކަމަށް ޚާނަމަށް ވަޢުދުވިއެވެ.
މީރަބާ ބައްދަލުކުރުމަށްފަހު ، ރޮހޭލް ކަރާޗީއަށްދިޔައިރު ، އޭނާ ދިޔައީ އުއްމީދުތަކެއް ހިފައިގެންނެވެ. އެއީ ، މީރަބާއި މުރުތަސިމާ ބެހޭގޮތުން ، މީރަބް ދެއްކި ވާހަކަތަކުން އުފެދުނު އުއްމީދެކެވެ. މުރުތަސިމްދެކެ މީރަބް ލޯތްބެއް ނުވެއެވެ. މީރަބްގެ ކައިވެންޏަކީ ، ކަރުދާސްގަނޑެއްގައި ލިޔެވި ރަޖިސްޓަރީ ކުރެވިފައިވާ ގުޅުމެކެވެ. މީރަބްދެކެ ލޯބިވާ ވާހަކަ ރޮހޭލް ބުނިނަމަވެސް ، މީރަބް އެކަމާ ރުޅިއެއް ނާދެއެވެ. ރޮހޭލް އަޙްމަދުއާބާދަށް ދިޔައީ ، އޭނާގެ ކޮޓަރިތެރޭގައި މީރަބްގެ ފޮޓޯތައް ތަތްކޮށްފައިހުރި ބޯޑު ، ބިންމައްޗަށް އެއްލާލައި ، ފޮޓޯތައް ނައްޓައި ބޮނޑިކޮށް ، އެތައް މިތަނަށް އުކާލުމަށްފަހުގައެވެ. އެހެންނަމަވެސް ، ކަރާޗީއަށް އެނބުރި އައިސް ، އެފޮޓޯތައް ރީތިކޮށް ރޫފިލުވައި އަލުން ، އެ ބޯޑުގައި ތަތްކުރިއެވެ. އަދި ، ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު މީރަބަށް ފޯނުކުރިއެވެ.
މީރަބްހުރީ ، ޙަޔާއައިސް ، އޭނާއަށް ކުރަމުންގެންދާ ޖެއްސުމާ ކުރިމަތިލައިގެން ގޭގެ ސިޓިންގރޫމް ތެރޭގައެވެ. ރޮހޭލްގެ ފޯނު އަންނަން ފެށީމަ ، ޙަޔާ އެފޯނުނަގަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ، ޙަޔާގެ އަތުން މީރަބް އޭނާގެ ފޯނު ދަމައިގަތެވެ. އެއަށްފަހުވެސް ، ދެތިންފަހަރު ރޮހޭލް ގުޅިއެވެ. ޙަޔާ އެތާހުރީމަ ، މީރަބަކަށް ފޯނެއް ނުނެގުނެވެ. ޙަޔާ އެތަނުން ދިޔައީ ، ސިއްރު ފޯނުތަކުން މީރަބްގެ ދިރިއުޅުމާ ގުޅިފައިވާ ބޮޑެތި ސިއްރުތަކެއް ހާމަވާން ލަހެއްނުވާނޭބުނެ ، މީރަބް ބިރުގަންނުވައިލުމަށްފަހުގައެވެ.
މީރަބް ކޮޓަރިޔަށް ދިޔަތަނާ ، އަނެއްކާވެސް ރޮހޭލް ގުޅިއެވެ. ފޯނު ނެގުމަށްފަހު ، އޭނާއާ އިރުކޮޅުކޮޅުން ރޮހޭލް އެގުޅަނީ ކީއްވެތޯ މީރަބް ސުއާލު ކުރިއެވެ.
" އަހަރެންނަކަށް މީރަބާ ނުލައި ދުނިޔެއަކު ނޫޅެވޭނެއެވެ. އަހަރެން ދުނިޔޭގައި މިހުރީ މީރަބަށް ޓަކައެވެ. އަހަރެން މީރަބާ ބައްދަލުކުރަން ބޭނުމެވެ. " ރޮހޭލް ބުންޏެވެ.
ރޮހޭލާ ބައްދަލުކުރުމަކީ ، މީރަބަށް ކުރެވޭނެ ކަމެއްނޫނެވެ. އެގެއިން ނުކުމެގެން ކަރާޗީއަށްގޮސް އޭނާ ވަންނާނެތަނެއްވެސް ނެތެވެ. އޭނާ އުޅެބޮޑުވިމީހުން ، އެމީހުންގެ ގޭގެދޮރު މީރަބަށްވަނީ ބަންދު ކޮށްފައެވެ. ފިލައިގެން ނުކުމެގެން މީރަބް ކަރާޗީއަށް އައުމަށް ރޮހޭލް ނަޞޭޙަތް ދިނެވެ. މުރުތަސިމާ އިނދެގެން އުޅެން ބޭނުންނޫންކަމަށް ވަންޏާ ، ގަދަކަމުން އެ ދިރިއުޅުމުގެ ތެރޭގައި ތާށިވެގެން މީރަބް ހުރުމުގެ ބޭނުމެއް ނެތްކަމުގައި ރޮހޭލް ބުންޏެވެ. ކަރާޗީގައި މީރަބް ހުރުމުގެ ހުރިހާކަމެއް ރޮހޭލް ހަމަޖައްސައިދޭނެއެވެ. މީރަބް ނުފެންނަ ހިސާބުގައި ދިރިހުރުމަކީ ، ރޮހޭލަށް ތަކްލީފްލިބޭ ކަމެކެވެ. އެހެންނަމަވެސް ، މުރުތަސިމް ދޫކޮށްލާފައި ، ކަރާޗީއަށް ދިއުމަކީ ، މީރަބަށް މިވަގުތު ނާދިރު ކަމެކެވެ. އެހެންނޫނަސް ، މީރަބް އަދިވެސް ބަލަނީ ، ރޮހޭލަކީ އޭނާގެ ރަޙުމަތްތެރިއެއް ކަމުގައެވެ. މީރަބްގެ ހިތުގައި ރޮހޭލްގެ މައްޗަކަށް އެއްވެސް އެހެން އިޙްސާސެއް ނެތެވެ. ރޮހޭލް އެދައްކާ ވާހަކަޔަކީ ، ރޮހޭލާދޭތެރޭ މީރަބްދެކޭގޮތާ މުޅިން ތަފާތު އެއްޗެކެވެ.
އެހެނަސް ، ރޮހޭލް ބަލަނީ ، މީރަބަކީ އޭނާގެ ހުރިހާ އެއްޗެއްކަމުގައެވެ. ރޮހޭލްގެ ދިރިހުރުމުގެ އުއްމީދަކީ މީރަބެވެ. މީރަބަށްޓަކައި ރޮހޭލްގެ ހިތުގައިވާ އިޙްސާސްތައް ، މީރަބްގާތު ބުނެދޭން ރޮހޭލް ބޭނުން ވެއެވެ. މީރަބްދެކެ ، ރޮހޭލް ލޯބިވާވަރު މީރަބަށް އިޙްސާސް ކުރެވޭނީ އޭރުންކަމުގައި ރޮހޭލް ބުންޏެވެ. ރޮހޭލް ދައްކަމުންގެންދިޔަ ވާހަކަތައް އަޑުއަހަން އުނދަގޫވެގެން މީރަބް ފޯނު ކަނޑައިލިއެވެ.
މެންދުރުކާން އެންމެން ކާމޭޒަށް އައިސް ތިއްބާ ، މީރަބް ބަލިވެއިނުމާބެހޭގޮތުން ، އެކަމާބެހޭ ޙަޤީޤަތް ހާމަކޮށްދޭން މުރުތަސިމް ބޭނުންވިއެވެ. އެހެންނަމަވެސް ، މުރުތަސިމްގެ އުނގަށް ފެންތަށްޓެއް ބަންޑުން ކޮށްލައި ، އެވަގުތަށް މުރުތަސިމް އެވާކަ ދެއްކުން ހުއްޓުވައިލިއެވެ. އެއްޗެތި ބަދަލުކުރަންދާން މުރުތަސިމް ތެދުވުމާއެކީ ، މީރަބްވެސް ، އެއީ އޭނާއަތުން ވީކަމެއްކަމަށް ބުނެ ، މުރުތަސިމާއެކީ ހިނގައިގަތެވެ. އެންމެންނާ ދުރަށްގޮސް ، މުރުތަސިމާއި މީރަބާ ދެމީހުން އެވާހަކަ ފެއްޓިއެވެ. ދޮގެއްގެ މައްޗަށް އޭނާގެ ދަރިފަސްކޮޅާބެހޭ ވާހަކައެއް ބިނާކުރާކަށް މުރުތަސިމް ބޭނުމެއްނޫނެވެ. މީރަބް ބަލިވެއިނުމާ ބެހޭ ހުރިހާކަމެއް ފެށުނީ ޚާނަމަށް ކުރެވުނު ކުށްހީއަކުންނެވެ. އެކަން ރަނގަޅުގޮތަކަށް ނިމިގެންދާން މީރަބްވެސް ބޭނުމެވެ. އޭނާއަށް ދޮގުހަދަން މަޖްބޫރުވީ ، ޚާނަމް ކުރިކަމަކުންނެވެ. މިހާރު އެކަން އެއޮތީ ، ހަމަޔަކަށް އަޅުވަން އުނދަގޫވާ މިންވަރަށް މައްޗަށް ގޮހެވެ. މުރުތަސިމްގެ ވާހަކަ ނިންމާލާފައި ކޮޓަރިޔާ ދިމާލަށް ހިނގައިގަތުމާއެކީ ، ދޮރާ ނިވާވެހުރި ޙަޔާ ، މީރަބަށް ފެނިލިއެވެ. އެދެމީހުން ދެއްކި ހުރިހާ ވާހަކައެއް ، ޙަޔާ ސިއްރުން އަޑުއެހިކަން މީރަބަށް އެނގުނެވެ.
މީރަބް ކޮޓަރިން ނުކުންނަންދެން ، ޙަޔާހުރީ އެތަނުން ދިޔަކަމަށް ހަދައިގެން ، ތަނބަކާ އެޅި ނިވާވަގެން ފިލައެވެ. ޙަޔާ ފިލާހުރިތަން މީރަބަށް ކާންގެނައި ނޯކަރަށް ފެނުނެވެ. އަދި ، މީރަބް ނުކުތްތަނުން އަވަސްއަވަހަށް ، ޙަޔާ އެކޮޓަރިޔަށް ވަތްތަންވެސް ނޯކަރަށް ފެނުނެވެ. އެވާހަކަ މީރަބްގާތު ބުނުމަށް ނޯކަރު ނިންމިއެވެ. އެއީ ، ފަންޑިތަހަދާތަނަށް ޙަޔާ ގެންގޮސްދޭ ނޯކަރެވެ. މީރަބްގެ ދަރިފުޅަށް ކަމެއްކުރަން ޙަޔާ އުޅެފާނެތީ އޭނާ ބިރުގަތީއެވެ.
ކޮޓަރިޔަށްވަދެ ، މޭޒުމޭޒުގެ ވަތްގަނޑުތަކާއި އެނދާއި ސޯފާގެ ބާލީސްތައް ހާވައި އެފުށްމިފުށަށް ޖަހަމުންދިޔައިރުވެސް ، ޙަޔާ އެހޯދާ އެއްޗެއް ނުފެނުނެވެ. ޙަޔާ ހޯދަމުން އެގެންދަނީ ، ކައިވެނީގެ ކުރިން މުރުތަސިމް ލައްވާ މީރަބް ސޮއިކުރުވިކަމަށް ބުނި ލިޔުމެވެ. އެއީ ބާރުގަދަ ހަތިޔާރަކަށް ވާނެކަން ޙަޔާއަށް އެނގެއެވެ. އެންމެފަހު ސޯފާގެ ބާލީސް ނެގިއިރު ، އެ ލިޔުން ޙަޔާއަށް ފެނުނެވެ. ވީ އުފަލުން ލިޔުން ނަގައިގެން ، އެކޮޓަރިން ނުކުތުމަށް ޙަޔާ އަވަސްވެގަތެވެ. އޭރު ، މުރުތަސިމް އުޅެނީ ފާޚާނާގައިކަން ޙަޔާއަށް އެނގެއެވެ. ކޮންމެ އިރަކުވެސް މުރުތަސިމް ނުކުމެދާނެއެވެ.
ނޯކަރުގޮސް ، މީރަބްގެ ކޮޓަރިޔަށް ޙަޔާ ވަތްވާހަކަ ބުނެ ، ޙަޔާގެ މަޤްޞަދު ރަނގަޅުނޫންކަން އޭނާއަށް ފެންނަކަމުގައި މީރަބްގާތު ބުނުމާއެކީ ، މީރަބްވެސް އަވަސް އަވަހަށް ތެދުވެގެން ކޮޓަރިޔާދިމާލަށް ހިނގައިގަތެވެ. މީރަބަށް ކޮޓަރިޔާ ހަމަޔަށް ނުދެވެނިސް ، ޙަޔާ ނުކުމެ އޭނާގެ އަތުގައި އޮތް ލިޔުން މީރަބަށް ދައްކާލަމުން ، ޙަޔާގެ ކޮޓަރިޔާ ދިމާލަށް ދިޔައެވެ. މުރުތަސިމް ފާޚާނާއިން ނުކުތްއިރު ، މުޅިތަން އޮތީ ހާވާފައެވެ. ބާލީސްތަކާއި ކުޝަންތައްހުރީ އެތަން މިތަނަށް އުކާލެވިފައެވެ. އެއީ ، މީރަބް ކުރާނެ ކަމެއްނޫންކަން މުރުތަސިމަށް އެނގުނެވެ. ކޮންމެވެސްކަމެއް އެކޮޓަރިތެރޭގައި ހިނގައިފިކަން މުރުތަސިމަށް އިޙްސާސް ކުރެވުނެވެ.
ޙަޔާއަތަށް އެއެރީ ، ވަރަށް ނުރައްކާ ލިޔުމެކެވެ. މީރަބާއި މުރުތަސިމްގެ ކައިވެނީގެ ޙަޤީޤަތްތައް އެ ލިޔުމުން ވަރަށްބޮޑަށް ސާފުވާނެއެވެ. ޙަޔާ ޤަބޫލުކުރިގޮތުގައި ، އެ ލިޔުމަކީ ، މުރުތަސިމްގެ ޙަޔާތުން މީރަބް ނެރެލުމަށްޓަކައި ، އޭނާއަށް ލިބޭނެ އެންމެ ވަރުގަދަ ހަތިޔާރެވެ. ޚާނަމް އާއި އަންވަރު އަދި އަނީލާއާއި ވައްޤާސްއަށް ގޮވައިގެން ގެނެސް ، އެންމެންނަށް އެ ލިޔުން ، ޙަޔާ ދެއްކިއެވެ. އިރުކޮޅަކުން މީރަބަށްވެސް އެތަނަށް އާދެވުނެވެ. މީރަބް އައުމާއެކީ ، މީރަބް އައިކަން ، އަވަސް އަރުވައިގެންފައި ޙަޔާ ހާމަކުރިއެވެ.
އެންމެ ފުރަތަމަވެސް މީރަބާ ދިމާލަށް އެއްޗެތި ކިޔައިގަތީ ، ވައްޤާސް އެވެ. އެންމެންވެސް ތިބީ މީރަބްދެކެ ރުޅިއަރައިގެންފައެވެ. ފަހަރަކު މީހަކު ، މީރަބާ ދިމާލަށް އެތިވަރުގޮވަމުން ގެންދިޔައެވެ.
" އެލިޔުމަކީ ، ކައިވެނީގެ މެދުތެރެއިން ތެދުވެގެންގޮސް ، މުރުތަސިމް ގެންގޮސް ސޮއިކުރުވި ލިޔުން ދޯއެވެ ؟ އޭރު ނުގަތްލަދެއް މިހާރަކު ގަންނާނެކަމެއް ނެތެވެ. އެ ލިޔުމަކީ ، ކައިވެންޏަށްފަހު ، ގައިގަ އަތްނުލާން ތިމާގެ ފިރިމީހާ ، މުރުތަސިމް ލައްވާ އެއްބަސްކުރުވި ލިޔުން ދޯއެވެ ؟ އަހަރެމެން މިކުރާ ސުއާލުތަކަށް ޖަވާބު ދޭށެވެ ! ގޮތެއްފޮތެއް ނެތަސް މިއީ ތަންފުކެއް ބޮޑުވަރެކެވެ. " ޚާނަމް ސުއާލު ކުރިއެވެ.
އެންމެ ދެރަވެގެން ، އޭނާގެ އަމިއްލަ ނަފްސަށް ގޮތެއް ނިންމުމުގެ ޙައްޤު ، އޭނާއަށް އޮންނަންޖެހޭނެކަމަށް މީރަބް ބުންޏެވެ. އަދި ، އެއީ އެ ޙާލަތުގައި އެންމެ ރަނގަޅުގޮތްކަމަށް އޭނާއަށް ފެނިގެން ކުރި ކަމެކެވެ.
" އެންމެ ބޮޑު ސުއާލަކީ ، އެ ލިޔުމުގައި މުރުތަސިމް ސޮއިކޮށްފައި އޮއްވާ ، މީރަބް ބަލިވެ އިނދެދާނެތޯ އުފެދޭ ސުއާލެވެ. މީރަބް ބުނެބަލާށެވެ ! އެ ބޮޑުދޮގު ، ތެދަކަށް ހަދާނީ ކިހިނެއް ހެއްޔެވެ ؟ " ޙަޔާވެސް ، ވާހަކައިގެ ތެރެޔަށް އަނގަ ބޭނިއެވެ.
އެވަގުތު ، މުރުތަސިމަށްވެސް އެތަނަށް އާދެވުނެވެ.
" އެ ސުއާލުކުރަން ތީ ކާކު ހެއްޔެވެ ؟ " މުރުތަސިމް ، ޙަޔާއާ ސުއާލު ކުރިއެވެ. ( ނުނިމޭ )
V.reethi hisaabakun minimunee