
( 15 ޖޫން 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
މީރަބްގެ ކޮޓަރިޔަށް ދާން ، ސިޑިން އަރައިގެން ދިޔައިރު ، ސިޑިމަތީ އިށީނދެލައިގެން އިން ޙަޔާ ފެނުނެވެ. އެތާގައި ޙަޔާ އެއިނީ ކީއްވެތޯ މުރުތަސިމް ސުއާލު ކުރިއެވެ. ޙަޔާ އެއިނީ ، މުރުތަސިމާ ދިމާލަށް އޭނާ ދަނިކޮށް ، ފަޔަށް ކަށްޓެއް ހެރިގެން ހުއްޓުން އަރާފައެވެ. މުރުތަސިމާ ކައިވެނިކުރަން މީރަބް އެއްބަސްވި ހިސާބުން ، ޙަޔާގެ ދުނިޔެ އަނދިރި ވެއްޖެއެވެ.
އެގޭގެ ވެރިޔަކަށް މީރަބްވެގެން ދިއުމަކީ ، ޙަޔާއަށް ކެތްކުރެވޭނެކަމެއް ނޫނެވެ. އެކައިވެންޏަށް މުރުތަސިމް އާނއެކޭ ބުނެފިނަމަ ، ދުވަހަކުވެސް ޙަޔާ މީހަކާ ނުއިންނާނެއެވެ. އެކައިވެންޏަށް ނޫނެކޭ ބުނުމަށް މުރުތަސިމަށް ، ޙަޔާ އާދޭސް ކުރަމުން ގެންދިޔައެވެ. ދެމީހުންވެސް ތިބޭނީ މީހުންނާ ނުއިނދެކަމަށް ޙަޔާ ނިންމިއެވެ. އެހެނަސް ، އެކައިވެންޏަށް އޭނާ އާނއެކޭ ބުންޏަސް އަދި ނޫނެކޭ ބުންޏަސް ، މުރުތަސިމަށްވެސް އަދި ޙަޔާއަށްވެސް ތަފާތެއް ނުއަންނާނެކަމަށް މުރުތަސިމް ބުންޏެވެ.
މީރަބްގެ ކޮޓަރިޔަށް މުރުތަސިމް ދިޔައިރު ، މީރަބް ހުރީ ރޯށެވެ. އޭނާ ރޯން ހުރިކަމަށް ނުހަދާ ، ދެލޯ ސާފުކޮށްލަނީ ކަމަށް ބުނިނަމަވެސް ، މީރަބްގެ ލޮލުން ފާޅުވާންހުރި ވޭނާއި ތަކްލީފް މުރުތަސިމަށް ފެނުނެވެ. ވޭނާއި ތަކްލީފުން މީރަބްގެ ހިތް ހަލާކު ކުރުމުގެ ބޭނުމެއް ނެތްކަމުގައި މުރުތަސިމް ބުންޏެވެ. އެހެނަސް ، މުރުތަސިމަކަށް ، ކެރިގެން އެކަމާ ކުރިމަތިލާކަށް ނުކެރުނެވެ. އެހެންވެ މީރަބް އެހުރީ އެކަމާ ކުރިމަތިލައިގެންނެވެ. ކޮންމެވެސް އެކަކު އެކަމާ ކުރިމަތިލާން ޖެހޭތީއެވެ.
މުރުތަސިމަށް ކުޑަދުވަސްކޮޅެއް ދިނުމަށް ، މުރުތަސިމް އެދުނެވެ. މީރަބާއި އޭނާގެ ކައިވެނި ގަދަކަމުން ކުރެވުމަކީ ، މުރުތަސިމް އެދޭގޮތެއް ނޫނެވެ. އެންމެންނާ ވާހަކަ ދައްކައިގެން ، މުރުތަސިމް އެކަން ޙައްލު ކުރާނެކަމަށް ބުންޏެވެ. އެއްވެސް މީހަކު ، މީރަބަށް މަޖްބޫރުކޮށްގެން ، އެކައިވެންޏެއް ނުކުރެވޭނެއެވެ. އެކަމުގެ ޙައްލު ހޯދައިދޭނެކަމަށް މުރުތަސިމް ވަޢުދު ވިއެވެ.
މީރަބްގެ އަތުގައި އެއްވެސް އެއްޗެއް މިހާރަކު ނެތެވެ. މަޖްބޫރު ކޮށްގެންވެސް ، މީރަބްއަތުން އެއްޗެއް ހޯދޭނީ ، އޭނާގެ އަތުގައި އެއްޗެއް އޮވެގެންތާއެވެ. އެހެނަސް ، މީރަބް ރޮއްވައި ، އޭނާގެ ނަފްސަށް އަނިޔާދީ ، ހިތްހަލާކުކޮށްލަން މުރުތަސިމް ބޭނުންކަމަށް ވަންޏާ ، އެކަން ކުރުމުގެ ފުރުސަތު ، މުރުތަސިމަށް އެބަ އޮތެވެ. އެއީ ، އެއްވެސް ޙާލެއްގައި މުރުތަސިމް ބޭނުންވާގޮތެއް ނޫނެވެ. މުރުތަސިމް ބޭނުންވަނީ ، މީރަބް ބޭނުންވާ ގޮތަކަށް މީރަބްގެ ކަންކަން ނިމިދިއުމަށެވެ. އެއާ ޚިލާފަށް މީރަބް ބޭނުންވަނީ ، މުރުތަސިމްގެ ފަރާތުން އެކަންކަން އޭނާއަށް ލިބުމަށެވެ. އަތުގައި އެއްވެސް އެއްޗެއް ނެތްތާނގައި އެއީވެސް އޭނާއަށް ލިބޭނެ އެއްޗެއްކަމުގައި ބެލުމަށެވެ.
އެހާ ކުއްލިގޮތަކަށް ، އެ ކައިވެންޏަށް މީރަބް އެއްބަސްވުމުގައި ސަބަބެއް އޮންނާނެކަމަށް ، މުރުތަސިމަށް ޤަބޫލު ކުރެވުނެވެ. އެކަމަށް އެއްބަސްވުމުގައި އެތައް ސަބަބަކާއި ޙުއްޖަތެއް ، މީރަބްގެ އެބަ ހުއްޓެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއްކަމެއް މުރުތަސިމާ ޙިއްޞާކުރުމަށް މީރަބް ބޭނުންވިއެވެ.
" އަހަރެންނަކީ ޔަތީމެއްކަން ، ކަށަވަރު ވުމެވެ. މަޔެއްބަފައެއް އަދި ގެޔެއްދޮރެއްނެތް ، ނިކަމެއްޗަކަށް އަހަރެން ބަދަލު ވުމެވެ. ދުނިޔޭގައި ދިރިހުރުމުގެ އުއްމީދެއްނެތުމެވެ. މިގެއިންވެސް އަހަރެން ބޭރުކޮށްލެވޭނެކަން ، އަހަރެންނަށް އެނގެއެވެ. " މީރަބް ބުންޏެވެ.
އެގެޔަކީ ، މީރަބްގެ ބައްޕަގެ ގެކަން ، މުރުތަސިމް ހަނދާންކޮށްދިނެވެ. އެހެނަސް ، އެއީ އޭނާގެ ބައްޕަގެ ގެކަމަށް ވަންޏާ ، ތުއްތުކުއްޖެއްގެ ގޮތުގައި ، އޭނާގެ އެއްވެސް ބާރެއްނެތް ދުވަހު ، އެގެއިން އޭނާ ބޭރުކޮށްނުލާނެކަމަށް މީރަބް ބުންޏެވެ. އަދި ، އެގޭގައި އުޅުމަށްޓަކައި ، މުރުތަސިމާ އިންނަން އޭނާއަށް މަޖްބޫރެއްވެސް ނުކުރެވޭނެއެވެ. ޢިއްޒަތާއި ޤަދަރު އުފުލި ދިއުމަށްޓަކައި ، މުރުތަސިމާ ކައިވެނިކުރާކަށް ، އޭނާއަކަށް ނުޖެހޭނެއެވެ.
މީރަބްގެ ވާހަކަތައް އަޑުއެހުމަށްފަހު ، މުރުތަސިމްވެސް ، އެކައިވެންޏަށް އެއްބަސްވާނެކަމަށް ބުންޏެވެ. އެދެމީހުންނަށް ، އެކުގައި ކިހާދުވަހަކު އުޅެވިދާނެތޯ ބަލައިލާން މުރުތަސިމްވެސް ބޭނުން ވިއެވެ.
" އޭގެ ކުރިން ، އެއްވެސް ފޮރުވުމެއްނެތި ، އެންމެކަމެއް އަހަރެންނަށް ސާފުކޮށްލަ ދޭށެވެ ! އަދިވެސް ، އަހަރެންދެކެ މީރަބް ނަފްރަތު ކުރަން ހެއްޔެވެ ؟ " މުރުތަސިމް ސުއާލު ކުރިއެވެ.
މުރުތަސިމް އެކުރި ސުއާލަކީ ، މީރަބަށް ސީދާ ޖަވާބެއްދެވެން މިވަގުތު ނެތް ސުއާލެކެވެ. މީރަބް އަނެއްފަރާތަށް އެނބުރިލިއެވެ. އެވަގުތު ، މުރުތަސިމްވެސް މީރަބް އެނބުރުނު ފަރާތަށް އައިސް ، މީރަބާ ކުރިމަތިލައި ، މީރަބް އެބުނާ އެއްޗެއް އޭނާގެ ލޮލަށް ބަލަހައްޓައިގެންހުރެ ސާފުކޮށް ސީދާކޮށް ، ޙަޤީޤަތާ އެއްގޮތަށް ބުނުމަށް އެދުނެވެ.
" މުރުތަސިމެވެ ! މީހެއްގެ ހިތުގައި ލޯތްބެއް އުފެދުމަށް އެންމެ ނަޒަރެއް ފުދޭގޮތަށް ، މީހަކު ދެކެ ވާ ފޫއްސާއި ހިތުގައި އޮންނަ ރުޅިވެރިކަން ފިލައިދިއުމަށްވެސް ، އެންމެ ނަޒަރެއް ، އެންމެ ސިކުންތެއްވެސް ، ފުދެއެވެ. " މުރުތަސިމްގެ ލޮލަށް ބަލަހައްޓައިގެން ހުރެ ، މީރަބް ބުންޏެވެ.
އެ ނަޒަރާއި އެ ސިކުންތަކީ ކޮބައިތޯ މުރުތަސިމް ސުއާލު ކުރިއެވެ. އެވަގުތަކީ ، މީރަބްގެ މައިންބަފައިން ، މީރަބަށްޓަކައި އެމީހުންގެ ގޭގެ ދޮރު ތަޅުލައި ، ރޮމުންރޮމުން ގޮވިއިރުވެސް ، އޭނާގެ ގޭގެ ދޮރު ނުހުޅުވި ވަގުތެވެ. އޭރު މީރަބް ގެންދިޔައީ ދޮރުހުޅުވާލަ ދިނުމަށް އެދި އަޑުގެ ނެތްތަނަށް ރޮމުން ، އާދޭސް ކުރަމުންނެވެ. މީރަބްގެ ހިތުގައި އަޅަމުންދިޔަ ވޭނާއި ކެކުޅުން އެމީހުންނަށް އެނގޭނެއެވެ. އެކަމަކުވެސް ، އެމީހުން ، ގޭގެ ދޮރެއް ނުހުޅުވިއެވެ.
" އެވަގުތު ، އަހަރެންގެ އަތުގައި ހިފީ މުރުތަސިމެވެ. އަދި ، އަހަރެންގެ ގޭގެ ދޮރު އަހަރެންނަށްޓަކައި ނުހުޅުވާނެކަމަށް މުރުތަސިމް ބުނީމުއެވެ. އަދި ، މުރުތަސިމާއެކީ ، މުރުތަސިމުގެ ގެޔަށް ދިއުމަށްވެސް އެދުނީމުއެވެ. މުރުތަސިމާ ކައިވެނިކުރަން އަހަރެން ނިންމި ވަގުތަކީ އެއީއެވެ. " މީރަބް ބުންޏެވެ.
އެތައް އިރެއްވަންދެން ، މުރުތަސިމަށް ، މީރަބްގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. އަދި ބޯ ޖަހައިލުމަށްފަހު ، ދެން ނުރޯށޭ ބުނެ ، މުރުތަސިމް އެ ކޮޓަރިން ނުކުތެވެ.
އޭނާ ، ދެން ނުރޯނެކަމަށް މީރަބް ، އޭނާގެ އަމިއްލަ ނަފްސަށް ކަށަވަރުކޮށްދިނެވެ. އެކަމަކު ، އޭނާގެ މަންމައާއި ބައްޕަކަމަށް ހެދިގެން އުޅުނުމީހުން ރޯން ޖައްސާނެކަމަށް ހިތާހިތާ ވަޢުދުވިއެވެ.
މީރަބްގެ ކޮޓަރިން ނުކުމެގެން މުރުތަސިމް ސިޑިން ފައިބައިގެންދިޔައިރުވެސް ، ކުރިންވެސް ހުރިތާ ހުއްޓިލައިގެން ޙަޔާ ހުއްޓެވެ. އަދި ، ޚާނަމްވެސް ކުރިންހުރިތާނގައި ހުއްޓެވެ. މުރުތަސިމް ދިއުމާއެކީ ، މަންމަގައިގާ ބައްދާލާށޭ ބުނެ ، ޚާނަމް މުރުތަސިމްގެ ގައިގާ ބައްދާލައި ، މަރުޙަބާ ކިޔެވެ. އަދި މުރުތަސިމްގެ ނިތްކުރީގައި ބޮސްދިނެވެ. ޚާނަމްހުރީ އުފަލުންގޮސް ފޮޅިފައެވެ. އެތަން ބަލަހައްޓައިގެން ޙަޔާވެސް ހުއްޓެވެ. އެ ފެނުނު މަންޒަރުން ، ވެގެން އެދިޔައީ ކީއްކަން ޙަޔާވެސް ދެނެގަތެވެ. މީރަބްވެސް އަދި މުރުތަސިމްވެސް އެކައިވެންޏަށް އެއްބަސްވީއެވެ. ޙަޔާގެ ލޮލުން ފައިބައިގަތް ކަރުނަތައް އެހެންމީހަކަށް ދައްކާކަށް ބޭނުމެއް ނުވިއެވެ. އަވަސް އަވަހަށް އޭނާ ދިޔައީ އޭނާގެ ކޮޓަރިޔާ ދިމާލަށެވެ.
ހެނދުނު ހެނދުނާ މީރަބް ކޮޓަރިން ނުކުތްތަނުން މަރިޔަމްއާ ދިމާވިއެވެ. އަދި ، މަރިޔަމްގެ ބޭބެ މުރުތަސިމާ އިންނަން އޭނާ އެއްބަސްވި ވާހަކަ މަރިޔަމްގާތުގައި ބުންޏެވެ. އެ ކައިވެންޏަށް މީރަބް އެއްބަސްވާން ނިންމާފައި އޮތްއިރު ، މި ދެތިންދުވަހަކު އޭނާ އެކުޅުނީ ކޮން ޑްރާމާއެއްތޯ މަރިޔަމް ސުއާލު ކުރިއެވެ. މީރަބް އެކުޅުނީ ޑްރާމާއެއް ނޫންކަމަށާއި ، މަރިޔަމްއަށް އެކަން ޤަބޫލުނުކުރެވެންޏާ ، އެކަމާ އެއްބަސް ނުވިޔަސް މައްސަލައެއް ނެތްކަމަށް މީރަބް ބުންޏެވެ. އިންސާނާއަށް ކުރިމަތިވާ ދެރަ ވަގުތަކީ ބުނެފައި އަންނަ އެއްޗެއްނޫނެވެ. އެހެންނަމަވެސް ، މަރިޔަމްއަށް އެފަދަ ވަގުތެއް އައިއްސިނަމަ ، މީރަބް ހުންނާނީ އޭނާއާ އެކީގައިކަމަށް މީރަބް ބުންޏެވެ.
މަރިޔަމްއާއި ޚާނަމްއާ ދެމައިން ، މުރުތަސިމްގެ ކައިވެނީގެ ވާހަކަ ދައްކަމުން ގެންދަނިކޮށް ، މީރަބަށް އެތަނަށް އާދެވުނެވެ. މަރިޔަމް ބުނިގޮތުގައި ، އެ ކައިވެންޏާ ދޭތެރޭ އޭނާ އެހުންނަނީ ވަރަށް ކަން ބޮޑުވެފައެވެ. ކުރިން ބެލެވިފައި އޮތްގޮތުގައި މީރަބަކީ ވައްޤާސްގެ ދަރިއެކެވެ. މިހާރު މީރަބަކީ އަންވަރުބޭބެގެ ދަރިއެކެވެ. ކައިވެނީގެ ވަގުތު އެ އޮޅުންގަނޑުގައި ، މެހެމާނުން ކުދިކިޔަން ފަށާނެއެވެ. އެއީ މުރުތަސިމްބޭބެއަށް ބަރުދާސްތު ކުރެވޭނެ ކަމެއްނޫނެވެ. ކައިވެނި ނުކޮށް ، އެކައިވެންޏަށް އިންކާރުކުރާކަށްވެސް ، މުރުތަސިމްބޭބެ ފަހަކަށް ނުޖެހޭނެއެވެ.
ޚާނަމްއަށް އެއީ މައްސަލައެއްނޫނެވެ. ޢާއިލާގެ އެންމެންނަށްވެސް ، މީރަބްގެ ޙަޤީޤަތް މިހާރު އެއޮތީ އެނގިފައެވެ. ކައިވެނީގެ ރަސްމިއްޔާތަށް އަންނަ މެހެމާނުން ، ކޮންމެ އެއްޗެކޭ ކިޔަސް ޚާނަމަށް އެއީ މައްސަލައެއްނޫނެވެ. އެކަން އެނގެންވާ މީހާއަށް އެކަން ނޭނގިއޮތުމަކީ ، މައްސަލައެކެވެ. އެއީ މީރަބެވެ. މީރަބަށް އެ ޙަޤީޤަތް އަދި ސާފުކޮށެއް ނޭނގޭނެއެވެ. މަރިޔަމްއާއި ޚާނަމްގެ ވާހަކަތައް އަޑުއަހަން ދުރުގައި މަޑުކޮށްލައިގެން މީރަބް ހުއްޓެވެ.
މީރަބްގެ ކައިވެނީގެ ކަންކަން ގޭތެރޭގައި ފޯރިޔާއެކީ ކުރިޔަށް ދިޔައެވެ. މާމެލިން މުޅިގޭތެރެ އޮތީ ޒީނަތްތެރި ކުރެވިފައެވެ. ޙަޔާގެ ފަރާތުން ، މީރަބަށް ޖެއްސުމުގެ ބައެއްކަންކަން ކުރިމަތިވިއެވެ. އެހެނަސް ، އެއީ މާބޮޑުކަމަކަށް ނުހަދާ ، މީރަބްވެސް ޙަޔާއަށް ރައްދުދެމުން ގެންދިޔައެވެ. މުރުތަސިމަށްވެސް އެކަން އޮތީ ފާހަގަ ކުރެވިފައެވެ. އަދި ، ޙަޔާ އޭނާގެ މަޤާމުގައި ހުރުމަށް ، މުރުތަސިމް އޮތީ އަންގާފައެވެ.
މީރަބް ވަކިން ގޯތިތެރޭގައި އިންދާ ، އަންވަރު އެތަނަށް އައިސް ، މީރަބާ ވާހަކަ ދައްކަން އުޅުނެވެ. އެހެނަސް ، ބައްޕަގެ ވާޖިބު އަދާކުރުމަށް އަންވަރު ތައްޔާރަށް ހުރިވާހަކަ ބުނުމުން ، މީރަބް އެ ފުރުސަތެއް އަންވަރަކަށް ނުދެއެވެ. އަންވަރުގެ ފަރާތުން އެއްވެސްކަމެއް މީރަބް ބޭނުމެއް ނުވެއެވެ. އެކަމަކު ، އަންވަރު މިހާރު އެހުރީ އޭނާގެ އަތުގައި އޮތިއްޔާ އޮތް އެއްޗެއް މީރަބަށް ފަތްލިޔެދީ ، މީރަބަށް މިލްކު ކޮށްދީގެންނެވެ. ބައްޕައެއްގެ ވާޖިބު އަދާކުރުމަށް އޭނާ އެހުރީ ތައްޔާރަށް ކަމަށް ބުނެ ، އެ ވާޖިބު އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރާނެކަމަށް ބުނުމަށްފަހު ، އަންވަރު އެތަނުން ދިޔައެވެ.
މީރަބަށް ހަދިޔާކުރަންޖެހޭ ގަހަނާ ވަކިކުރަން ، ޚާނަމް އަވަދިނެތި އުޅެނިކޮށް މުރުތަސިމް އައިސް ، މަންމަޔާ ވާހަކަ ދައްކާލަން ބޭނުންކަމުގައި ބުނުމާއެކު ، އެތާތިބި ކުދިންތައް ދިއުމަށް ޚާނަމް އެންގިއެވެ. މުރުތަސިމް ބޭނުންވީ ، ވައްޤާސްގެ ދެމަފިރިންނަށް ކައިވެނީގެ ރަސްމިއްޔާތަށް ދަޢުވަތު ދިނުމަށެވެ. އެއީ ، މީރަބްވެސް ބޭނުންވެދާނެ ކަމެއްކަމަށް މުރުތަސިމަށް ފެންނާތީއެވެ. އެއީ ، މީރަބް ބުނެގެން މުރުތަސިމް ބުނި ވާހަކައެއްނޫނެވެ. ވައްޤާސްގެ ދެމަފިރިންނަށް ކައިވެނީގެ ރަސްމިއްޔާތަށް ދަޢުވަތު ދިނުމަށް ޚާނަމް އެއްބަހެއް ނުވިއެވެ. މީރަބަކީ ވަރަށް ރުންކުރު އަދި ރުޅިގަދަ ކުއްޖެއްކަން އެންމެންނަށްވެސް އެނގެއެވެ. ވައްޤާސްގެ ދެމަފިރިން އެ ރަސްމިއްޔާތުން ފެނިއްޖިއްޔާ ، ކޮންމެފަދަ ގޮތެއްވެސް މީރަބް ހަދާފާނެއެވެ. ކައިވެނީގެ ރަސްމިއްޔާތު ދޫކޮށްލާފައި ދާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. ޚާނަމްއާއި މުރުތަސިމާ ދެމައިން ، އެވާހަކަތައް ދެއްކިއިރު ، އަޑުއިވޭ ހިސާބުގައި އަންވަރުވެސް ހުއްޓިލައިގެން ހުއްޓެވެ. އެހެނަސް ، އަންވަރު ހުރިކަމެއް އެދެމައިންނަކަށް ނޭނގެއެވެ.
ވައްޤާސްއާއި އަނީލާއާ ދެމަފިރިން ، މީރަބްގެ ކައިވެނީގެ ރޭ އެތަން ނުފެނި ދުރުގައި ތިބެންޖެހުމުން ، އެދެމީހުންގެ ހިތަށް ލިބެމުންދާ ތަކުލީފުތައް ދެމީހުން ދެމީހުންނަށް ޙިއްޞާކޮށް ، ކަރުނަ އަޅަމުން ގެންދިޔައެވެ. އެދެމަފިރިންގެވެސް ދުޢާއަކީ ، މީރަބް އުފަލުގައި ހުރުމެވެ. ބާއްޖަވެރި ޙަޔާތެއް ، މީރަބަށް ﷲ މިންވަރު ކުރެއްވުމެވެ. ހިތަށް ލިބެމުންދިޔަ ވޭނުގައި ރޯންތިއްބާ ، ގޭގެ ބޭރު ދޮރުގެ ރަނގަބީލުޖެހުނެވެ. އެވަގުތު އެތަނަށް އަންނާނީ ކާކު ހެއްޔެވެ ؟ ކަންބޮޑުވެފައިހުރެ ، ވައްޤާސް ގޮސް ދޮރު ހުޅުވާލިއެވެ. ވައްޤާސްގެ ކުރިމަތީގައި އެހުރީ މުރުތަސިމެވެ. މުރުތަސިމް ހުރީ ހިނިތުންވެފައެވެ. އޭނާ އެއައީ ، ވައްޤާސްގެ ދެމަފިރިން ބަލައެވެ. އެދެމަފިރިން ، ދާނެކަމެއް ނުވަތަ ނޫންކަމެއްވެސް މުރުތަސިމަކަށް ނޭނގެއެވެ.
ކައިވެނީގެ ރަސްމިއްޔާތަށް ރީތިކުރެވިފައި ، މީރަބް އެކަނި އިންދާ ، ޙަޔާ އެތަނަށް އައެވެ. މީރަބަށްޓަކައި އެގެތައްޔާރުކުރެވިފައި އެވަނީ ، އޮޅުމަކުން ކަމަށާއި އެއީ އޭނާއަށްޓަކައި ތައްޔާރުކރެވިފައި އޮތް ރަސްމިއްޔާތެއްކަމަށް ޙަޔާ ބުންޏެވެ. މީރަބް އައިސް ، އޭނާގެ ދުނިޔެ އަނދާ އަޅިޔަށް ހަދައިފިއެވެ. ދުވަހަކުވެސް ، މީރަބަށް މުރުތަސިމް ޙާޞިލް ނުކުރެވޭނެކަމަށް ޙަޔާ ބުނަމުން ގެންދިޔައެވެ. މުރުތަސިމްގެ ހިތުގައި ނަފްރަތުގެ އަލިފާންގަނޑު އަނދާ ، އޭގެ އަސަރުން މީރަބްގެ ދުނިޔެ ، އަނދައި އަޅިޔަށްވާނެކަމަށް ޙަޔާ ބުންޏެވެ. މުރުތަސިމް ލޯބިވަނީ ، އޭނާ ދެކެކަމަށާއި ، އެރޭ އެގޭގައި ކުރެވޭ ކައިވެންޏަކީ ، މުރުތަސިމާ އޭނާއާ ކުރެވެން އޮތް ކައިވެންޏެއްކަމަށް ، ޙަޔާ ބުނަމުން ގެންދިޔައެވެ. އެކައިވެނިން ، މީރަބަކަށް އެއްވެސް މިންވަރެއްގެ އުފާވެރިކަމެއް ނުލިބޭނެއެވެ. މީރަބްގެ ދުނިޔެ ނިމިގެންދާނީ ، ހިތާމައާއި ހިތްދަތިކަމުގައެވެ. ޙަޔާގެ ބަދުދުޢާ އަބަދުވެސް މީރަބަށް ރައްދުވެ ހުންނާނެއެވެ. ޙަޔާގެ މަސައްކަތުން ، މީރަބް ހުންނާނީ އަބަދުވެސް ރޮއްވާލާފައިކަމަށް ޙަޔާ ބުންޏެވެ. އެހުރިހާ ވާހަކަތަކެއް ޙަޔާ ދެއްކިއިރުވެސް ، މީރަބް އަނގައިންވެސް ނުބުނެ މަޑުން އިނެވެ.
މުރުތަސިމަށް އިންތިޒާރުކޮށްގެން ޚާނަމް ހުރެހުރެ ، މުރުތަސިމެއް ނައެވެ. މުރުތަސިމް ބަލައި މަރިޔަމްވެސް ފޮނުވައިފިއެވެ. މުރުތަސިމެއް ގެޔަކު ނެތެވެ. ކުރިން އަޑުއިވިފައި އޮންނަނީ ކައިވެނިކުރާ އަންހެންކުއްޖާ ފިލާ ވާހަކައެވެ. އެކަމަކު މިފަހަރު އެފިލީ ފިރިހެންކުއްޖާއެވެ. މުރުތަސިމް ވީތަނެއް ނޭނގިގެން ޚާނަމްހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. ކައިވެނިކުރާ ގަޑިވެސް މިހާރު ޖެހިއްޖެއެވެ. މީރަބްވެސް ، ކައިވެނީގެ ރަސްމިއްޔާތަށް ގެނެވިއްޖެއެވެ. އޭރުވެސް ، މުރުތަސިމް ވީތަނެއް އެކަކަށްވެސް ނޭނގެއެވެ. މުރުތަސިމްގެ ފޯނުވެސް އޮތީ ނިއްވައިލާފައެވެ.
ކުއްލިޔަކަށް ، މުރުތަސިމް ، އެ އިޙްތިފާލަށް ވަދެގެން އައިތަން ފެނުނެވެ. އޭނާއާއެކީ ، ވައްޤާސްވެސް ހުއްޓެވެ. އަންވަރުގޮސް ވައްޤާސްއަށް މަރުޙަބާ ކިޔެވެ. ވައްޤާސް އައިގޮތަށް އައިސް ، ޚާނަމްގާތަށް ހުއްޓިލުމާއެކީ ، ޚާނަމްވެސް ވައްޤާސްއަށް މަރުޙަބާ ކިޔެވެ. އަދި ، ވައްޤާސްގެ ދަރިފުޅާ ބައްދަލުކޮށްލުމަށް ދިއުމަށް އެދުނެވެ. ވައްޤާސް ގޮސް މީރަބްގެ ބޮލުގައި ފިރުމާލުމާއެކީ މީރަބް ، އޭނާގެ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ވައްޤާސް ވަކި އެއްޗެކޭ ނުބުނެ ، އެތާ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، އެތަނުން ފޭބިއެވެ. މީރަބްގެ ހިތަށް އުނދަގޫވާނެ އެއްވެސްކަމެއް ކުރާކަށް ، ވައްޤާސްވެސް ބޭނުމެއް ނުވިއެވެ. ( ނުނިމޭ )