އެންމެ ފަހުގެ ޙަމަލާ - 1

ހ. ފަތަނގުމާގެ
މާލެ.

އިސްލާމީ ތާރީޚުގެ މި ރީތި އަދި ބުޠޫލަތްތެރި ފުތޫޙާތުގެ ވާހަކަޔަކީ މުސްލިމުންގެ އަރައިހުންނެވި ބަޠަލެއް ކަމުގައި ވާ سلطان محمود غزنوی ހިންދުސްތާނުގައި ހޯއްދެވި ފުތޫޙާތުގެ ވާހަކައެވެ. ހިންދީންގެ އެންމެ ބޮޑު ބުދު ކަމުގައި ވާ ސޫމްނާތުގެ ބޮޑު ބުދު މުގުރުއްވި މަތިވެރި ޖިހާދުގެ ވާހަކައެވެ. އިސްލާމީ ފުތޫޙާތުގެ ހާދިސާތަކުގެ އިތުރަށް މިއީ ވަރަށް ރީތި އަސަރުގަދަ ލޯބީގެ ވެސް ވާހަކައެކެވެ.

އަޅުގަނޑު މި ވާހަކަ ތަރުޖަމާ ކޮށް ޝާއިޢު ކުރީ މީގެ ސާޅީސް އަހަރު ކުރީންނެވެ. މި ވާހަކަ އަލުން ކިޔުންތެރީންނާ ހަމަޔަށް މި ގެނެސްދެނީ ވަރަށް ގިނަ ބޭފުޅުން މި ވާހަކަޔަށް ޝައުޤުވެރިކަން ފައުޅު ކުރައްވާތީއެވެ. ޚާއްޞަކޮށް މި އިސްދާރު ޝާއިޢު ކުރަނީ އަޅުގަނޑުގެ ކޮއްކޮ منير حسن އަށް ޓަކައެވެ.

ޢާންމުކޮށް ބެލެވެމުންދާ ގޮތުގައި ސައެންސާއި އަދަބަކީ ވަރަށް ތަފާތު އިދިކޮޅު ދޭއްޗެކެވެ. އެ ދޭތި އެކަތި އަނެކެއްޗާ ގުޅުވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ގިނަ މީހުންގެ ނަޒަރުގައި ސައެންސަކީ ފައިދާ ހުރި ޢިލްމެކެވެ. އަދަބަކީ ތާކުންތާކު ނުޖެހޭ ބޭކާރު މަސައްކަތެކެވެ. މި ޚިޔާލުގެ ނަތީޖާއަކަށް ވަނީ ވަރަށް ގިނަ ބަޔަކު ތިމާމެންގެ ދަރީން އަދަބީ އުފެއްދުންތެރިކަމާ ދުރު ކުރެވޭތޯ މަސައްކަތް ކުރުމެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ނަޒަރު ހިންގާ އިރު ވެސް ފަހަކަށް އައިސް ފެންނަނީ ދިވެހި އަދަބިއްޔާތާ މެދު އިހުމާލު ކުރެވިފައި ވާތަނެވެ.

ޝައްކެއް ނެތެވެ. މިއަދުގެ ދުނިޔޭގައި އަހަންމިއްޔަތު ދެވެނީ މާއްދީ އެއްޗެއްސަށެވެ. ކޮންމެ މީހަކު ވެސް ހުންނަނީ މާއްދީ ފަސޭހަތަކަށް ޓަކައި ޤުރުބާން ވާން ތައްޔާރަށެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ސައެންސަކީ މާއްދީ ފަސޭހަތައް ހޯދައިގަތުމުގެ ޒަރީޢާއެވެ. ދަރީންނަށް ޑޮކްޓަރީކަމާއި އިންޖިނޭރުކަން ފަދަ މުސާރަ ބޮޑު މަޤާމުތަކަށް ދެވުމުގެ ޒަރީޢާ އަކީ ސައެންސް ކިޔަވައިދިނުމެވެ. ސައެންސުގެ ސަބަބުން އިންސާނާ ފިޔަ ލިބިގެންފިއެވެ. ޝާޢިރުންގެ "ލޯބިވެރިޔާ" ހަނދު ފަތަޙަ ކޮށްފިއެވެ. އެހެންކަމުން އިންސާނުން ސައެންސަށް ޓަކައި ފުރާނަ ދޭން ތައްޔާރަށް ތިބޭކަމީ ޙައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ހަނދާން ނައްތައިލައިގެން ނުވާނެ ޙަޤީޤަތަކީ ޖިސްމާނީ ކާނާއާ އެކު އިންސާނާއަށް ރޫޙާނީ ކާނާ ވެސް ބޭނުން ވާކަމެވެ. އިންސާނާގެ ހިތާއި ސިކުނޑިއަށް މާއްދިއްޔަތާ ގުޅުމެއް ނެތް ބައެއް އެއްޗެހި ވެސް ބޭނުން ވާކަމެވެ. މި ޒަމާނުގެ ވާހަކަ ލިޔުންތެރިޔަކު މި ޙަޤީޤަތް ބަޔާން ކުރައްވައިފައި ވަނީ އަންނަނިވި ޢިބާރާތުންނެވެ.

"ޠަބީޢީ ޝާޢިރަކީ ޕެންސިލިން އީޖާދު ކުރި ޢިލްމުވެރިޔާއެކޭ އެއްފަދައިން އިޙުތިރާމު ލިބުން ވާޖިބު މީހެކެވެ. އެހެނީ، އެ ދެ މީހުން ވެސް ވިސްނައިފައި ވަނީ އިންސާނާއަށް ބާއްޖަވެރި މުސްތަޤުބަލެއް ހޯދައިދިނުމަށެވެ. އެކަކު ފަރުވާ ކުރީ އިންސާނާގެ ހަށިގަނޑުގައި ވާ ޒަޚަމަކަށެވެ. އަނެކަކު ލިބިދެނީ އިންސާނާގެ ފާރު ވެފައި ވާ ޖަޒުބާތުގެ ބޭހެވެ. އޭގެ ތެރެއިން އެއް ކަމަކީ އިންސާނާގެ ޖިސްމަށް ބޭނުން ވާ ކަމެކެވެ. އަނެއް ކަމަކީ އޭނާގެ ރޫޙަށް ބޭނުން ވާ ކަމެކެވެ."

ސައެންސް އިންސާނާއަށް ލިބިދޭ ފައިދާ އަކީ އަޅުގަނޑުމެންނަށް އަތުން ހިފޭ އެއްޗެކެވެ. ނަމަވެސް އަދަބިއްޔާތުން ލިބޭ ފައިދާ އަކީ އަތުން ހިފައި ހިސާބު އަކުރުތަކުން އެއް ކޮށް ކަނޑައި ގުނަ ކުރެވޭނެ އެއްޗެއް ނޫނެވެ. މި ރޮނގުން އަޅުގަނޑުމެން ވިސްނާ އިރު ޚުދު ސައެންސް އަންގައިދޭ ޙަޤީޤަތެއް އެބައޮތެވެ. އެ ޙަޤީޤަތަކީތޯއެވެ؟ ބައެއް ތަރިތައް ހަނދަށް ވުރެ މާ ބޮޑެތިކަމެވެ. ހަނދު މާ ބޮޑު ކަމުގައި އަޅުގަނޑުމެންނަށް ފެނުނު ކަމުގައި ވިޔަސްވެހެވެ. އޮޅުމެއް ނެތެވެ. ދުރުގައި ހުންނަ އެއްޗެތި ފެންނަނީ ކުދިކޮށެވެ. ކައިރީގައި ހުންނަ އެއްޗެހި ފެންނާނީ ބޮޑެތިކޮށެވެ. ދުނިޔެ ވަނީ އިންސާނާއާ އެކުގައެވެ. ސުވަރުގެ ވަނީ އިންސާނާއަށް ފޮރުވިފައެވެ. ވަންހަނާ ވެފައެވެ. އެހެންކަމުން ދުނިޔޭގެ ކުޑަކުޑަ ފައިދާއެއް ވެސް އަޅުގަނޑުމެންނަށް ފެންނަނީ އާޚިރަތުގެ ބޮޑެތި ފައިދާތަކަށް ވުރެ ވެސް މާބޮޑުކޮށެވެ. އިންސާނާ އުޅެނީ އެ ފައިދާތައް ހޯދުމުގައި މަޝްޣޫލު ވެގެންނެވެ. ސައެންސުގެ ފައިދާ ގުޅިފައި ވަނީ އިންސާނާގެ ޖިސްމާއެވެ. އަދަބުގެ ފައިދާ ގުޅިފައި ވަނީ އޭނާގެ ރޫޙާއެވެ. ރޫޙަކީ އަޅުގަނޑުމެންނަށް ފެންނަ އެއްޗެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ބެލެވެނީ ހުރިހައި ވެސް އެއްޗަކީ ޖިސްމާނީ ފައިދާ ކަމުގައެވެ.

ޝައްކެއް ނެތެވެ. އަދަބަކީ ވެސް އިންސާނާއަށް ފައިދާހުރި އެއްޗެކެވެ. އަދި ކީއްތޯއެވެ! އަޅުގަނޑުމެން ޙަޤީޤަތާ ހަމަޔަށް ފީނާ އިރު، އިންސާނާ ހިނގާނޭ މަގު ޢައްޔަން ކުރަނީ އަދަބެވެ. އިންސާނާ ރަނގަޅު މީހަކަށް ނުވަތަ ނުބައި މީހަކަށް ހެދުމުގެ އެންމެ ބޮޑު ބާރު ލިބިފައި ވަނީ އަދަބަށެވެ. އަދަބުގެ ޒަރީޢާއިން ދުނިޔޭގައި ވަރަށް ބޮޑެތި ކަންތައްތައް ހިންގައިފައި އެބަހުއްޓެވެ. މިސާލެއްގެ ގޮތުން ދަންނަވާ ނަމަ، އިންޑިއާގެ މިނިވަންކަމުގެ ހަނގުރާމައިގެ ދުވަސްވަރު އެތާނގެ މަޝްހޫރު އަދީބު ޕްރޭމް ޗަންދު އޭނާގެ ކުރު ވާހަކައިގެ ފުރަތަމަ ފޮތް "ޤައުމުގެ ތަދު" ޝާއިޢު ކުރެއްވިއެވެ. އެދުވަސްވަރު އިންޑިއާގައި ހުންނެވި އިނގިރޭސި ގަވަރުނަރު، އެ ފޮތް ޝާއިޢު ކުރެއްވުމުން އޭނާ ބަލައި ފޮނުއްވައިގެން ގެންދަވައިފައި އެންގެވިއެވެ. "ކަލޭގެ ވާހަކަތައް ގާނދީގެ ސިޔާސީ ޙަރަކާތްތަކަށް ވުރެ މާ ނުރައްކައުތެރިއެވެ." އާދޭހެވެ! ވާހަކަ އާއި ޅެމާއި މި ބާވަތުގެ އަދަބިއްޔާތަކީ މާ އަގުހުރި އެއްޗެހިތަކެއް ނޫން ކަމުގައި ބައެއް މީހުން ޚިޔާލު ކުރި ކަމުގައި ވިޔަސް އަޅުގަނޑުމެންގެ ދިރިއުޅުން ހަލާކު ކޮށްލުމާއި، ހަރުދަނާ ކޮށް ބަދަހި ކުރުމުގެ އެންމެ ބޮޑު ބައި ކުޅޭ އެއްޗަކީ އެއީއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، ސައެންސުގެ ފައިދާ އަޅުގަނޑުމެންނަށް ލިބިގަނެވޭނީ ވެސް ދިރިއުޅުން ބިނާ ކުރެވުމުގެ އެކަށޭނަކަން އަޅުގަނޑުމެންނަށް ލިބިގެންނެވެ.

އިންސާނީ ޙަޔާތަށް ބޭނުން ވާ ވަރަށް ގިނަ ޢިލްމުތައް ހެދިފޯދެމުން ދަނީ އަދަބިއްޔާތުގެ ހިޔާވަހިކަމުގެ ދަށުގައެވެ. މިގޮތުން އިންސާނުންނަށް އޭގެ ފައިދާ ރައްދު ކުރަމުންގެންދާ އެއް ޢިލްމަކީ ތާރީޚެވެ.

ތާރީޚަކީ އިންސާނާގެ މާޒީ އޭނާއަށް ދައްކައިދޭ މޫނުބަލާ ލޯގަނޑެވެ. އިންސާނާއަށް ފައިދާ ހުރި ގޮތެއްގައި އޭނާގެ މުސްތަޤުބަލް ބިނާ ކުރެވޭނީ މާޒީގެ ތަޖުރިބާތަކުން ޢިބުރަތް ލިބިގަނެގެންނެވެ.

މި ޙަޤީޤަތްތަކަށް ވިސްނައިލުމުން އަޅުގަނޑުމެންގެ ދިވެހި އިސްލާމީ ޤައުމަށް އިސްލާމީ ތާރީޚާއި އަދަބިއްޔާތު ބޭނުން ވެފައި ވަނީ ކިހައި ވަރަކަށްކަން އެއްވެސް ބޭފުޅަކަށް ވަންހަނާ ވެވަޑައެއްނުގަންނަވާނެއެވެ. ކަން މިހެން ހުރުމާއެކު، "ފާންތަރީގެ" މަޤުޞަދަކީ އަދަބިއްޔާތުގެ އެންމެ މަޤުބޫލު ފަންނު ކަމުގައި ހިމެނޭ ވާހަކައިގެ ޒަރީޢާއިން ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމެވެ. ދިވެހީންގެ ޒުވާން ޖީލަށް އިސްލާމީ ތާރީޚު ތަޢާރުފު ކޮށްދިނުމެވެ.

"ފާންތަރީ" ގައި ޝާއިޢު ކުރާން އަޅުގަނޑު ގަސްތު ކޮށްފައި ވަނީ އުރުދޫ ބަހުގެ މަޝްހޫރު އަދީބުން އިސްލާމީ އުޑުން އަރައިފައި ވާ "ފާންތަރި" ތަކުގެ ވިދުވަރު މުސްލިމުންނަށް ދެއްކެވުމަށް ކުރައްވައިފައި ވާ މަސައްކަތްޕުޅުތަކެވެ. ތަރުޖަމާގެ ސިފައިގައެވެ.

މި ފަހަރު އަޅުގަނޑު ތިޔަ ބޭފުޅުން ބައްލަވައިލެއްވުން މި އެދޭ "ފާންތަރި" އަކީ އިސްލާމީ ތާރީޚުގެ މަޝްހޫރު ފާތިޙެކެވެ. އެ ބޭފުޅެއްގެ ކަނޑިކޮޅުގެ ވިދުވަރު ބައެއް ފަހަރު ތުރުކިސްތާނުގެ މައިދާންތަކުން، އަނެއްބައި ފަހަރު ހިންދުސްތާނުގެ މައިދާންތަކުން ފެންނަމުން ދިޔަ ފާތިޙެކެވެ. އެ ފާތިޙެއްގެ އަސްކޮޅު ބައެއް ފަހަރު ޖައިޙޫން ކޯރުން، އަނެއްބައި ފަހަރު ގަންގާ ކޯރުން ފެން ބޮމުން ގެންދިޔަ ފާތިޙެކެވެ.

މި ވާހަކަޔަކީ އުރުދޫ ބަހުގެ މަޝްހޫރު އަދީބު نسیم حجازی ލިޔުއްވައިފައި ވާ "އާޚިރީ މަޢުރިކާ" މި ވާހަކައިގެ ތަރުޖަމާއެވެ. نسیم حجازی މި ވާހަކަ ލިޔުއްވުމުގައި އިންސާނީ ޖަޒުބާތުގައި ޤުދުރަތުން ލައްވަވައިފައި ވާ އެންމެ ގަދަފަދަ ބާރަކީ ލޯތްބާއި ޢިޝްޤުގެ ބާރުކަން ހަނދާން ނައްތައެއްނުލައްވައެވެ. އޭނާ ކަނޑީގެ އެތިއެތިފަހަރު އައްޑަނައިގައި ޖައްސައި މަތަ ކުރަމުން ދާއިރު ބުރައިގެން ދާ އަލިފާންކަނިތައް ދައްކަވައިފައި ވާ ފަދައިން، އަޚްލާޤީ އިންތަކުގެ ތެރޭގައި ލޯބީގެ ރާގުތައް ވިރުވައިއެޅެމުންދާ އަޑު ވެސް ވަނީ ނިކަން އަސަރުގަދަކޮށް އިއްވަވައިފައެވެ.

މި ރީތި އަސަރުގަދަ ވާހަކަ އިތުރަށް ތަޢާރަފު ކޮށްދިނުމަށް އަޅުގަނޑު ބޭނުން ކުރާނީ ދިވެހިރާއްޖޭގައި އުރްދޫ ބަހުގެ ތެރެޔަށް އެންމެ ބޮޑަށް ވެދެވަޑައިގެން ހުންނެވި، އެންމެ ކުޅަދާނަ އަދީބު އޮނަރަބްލް الأستاذ إبراهيم شهاب ގެ ހިނގާ ގަލަންކޮޅުން ލިޔުއްވައިފައި ވާ ޢިބާރާތްކޮޅެކެވެ. އަޅުގަނޑުގެ ގަލަން ކަރުދާހާ ވަކި ކޮށްލާނީ މި ވާހަކައަށް މުޤައްދިމާއެއް ލިޔުއްވައިދެއްވިކަމަށް ޓަކައި އެމަނިކުފާނުގެ އަރިހަށް އިޚްލާޞްތެރި ޝުކުރު އަރިސް ކުރަމުންނެވެ.

فاروق حسن
އެޑިޓަރު


މ. ބަގީޗާގެ
މާލެ.

އަޅުގަނޑުގެ ދެތިން ބަހެއް

ކޮންމެ ބަހެއްގެ ވެސް އަދަބާއި އަދި ލިޔުންތެރިކަން ކުރި އެރުވުމުގެ އެންމެ ބޮޑު ވަސީލަތަކީ އެއް ބަހަކުން އަނެއް ބަހަކަށް ތަރުޖަމާ ކުރުމެވެ. އެއީ، ތަރުޖަމާގެ ސަބަބުން އެއް ބަހެއްގައި ވާ މުއްސަނދިކަން އަނެއް ބަހަކަށް ލިބި، ޢިބާރާތް ކުރުމުގެ ރީތިކަމާއި މޮޅުކަން އެއް ފަރާތަކުން އަނެއް ފަރާތަކަށް ވަރަށް މަތިވެރި މިންވަރަކަށް އެހީ ވެދޭ ކަމަށް ޓަކައެވެ. ތަރުޖަމާ ކުރުމުގައި އެއް އަޞްލަކުން އުފެދިފައި ވާ ބަސްބަހުގެ ތަރުޖަމާއިން މި ދެންނެވި ފައިދާ ވަކީން ބޮޑަށް ރައްދު ވަމުންދާ ކަމުގައި ވެއެވެ. ކޮންމެއަކަސް ކޮންމެވެސް ގޮތަކުން އަޞްލު ލިޔެވިފައިވާ ބަހާއި ތަރުޖަމާ ކުރެވޭ ބަހާ ގުޅުން ބޮޑު ވީ މިންވަރަކަށް އެކަން ކުރާ މީހަކަށް ލިބޭ ފަސޭހަކަމާއި ހިތްހަމަޖެހުން ބޮޑު ވާނެއެވެ.

އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ބަހާ އުފެދުމުގެ އަޞްލުތަކުގައި އެންމެ ގުޅުން ބޮޑީ ސެންސިކިރިތު ބަހާއި އެ ބަހުގެ އެހީ ލިބިފައި ވާ ބަސްތަކެވެ. މިސާލެއް ދަންނަވާ ނަމަ އެންމެ ގާތްކަން ބޮޑީ ސިންގަޅަ ބަހެވެ. ނަމަވެސް ޢިލްމީ ސޮސައިޓީގައި ކަން ދިމާ ވަމުން އައި ގޮތުން ދިވެހީންނާ އެންމެ ގާތްކަން ބޮޑު ބަހެއް ކަމުގައި ބެލިފައި ވަނީ ޢަރަބި ބަހެވެ. ސަބަބާއި ސިއްރު ވަންހަނާ ވެގެން ނުވެއެވެ. އާދޭހެވެ! މި ގާތްކަމުގެ މުޅި އަޞްލަކީ ދިވެހިރާއްޖޭގެ އަހުލުވެރީން މާތް ވެގެން ވާ އިސްލާމް ދީނުގެ އަލިކަމުގެ ތެރެއަށް ވަނުމެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމް ދީނުގެ މަތިވެރި ޤާނޫނާއި އެ ދީނުގެ ހުރިހައި ޢިލްމެއް ދިވެހީންގެ ގާތުގައި ހިމެނުނީ އެހެން ހުރިހައި އެއްޗަކަށް ވުރެ ޙުރުމަތްތެރިކަން ލިބިގެން ވާ ތަކެތި ކަމުގައެވެ. އަދި އިސްލާމް ދީނުގެ އަޞްލު ކަމުގައި ވާ ކީރިތި قرآن އެ ބަހަކުން ބާވައިލެއްވި ޢަރަބި ބަސް ވެފައި އޮތީ، އޮންނާނީ އެންމެ ގާތް އަދި ލޮބުވެތި ބަސް ކަމުގައެވެ. މިހެން ކަން ދިމާ ވުމުގެ ސަބަބުން ދާދި ފަހަކާ ޖެހޭންދެން ދިވެހީންގެ ތަޢުލީމުގެ އަޞްލެއް ކަމުގައި ބެލެވިފައި ވަނީ ޢަރަބި ބަހެވެ. ދިވެހި ބަހުން ލިޔެވިފައި ވާ ނަމަ ވާ ތަކެއްޗެއްގެ ޢިލްމީ ބާރުވެރިކަމުގެ އަޞްލަކަށް ވެފައި އޮތީ ވެސް ޢަރަބި ބަހެވެ. މި ނޫން ގޮތްގޮތަށް އޮއިވަރު ބަދަލު ވާން ފެށީ މި ދިޔަ ފަންސާހަކަށް އަހަރުގެ ތެރޭގައެވެ.

އަޅުގަނޑަށް ވިސްނިފައި އޮތް ގޮތުގައި ދިވެހިރާއްޖެ އޮތް ތަނާއި ދިވެހީންގެ އާދަކާދަ އާއި ދިވެހި ބަހުގެ އަޞްލެއް ކަމުގައި ޤަބޫލު ކުރެވޭ ބަހާއި މި ތިން ކަންތަކުގެ މައްޗަށް ބަލައިފި ނަމަ، ދިވެހި ބަހާއި އެންމެ ގުޅުން ބޮޑު ވާން ވީ މި ހިސާބުގަނޑުގައި ދިވެހިރާއްޖެ އާ އެންމެ ގާތަށް އޮތް ރާއްޖެތަކުގައި މޮށެއުޅޭ ބަސްބަހެވެ. އެކަމަކު ކުރީގައި ދެންނެވި ފަދައިން ރާއްޖޭގެ ބަހުގެ މައްޗަށް ދީނީ ތަޢުލީމުގެ ބާރުވެރިކަން ގަދަ ވުމުގެ ސަބަބުން މިހައިތަނަށް ޢަރަބި ބަހުގެ ނުފޫޒު އަޅުގަނޑުމެންގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ގަދަ ވެފައެވެ. މުސްތަޤުބަލަށް ވިސްނާ އިރު ދިވެހި ބަހުގެ ތެރޭގައި ނުފޫޒު ގަދަ ވާނޭ ކަމަށް އަޅުގަނޑަށް ފެންނަނީ ޢަރަބި ބަހާއި އިނގިރޭސި ބަހެވެ. މާތް ވެގެން ވާ އިސްލާމް ދީނުގައި ދިވެހީން ތިބިހައި ހިނދަކު ޢަރަބި ބަހުގެ ބާރުވެރިކަން ދިވެހި ބަހުގެ ތެރެއިން ނައްތައިލެވޭނޭ ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ހަމަ އެއާ އެކުއެކީގައި ފަހަކަށް އައިސް މި ރާއްޖޭގެ ތަޢުލީމު ބިނާ ކުރެވުނު ހަމަތަކާއި، އަދި ތަރައްޤީ ވެފައި ވާ ދުނިޔޭގައި އިނގިރޭސި ބަހަށް ދެވިފައި ވާ މަޤާމެއްގެ ސަބަބުން އެ ބަހުގެ އެހީތެރިކަމާ ދިވެހި ބަސް ވަކި ވާނޭ ކަމަކަށް ވެސް އަޅުގަނޑަކަށް ނުފެނެއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި ބަސް މުއްސަނދި ކުރުމުގައި ތަރުޖަމާގެ ފައިދާ އެންމެ ބޮޑަށް ލިބެމުން ދާނީ ވެސް އެ ދެ ބަހުންނެވެ.

ނަމަވެސް ވަރަށް ބޮޑު އެހެން މައްސަލައެއް އަދި އެބައޮވެއެވެ. އެއީ، އާދަކާދަ އާއި ހިތުގައި ހިނގާ ޝުޢޫރުތަކުގެ އެއްގޮތްކަމާއި ހިތުގެ ޝައުޤުވެރިކަމާއި ނަފްރަތު ރައްދު ކުރެވޭ ގޮތުގައި ހުރި ވަރަށް ބޮޑު އެއްގޮތްކަމަކާއި ގާތްތިމާގެކަމެކެވެ. މި ގޮތުން ބަލާ އިރު، އުރްދޫ ބަހަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ހިތްތަކުގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައި ވާ އެއްޗެކެވެ. މިހާރުގެ ޢިބާރާތުން ނަމަ،ހިންދީ ފިލްމުތަކަށް ދިވެހީންނަށް ދެވޭ ތަރުޙީބުގައި ނަފްސިއްޔާތުގެ މި ދެންނެވި ސިއްރުތައް ފޮރުވިފައި ވެއެވެ. ކޮންމެއަކަސް، އުރްދޫ ބަހުން ލިޔެފައި ވާ އަދި މި ހިސާބުގަނޑުގެ ކަންތައްތައް ސިފަ ކޮށްދީފައި ވާ ލިޔުންތަކުގެ ތަރުޖަމާ އަކީ ދިވެހީންގެ ގާތުގައި ވަރަށް ވެސް ޤަބޫލު ކުރެވޭ އެއްޗެކެވެ.

ވާހަކަ އަކީ އިންސާނީ ޠަބީޢަތު ހަމަޖެހިފައި ވާ ގޮތުން އެއަށް މީސްތަކުންގެ ޝައުޤުވެރިކަން ނިހާޔަތުގެ ދަރަޖައަށް ގޮސްފައި ވާ އެއްޗެކެވެ. ބުނާ އަޑު އިވުނު ކަމުގައި ވިޔަސް، ކިޔާ އަޑު އިވޭ ކަމުގައި ވިޔަސް، ލިޔެފައި ވަނިކޮށް ދުށް ކަމުގައި ވިޔަސް، އަދި މިހާރުގެ ފިލްމުތަކުން ފެނުނު ކަމުގައި ވިޔަސް އެ ޝައުޤުވެރިކަމަކަށް ބަދަލެއް ނާދެއެވެ. ވީމާ، ތަރުޖަމާގެ ރޮނގުގައި ވެސް އެންމެ ހިނގާ އަދި ފުޅާ ދާއިރާއެއްގައި ފެތުރޭ އަދަބިއްޔާތުގެ އެންމެ ތަނަވަސް އެއް ބަޔަކީ ލިޔެވި ތަރުޖަމާ ކުރެވެމުންދާ ވާހަކަތަކެވެ.

ދިވެހި ބަސް ތަރައްޤީ ކުރައްވައި ބަހަށް ޚިދުމަތް ކުރެއްވުމުގައި ތަރުޖަމާގެ ގޮތުން އެކަން ކުރައްވަމުން ގެންދެވި ފަރާތްތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ވަނީ ދަރަނިވެރި ވެފައެވެ. ޝައްކެއް ނެތް ގޮތުގައި އެ ފަރާތްތައް ބަހުގެ އަދަބަށް ކުރައްވައިފައި އެ ވަނީ ޝުކުރު ޙައްޤު ވެގެން ވާ ޚިދުމަތްތަކެކެވެ. މިފަދަ ޚިދުމަތްތެރީންގެ މިސާލެއްގެ ގޮތުން އަލްފާޟިލް ބާޑީގޭ محمَد ދީދީގެ ނަންފުޅު ބަޔާން ކުރުމަކީ އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެކެވެ. މިހެނީ އުރްދޫ ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގައި އެއަށްވުރެ އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އެއްވެސް ފަރާތެއް ވާ ކަމަކަށް އަޅުގަނޑަކަށް ފެނިފައެއް ނެތެވެ. ދެން، މިހާރަކަށް އައިސް ދިވެހި ބަހަށް ޚިދުމަތް ކުރެއްވުމުގެ ގޮތުން އަޅުގަނޑުމެންގެ ބައެއް ޒުވާނުން ތެދުވެރި މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވައެވެ. މި މައުޟޫޢުގައި އަޅުގަނޑަށް މި ދެތިން ބަހެއް ލިޔެލާން ޖެހުނީ ވެސް އޭގެ ތެރެއިން އެއް ބޭފުޅެއްގެ އެދިވަޑައިގަތުމެއްގެ މަތީންނެވެ. އެ ބޭފުޅަކީ ތަފާތު ސިފަތަކެއްގައި އޭނާގެ ގަލަންކޮޅުގެ ޚިދުމަތް މިހާރު ދިވެހި ބަހަށް ލިބެމުން ދާ الفاضل فاروق حسن އެވެ.

ވާހަކަ ލިޔުމުގައި ލިޔުންތެރީން ތަފާތު ގޮތްތަކުގެ މައްޗަށް އެބައިމީހުންގެ ލިޔުންތައް ބިނާ ކުރާ އިރު، ހަމައެކަނި ވިޔަފާރީގެ ސިފައިގައި ލިޔާ ވާހަކަތަކާއި އަޚްލާޤަށް އުނިކަން ލިބޭ ޚިޔާލުތައް އުފެއްދުމަށް ލިޔާ ވާހަކަތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމާ އަޅުގަނޑު ވަރަށް ދެކޮޅެވެ. އާދޭހެވެ! ޒުވާން ހިތްތަކެއްގައި ޖިންސީ ހައިޖާނު އުފެއްދުމަށް މިހާރަކަށް އައިސް ބައެއް ލިޔުންތެރީން ލިޔެފައި ހުންނަ ވާހަކަތައް ދިވެހި ބަހަށް ބަދަލު ކުރުމަކީ އަދަބީ ގޮތުންނާއި އަޚްލާޤީ ގޮތުން މާފު ނުކުރެވޭ ފަދަ ކުށެކެވެ. މި ދެންނެވި ގޮތާ ޚިލާފަށް، އެއިން ތިމާގެ އިންސާނިއްޔަތަށް، ތިމާގެ ޤައުމިއްޔަތަށް، ތިމާގެ ދީނަށާއި އަޚްލާޤަށް ފައިދާއެއް ލިބޭ ކޮންމެ މައުޟޫޢަކީ އަޅުގަނޑުމެންގެ ތެރޭގައި ފެތުރި ޢާއްމު ވާން ވީ އެއްޗެކެވެ. މި ގޮތުން އޭގެ މަރުކަޒުގެ މައިގަނޑަކީ އިސްލާމީ ތާރީޚު ކަމުގައި ބެލިފައި ވާ ވާހަކަތަކުން އަޅުގަނޑުމެންނަށް އިތުރު ފައިދާތަކެއް ކުރާނޭކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. މިގޮތުން ބަލާ އިރު، އަޅުގަނޑުގެ ކިބައިން މި ބަސްކޮޅަށް އެދިވަޑައިގަތް الفاضل فاروق حسن ދާދި ފަހުން ތަރުޖަމާ ކުރެއްވި "محمّد بن قاسم" މި ވާހަކަ އަކީ ވަރަށް ރަނގަޅު ނަމޫނާއެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަޞްލު ވާހަކަ ރަނގަޅު ފަދައިން، ތަރުޖަމާގެ ފެންވަރާއި ޢިބާރާތްތަކުގެ މައްޗަށް ވެސް އަޅުގަނޑު ތާރީފު ކޮށް ސާބަސް ދެމެވެ.

އަޅުގަނޑަށް އެނގިފައި ވާ ގޮތުގައި فاروق حسن މިހާރު މި ފައްޓަވަނީ އެހެން ވާހަކައެއް ތަރުޖަމާ ކުރެއްވުމަށެވެ. އެއީ نسیم حجازی ގެ "އާޚިރީ މަޢުރިކާ" އެވެ. މި ވާހަކައިގެ މައުޟޫޢު ވެސް ބިނާ ވެފައި ވަނީ އިސްލާމީ ފުތޫޙާތު އަޅުގަނޑުމެންނަށް ދައްކައިދޭ ގޮތުގެ މައްޗަށެވެ. އިސްލާމުންގެ ވަރަށް ވަރުގަދަ ބަޠަލެއް ކަމުގައި ހިމެނުނު محمود غزنوی ހިންދުސްތާނުގައި އިސްލާމް ދީން ފެތުރުއްވުމަށް ކުރެއްވި ހަނގުރާމަތައް ވާހަކައިގެ މައިގަނޑެއް ކަމުގައި ހިމެނޭ ގޮތަށެވެ. ސޫމްނާތުގެ ބޮޑު ބުދު މުގުރައިލެއްވުމަށް އެ ރަސްގެފާނު ކުރެއްވި ހިތްވަރާއި ހޯއްދެވި ކާމިޔާބު ދައްކައިދޭ ގޮތަކަށެވެ. ވާހަކައިގެ އަޞްލެއް ކަމުގައި ހިމެނޭ މި ބަޔަކީ ތާރީޚީ ގޮތުން ތެދު ޙަޤީޤަތެކެވެ. محمود غزنوی އަކީ ހިންދުސްތާނުގެ އެތަންމިތާނގައި އިސްލާމް ދީން ފެތުރުއްވެވި ވަރުގަދަ މުޖާހިދެކެވެ. ސޫމްނާތުގެ ބުދަކީ އެދުވަސްވަރު ހިންދުސްތާނުގައި ހުރި އެންމެ ބޮޑު ބުދެވެ. ހިންދީންގެ އެންމެ މަޝްހޫރު ކަލާނގެއެވެ. އެ ބުދު މުގުރައިލެއްވުމަށް محمود غزنوی ކުރެއްވި ވަރުގަދަ ހަނގުރާމަތައް މި ވާހަކައިން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ އިރު، އޭގެ ތެރޭގައި ހިނގަމުން ދިޔަ އަސަރު ހުރި އެހެން ހާދިސާތައް ރަނގަޅު ވާނީ ވާހަކައިން ބެއްލެވިއްޔާއެވެ.

އުރްދޫ ބަހުގެ މަޢުލޫމާތު ލިބިފައި ވާ ބައެއްގެ މެދުގައި نسیم حجازی ގެ އިތުރު ތަޢާރަފެއް ބޭނުން ވާނޭ ކަމަކަށް އަޅުގަނޑު ނުދެކެމެވެ. ވީމާ، މި ދެތިން ބަހެއް ލިޔެލުމަށް އަޅުގަނޑުގެ ކިބައިން އެދިވަޑައިގަތްކަންމައްޗަށް الفاضل فاروق حسن އަށް ޝުކުރު ދަންނަވަމުން މި ބަސްކޮޅު ނިންމައިލަމެވެ. الفاضل فاروق އަށާއި އަދި އެނޫން ވެސް ތަޢުލީމު ލިބިގެން ތިބި ޒުވާނުންގެ އަގުހުރި ޚިދުމަތް އަޅުގަނޑުމެންގެ ލޮބުވެތި ބަހަށް ރައްދު ކުރައްވަމުން ގެންދެވުމުގެ ތައުފީޤު ދެއްވުން އެދި ދުޢާ ކުރަމުންނެވެ.

6 ފެބުރުވަރީ 1985 މ.

إبراهيم شهاب


އައު ދައުރުގެ ބަޠަލުން

އެބައިމީހުންނަކީ ޖާހިލުންނެވެ. އެބައިމީހުން ތިމާމެންގެ ޖާހިލުކަމަށް ޓަކައި ފަޚުރުވެރި ވެއެވެ. އެބައިމީހުންގެ މާޒީގެ ތާރީޚަކީ މުޅީން ވެސް ނިމުމެއް ނެތް ހަނގުރާމަތަކެވެ. އެބައިމީހުންގެ ކުރިމަތީގައި އެ ހަނގުރާމަތައް ދެމެހެއްޓުން ފިޔަވައި އެހެން މުސްތަޤުބަލެއް ނެތެވެ. އެބައިމީހުން އަނިޔާ ކުރުމުގެ ބާރު ލިބިފައި ނުވާ ކޮންމެ މީހަކު އަނިޔާ ލިބިގަތުން މަޖުބޫރު ކުރުވައެވެ. ނަމަވެސް މާތް ވެގެންވާ އިސްލާމް ދީން އައުމުން އެބައިމީހުން ހިމެނިގެން ދިޔައީ އައު ދައުރެއްގެ އަބުޠާލުން ކަމުގައެވެ. ހުރިހައި ކަމަކަށް ކުޅަދުންވަންތަ މާތްﷲ އެކަލާނގެ ރަޙްމަތްވަންތަކަމުގެ ވިލާގަނޑުން ވާރޭ ވެއްސެވުމަށް ޚާއްޞަ ކުރެއްވީ ފެނަށް ދަހިވެތި ވެފައި ވާ ހަނަފަސް ސަހަރާއެކެވެ. އެ ވިލާގަނޑުން ވެހުނު ވާރޭގެ ސަބަބުން ޢަރަބި ކަރައިގެ އަނދިރި ބިމުން ނޫރުގެ ސައިލެއް ހިނގައިގަތެވެ. ތަފާތު ޤަބީލާތަކާއި، ތަފާތު ޤައުމުތައް އޭގެ ބަނޑުދަށު ލަމުން ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެންފިއެވެ.

އިސްލާމް ދީނަކީ ހަނަފަސް ސަހަރާއެއްގައި އުފެދުނު ފެންއާރެކެވެ. މީރު، ފިނި، ފެންއާރެކެވެ. ޚަލްޤުތަކުން ތިބީ އެ އާރުން ފެން ލިބުން އެދިއެދިއެވެ. އެ ފެންއާރު އުފެދުނު އިރު ދުނިޔެ އޮތީ ޖަހާލަތުގެ އަނދިރީގައި މަގު އޮޅިފައެވެ. އިސްލާމް ދީނަކީ، އައު ފަތިހަކަށް އުދަ ވި އިރެކެވެ. އޭރު އިންސާނިއްޔަތު އޮތީ އަނިޔާ އާއި ގޮށްމުށު ބާރުގެ އުޑީގައި ފިސް ވޭވެއެވެ. އިސްލާމް ދީން އައީ އިންސާނިއްޔަތަށް ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ މެސެޖު ރައްދު ކޮށްދިނުމަށެވެ.

بدرއާއި حنين ގެ މައިދާނުން ފެނުނު އިސްލާމީ ފުތޫޙާތަކީ އެތަކެއް ޤަރުނުއްސުރެ ފައިދަށު ލެވި ޗިސް ކޮށްލެވިފައި އޮތް އިންސާނިއްޔަތުގެ ފުތޫޙާތެވެ. ރޯމާއި އީރާނުގެ ޝަހެންޝާހުންގެ ކީރިތި މޫރިތިކަން ދުށް ތާރީޚު ލިޔާ މީހުންނަށް ފެންނާން ފެށީ ކަދުރު ރުކުގެ ފަނުގެ ސާންތިތަކުގައި ނިދައިއުޅުނު، ތިމާމެންގެ ފެޅިފައި ވާ ގުބާގައި އަމިއްލަޔަށް ފޮތި އަޅައިހެދި ފަޤީރުން ޤައުމުތަކާއި ދައުލަތްތަކުގެ ނަސީބުގެ ނިޔާ ކަނޑައަޅަމުން ގެންދިޔަ މަންޒަރެވެ.

ޒަމާނުގެ ފިރުޢައުނުން ތިބީ މާތްﷲ ރަސްކަންފުޅާއި އެކަލާނގެ އަޅުތަކުންނާ ދެމެދު ގިރާ ނުކުރެވޭނޭ ފާރެއް ފަދައިން ހުރަސް އަޅައިގެންނެވެ. އެ ފާރުތައް ވެއްޓުނު ހިނދު އަވަށްޓެރި ޤައުމުތަކުގެ އަހުލުވެރީންނަށް ޢަރަބި ކަރައިގެ ސަހަރާތަކުގައި ދިރިއުޅޭ މީހުން ފެނުނީ އެބައިމީހުންގެ ދުޝްމަނުން ކަމުގައެއް ނޫނެވެ. އަދި ކީއްތޯއެވެ! އެބައިމީހުންނަށް ޙިމާޔަތް ދީ ސަލާމަތް ކޮށްދޭ ބައެއް ކަމުގައެވެ. އެބައިމީހުންގެ ވަފާތެރި ރަޙުމަތްތެރީން ކަމުގައެވެ. އެހެންކަމުން ތިމާމެންގެ ނަސްލީ އަދި ވަޠަނީ ތަޢައްޞުބުގެ ސަބަބުން އިސްލާމް ދީނާ ދެކޮޅަށް ސަފު ހެދި މީހުން، ކުފުރާއި އިސްލާމާ ދެމެދު އަލަށް ހަނގުރާމަ ކުރެވޭ މައިދާންތަކުގައި ޢަރަބީންނާ ކޮނޑާ ކޮނޑު ޖައްސައިގެން ތިބެ ހަނގުރާމަ ކުރަމުން ގެންދިޔައެވެ.

الخلفاء الرّاشدون ގެ ދައުރަކީ އިސްލާމީ ވެރިކަމުގެ ނަމޫނާ ދައުރެވެ. ނަމަވެސް އެ ދައުރަށް ފަހު ރަސްކަން ޚިލާފަތުގެ މަޤާމު އަތުލައިފިއެވެ. އިސްލާމީ ވެރިކަން މަޑުމަޑުން ނަމަވެސް ދަށަށް ދާން ފަށައިފިއެވެ. އިސްލާމް ދީން ޙަޔާތުގެ ފުރިހަމަ ނިޒާމެއްގެ ގޮތުގައި ސަރުކާރުގެ ދާއިރާއަށް ވެރި ވެފައި އޮންނަ ގޮތެއް ނުވިއެވެ. ނަމަވެސް މުސްލިމުންގެ މި ދެންނެވި ވެއްޓުމުގެ ދައުރުގައި ވެސް ބައެއް ފަހަރުފަހަރު ކުރީގެ އިސްލާމީ ދައުރުގެ ނަމޫނާ ދައުލަތްތައް އަޅުގަނޑުމެންނަށް ވަނީ ފެނިފައެވެ.

އެންމެ ފުރަތަމަ ޤަރުނުގެ މުސްލިމުން ދެއްކި އިންސާނީ ސީރަތާއި ޢަމަލުގެ ނަމޫނާއިން އިލްހާމު ލިބިގެން، ތަފާތު ދައުރުތަކުގައި މުސްލިމުންގެ ޤާފިލާތަކާއި އެ ޤާފިލާތަކަށް މަގު ދައްކާ މީހުން ހޯދައިފައި ވާ ފަތަޙަ އާއި ކާމިޔާބީގެ މައްޗަށް ޚިޔާލު ކުރާ ބޭރު ހިލޭ މީހުންނަށް، މި ބަގީޗާގެ ހޫނު މޫސުމުގައި މިފަދަ ފަރިކަމާއި ތާޒާކަން ހުންނަ އިރު މި ބަގީޗާގެ ބަހާރު މޫސުން ކިހައި ފުރިހަމަ ވާނެބާވައޭ ޚިޔާލު ކޮށްލާން މަޖުބޫރު ކުރުވައެވެ.

ޢާންމު މުސްލިމުންގެ ހިތުގައި މި ދެންނެވި ނަމޫނާ ދައުރަށް އެނބުރި ދިޔުމުގެ ޝައުޤުވެރިކަން އުފެދެއެވެ. އެބައިމީހުންނަށް ރަނގަޅު ޒަޢީމަކު ލިބިއްޖެކަމުގައި ވާނަމަ އެބައިމީހުން އިރުމައްޗާއި ހުޅަނގުގެ މައިދާންތަކުގައި ވޭތު ވެދިޔަ ޒަމާނުގެ ހަނދާންތައް ދިރުވާނޭކަން ކަށަވަރެވެ. އެ ދުވަސްވަރަކީ އެބައިމީހުންގެ ބަންގީގެ އަޑު ފަރްޣާނާގެ ވާދީތަކުގައި ގުގުމަމުން ދިޔަ ދުވަސްވަރެވެ. އެބައިމީހުންގެ ކީރިތި މޫރިތިކަމުގެ ދިދަ ސްޕޭނުގެ ފެހި ކުލައިގެ ބަގީޗާތަކުގައި ވިހުރުވަމުން ގެންދިޔަ ދުވަސްވަރެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.