އިސްރަށްވެހިންނަށް ސްކޭމްތަކުން ރައްކާތެރިވުމާއި ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ދިވެހި ފުލުހުންގެ ޚިދުމަތާއި އިސްރަށްވެހިންގެ ނާދީއާއި ގުޅިގެން އިސްރަށްވެހިންނަށް ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތާއި ސްކޭމްތަކުން ރައްކާތެރިވުމުގެ މުހިންމުކަމާއި ގުޅޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މާލެ އަދި ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރގެ ފަރާތުންނެވެ.

މި ސެޝަންގެ ތެރެއިން ވަނީ އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، ސްކޭމްތަކުގެ ނުރައްކަލާ ބެހޭ ގޮތުން ގިނަ މަޢުލޫމާތު ތަކެއް އިސްރަށްވެހިންނަށް ފޯރުކޮށްދީފައެވެ. އަދި ސްކޭމްތައް ދެނެގަންނާނެ ގޮތާއި، ސްކޭމަރުން އާންމު ގޮތެއްގައި ގެންގުޅޭ އުކުޅުތަކާއި ގުޅޭ ގޮތުގެ ތަފްސީލު މި ސެޝަނުގެ ތެރެއިން ވަނީ އިސްރަށްވެހިންނަށް ކިޔައިދީފައެވެ.

ހަމައެހެންމެ، ސްކޭމްގެ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި އަމަލު ކުރެވިދާނެ ގޮތްތަކާއި އެޅިދާނެ ބައެއް ފިޔަވަޅުތަކާއި ބެހޭ ގޮތުންވެސް މަޢުލޫމާތު ވަނީ ހިއްސާކުރެވިފައެވެ.

ފުލުހުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން، އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027587، 3027586 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.