ހަނދު އޭގެ ހަނދުވަރާ ނުލާ ... (24)

( 3 އޯގަސްޓް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މުރުތަސިމާ ނުގުޅިގެން ، މީރަބް ހާސްވެފައި ހުއްޓާ ، ރޮހޭލްގެ ފޯނެއް މީރަބްގެ ފޯނަށް އައެވެ. އެއީ ރޮހޭލްގެ ފޯނެއްކަން އެނގުމާއެކީ ފޯނު ކަނޑައިލިނަމަވެސް އަނެއްކާވެސް ، ރޮހޭލް ގުޅިއެވެ. ދެތިން ފަހަރަށް ރޮހޭލްގެ ފޯނު ކަނޑައިލިތަނުން ، ދެން އައީ ރޮހޭލްގެ މެސެޖެކެވެ. އެންމެ ފަހަރަކުނަމަވެސް ، އޭނާއާ ވާހަކަ ދައްކައިލުމަށް ރޮހޭލްގެ މެސެޖްގައި ލިޔެފައި އޮތެވެ. ރޮހޭލަކީ އޭނާގެ ވަރަށް ގާތް ރަޙުމަތްތެރިޔެކެވެ. މީހުން ބުނާގޮތުގައި ، ފިރިހެންކުއްޖަކަށް ، އަންހެންކުއްޖެއްގެ އެންމެގާތް ރަޙުމަތްތެރިޔެއްގެ ގޮތުގައެއް ނުހުރެވޭނެއެވެ. އެފަދަ ގުޅުމެއް ކިތަންމެ ގާތްކަމުގައިވިޔަސް ، ގޯސްތަކެއް ހިނގާނެއެވެ. އެހެންނަމަވެސް ، މީރަބް ޤަބޫލުކުރާގޮތުގައި ، ރޮހޭލަކީ ތަފާތު މީހެކެވެ. ރޮހޭލަކީ ، ދުވަހަކުވެސް އެދެމީހުންގެ ރަޙުމަތްތެރިކަމުގެ ގުޅުމަށް ގޯސްވިސްނުމެއް ގެންގުޅުނު މީހެއްނޫނެވެ. މީރަބްގެ ހިތުގައި ރޮހޭލްގެ މައްޗަށް އޮތީ އުޚުއްވަތްތެރިކަމުގެ މާތް ގުޅުމެވެ.

ދެންއައި ފޯނު ، ނުނަގަންހުރެފައިވެސް މީރަބް ނެގިއެވެ. އޭނާއާ ވާހަކަ ދެއްކުމަކީވެސް އަދި ބައްދަލުކުރުމަކީވެސް މީރަބަށް އެވަގުތު ކުރެވެން ނެތްކަމެއްކަމުގައި މީރަބް ބުންޏެވެ. އަޙްމަދުއާބާދަށް ރޮހޭލް އެއައީ ، މީރަބަށްޓަކައެވެ. މީރަބް ދެކިލުމަށެވެ. މީރަބް ހޯދަމުންގޮސް އޭނާގެ ގެޔަށްވެސް ރޮހޭލް ދިޔަކަމަށް ބުންޏެވެ. ހަމަ އެންމެ ފަހަރަކު ، އޭނާއާ މީރަބް ބައްދަލުކޮށްލުމަށް ރޮހޭލް އާދޭސްކުރަމުން ގެންދިޔައެވެ. އެ ދެމީހުންގެ ރަޙްމަތްތެރިކަމުގެ ޙައްޤުގައެވެ.

ގޭގެ އެއްވެސް މީހަކަށް ނާންގައި ، ރޮހޭލްއާ ބައްދަލުކުރުމަށް މީރަބް ދިޔައެވެ. މީރަބް ލޯބިނުވާމީހަކާ ހިތާ ދެކޮޅަށް ކައިވެނިކުރީތީ ރޮހޭލް އިނީ ހިތްހަމަ ނުޖެހިފައެވެ. ދެމީހުންގެ ވާހަކަ ވަކި ހިސާބަކަށް ދިޔަތަނާ ، މީރަބްދެކެ ރޮހޭލް ލޯބިވާ ވާހަކަ ރޮހޭލް ބުންޏެވެ. ރޮހޭލްގެ އެވާހަކަ މީރަބަކަށް ޤަބޫލެއް ނުކުރެވުނެވެ. އެކަހަލަގޮތަކަށް މީރަބަށް އެއްވެސް އެއްޗެއް ވިސްނޭނެހެން ، ދުވަހަކުވެސް ރޮހޭލް ވާހަކަ ދައްކާފައެއް ނުވެއެވެ. އެހާ ގިނަދުވަހު އެކުގައި އުޅުނު އިރުވެސް ، ރޮހޭލްގެ ފަރާތުން އެކަހަލަ އެއްވެސް ޢިޝާރާތެއް މީރަބަކަށް ލިބިފައެއް ނެތެވެ.

" މީރަބްގެ އުފަންދުވަހުގެ ޕާޓީ އަހަރެން ރޭވީ ، އަހަރެން މީރަބްދެކެ ލޯބިވާ ވާހަކަ ބުނުމަށެވެ. އެވާހަކަ ނުބުނެވިގެން އުޅެނިކޮށް ، އެތަނަށް މުރުތަސިމް އައިސް ، ޖަނަވާރެއްހެން ޖަހައިގަނެގެން މީރަބް އެތަނުން ގެންދިޔައީއެވެ. މުރުތަސިމާ ކައިވެނި ކުރިއިރު ، އެންމެފަހަރަކުވެސް އަހަރެންގެ މަތިން މީރަބް ހަނދާންކޮށެއް ނުލައެވެ. އަހަރެންނަށް ލިބޭނެ ތަކްލީފާއި ހިތްދަތިކަން އިޙްސާސްކޮށެއް ނުލައެވެ. މި އަނގޮޓިޔަކީ ، އަހަރެން މީރަބްދެކެ ލޯބިވާ ވާހަކަބުނެ ، މީރަބްގެ އިނގިލީގައި އަޅުވަން ގެންގުޅުނު އަނގޮޓިއެވެ. " ރޮހޭލް ބުންޏެވެ.

ރޮހޭލްގެ ޖީބުން ކުޑަފޮށްޓެއް ނަގައި ، އޭގައިވާ އަނގޮޓި މީރަބަށް ދައްކައިލިއެވެ. ރޮހޭލް އަބަދުވެސް އެއަނގޮޓި ބާއްވަނީ އޭނާގެ ޖީބުގައެވެ. އޭނާގެ ހަށިގަނޑާ އެއަނގޮޓި ވަކިކޮށެއް ނުލައެވެ. މީރަބް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރޮހޭލް ގެ ހިތަށް ތަދުކުރެވުނީތީ ، މީރަބް މަޢާފަށް އެދުނެވެ. މިހާރު ދެން ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. ހުރިހާކަމެއް މިހާރު އެއޮތީ ނިމިފައެވެ. މީރަބަކީ ، މީހެއްގެ އަނތްބެކެވެ. އެހެންނޫނަސް ، އޭނާ އަބަދުވެސް ބަލަނީ ރޮހޭލަކީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ކަމުގައެވެ. އަދި ، ކުރިޔަށް އޮތްތާނގައިވެސް އޭނާ ބަލާނީ އެގޮތަށެވެ. މީރަބްގެ ހިތުގައި ރަޙްމަތްތެރިކަން ފިޔަވައި ، ރޮހޭލްގެ މައްޗަކަށް އެއްވެސް އިޙްސާސެއް ނެތެވެ.

އެވަގުތު ، އަންވަރަށް އައިސް އެ ހޮޓަލަށް ވަދެވެއެވެ. މީރަބާއި ރޮހޭލްތިބީ ، ރިސެޕްޝަންގައި ހުރި މޭޒެއްގެ ދެފަރާތުގައި އިށީނދެލައިގެންނެވެ. މީރަބް ފެނިފައި ، އަންވަރު ދިޔައީ ސިއްސައިގެންނެވެ. އެ ޙާލަތުގައި މީރަބް ގެއިން ބޭރަށް ނުކުމެގެން ނުވާނެއެވެ. ޚާނަމް އޮތީ ، އެނދުން ތެދުވަންވެސް މީރަބަށް މަނާކޮށްފައެވެ. އެކަހަލަތާކުން މީރަބާ ދިމާވުމަކީ ، މީރަބްގެ ގޮތް އޭނާއަށް ސާފުކޮށް އެނގެން މެދުވެރިވި ޙާލަތެއްކަމަށްވެސް ވެދާނެއެވެ. ފިރިހެންކުއްޖަކު އައިސް ، މީރަބްދެކެ ލޯބިވާ ވާހަކަ ބުނިކަމަށް ، ވައްޤާސް އޮތީ އަންވަރުގާތު ބުނެފައެވެ. މި ފިރިހެންކުއްޖާއަކީ ، އަނެއްކާ ވައްޤާސް އެބުނި ކުއްޖާ ބާވައެވެ ؟ އަންވަރު އެތާކު ގިނައިރަކު މަޑެއް ނުކުރެއެވެ. މީރަބަށް އޭނާ ނުފެންނަނިސް އެތަނުން ނުކުތެވެ. އޭނާ ބައްދަލުކުރަންދިޔަ މީހަކާ ބައްދަލުކުރާކަށްވެސް ނޫޅެއެވެ.

ރޮހޭލްއާ ބައްދަލުކުރުމަށްފަހު ، މީރަބް އައިސް ގެޔަށް ވަތްތަނުން ޚާނަމްއާ ދިމާވިއެވެ. މީރަބް ބޭރަށްގޮސް އައިމަ ޚާނަމް އެހާ ހިތްހަމައެއް ނުޖެހުނެވެ. އެކަމަކު ރުޅިއައިސްގެން އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އެއީ ، މީރަބް މިހާރުއިން ޙާލަތަށް ބަލާއިރު ، ރަނގަޅުކަމެއްނޫނެވެ. އެހެންނަމަވެސް ، މީރަބް ބޭރުން އެއައީ ކޮންތާކަށް ގޮސްތޯ ، ތަންކޮޅެއް ބާރަށް ޚާނަމަށް އަހައި ލެވުނެވެ. ކުއްލިޔަކަށް ދޭނެ ޖަވާބެއް ނޭނގި ، މީރަބް ހާސްވެފައި ހުއްޓާ ، އެތަނަށް އަންވަރު އައެވެ. މީރަބް އެއައީ ، ހޮސްޕިޓަލަށް ގޮސްފައިކަމަށް ބުނެ މީރަބަށް ދޯ އެއްލައި ، އެކަން އަންވަރު ހަމަޖައްސާލަ ދިނެވެ. އަދި ، މީރަބް ޑޮކްޓަރަށް ދާން ޖެހޭނެނޫންހޭ ބުނެ ، ޚާނަމްގެ ކަންބޮޑުވުން ކުޑަކޮށްލަ ދިނެވެ. އެކަމަކުވެސް ، ޚާނަމްގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. މީރަބް އެކަނި ހޮސްޕިޓަލަށް ދިޔުމުގެ ސަބަބުންނެވެ. މީރަބް އެކަނި އެއްވެސް ތާކަށް ބޭރަށް ގޮސްގެން ނުވާނެކަމަށް ބުނެ ، މީރަބް ދާންބޭނުންވާ ތާކަށް ގެންދާނީ އޭނާކަމަށް ބުނަމުން ގޭތެރެޔަށް ވަނެވެ.

" މީރަބް ތިޔައީ ހޮސްޕިޓަލުންނޭ ބުނެ ، އަހަރެން ދޮގުހެދީ ކީއްވެތޯ ނާހާނަން ހެއްޔެވެ ؟ " އަންވަރު އަހައިލިއެވެ.

އަންވަރު ދޮގުހަދައި ، މީރަބް ސަލާމަތްކޮށްދިން ސަބަބެއް ބަލަން މީރަބްވެސް ބޭނުން ވިއެވެ. ހޮސްޕިޓަލްކައިރީ ހުރި ހޮޓަލުގައި ފިރިހެން ކުއްޖަކާ ވާހަކަ ދައްކަން ދެންމެ މީރަބް އިންތަން ފެނުނު ވާހަކަ އަންވަރު ބުންޏެވެ. ދޮގުހެދީ ، އެކަމުން މީރަބް ސަލާމަތް ކޮށްދޭން ވެގެންނެވެ.

" މީރަބާއެކީ ކޮލެޖްގައި ކިޔަވަންއުޅުނު ކުއްޖަކީ އެއީ ނޫންހެއްޔެވެ ؟ " އަންވަރު ބުންޏެވެ.

މީރަބް އެކަމަށް އެއްބސްވުމާއެކީ ، އޭނާއަށް ގުޅައިގެން އަޙްމަދުއާބަދަށް ގެނައީ މީރަބްތޯ ، އަންވަރު ސުއާލު ކުރިއެވެ. ނޫނެކެވެ. މީރަބް ހޯދަމުން ، އަޙްމަދުއާބާދަށް އައީ އޭނާކަމުގައި މީރަބް ޖަވާބު ދިނެވެ. މީރަބެއް އޭނާއަކަށް ނުގުޅައެވެ. ރޮހޭލާބެހޭގޮތުން ، މީރަބާއި އަންވަރާ ދެމެދު ކޮންމެވެސް ވަރަކަށް ބަހުސް ހިނިގިއެވެ. އެއީ ، މީރަބްގެ ކޮލެޖްގެ ރަޙުމަތްތެރިއެއްކަމަށް ވާތީ ، އޭނާއާ ބައްދަލުކޮށްލުމަށް މީރަބް ދިއުމުގައި މައްސަލައެއް އޮތްކަމަކަށް މީރަބަކަށް ޤަބޫލެއް ނުކުރެވުނެވެ. އަންވަރު ހިތްހަމަ ނުޖެހުނީ ، ރޮހޭލް ގެޔަށް ގެނައުމުގެ ބަދަލުގައި ، އޭނާއާ ބައްދަލު ކުރުމަށް ، އޭނާހުރި ހޮޓަލަށް މީރަބް ދިއުމުންނެވެ. ރަޙުމަތްތެރިއެއްކަމަށް ވަންޏާ ، ގެޔަށް ގެނައުމަކީ ، މައްސަލައެއްނޫންކަމަށް އަންވަރު ބުންޏެވެ. އޭރަށް ގޭގެ އެންމެންނަށްވެސް އޭނާއާ ބައްދަލުކޮށް ލެވޭނެއެވެ.

" އެއީ ، މީރަބާއެކީ ދިރިއުޅެން ބޭނުންވާކަމަށް ބުނެ ، އަދި މީރަބްދެކެ ލޯބިވާކަމަށްބުނެ ، ވައްޤާސްމެންގެޔަށް ދިޔަ ކުއްޖާ ނޫންހެއްޔެވެ ؟ މީރަބް މީހަކާ އިނދެގެން ހުރިކަން އެނގިހުރެމެ ، މީރަބާ ލޯބީގެ ވާހަކަ ދެއްކުން އެއީ ރަނގަޅުކަމެއް ހެއްޔެވެ ؟ މީރަބަކީ މިހާރު މީހެއްގެ އަމާނާތަކަށްވެ ، މީހެއްގެ ބެލުމުގެ ދަށުގައިވާ މީހެކެވެ. އިޙްތިރާމް ލިބިގެންވާ ޤަދަރުވެރި ޢާއިލާއެއްގެ ޅީދަރިއެކެވެ. އަހަރެންގެ ދަރިފުޅު ( މީރަބް ) އަކީ ، މީހުންނާ ޖަދަލުކުރާ ، މީހުންނަށް ދޫނުކުރާ ހިތްވަރުގަދަ ، މިނިވަން ޚިޔާލަށް ލޯބިކުރާ ކުއްޖެއްކަން ، އަހަރެންނަށް އެނގެއެވެ. އެކަމަކު ، އަޚްލާޤީގޮތުން ދަށް ކުއްޖެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެކަން އެގޮތަށް ޤަބޫލުކުރާކަށްވެސް އަހަރެން ބޭނުމެއް ނެތެވެ. އެގޮތަށް އެކަން އޮތްނަމަ ، އަހަރެމެންނަށް އިސްއުފުލާލައިގެން މަގުމަތީ ހިނގާކަށް ނުކެރޭނެއެވެ. " އަންވަރު ބުންޏެވެ.

މީރަބާ ދިމާލަށް އޑުހަރުކޮށް އެއްވެސް ވާހަކައެއް ބުނާކަށް އަންވަރު ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ، އޭނާއަށް އެފެނުނު މަންޒަރަކީ ، ރަނގަޅު މަންޒަރެއް ނޫންކަން ، މީރަބަށް ވިސްނައިދޭން އަންވަރު ބޭނުންވިއެވެ.

" އަހަރެންނަކީ ، އަޚްލާޤެއްނެތް މީހެއްނޫނެވެ. އަހަރެންގާތު ރޮހޭލް ދެއްކި ހުރިހާ ވާހަކައަކަށް އަހަރެން އިންކާރު ކުރީމެވެ. އަހަރެންނަކީ މީހެއްގެ އަނތްބެއްކަމުގައިވެސް ބުނީމެވެ. އަދި ، އަހަރެން ރޮހޭލްދެކެނީ ހަމައެކަނި ރަޙުމަތްތެރިއެއްގެ ގޮތުގައި ކަމަށް ބުނީމެވެ. ރޮހޭލްދެކެ އަހަރެން ލޯބިނުވާކަމަށްވެސް ބުނީމެވެ. ރޮހޭލްގެ ހިތުގައި އަހަރެންގެ މައްޗަށް އޮތް އިޙްސާސަކީ އަހަރެންގެ ބާރުގެ ދަށުގައިވާ އެއްޗެއް ނޫނެވެ. އަހަރެންނަކީ ބޯހަރު މީހެކެވެ. ޒުވާބުވެސް ކުރާ މީހެކެވެ. އެކަމަކު ، އަހަރެންނަކީ އަޚްލާޤެއްނެތް މީހެއް ނޫނެވެ. އެކަމަކު ބުނަން ހެއްޔެވެ ؟ އަހަރެން މިގެޔަށް ގެނެސް ، އަހަރެންގެ ނުރުހުމުގައި މީހަކާދެވާފަ ، މިގޭތެރޭގައި ބަންދުކޮށް ބެއިންދުމުގެ ސަބަބުން ، އަހަރެންވެސް މިހުންނަނީ ، އިސްއުފުލާލައިގެން މަގުމަތީ ، ހިނގާލަން ނުކެރޭ ވަރަށް ލަދުގެންފައެވެ. ރޮހޭލްވެސް އަހަރެންނަށް އެކަމާ މަލާމާތްކޮށް ލަދުގަންނުވައިލިއެވެ. އެކަމަކުވެސް ، އަހަރެންނަކީ ، ލަދެއް ޙަޔާތެއްނެތް މީހެއްނޫނެވެ. އެކަން ހަނދާން ކުރައްޗެވެ. " މީރަބް ބުންޏެވެ.

މީރަބް އެކިޔައިދިނީ ، ބައްޕަޔަކާ މުޚާތަބުކޮށް ދަރިޔަކު ދައްކާ ކަހަލަ ވާހަކައެއް ނޫނެވެ. އެ ވާހަކަ އެގޮތަށް އެދެއްކުނީ މީރަބްގެ ބޯހަރުކަމުންނެވެ. މީރަބުގެ ބޮލުގައި އެޅުވޭ އިލްޒާމަށް ، އޭނާ މަޑުން ނުހުންނާނެކަން އަންގާލަ ދިނުމަށް ޓަކައެވެ. އޭނާއަކީ ކޮންކަހަލަ ކާކުކަން ، އަންވަރަށް ސާފުކޮށްދިނުމަށެވެ.

މީރަބަށް މުރުތަސިމް ލޮލަށް ނުފެންނަތާ މިހާރު ދެދުވަސް ވެއްޖެއެވެ. މުރުތަސިމް ދިޔައީ ދަނޑުބިމަށްކަން މީރަބަށް އެނގުނީ ނޯކަރެއްގެ ފަރާތުންނެވެ. ޙަޔާވެސް މުރުތަސިމާއެކީ ދިޔަކަން މީރަބަށް އެނގިއްޖެއެވެ. މުރުތަސިމްގެ ކަންކަން ބެލެހެއްޓުމަށްޓަކައި ، މުރުތަސިމާއެކީ ޙަޔާ ފޮނުވީ ޚާނަމްކަންވެސް މީރަބަށް އެނގުނެވެ. އޭރު ރޭގަނޑު ނުވައެއް ޖަހައިފިއެވެ. ލަސްވެފައި ހުއްޓަސް ، އެރެއިން އެރެޔަށް ދަނޑުބިމަށް ދާން މީރަބް ނިންމިއެވެ. އަދި ، ޑްރައިވަރަށް އަންގައިގެން ކާރު ތައްޔާރު ކުރުމަށް ނޯކަރަކަށް އަންގައިގެން ވަގުތުން ނައްޓައިލިއެވެ.

ރޭގަނޑުގެ ދަންބަޔަށް އެޅިއިރުވެސް މުރުތަސިމެއްވެސް ނުނިދައެވެ. އަދި ޙަޔާ ގާތަކަށްވެސް ނިންޖެއް ނާދެއެވެ. ބަނގަލޯގެ ބޭރުގައި ހުރިއިރު ، މުރުތަސިމާ ގާތްވުމަށްޓަކައި ، ލިބިފައި އޮތް ފުރުޞަތުގެ ބޭނުންހިފާނެ ގޮތެއް ޙަޔާ ރާވަމުން ދިޔައެވެ. މުރުތަސިމް ނިދާފަ އޮތިއްޔާ އެއް އެނދުގައި މަޑުމަޑުން އޮށޯވެ ، އިރުއަރަންދެން މުރުތަސިމްގެ މޫނަށް ބަލަހައްޓައިގެން އޮންނާނީއެވެ. ޙަޔާ އައީ ، އެއްވެސް ހެދުމެއްވެސް ނުލައެވެ. އެހެންކަމުން މީރަބްގެ ހެދުމެއް ލައިގެން ހުއްޓާ ، މުރުތަސިމަށް ފަހަތުން އައިސް މީރަބްއޭ ކިޔާފައ ގޮވައިވެސް ލެވިއްޖެއެވެ. އެނދުގައި ، މުރުތަސިމްގާތު އޮއްވައި މީރަބްކަމަށް ހީކޮށް މުރުތަސިމަށް ޙަޔާގެ ގައިގާ ބައްދާވެސް ލެވިދާނެއެވެ. މިކަހަލަ ފުރުޞަތެއް ލިބޭނީ ހާލަކުން ފަހަރަކުއެވެ.

ޙަޔާ ، މަޑުމަޑުންގޮސް ، މުރުތަސިމް ނިދިތޯ ބަލައިލިއިރު ، މުރުތަސިމް ހުރީ ދެކޮޅަށްދެކޮޅަށް ހިނގާލަހިނގާލައެވެ. ޙަޔާ ރާވައިގެން އައި ރޭވުން ކުއްލިޔަކަށް ބަދަލު ކޮށްލިއެވެ. ޕްލޭން ބީ އަށެވެ. ލޮލަށް އެއްޗެއް ވެއްޓިގެން ކަމަށް ހަދާފައި ، ތަދުވެގެން ރޯގޮތަށް ، މުރުތަސިމަށް ގޮވަމުން ، ޙަޔާ ވަނެވެ. މުރުތަސިމްވެސް އައިސް ، ޙަޔާގެ ލޯ ބަލައިލަން ބޭނުންވިއެވެ. މުރުތަސިމް ހުރީ ޙަޔާގެ މޫނުގައި ހިފަހައްޓާލައިގެން ، ޙަޔާގެ ލޮލަށް ބަލާށެވެ. ޙަޔާހުރީ މުރުތަސިމްގެ އަތުގައި ހިފަހައްޓައިގެން ، މުރުތަސިމްގެ ލޮލަށް ބަލަހައްޓައިގެން ، ލޯބީގެ ޖަޒުބާތީ ސިގްނަލްތައް ފޮނުވަފޮނުވައެވެ.

ދޮރުހުޅުވައިލާފައި ، އެތަނަށް ކުއްލިޔަކަށް އެވަނީ މީރަބެވެ. މީރަބަށް އެފެނުނު މަންޒަރުން އަނގަހުޅުވި ދެލޯ ބޮޑުވިއެވެ. ފަހަތުގައިހުރި މީރަބް ، އެމީހުންގެ ކުރިމަތީހުރި ދޮރުގެ ބިއްލޫރިގަނޑުން ، މުރުތަސިމަށް ފެނުނެވެ. ކުއްލިޔަކަށް ޙަޔާގެ ގައިން އަތްދޫކޮށްލައި މީރަބަށް ގޮވަމުން ، މީރަބާ ދިމާލަށް މުރުތަސިމް ހިނގައިގަތެވެ. މީރަބްވެސް ބާރު ހިނގުމުގައި އެތަނުން ނުކުންނަން ހިނގައިގަތެވެ. މީރަބްގެ ފަހަތުން މުރުތަސިމް ދުއްވައިގަތެވެ. އަދި ، މީރަބަށް އެފެނުނު މަންޒަރަކީ ، މީރަބް އެހީކުރާގޮތަށް އޮތް ކަމެއްނޫންކަމަށް ބުނަމުން ގެންދިޔައެވެ. މުރުތަސިމްގެ އަތް އޭނާގެ ގައިން ފޮޅުވައިލާ ، އެންމެ އިރުކޮޅަކުވެސް ، މުރުތަސިމް ފެންނަ ހިސާބުގައި ހުންނަން ބޭނުންނުވާކަމަށް މީރަބް ބުނަމުން ގެންދިޔައެވެ. އަދި ، ޙަޤީޤަތް ސާފުކޮށްދިނުމަށް ޙުއްޖަތް ދެއްކުމުގެ ބޭނުމެއް ނެތްކަމަށާއި ، އޭނާއަށް ފެނުނު މަންޒަރު ފުދޭކަމަށް މީރަބް ބުންޏެވެ.

އޭނާއަށް އިތުބާރުކުރުމަށް މުރުތަސިމް އާދޭސްކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ، މީރަބަށް މުރުތަސިމާ ދިމާއަށް އެންމެ ފިޔަވަޅެއްވެސް ކުރިޔަށް އެޅޭނީ ކިހިނެއްތޯ މީރަބް ސުއާލު ކުރިއެވެ. ކޮންމެ ފަހަރަކުވެސް ، މުރުތަސިމްގެ ފަރާތުން މީރަބަށް އެލިބެނީ ތަކްލީފެވެ. މީރަބްގެ ހިތުގައި މުރުތަސިމްގެ މައްޗަށް އޮންނަންޖެހޭ އިތުބާރަށް ހުރަސްއެޅޭފަދަ ޙާލަތްތަކެވެ.

މީރަބް އެތަނަށް އެއައީ ، މުރުތަސިމަކީ އޭނާގެ ޙައްޤެއްކަމަށް ބަލައިގެން މުރުތަސިމް ގާތަށެވެ. އެކަމަކު ، މުރުތަސިމަކީ އެހެންމީހެއްގެ ޙައްޤެއްކަން އެރޭވެސް ، މުރުތަސިމް ސާބިތުކޮށްދީފިއެވެ.

މީރަބަށް ހުރީ ރޮވިފައެވެ. މުރުތަސިމް އޭނާގެގާތަށް ޖެހިލުމާއެކީ ، އޭނާގެ ގައިގާ އަތްނުލުމަށް ، މުރުތަސިމަށް އެންގިއެވެ. އެވަގުތު ، މީރަބާ ވަރަށްގާތް ނޯކަރަކު އައިސް ، ނާއިލާގެ ފިރިމީހާ މަރުވެއްޖެކަމުގައި މީރަބްގާތު ބުންޏެވެ. އެޚަބަރު ލިބުމާއެކީ މީރަބްގެ ހިތުގައި ނާއިލާއާމެދު ހަމްދަރްދީ އުފެދުނެވެ. ނާއިލާގެ ފިރިމީހާ މަރުވީކީނޫނެވެ. އޭނާ މަރައިލީ ޒުބޭރެވެ. އެކަން ހިނގިގޮތް  މުރުތަސިމް ކިޔައިދިނުމާއެކީ ، ނާއިލާއާ ބައްދަލުކުރުމަށް މީރަބް ގޭތެރެޔަށް ވަނެވެ.

މީރަބް ދިޔަތަނުން ، ޙަޔާވެސް މުރުތަސިމްގާތަށް އައެވެ. މީރަބަށް އެފެނުނު މަންޒަރަކީ ، އޭނާ ރާވައިގެން ކުރިކަމެއްނޫންކަމަށް ޙަޔާ ބުނުމާއެކީ ، މީރަބްގާތަށްގޮސް ވީގޮތް ކިޔައިދިނުމަށް ބުނެ ، ޙަޔާއާ ދިމާލަށް މުރުތަސިމް ހަޅޭއްލަވައިގަތެވެ. އަމިއްލަޔަށް ކެހިކަނޑުލުގެ ހިތި ، ޙަޔާ އަމިއްލަޔަށް ފިލުވަން ޖެހުމާއެކީ ، ރޮމުންރޮމުން ޙަޔާ ގޭތެރެޔަށް ވަނެވެ. މުރުތަސިމްވެސް މީރަބް ހޯދުމަށް ގޭތެރެޔަށް ވަނެވެ. މީރަބާއި މުރުތަސިމާ ދެމީހުން ، ނާއިލާ އޮތް ކޮޓަރީގެ ދޮރުމަތީ ތިއްބާ ، ޙަޔާގޮސް ، މީރަބަށް ފެނުނު މަންޒަރު ހިނގިގޮތް ސާފުކޮށްދިނެވެ. އެވަރުންވެސް ޙަޔާއަށް ހެދުނީ ހުސްދޮގެވެ. ޙަޔާ ބުނިގޮތުގައި ، އެތަނުން ކަރަންޓްގޮސް އަނދިރިވީ ވަގުތު ، އޭނާގެ ލޮލަށް އެއްޗެއް ވެއްޓުނީއެވެ. މީރަބަށް އެތަނަށް އާދެވުނީ ، އެއެތިކޮޅު ލޮލުން ނަގައިދޭން މުރުތަސިމް ހުއްޓައެވެ. އެއީ މީރަބް އެހީކުރާގޮތަށް ދިމާވިކަމެއް ނޫނެވެ. ޙަޔާގެ ވާހަކަ ޤަބޫލުކުރާކަށް މީރަބް ބޭނުމެއްނޫނެވެ. ޙަޔާއަކީ ، ދުވަހަކުވެސް އޭނާއަށް ތެދެއް ހަދާނެ މީހެއްނޫންކަން މީރަބަށް އެނގެއެވެ. އެކަމަކު ، އެކަމާބެހޭގޮތުން ، މީރަބް އިތުރަކަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

3 ޚިޔާލު

  1. ޙަޔާގެ ކަންތައް ތަންކޮޅެއްް ބޮޑުވޭ އެބަ. މީރަބަށް ޙަޔާގެ ކިބައިން ސަލާމަތްވާނެހެންނެއް ހިއެއްނުވޭ. އެވަރަށް އެހުންނަނީ ވިއްދާފަ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.