ނަޑެއްލާގެ މަސްވެރިންނަށް ހުރި ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި

ގދ ނަޑެއްލާ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދީ ސްޕޯޓްސް ފިޝިންގ ވަދު ކަދުފައްޗެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ގދ ނަޑެއްލާގެ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެރަށު ކައުންސިލުން މިއަދު ވަނީ މި ވުޒާރާއާއި އެކު މަޝްވަރާކޮށްފަ އެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި މި ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބާއި ސްޓޭޓް މިނިސްސްޓަރ އާމިނަތު ޙުސައިން ޝަރީފްއެވެ. ނަޑެއްލާ ކައުންސިލްގެ އިސްބޭފުޅުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލުން ވަނީ ރަށްރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ނަޑެއްލާ ޒުވާނުންނަކީ މުނިފޫހިފިލުވުމުގެ މަސްވެރިކަން ކުރަމުން އަންނަ ބައެއްކަމަށާ އެސަރަހައްދުގައި ސްޕޯޓްސް ފިޝިންގ ވަދު ކަނދުފައްޗެއް ގާއިމްކޮށްދިނުމަށް ނަޑެއްލާ ކައުންސިލުން ވަނީ އެދިފައެވެ.

ގދ އަތޮޅުގެ އެހެން ރަށްތަކާއި ހިލާފަށް ނަޑެއްލާ މަސްވެރިން މަސްބޭނުމަށް ވަރަށް ބޭރަށް ނުކުންނަން ޖެހޭކަން ނަޑެއްލާ ކައުންސިލުން ފާހަގަކުރިއެވެ. އެހެންވީމާ ކައުންސިލްގެ އެދުމަކީ އެތެރެވަރީގައި މި ކަނދުފަތި އަވަހަށް ޤާއިމް ކުރުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީއިން ކުރިއަށް ގެންދާ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގް އަދި މެރިކަލްޗަރ ދާއިރާއިން ހުރި ފުރުސަތުތަކާއި މެދުވެސް މަޝްވަރާކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވަނީ ނަޑެއްލާ ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސްޓޭޓް މިނިސްޓަރ މުއްތަލިބު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރ މުއްތަލިބު ވިދާޅުވީ ކައުންސިލުން އެދުނުގޮތަށް އެތެރެވަރީގައި ކަނދުފަތި އެޅުމަށް ޑިޒައިންކޮށް އެކަމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.މި މަސައްކަތްތައް ނިމުމާއިއެކު ނަޑެއްލާ ކައިރީގައި ކަނދުފައްޗެއް ގާއިމްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.