
މިއަހަރުގެ ޖޫން މަހު ޖެންޑަރ މިނިސްޓްރީ އަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 88 މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މިނިސްޓްރީން ބުނީ މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަ ކަމަށެވެ. އެގޮތުން މި ބާވަތުގެ 27 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 06 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 21 މައްސަލަ ކަމަށް ބުނެއެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލައަކީ ޖިސްމާނީ ހާނިއްކައިގެ މައްސަލަ ކަމަށާއި މި ބާވަތުގެ 18 މައްސަލައެއް ވަނީ ޖޫން މަހު ހުށަހެޅިފައިވާއިރު، އޭގެތެރޭގައި ފިރިހެން ކުދިންނާއި ގުޅޭ 12 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 06 މައްސަލައެއް ހިމެނޭކަމަށް ބުނެއެވެ.
ހަމައެހެންމެ، މީގެތެރޭގައި އިހުމާލުވުމުގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 08 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 07 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 06 މައްސަލަ ވެސް ހިމެނެއެވެ. އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 04 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލަ އަދި ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ 01 މައްސަލަ ވެސް ހިމެނެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ މައްސަލަތަކާއި ގުޅިގެން ޖޫން މަހު މި ވުޒާރާއަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ އަންހެން ކުދިންނާއި ގުޅުންހުރި މައްސަލައެވެ. އެގޮތުން، އަންހެން ކުދިންގެ 50 މައްސަލަ ހުށަހެޅިފައިވާއިރު، ފިރިހެން ކުދިންގެ 38 މައްސަލައެއް ހުށަހެޅިފައިވެއެވެ.