މާލެ ސިޓީގެ މަގުތަކުން ނަގާ ކުނި އުކާލުމަށް އަހަރަކު 60 މިލިޔަން ރުފިޔާ ޚަރަދުވޭ

އެއްވެސް ވިސްނުމެއް ފިކުރެއް ނުކޮށް، މާލެސިޓީގައި ދިރިއުޅުއްވާ ފަރާތްތަކުން، މާލެ ސިޓީގެ މަގުތަކަށް އުކާފަ ހުންނަ ކުނި ނަގައި، އެ ކުނި އުކާލުމަށް، އަހަރަކު 60 މިލިޔަން ރުފިޔާ ޚަރަދުވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ހިސާބުތަކުން ދައްކައިފިއެވެ.

ރައްޔިތުންގެ ވިސްނުމަށް ގެންނަ ކުޑަކުޑަ ބަދަލަކާއެކު، މަގުތަކަށް ކުނި އެޅުން ހުއްޓައިލައިފިނަމަ، މި 60 މިލިޔަން ރުފިޔާއިން މާލެ ސިޓީގެ ޕާކުތަކާއި މައިޒާންތަކާއި މިސްކިތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް، މިހާރަށް ވުރެ ބޮޑަށް ކުރަމުންދާތަން ރައްޔިތުންނަށް ފެނިގެންދާނެއެވެ. އެ ކަމުން ހިތްހަމަޖެހުން ލިބޭނީ ހަމަ އެ ރައްޔިތުންނަށެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެސިޓީގައި ދިރިއުޅުއްވާ ބޭފުޅުންނަށް، ރީތި، ސާފު މާލެއެއް ހޯދައި ދިނުމަށް، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުންއަންނަ މަސައްކަތްތަކަށް އެއްބާރުލުންދީ، މާލެސިޓީގެ މަގުތަކަށް އެއްވެސް ފަރާތަކުން ކުނި ނޭޅުމަށް އިލްތިމާސް ކުރައްވާ ކަމަށާއި، މިހާރު ވެސް މާލެ ސިޓީގެ މަގުތަކުން ދުވާލަކަށް، 30 ޓަނުގެ ކުނި ނަގާ ކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުގައި ހުންނަ ގަސްބުޑުތަކަށާއި އެކި ބޭނުންތަކުގައި މަގު ފާރުތަކުގައި ހަރުކޮށްފައި ހުންނަ، ފޮށިތަކުގެ މަތީގައި، ކުނި ބަހައްޓާފައި ހުންނަކަން އަދި ވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށާއި އެ ކަންކަން އެ ގޮތަށް ނުކުރެއްވުމަށް، މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ކިބައިން ވަރަށް އާދޭހާއެކު އެދޭ ކަމަށެވެ.

"މާލޭ ގެ މަގުތަކަށް ކުނި ނޭޅުއްވުމަށް މާލޭގެ ރައްޔިތުންގެ އަރިހުން އާދޭހާއެކު އެދެން." މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މަގުތަކަށް ކުނި އެޅުމުގެ ބަދަލުގައި، ކުނި އަޅަން ހުންނަ ޑަސްބިންތަކަށް ކުނިއެޅުމަށް، ހުރިހައި ރައްޔިތުން ވެސް އާދަކަކަށް ހެއްދެވުމަށް އެދޭކަމަށެވެ. އަދި މާލޭގެ ފަޅުތެރެއަށާއި މޫދަށް ވެސް، އެއް ވެސް ފަރާތަކުން ކުނި ނޭޅުމަށް މޭޔަރ ޢާޒިމް ވަނީ، މީގެ ކުރިން ވެސް އެކި ފޯރަމްތަކާއި ޖަލްސާތަކުގައި އާދޭހާއެކު ރައްޔިތުންގެ އަރިހު އެދި ލައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.