
އާދަމް ޚަލީލް (ފިއްލަދޫ)
އާދެ! ފަރިއްސާ ބެހޭ ގޮތުން އަޅުގަނޑު މި ލިޔުން ލިޔާން ގަސްތުކުރީ އަޅުގަނޑަށް ދިވެހި އަދަބީ ވަޒަން ބަހުރުވައިގެ ތެރެއިން ޅެންވެރިކަމުގެ ތެރެއަށް ވަދެވި އަދި މަޑުމަޑުން ދިވެހި ވަޒަންބަހުރުވައިގެ ތަފާތު

ބާވަތްތަކަށް ނަޒަރުހިންގަމުން ގޮސް ފަރިހީގެ ވާހަކައިގެ ތެރެއަށް ވަދެވުމުންނެވެ. މިކަމުގައި މިކަން ކުރުމަށް ޝައުގުވެރިވީ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުގެ ރަށުގައި ހއ.ފިއްލަދޫގައި ފަރިއްސަކީ ވަރަށް ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެންގެ ޒުވާންދައުރުގައި ވެސް ކިޔަމުން ކުޅެމުން އައިސްފައިވާ ކުޅިވަރަކަށްވުމެވެ. އަދި އަޅުގަނޑުގެ ބައްޕަ އަލްމަރުހޫމް އިދްރީސް ޢަބްދު ﷲއަކީ އެއްދުވަސްވަރެއްގައި ފަރީހީގެ ބެރުޖަހާ މުރީދެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅަކަށްވުމާ އަދި އެދުވަސްވަރު އަޅުގަނޑަށް ފަރިއްސާ ބެހޭ ގޮތުން ތަފާތު ގިނަ އިރުޝާދުދެއްވަވައި އޭގެ ރާގާއި ގޮތާއި ބާވަތާއި ހަމަތައް އަދި އުސޫލުތައް ވެސް ވަނީ ބުނެދެއްވައިފައެވެ. އަދި އަބަދުވެސް އަޅުގަނޑުމެނަށް އިވޭ އަޑަކީ ފިއްލަދޫގެ ފޯމާއްޔަކީ ފިއްލަދޫ މީހުން ދިވެހިރާއްޖެއަށް ތަޢާރަފުކުރި ކުޅިވަރެއްކަމަށެވެ. އެހެންކަމުން މި ދެންނެވި ފޯމާއްޔާމެދު އަބަދުވެސް އަޅުގަނޑު ފަޚުރުވެރިވަމެވެ.
އަދި މިދެންނެވި ފޯމާލި ކުޅުމުގައި ބައްޕަމެން ބޭނުންކޮށް އުޅުނީ ފޯމާލި ލަވަޔާ، ފޯމާލި ފަރިއްސެވެ. އަދި މީގެ އިތުރުން ބައްޕަމެން އޭރު ހިތާނުކުރާ ގޭގޭގައާއި ބޭރުން ރަށަށް ވަޑައިގަންނަވާ ޢިއްޒަތްރެރިންގެ މުނިފޫހި ފިލުވުމަށް ފަރިހި ކިޔައި އުޅުނެވެ. އެދުވަސްވަރު ބައްޕަ ބުނުއްވި ގޮތުން ނަމަ "ފަރިއްސާ،ފޯމާލި ފަރިއްސާ އަދި ފޯމާލި ލަވަޔަކީ ވެސް ފަރިހީގެ ތެރޭގައި ހިމެނޭ ބާވަތްތަކެވެ." އެހެންކަމުން އަޅުގަނޑަށް ދިވެހި ވަޒަންބަހުރުވައިގެ ތެރެއަށް ވަދެވި ފަރިހީގެ ވާހަކަ އޭގެތެރެއިން ފެނުނު ހިސާބުން ވެސް ފަރިއްސަށް ޚާއްސަ އިސްކަމެއް ދެވެން ފެށުނެވެ. މި ގޮތުން ކުރެވުނު މަސައްކަތުން އަޅުގަނޑަށް ފަރިއްސާ ބެހޭ ގޮތުން، ފަޟީލަތުއްޝައިޚު އަލްމަރުޙޫމު މުޙައްމަދު ޖަމީލް ލިޔުއްވި، ފޮތް "ޅެމާއި ޅެންވެރިކަން" – (މަލަސް 11) ގައި ލިޔުއްވާފައިވެއެވެ.
" އިސްފަސް ކަމުގެ ގޮތުން ބަލާއިރު ޅެމަށްވުރެ އިހީ ފަރިއްސެވެ. ޅެން ހަދަން ފެށުމުގެ ކުރިންވެސް ފަރިހި ކިޔައި އުޅޭކަމަށް ވެއެވެ."
"އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ބަޔާންކުރައްވާ ގޮތުގައި ފަރިއްސަކީ ޅެން ފަދައިން، ވައްތަރުވެސް ވަޒަން ވެސް ވަކި މިވެނި އަދަދެއް ކަނޑައެޅިގެން ނޭނގޭ ބާވަތެކެވެ." އަދިވެސް ލިޔުއްވާފައި ވެއެވެ. "ސީދީ ދެކެވަޑައިގަންނަވާ ގޮތުން ކުރިން ދިވެހިން ކިޔަމުން އައި ކާ، ބަނދި، ރައިވަރު، މި 3 ބާވަތުގެ ޅެމުގެ ވަޒަނުން ނެއްޓިގެން ކިއިފައި ހުންނަ އެއްޗަކަށް ފަރިއްސޭ ކިޔައެވެ."
ފަރިއްސާ ބެހޭ ގޮތުން ޝައިޚު ޖަމީލު އިތުރަށް ލިޔުއްވާފައި ވެއެވެ. " ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ގޮތުގައި ފަރިއްސަކީ ދިވެހިންގެ މީހުންގެ ކަންފަތަށްއަރާ، ކަރާ ލަވަތަކުގެ ރާގަށް އެމީހުން ކިޔާން އުޅެފައި ހުންނަ، އެއްޗަކަށް ކިޔާ ނަމެކެވެ. އެއެއްޗެހި ހުރީ ވަރަށް ދެރަ ސަހަލު ގޮތެއްގައެވެ.
ފަރިއްސާ މެދު ނަޒަރު ހިންގާއިރު އެއީ ވަރަށް ކުރިއްސުރެ ދިވެހިން ކިޔައި އުޅުނު އެއްޗެއްކަން އެނގެއެވެ. ފަރިހީގައި ސަމާލުކަން ބޮޑަށް ދީފައި އޮންނަނީ ރާގަށެވެ. އެދުވަސްވަރެއްގައި އަވަށް އަވަށުގެ މީހުން ބޮޑުބެރު ޖަހާފައި، ކިޔާ ލަވަތަކުގެ ރާގަށް ފަރިހި ހަދައިގެން ކިޔައި އުޅެއެވެ. މައުޟޫއަށް ބަލާއިރު ހަޖޫ ކިޔުމާއި ސަމާސާ ކުރުމުގެ ގޮތް ވަރަށް ބޮޑަށް ފެންނާން ހުރެއެވެ.
ގިނައިން ފަރިހި ކިޔައި އުޅެނީ ފޫހިފިލުވުމުގެ ގޮތެއްގައެވެ. ކުދިން ޚިތާނުކޮށްގެން އުޅޭ ތަންތަނާއި، މީހުން ވިހައިގެން އުޅޭ ގޭގޭގައި ހޭލައިގެން ތިބޭ ތިބުމުގައި ފޫހި ފިލުވާން ކުޅޭ ކުޅިވަރެއްގެ ގޮތުގައި ފަރިހި ކިޔައި އުޅުނެއވެ. ރާގު ހަމަކުރުމަށް ޓަކައި ޖަހާ އެއްޗިއްސަކީ، ޑަބިޔާ ފަތިގަނޑު ފަދަ ތަކެއްޗެވެ."
އާދެ! މި ލިޔުން ފެނުމާ އެކު ކިޔުންތެރީންނާއި ހަމަޔަށް އަޅުގަނޑު ކުރީން ދެއްކި ވާހަކައިގެ ތެރެއިން އަޅުގަނޑުގެ ބައްޕަ ބުނެދެއްވި ހަމަތަކާއި ވައްތަރު އަދި ބާވަތްތަކުގެ ތަފާތު އަޅުގަނޑަށް އެނގުނު

މިންވަރަކުން ގެނެސްދެވޭތޯ ބެލުމުގެ ޝައުގުވެރިކަން އިތުރުވުމާ އެކު އެކަންކުރެވޭތޯ ބަލާނަމެވެ.
އާދެ ބައްޕަ ކިޔައިދެއްވި ގޮތުން ފަރިހީގައި ތަފާތު 3 ބާވަތެއް ހިމެނެއެވެ. އެއީ (1) ފަރިހި (2) ފޯމާލިފަރިހި (3) ފޯމާލިލަވަ، މިއެވެ. މި ތިންބައިގެ ތަފާތު ދެނެގަތުމަކީ އޭރުގައި ވެސް ރަށުގައި އެހާ ފުޅާދާއިރާއެއްގައި އެކަންކުރަމުން ގެންދިޔައިރު ވެސް ވަރަށް މަދު މީހަކަށް ނޫނީ ތަފާތާ އެކު ބުނެދޭން ނޭނގޭ ބާވަތްތަކެކެވެ. އޭރުވެސް ގިނަ މީހުން ބުނެއުޅެނީ "އާދަނު މުޙައްމަދު ބުންޏޭ ތިއަކީ ފަރިއްސެކޭ" އެ ކަހަލަ ގޮތަކަށް ކޮންމެވެސް މީހަކު ބުންޏޭ ކިޔައިފައެވެ. އަޅުގަނޑު ގަބޫލުކުރި ގޮތަކީ އޭރުގައި ރާއްޖޭގައި އޮތް ޢިލްމު ފޮރުވާހިފެހެއްޓުމުގެ ސަގާފަތުގެ ތެރޭގައި އެކަން ވެސް ފޮރުވާފައި އޮތީކަމަށެވެ. އަޅުގަނޑުގެ ބައްޕަ ވީމާ އަދި އޭރު ބައްޕަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް އަޅުގަނޑުވުމާއި އޭރު ވެސް ބެރާ މިއުޒިކާ ލަވައިގެ ތެރޭގައި އަޅުގަނޑު އުޅެމުންދާތީ އަޅުގަނޑު އެ ސުވާލުތައް ކުރުމުން އަޅުގަނޑަށް ކިޔައިދެއްވީކަމަށެވެ. ބައްޕަ ބުނުއްވިއެވެ. "ދަރިފުޅާ ފަރިއްސާ ފޯމާލިފަރިއްސާ ފޯމާލި ލަވައަކީ ތަފާތު ތިން ގޮތަކަށް ބެރުޖަހައިގެން ކިޔާ އެއްޗެކޭ" އެހެންކަމުން މީހަކު ބުނީތީ ގަބޫލުކުރުމުގެ ބަދަލުގައި ބައްޕަ ބުނުއްވި ގޮތުން އަޅުގަނޑަށް ފަރިއްސާ ފޯމާލި ފަރިއްސާ ފޯމާލި ލަވަޔަކީ ކޮބައިކަން ސާފުވެގެން ދިޔައެވެ. ސަބަބަކީ އޭރުވެސް އަޅުގަނޑު އެ ބުނުއްވި ތިން ވައްތަރުގެ ބެރު ޖަހައިއުޅެމެވެ. މިހާ ހިސާބުން އަޅުގަނޑަށް އެނގުނީ އެ ތިން ބާވަތް ވަކިކުރަނީ ޖަހާ ބެރުގެ ޒާތުންކަމެވެ. މިސާލަކަށް ބޮޑުބެރުގައި ނަމަ ބަބުރު، ކާސިމަޖާ އަދި ނަލަބެރުގެ ލަވަތައް ފަދައިންނެވެ. އެހެނަސް އެހާވެސް ތަފާތު ބޮޑު ތިން ބާވަތެއް އޭރުގައި އަޅުގަނޑުގެ ރަށުގެ މިއުޒިކީ މީހުނަށް ވެސް ވަނީ ޔަގީންކަމާ އެކުގައި ބުނަން އުނދަގޫވެފައެވެ.
މި ހާހިސާބުން އަޅުގަނޑު އެ ތިން ބާވަތުގެ ތިން ލަވައިން ބައެއް ކިޔުންތެރީންނާއި ހަމަޔަށް ގެނެސްދޭނަމެވެ. އޭރުން މި ތިން ބާވަތުގެ އެތުރުމުގެ ތަފާތާއި ވަޒަނުގެ ތަފާތު އަދި ކިޔާ ރާގުގެ ތަފާތާއި މިއުޒިކީ ތަފާތު ފާހަގަކުރެވިގެންދާނެކަމުގައި ދެކެގެންނެވެ.
ފަރިހި
ޖެހިމިތާރާގެ ކުޅިބަލަންދާން
ފެހިމަ މިލިބާސް ނުލެވުނުތާދޯ
މެންދުރުންއިރު ލެނބިތަނާ
ގެންމަވަދެ ހުރެ ފެންވަރާ
ފެންވަރަން ދާންޏަށް މެ ބެލިއިރު
ދަނޑިއޮތީ ތިންބުރިވެފާދޯ
އާދެ މި ފަރިއްސަކީ މީގެ ދުވަސްކޮޅެއްކުރީން ދިވެހިރާއްޖޭގެ އަޑުން ވަރަށް ގިނައިން ފޮނުވަމުން ގެންދިޔަ ފަރިއްސެކެވެ. މުޅި ރާއްޖެއަށް ވެސް މަޝްހޫރު ފަރިއްސެކެވެ. ފިއްލަދޫ ޤާސިމް މުޙައްމަދުގެ އަޑުން

ކިޔުއްވާފައިވާ ފަރިއްސެކެވެ އަދި އެ ފަރިހި ރެކޯޑުކުރެވުނުއިރު އެ ފަރިއްސަށް ބެރުޖައްސަވާފައި އެ ވަނީ އަޅުގަނޑު ކުރީން ދެންނެވި ފަދައިން އަޅުގަނޑުގެ ބައްޕައެވެ. ބައްޕަ ބުނުއްވި ގޮތުން ނަމަ އެ ބެރަށް ކިޔޭ ގޮތަށް ހަދާފައިވާ ނަމަ އެއީ ފަރިއްސެކެވެ. އޭރުގެ ފަރިހިތަކުގައި ކުރީގެ ލިޔުމުގައި ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސައިން ޞަލާޙުއްދީން ފާހަގަ ކުރައްވާފައިވާ "ގިނައިން ފަރިހި ކިޔައި އުޅެނީ ފޫހިފިލުވުމުގެ ގޮތެއްގައެވެ. ކުދިން ޚިތާނުކޮށްގެން އުޅޭ ތަންތަނާއި، މީހުން ވިހައިގެން ތިބޭ ތަންތާގައި ހޭލައިގެން ތިބޭ ތިބުމުގައި ފޫހި ފިލުވާން ކުޅޭ ކުޅިވަރެއްގެ ގޮތުގައި ފަރިހި ކިޔައި އުޅެއެވެ. ރާގު ހަމަކުރުމަށް ފަރިހި ކިޔާއިރު ޖަހައި އުޅެނީ ޑަބިޔާ ފަތިގަނޑު ފަދަ ތަކެއްޗެވެ." ހަމަ އެ ގޮތަށް މަޖަލާއި ދިމާކުރުމާއި ހިމެނިފައިވާކަން އަޅުގަނޑު ވެސް ފާހަގަކުރަމެވެ. ހަމަ އެފަދައިން ހަމަ މިގޮތަށް އަޅުގަނޑުމެން ހޭލައިގެން އިރު ރަށުގައި ފަރިހި ކިޔާއިރު ޖަހައިއުޅުނީ އެންމެ ބެރަކާ ގިނަ ޑަބިޔާތަކެކެވެ. އޭގެ އިތުރުން ފަތިގަނޑާއި ކަދާ ކިޔާ ލޮއިން ހަދާފައިވާ އަޑުތޫނު އާލާތެއް ބޭނުންކޮށް އުޅުނެވެ. އަދި ފޯމާލިލަވަޔާ ފޯމާލިފަރިއްސާ ފަރިހި ކިޔުމުގައި ވެސް ބޭނުންކޮށް އުޅުނީ ހަމަ މިދެންނެވި އާލާތެވެ.
ފޯމާލިފަރިހި
ރަހުމަތު ވިދާޅު މައްލަވަ
ފަރުވާވެ ލިއެގެންނެނައީ
ބަބުރުކަރަޔަށް މިގޮސް
ޓަބުލާއެއް އަމުރައްހަދާ
ދޮޅުދަމަށް އަލިވެދާމޮޅު
ސާޓަނެއް ލިއެގެންގެނައީ
މިއީ ފޯމާލި ފަރިއްސެކެވެ. މި ލަވައިގެ ރާގު ދެ ބެރަކަށް ޖެހޭކަން ފާހަގަ ކުރެވެއެވެ. އާންމު އުސޫލަކީ ފުރަތަމަ ލަވަ ކިޔަމުންދާއިރު ރާގު ދިގުކޮށް ކިޔަމުންގޮސް ހުރިހާ ކަޑި ކިޔައި ނިމުމުން ބެރު ބަދަލުކޮށް ރާގުވެސް ކުރުކޮށް ކިޔާކަމެވެ. މި ގޮތަށް ކިޔޭ ގޮތަށް މި ބެރަށް ހެދިފައި ހުންނަ ފަރިއްސަށް ކިޔަނީ ފޯމާލި ފަރިއްސެވެ. ބޮޑުބެރުގެ ހަމަތަކުން ބުނަނީ ނަމަ މި ވައްތަރުގެ ލަވަތައް ފުރަތަމަ ކިޔާނީ ބޮޑުބެރުގެ ނަމަ ކާސިމަޖާ ލަސްބައިގައި ޖަހާ ގޮތަށެވެ. ބެރު ބަދަލުކުރާއިރު ޖަހާނީ ކާސިމަޖާ އަވަސްބައިގައި ބެރު ޖަހާ ގޮތަށެވެ.
ކުރީގެ ލިޔުމުގައި ޞަލާޙުއްދީން ވިދާޅުވެފައިވާ ފަދައިން "ފަރިއްސާ މެދު ވިސްނާއިރު ހިންދުސްތާނު ލަވައިގެ ރާގުރާގަށް ދިވެހިން ކިޔައި އުޅުނު އަވަށު ލަވައިގެ ރާގުތަކަށް ކިޔާފައި ހުންނަ ފަރިހިތައް ހުރެއެވެ. އެހެންކަމުން ފަރިއްސަކީ އެ ގޮތަށް ކިޔާފައި ހުންނަ ޅެމޭ ދެންނެވިދާނެއެވެ." ހަމަ މިޔާ އެކު ފިއްލަދޫގެ ކުރީގެ މީހުން ދުށްގޮތުގައި ވެސް މި ކުޅިވަރަކީ ރާއްޖޭން ބޭރަށް ދަތުރުކުރި ކުރުމުގައި ފިއްލަދޫ މީހުން ބޭރުކަރައިން ދަސްކޮށްގެން ކުޅުނު ކުޅިވަރެއްކަމަށް އަޅުގަނޑު ވެސް ދެކިގެން ހިންދީ ބައެއް ލަވަތައް ވެސް އަޑުއަހައި މި ވައްތަރުގެ ރާގުތަކެއް ފެނޭތޯ ބެލިބެލުމުން މީގެ ފޯމާލި ފަރިއްސާއި ސީދާ ދިމާވާ ރާގެއްގެ ލަވައެއް ފާހަގަ ކުރެވުނެވެ
އެއީ ހިންދީ ލަވައިގެ ތެރެއިން ފޯމާލި ފަރިއްސަށް ބަރާބަރަށް ފެތޭ ލަވައެކެވެ. ފޯމާލި ފަރިއްސެއްގައި ހުންނަންޖެހޭ ހުރިހާ ސިފައަކާއި ހަމަތަކެއް ފުރިހަމަޔަށް ހުރި ލަވައެކެވެ. އެއީ މަދަރ އިންޑިޔާގައި ކިޔާފައިވާ "ނަގުރީ ނަގުރީ ދާރޭ ދާރޭ ޑޫނޑޫރޭ ސާވަރިޔާ" މި ލަވައެވެ.
އެހެންކަމުން ޞަލާޙުއްދީން ވެސް ވިދާޅުވެފައިވާފައިވާ ފަދައިން ފަރިއްސަކީ ވެސް ހިންދީ ނުވަތަ އެހެންވެސް އެފަދަ އަސްލަކުން އައިސްފައި ވާ އެއްޗެއްކަމަށް ބެލުމުގެ ފުރުޞަތު އޮތްކަމުގައި އަޅުގަނޑު ވެސް ދެކެމެވެ. އަދި މިހާރު ވެސް ހއ.ފިއްލަދޫގައި ކިޔައިއުޅޭ ފޯމާލި ލަވަޔާއި ފަރިއްސާ ފޯމާލިފަރިހީގެ ތެރޭގައި ވެސް އެ ކިޔާ ވަކިއެއްޗެއް ނޭނގުނު ނަމަވެސް ހިންދީބަހާއި ވަރަށް ވައްތަރު އަދި އެނގޭ ހިންދީ ގިނަ ލަފުޒުތައް ހުންނަކަން އަޅުގަނޑު ފާހަގަ ކުރަމެވެ. އެ ގޮތުން، "ލާގިމޮރިޕިޔާރީ ލާގީނޭ ދުންސާ ބަނާ"، އަދި "ބާލާ މުޖުކޯޔާ މޭރާ ސައްޔާނާ ބޭޓޯ ދިލްޕަރެ" ފަދަ އެތައް ލަވަތަކެއް މިހާރުވެސް ފިއްލަދޫ މީހުން ފަރިހި،ފޯމާލިފަރިހި އަދި ފޯމާލިލަވައިގެ ގޮތުގައި ކިޔައިއުޅެއެވެ. ހަމަ މިފަދަ ހަމަތައް އެކުލެވޭ ރާގުތަކަށް ރަށުގެ ކުރީގެ ބޭބޭފުޅުން ފަރިހި ހައްދަވައިގެން ވެސް ކިޔައިއުޅުނުކަން ފާހަގަކުރެވެއެވެ.
އެ ގޮތުން އަޅުގަނޑުގެ ބައްޕަ އަލްމަރުހޫމް އިދްރީސް ޢަބްދު ﷲ ހައްދަވާފައިވާ "މަލަކަށް އަސުރޫ އަރާކުލަ ނަލަކަން ފުރިހަމަ ތޯތާ, ވަލަކަށް ދޫވީ އަތުންދިޔަ އަލަކުން ނުލިބޭނޭބާ" ފަދަ އެތައްއެތައް ލަވަތަކެއް ހިމެނެއެވެ.
ފޯމާލި ލަވަ:
ދާނުގާ ހިތާމައިންމޮޅި
ހާލުގައި އޮންނާށެވީ
ދުންސަރަނުގައި ވާދެފައިންޕުޅު
ދުންއަމު ދަތުރަށްއަރާ
މުންޑުކަނޑުން ނުކުތުމުން އޮޑި
އޮންނަނި މޮޅިހާލުގައި
އާދެ މިއީ ފޯމާލި ލަވައެކެވެ. މި ފޯމާލި ލަވަޔަކަށް ވަނީ މި ލަވަ ފަށާއިރު ވެސް އަދި ފަށައިގެން ނިމެންދެން ވެސް ޖަހަމުންގެންދާނީ އެއް ބެރަކަށް ވުމާއި ކިޔާ ކިއުމަށް ރާގަށް ވެސް ބަދަލެއް ނުގެންނާތީއާއި އަދި ފޯމާލި ލަވައިގެ ބެރަކީ ފޯމާލި ފަރިހީގެ ފަހުބައިގައި ޖަހާކަމަށް އަޅުގަނޑު ދެންނެވި ބެރު އާދެ ކާސިމަޖާ އަވަސް ބެރާ އެއްގޮތް ކަހަލަ ބެރަކަށްވުމެވެ. އަދި ކޮންމެ ފޯމާލި ލަވައެއްވިއްޔާ ކާސިމަޖާ އަވަސްބެރަށް ކިޔައިލެވޭނެއެވެ.
މިހާހިސާބުން އަޅުގަނޑަށް އެނގިގެން ދިޔަކަމަކީ ފަރިހި،ފޯމާލިފަރިހި އަދި ފޯމާލިލަވަ ވަކިކޮށް ދެނެގަންނަނީ އަދި އެބާވަތްތަކުގެ ތަފާތަކީ ލަވައިގައި ކިޔާ އެއްޗަކުން ނޫންކަމާއި މިއުޒިކީ ހަމައިގެ ތެރެއިންކަމާއި އަދި ވަކިން ޚާއްޞަކޮށް ޖަހާ ބެރުގެ ސަބަބުންކަމެވެ. ނަމަވެސް އަޅުގަނޑަށް ފާހަގަ ކުރެވުނު ދެވަނަ ކަމަކީ މި ދެންނެވި ތިންބައިގެ ތެރެއިން ވެސް ފޯމާލި ފަރިއްސާއި ފޯމާލި ލަވަޔަށް އަޅުގަނޑުމެން ޖަހާ އުޅޭ ބެރު ފަސޭހަކަމާ އެކު ރާއްޖޭގެ މޮޅެތި ބެރުޖެހުން ތެރީންކަމަށްވާ، ފީއަލީ ޢަބްދު ﷲ ވަޙީދު ފަދަ ބޭބޭފުޅުންނަށް ވެސް ފަސޭހަކަމާ އެކު އެއްފަހަރުން ޖަހައިނުލެވޭކަމެވެ. މި ކަން އަޅުގަނޑު ފާހަގަ ކުރުމުގެ މަޤްޞަދަކީ ފަރިއްސާއި ފޯމާލިފަރިހި އަދި ފޯމާލިލަވަޔަކީ ފިއްލަދޫއަށް ޚާއްޞަ އަދި ހއ. އަތޮޅުގައި ކުޅޭ ކުޅިވަރެއްކަމާއި އެ ކުޅިވަރަށް އާންމުކޮށް ދިވެހީން އެހާ ފާގަތި ނޫންކަން ހާމަކުރުމުގެ ބޭނުމުގައެވެ. ނަމަވެސް އަޅުގަނޑަށް ނޭނގި ވެސް ރާއްޖޭގައި މި ކުޅިވަރާ ފަރިއްސާ ފޯމާލިފަރިއްސާ ފޯމާލިލަވަ ކިޔާ ބަޔަކު ތިބުމީ ވެސް ނެތްކަމެއްގެ ގޮތުގައި އަޅުގަނޑު ނުދެކެމެވެ.
އާދެ މިހާ ހިސާބުން މި ކަމުގައި އަޅުގަނޑުގެ ހުރި ބައެއް ކަހަލަ ކަންބޮޑުވުންތައް ވެސް ހިއްސާ ކޮށްލާނަމެވެ. ފުރަތަމަ ކަމަކީ، ފަރިއްސަކީ ދިވެހި އަދަބީ ވަޒަންބަހުރުވައިގެ ބަޔަކަށްވެ މިކަމުގައި ފުރިހަމަ ދިރާސާތަކެއް ބަހާ ބެހޭ އިސް މުއައްސަސާތަކުންނާއި ދިވެހި ސަރުކާރުން ކޮށް އެ ކުރެވުނު މަސައްކަތް ދިވެހި ފަރުދުންނަށް ފެންނާންނެތުމީ ބަހާއި އަދަބިއްޔާތަށް އަދި ދިވެހި ވަޒަން ބަހުރުވަޔަށް ލިބިގެންދާ ފޫނުބެއްދޭ ފަދަ ގެއްލުމެއްކަން ފާހަގަ ކުރަމެވެ. އަދި މިއަކީ ހަމަ އެކަނި ފަރިއްސަށް ދެވިފައިވާ މަޤާމެއް ނޫނެވެ. ކާއަކީ ވެސް މިހާރު މުޅީންހެން ނެތިފައިވާ އަދި އެކަމުގެ ފަންނުވެރީން ނުފެންނަ ދާއިރާއެކެވެ. ސުވާލަކީ އަޅުގަނޑުމެންގެ ޤައުމީ މިފަދަ ތަރިކަތައް އުވި ނެތިގެންދާން ދޫކޮށްލަންވީތޯއެވެ. ނޫނީ މި ކަންކަން ކުރާނީ، ކުރުވާނީ ކޮން ފަރާތަކުން ތޯއެވެ.
______________
މައި ފޮޓޯ: ފިއްލަދޫ ފޯމާލި