ހަނދު އޭގެ ހަނދުވަރާ ނުލާ ... (8)

( 8 ޖޫން 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ޙާލާއަށް ، މުރުތަސިމްގެ ހިތް ކިލަނބުކޮށްލުމަށް ދެއްކެން އޮތް ވާހަކައެއް ވިއްޔާ ، ކިޔައި އިއްވައިލިއެވެ. އޭނާ އެހަދަނީ ދޮގެއްކަމަށް ވަންޏާ ، އެވަގުތުވެސް ، އުފަލާއެކީ އޭނާގެ ފުރާނަ މުރުތަސިމާ ޙަވާލު ކުރުމަށް އެހުރީ ތައްޔާރަށެވެ.

ޙާލާކުރި މަސައްކަތް ކޮންމެވެސް ވަރަކަށް ކާމިޔާބު ވިއެވެ. މުރުތަސިމް ގާތަށް އައިސްހުރި ރުޅިގަނޑު ފަޅައިގެން ނުދަނިސް އެތަނުން ނުކުމެގެން ދިޔައެވެ. އެކަން އެހެން ވެއްޖެނަމަ ، އަނެއްކާވެސް އޭނާއަށް އަނިޔާ ދެވޭނީ އަންހެނަކަށެވެ. ޙާލާގެ ކުރިމަތީ އެފަދަ ނިމަކެތި ގޮތަކަށް އޭނާގެ ތަޞައްވުރު އޮންނާކަށް މުރުތަސިމް ބޭނުމެއް ނުވިއެވެ.

މުރުތަސިމްގެ ރުޅި ކޮންޓްރޯލް ނުވެ ހުއްޓާ ، ޚާނަމް އެތަނަށް އައިސް ، މުރުތަސިމް އައީ ކޮންއިރަކުތޯ ސުއާލު ކުރިއެވެ. ކަނުއަނދިރިން އަލިކަމަށް ، އޭނަ އެއައީ ހަމަދެންމެކަމަށް ބުންޏެވެ. ޚާނަމް އެކުރި ސުއާލަކީ ، އޭނާ ފޮނުވިތަނަކަށް ގޮސް ، މުރުތަސިމް އައި އިރަކާ މެދުގައި ކުރެވުނު ސުއާލެކެވެ. އެހެނަސް ، މަންމަގެ އެސުއާލަށް ޖަވާބުދޭކަށް މުރުތަސިމް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ، އެގޭތެރޭގައި މިއަދު އެ ހިނގި ކަންތައްތަކުގެ މަޢުލޫމާތެވެ.

މިއަދު ގޭތެރޭގައި އެ ހިނގި ކަންކަމުގެ ޚަބަރު ، އޭނާގާތު ޚާނަމް ބުނުމުގެ ކުރިން ، މުރުތަސިމަށް އެނގިއްޖެކަން ޚާނަމްއަށް ސާފުވިއެވެ. ޚާނަމް ހުރީ ، މުރުތަސިމަށް އެވާހަކަ ކިޔައިނުދޭކަށެއް ނޫނެވެ. އެކަމަކު ، އެކަން އެއީ އޭނާގެ ކައިވެނީގެ ކުރިން އެނގެންޖެހޭނެ ކަމެއްކަމުގައި މުރުތަސިމް ބުންޏެވެ.

" އަހަރެންގެ ކައިވެނި ކޮށްދޭން ތިއުޅޭ އަންހެންކުއްޖާގެ ބައްޕަޔަކީ ، ކާކުކަންވެސް މަންމަމެންނަކަށް ނޭނގެއެވެ. " މުރުތަސިމް ، އޭނާގެ މަންމަޔާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

މީރަބަކީ ، ތުއްތު އިރުއްސުރެ މުރުތަސިމަށް އެގެއިން ފެންނާނެ ކުއްޖެއްކަން ޚާނަމް ހަނދާން ކޮށްދިނެވެ. އެހެނަސް ، އޭނާއަށް މީރަބް އެނގެނީ އެއީ ، ވައްޤާސް އަޙްމަދުގެ ދަރިއެއްގެ ގޮތުގައެވެ. އެކަން މުރުތަސިމަށް ސިއްރުކޮށްގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަން ، މުރުސިމަށްވެސް ނާންގައި ސިއްރު ކުރެވިފައި އޮތީ ސަބަބެއް އޮވެގެންކަމުގައި ޚާނަމް ބުންޏެވެ. އެއީ ، މުރުތަސިމްގެ ބައްޕަ ޝާހްނަވާޒްގެ ނިންމުމެކެވެ.

މުރުތަސިމްގެ ކައިވެނި ކުރެވެން އެއުޅެނީ ، އޭނާގެ ރުހުމާ ދެކޮޅަށެވެ. އޭގެ އިތުރަށް ، އޭނާގެ ކައިވެނި އެކުރެވެނީ ، މީހަކު ބަލައި ބޮޑުކުރި ، ޔަތީމު އަންހެން ކުއްޖަކާއެވެ. އެއީ ، އެ ޢާއިލާއަށްވެސް ލިބޭނެ ހުތުރެއްކަމުގައި މުރުތަސިމް ބުންޏެވެ.

އެއީ ޔަތީމު ކުއްޖެއްނޫންކަމަށާއި އެކަހަލަ ވާހަކަ ނުދެއްކުމަށް މުރުތަސިމްގެ ކިބައިން ޚާނަމް އެދުނެވެ. އެ އަންހެންކުއްޖާގެ މަންމައާއި ބައްޕަޔަކީ ކޮބައިކަން ސާފުކޮށްދިނުމަށް މުރުތަސިމް އެދުނެވެ. މީރަބަކީ ކާކުކަން މަންމަޔަށް އެނގޭއިރު ، އެކަން އޭނާއާ ޙިއްޞާ ކުރުމަކީ ، ކައިވެނީގެ ކުރިން ކުރަންޖެހޭނެ ކަމެއްކަމުގައި މުރުތަސިމަށް ފެނުނެވެ. މީރަބްގެ ބައްޕަޔަކީ ކާކުތޯ އަހައި މުރުތަސިމް އޭނާގެ މަންމަޔާ ދިމާލަށް އަނެއްކާވެސް ، ހަޅޭއްލަވައިގަތެވެ.

" އަހަރެންނެވެ. މީރަބްގެ ބައްޕަޔަކީ އަހަރެންނެވެ. އެއީ ، އަހަރެންގެ ދަރިއެކެވެ. " އެދެމައިންގެ ވާހަކަތައް އަޑުއަހަން ދުރުގައިހުރި އަންވަރު ބުނިއަޑު އިވުނެވެ.

" އަހަރެން ޤަބޫލު ކުރަމެވެ. މީރަބް އެއީ އަހަރެންގެ ދަރިއެއްކަމަކަށް ކުރިން ، އަހަރެން ބަލައެއް ނުގަންނަމެވެ. ވައްޤާސްގެ ދެމަފިރިންނާ މީރަބް ޙަވާލު ކުރީ ، މުރުތަސިމްގެ ބައްޕައެވެ. އެކަމަކު ، އަހަރެންނަށް އެކުރެވުނީ ގޯސްކަމެއްކަމަށް އަހަރެން އެއްބަސް ވަމެވެ. އަހަރެންނަށް ވިސްނުނު ގޮތުގައި ، އަހަރެންގެ އަންހެނުން މިދުނިޔެއާ ވަކިވެ ދިޔުމުގެ ސަބަބަކީ އެ އަންހެން ކުއްޖާއެވެ. އެކަމަކު ، އެއީ ރަނގަޅު ވިސްނުމެއްނޫންކަން ، އަހަރެންނަށް މިހާރު ޤަބޫލު ކުރެވެއެވެ. " އަންވަރު ބުންޏެވެ.

މީރަބާއި މުރުތަސިމްގެ ކައިވެނި ކޮށްދިނުމަކީ ، މުރުތަސިމްގެ ބައްޕަ ޝާހްނަވާޒް ނިޔާވުމުގެ ކުރިން ، ނިންމާފައި އޮތް ނިންމުމެއްކަން ، ޚާނަމްވެސް ކަށަވަރު ކޮށްދިނެވެ. މަރްޙޫމް ބައްޕަގެ ނިންމުމަށް އިޙްތިރާމް ކޮށް ، މީރަބާ ކައިވެނި ކުރުމާއި ނުވަތަ ، ބައްޕަގެ އެނިންމުން ބޮލާޖަހައި ، އެކަން ޤަބޫލު ނުކުރުން އޮތީ މުރުތަސިމްގެ އަތްމަތީގައެވެ.

މީރަބްގެ ގައިގައި ޖެހުމަކީ ، އަންވަރުގެ ހިތަށް ލިބިގެންދިޔަ ވޭނެއެވެ. މީރަބްގެ މޫނުމަތީގައި އަތުގައި ނެތްބާރުލާފައި މުރުތަސިމް ޖެހިއިރު ، އެއީ އޭނާގެ ދަރިފުޅުކަން ހަނދާންކުރަން ޖެހޭނެކަމަށް ބުނެ ، މުރުތަސިމާ ދިމާލަށް އަންވަރު ހަޅޭއްލަވައިގަތެވެ. އަންވަރަކީ މީރަބްގެ ބައްޕައެވެ. އެކަމަކު ، އެ އިޙްސާސް އޭގެ އެންމެ ރަނގަޅު ވަގުތުގައި އަންވަރަށް ކުރެވުނުނަމަ ، މުރުތަސިމަށް އެކަންކުރާކަށް ނުޖެހުނީހެވެ.

ރޭގަނޑުގެ ކެއުންވެސް އެއީ މީރަބަށް ބޭނުން އެއްޗަކަށް ނުވިއެވެ. އޭނާ ބޭނުންވީ އެކަނިވެލާށެވެ. އޭނާއަކީ ކާކުކަން އެ އެނގުނީ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ކާކުކަން އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދޭން ވަގުތު ނަގާނެއެވެ. ގޯތި ތެރެޔަށް ނުކުމެ ، އެކަނި އިނދެ ، އެކަމުގެ ވިސްނުމާއި ފިކުރުގެ ތެރެޔަށް މީރަބް ގެއްލިފައި އިންދާ ، މުރުތަސިމް އެތަނަށް ދިޔައެވެ. މުރުތަސިމް އެތަނަށް އެއައީ ، މީރަބަށް ހަމްދަރްދީ ފާޅުކުރަންތޯ ، މީރަބް ސުއާލު ކުރިއެވެ. ނޫނީ ، މުރުތަސިމް އެތަނަށް އެއައީ ، އޭނާއަށް މާލާމާތްކޮށް ހޭންވެގެން ހެއްޔެވެ ؟

މުރުތަސިމް އެއައީ ، ހަމްދަރުދީ ފާޅުކުރާކަށެއް ނޫނެވެ. އަދި މީރަބާ ދިމާލަށް މަލާމަތްކޮށް ހޭކަށެއްވެސް ނޫނެވެ.

އެހެންކަމަށް ވަންޏާ ، މުރުތަސިމް އެއައީ ، މަޢާފަށް އެދެންތޯ މީރަބް ސުއާލު ކުރިއެވެ. އޭނާއަށް އެލިބޭ ތަކްލީފުތަކުން މުރުތަސިމްގެ ހިތަށް ތަސައްލީއެއް ލިބޭނަމަ ، އަދި އެއްފަހަރު އޭނާގެ މޫނުމަތީ ޖެހުމަށް މީރަބް އެދުނެވެ.

އޭނާގާތަށް ރުޅިއައީ ، އޭނާގެ ވާހަކަ މީރަބް ޤަބޫލުނުކޮށްގެންނެވެ. އެހެންކަމަށްވިޔަސް ، މީރަބްގެ ގައިގައި މުރުތަސިމް ޖަހައިގެން ނުވާނެއެވެ. އެއީ ، އޭނާއަށް ކުރެވުނު ގޯސްކަމެއްކަމަށް މުރުތަސިމް އިޢުތިރާފް ވިއެވެ. އަދި އެކަމަށް ، އޭނާއަށް މަޢާފްކުރުމަށް އެދުނެވެ. މުރުތަސިމް އިނީ އޭނާއަށް އެކުރެވުނު ކަމަކުން ދެރަވެފައެވެ.

މީރަބްގެ ޙަޤީޤަތް މުރުތަސިމަކަށް ކުރިޔަކުން އެނގިފައެއް ނެތެވެ. އަދި ، މީރަބަކަށްވެސް ، އެކަން ކުރިން އެނގިފައެއް ނުވެއެވެ.  މީރަބް އެއިނީ ހަދާނެގޮތް ބޮޑުވެފައެވެ. އެހެންކަމަށް ވަންޏާ ، އޭނާގެ މައިންބަފައިންނާ ވާހަކަ ދެއްކުމަށް މުރުތަސިމް ލަފާދިނެވެ. މީރަބްގެ މައިންބަފައިންނަކީ ކޮންބައެއްކަން މީރަބަށް މިހާރު އެހުރީ އޮޅިފައެވެ. އޭނާއަކީ ދަރިއެއްކަމަށް ޤަބޫލުނުކޮށްހުރި މީހަކާ ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ ؟ އެގޭގެ ދަރިއެއްގެ ޙައިޞިއްޔަތު ، މާކުރިން އެމީހުންވަނީ ނައްތާލާފައެވެ. ދުނިޔެއަށް އޭނާ ނޭވާލީތަނުން ، އެޙައްޤު އޭނާގެ އަތުންވަނީ ނިގުޅައިގަނެވިއެވެ. އެހުރިހާ ދުވަހަކު މީރަބް ދިރިއުޅެމުން އެއައީ ، އެމީހުންގެ ކެހިވެރިކަމުން ޖެހި މަޅީގައި ބެދިގެން ހުރެއެވެ. ދޮގުވެރިކަމުން ޒީނަތްތެރިކުރެވިފައި އޮތް ، އޮޅުވައިލުމުން އަނދިރިކަން ލިބިފައި އޮތް ކަނުއަނދިރި ކަމެއްގައި އޮތް ދިރިއުޅުމެއްގައެވެ.

މީރަބަކީ ، އަންވަރުބޭބެގެ ދަރިއެއްކަމުގައި މުރުތަސިމް ބުންޏެވެ. އެހެނަސް ، އެއީ މީރަބް ޤަބޫލުކުރަން ބޭނުންވާ ޙަޤީޤަތެއް ނޫނެވެ. އަންވަރަކީ އޭނާގެ ބައްޕަކަމުގައި ބަލައިގަންނާކަށް މީރަބް ބޭނުމެއްނޫނެވެ. މުރުތަސިމްވެސް އެކަން ޤަބޫލު ނުކުރުމަށް މީރަބް އެދުނެވެ. އަދި ، މީރަބަކީ މުރުތަސިމްގެ ދެބެންގެ ދެދަރިއަށްވުރެ އެއްދަރިކޮޅު ގާތް  މީހެއްކަމަށާއި ، އެދެމީހުން ކައިވެނި ކުރަން އެއްބަސް ނުވުމަށް މުރުތަސިމްގެ ކިބައިން ، މީރަބް އެދުނެވެ.

މީރަބް އަދިވެސް ގޮތްދޫކުރާކަށް ބޭނުމެއް ނުވެއެވެ. އެހުރިހާކަމެއް އެނގުނީމަވެސް ގޮތްދޫކުރާކަށް ނުވޭތޯ މުރުތަސިމް ސުއާލު ކުރިއެވެ.

" އެއީ ، ގޮތްދޫނުކުރުމެއް ނޫނެވެ. އެއީ އަމިއްލަ ނަފްސު ދިފާޢުކޮށް ، އަމިއްލަ ނަފްސަށް އިޙްތިރާމް ކުރުމެވެ. އެއީ ބައްޕައެއްގެ ފަރާތުން ލިބޭނެ އެއްޗެއް ނޫނެވެ. އަހަރެންގެ އަމިއްލަ ނަފްސާއި ޒަމީރު ، މުރުތަސިމާ އަހަރެން ކައިވެނި ކުރާކަށް އެއްބަހެއް ނުވެއެވެ. " މީރަބް ބުންޏެވެ.

މުރުތަސިމަކީ ، އޭނާ ނިންމާ ނިންމުމަކާ ދެކޮޅުހަދާ ކޮންމެ މީހަކު ބަލިކުރަން ބޭނުންވާ މީހެކެވެ. އެހެނަސް ، މީރަބް ބަލިކުރުމަކީ ، އޭނާއާ ކުރިމަތިވެފައި އޮތް މުސީބާތަކަށް ވެއްޖެއެވެ. މީރަބްގެ ގޮތްދޫނުކުރުމުގެ ސަބަބުން ، މީރަބް ބަލި ކުރެވޭނެ އެއްވެސްގޮތެއް މުރުތަސިމަކަށް ނުވިސްނުނެވެ.

މީރަބްގެ ކޮޓަރީގެ ދޮރުހުޅުވާލާފައި އަންވަރު ވަތްތަނުން ، މީރަބްގެ ރުޅިވެރި ދެލޮލުން އޭނާއާ ދިމާލަށް އަމާޒު ކުރެވިފާ ކަޅިއާ ކުރިމަތިލާން ޖެހުނެވެ. އަންވަރު އެއައީ ، އޭނާގެ ދަރިފުޅުގެ ޙާލު ބަލައިލުމަށެވެ. ބައްޕާއޭ ކިޔާފައި މީރަބް ގޮވައިލާނެކަމަށް އުއްމީދު ކޮށްގެންނެވެ. އެހެންނަމަވެސް ، މީރަބްގެ ރުޅިއާއި ނަފްރަތަކީ ، އޭނާއަށް ދުވަހަކުވެސް ސަލާމަތް ވެވޭނެ އެއްޗެއް ހެންނެއް ހިއެއް ނުވެއެވެ.

" އަހަރެންގެ ޙާލު ބަލައިލަން އައިމަ ، ބައްޕާއޭ ގޮވައިލާނެ ކަމަށް މިތަނަށް ތިއައީ ކޮން ޙައިޞިއްޔަތަކުން ހެއްޔެވެ. ތި ދައްކަނީ ކޮން ބައްޕައެއްގެ ވާހަކަ ހެއްޔެވެ ؟ ތިދައްކަނީ އަހަރެންނަކީ ، އަންވަރުގެ އަނބިމީހާ މަރާލި ކުއްޖެއްކަމުގެ ފާފަވެރި ވިސްނުން ގެންގުޅުނު ބައްޕަގެ ވާހަކަ ހެއްޔެވެ ؟ " މީރަބް ސުއާލު ކުރިއެވެ.

އަންވަރަކީ ، މީރަބްގެ ބޮލުގައި އަޅުވަން ނުޖެހޭ އިލްޒާމްތަކެއް އެޅުވި މީހެއްކަމަށް ، ޚުދު އަންވަރުވެސް މިހާރު އެބަ އިޢުތިރާފު ވެއެވެ. އޭރު ، އަންވަރު ހުރީ ، އޭނާގެ އަނބިމީހާ މިދުނިޔެއާ ވަކިވެދިއުމުގެ ހިތާމާގައި މޮޔަވެފައެވެ. ހަމަ ބުއްދީގައެއް ނޫނެވެ. ދުރުހިލޭ މީހެއްގެ އަތްމައްޗަށް މީރަބް ދޫކޮށްލާކަށް އަންވަރު ބޭނުމެއް ނޫނެވެ. އެހެނަސް ، އެކަން ، އެ ތުއްތުތުއްތު މީރަބަށް ވިސްނޭނެ ހެއްޔެވެ ؟ އެއީ ، އެއްވެސް ޙާލެއްގައި މީރަބްގެ ބޮލުގައި އެޅުވިގެންވާނެ އިލްޒާމެއް ނޫނެވެ.  މީރަބްގެ މަޢާފު އަންވަރަށް ލިބުމަކީ ، އެހާ ފަސޭހަ ކަމެއްނޫނެވެ. ފަހަރެއްގައި އެއީ ، ދުވަހަކުވެސް އޭނާއަށް ލިބޭނެ އެއްޗަކަށްވެސް ނުވެދާނެއެވެ.

ގެއްލިގެންދާކަށް އަންވަރުގެ އަތުގައި މިއަދު ، އެއްވެސް އެއްޗެއް ނެތެވެ. މީރަބް ގެއްލިގެންދާކަށް އަންވަރު ބޭނުމެއް ނޫނެވެ. މީރަބްގެ އަތުގައިވެސް މިއަދު ، އެއްވެސް އެއްޗެއް ނެތެވެ. އިއްޔެއާ ހަމަޔަށް ، ބަފައެއްގެ ގޮތުގައި އޭނާ ބަލަމުން އައި މީހާއާއި މަންމާއޭ ކިޔައި ގޮވަމުންއައި މައިމީހާވެސް މިއަދަކު ނެތެވެ. އެއީ އޭނާގެ މަންމައާއި ބައްޕައެއް ނޫނެވެ. މީހުންގާތު އޭނާ ބުނާނީ ކީކޭ ހެއްޔެވެ ؟ މީހުންގެ މަލާމާތާއި ފުރައްސާރައާ . މީރަބް ކުރިމަތިލާނީ ކޮން މޫނަކައިގެން ހެއްޔެވެ ؟

މީރަބާ އެކުރިމަތިވި މުސީބާތުން ސަލާމަތްވުމަށްޓަކައި ، އޭނާއަށް ކުރެވެން އޮތް ހުރިހާކަމެއް ކޮށްފިއެވެ. ގަދަކަމުން ކުރުވަން އުޅުނު ކައިވެންޏަށް ، އިންކާރު ކޮށްފިއެވެ. ފިލައިގެންދާން މަސައްކަތް ކޮށްފިއެވެ. އެއިން ކަމަކުން ލިބުނު ފައިދާއެއް ނެތެވެ. ދެން އޮތީ އެންމެ ގޮތެކެވެ. މި ދުނިޔެއާ ވަކިވެގޮސް ، މީރަބް ކިޔާ މީހެއްގެ ތަޞައްވުރު ދުނިޔެއިން ފިލުވައިލުމެވެ.

މީރަބްގެ ވާހަކައިން އަންވަރުގެ ލޮލުން ކަރުނަ އައެވެ. އެކަހަލަ އެއްވެސް ކަމެއް ނުކުރުމަށް މީރަބަށް ، އާދޭސް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ، އަންވަރުގެ މޫނުވެސް ދެކޭކަށް މީރަބް ބޭނުމެއް ނޫނެވެ. އަދި ، އެކޮޓަރިން ނުކުމެގެން ދިއުމަށް އަންވަރުގާތު އެދެމުން ގެންދިޔައެވެ. މީރަބްގެ ނުރުހުމުގެ ބަސްތަކަށް ކެތް ނުވެގެން ، ރޮމުންރޮމުން އަންވަރު ނުކުމެގެން ދިޔައެވެ.

ކޮޓަރިޔަށް ވަތްގޮތަށް ، މީރަބް ބޭރަކަށް ނުނުކުމެއެވެ. ވައްޤާސް އަކަށްވެސް މީރަބެއް ނުފެނެއެވެ. މީރަބްގެ ކޮޓަރިޔާ ދިމާލަށް ހިނގައިގަތްތަނާ ، ޚާނަމް އައިސް ވައްޤާސްއާ ވާހަކަ ދައްކާލަން ބޭނުންކަމަށް ބުންޏެވެ.

ޚާނަމްއަކީ ، އެ ޢާއިލާގެ ކަންކަން ނިންމުމުގައި އެންމެ ފަހުބަސްބުނާ މީހާއެވެ. އެހެންނަމަވެސް ، އޭނާގެ ނިންމުމުގައި ގޯހެއް އޮތްނަމަ ،  އެވާހަކަ ބުނުމަށް ، ވައްޤާސްގެ ކިބައިން އެދެމުން ، ޚާނަމްގެ ވާހަކަ ފެއްޓިއެވެ.

ޚާނަމް ބޭނުންވީ ، އޭނާގެ ނިންމުމަށް ވައްޤާސް އިޢުތިރާޒް ނުކުރުމަށެވެ. ޚާނަމް ނިންމާ އެއްވެސް ނިންމުމަކާ ، ވައްޤާސްވެސް ދެކޮޅެއް ނުހަދާނެއެވެ. ޚާނަމްއަކީ ، އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ، މަރްޙޫމް ޝާހްނަވާޒްގެ އަނބިމީހާކަމަށްވާތީ ، ޚާނަމް ނިންމާ ކޮންމެ ނިންމުމަކަށްވެސް ، ހިތާ ދެކޮޅަށް ނަމަވެސް ، ވައްޤާސް ތަބާވާނެއެވެ.

ޚާނަމް ބޭނުންވީ ، އެގޭގައި އިތުރަށް ނުތިބެ ، ވައްޤާސްގެ ދެމަފިރިން ، އެނބުރި ކަރާޗީއަށްދިއުމަށެވެ. މީރަބާއި މުރުތަސިމްގެ ކައިވެނި ކުރެވޭނެއެވެ. ވައްޤާސްމެން އެގޭގައި ތިބޭހާ ދުވަހަކު ، އަންވަރަކީ ، މީރަބްގެ ބައްޕަކަމުގައިބަލައިގަންނަން ، މީރަބަށް އުނދަގޫ ވާނެއެވެ. މުރުތަސިމާއި ޚާނަމްއަކީ ، މީރަބްގެ މީހުންކަމަށް ބަލައިގެން ، މީރަބަށް އެގޭގައި އުޅެން މަޖްބޫރު ވާނެއެވެ. މީރަބަކަށް ކަރާޗީއަކަށް ނުދެވޭނެއެވެ. މާދަމާ ހެނދުނު މީރަބް ނިދައި ނުހޭލަނިސް ، ވައްޤާސްގެ ދެމަފިރިން އެގެއިން ނުކުމެގެން ދިއުމަށް ، ޚާނަމް އެދުނެވެ. އިތުރު އެހެން އެއްވެސް ގޮތެއްނެތިގެން ، އަނީލާ އެކަމަށް ދެކޮޅުހަދަހަދާ އޮއްވައި ، ވައްޤާސްއަށްވެސް ، ޚާނަމްގެ އެންގުމަށް ކިޔަމަން ގަތުމަށް މަޖްބޫރު ވިއެވެ.

އެ ދެމަފިރިންނާއި މީރަބްގެ ދިރިއުޅުމަށް އެކުރިމަތިވި ތޫފާނުގައި އެ ތިންމައިންގެ ހިތްވެސްވަނީ ހަލާކުވެފައެވެ. ތުއްތު އިރުއްސުރެ ، ލޯބިން ބަލައި ބޮޑުކުރި ދަރިފުޅުގެ ހިތަށް ވޭނާއި ކެކުޅުން ދިނުމަށްފަހު ، އެކުއްޖާގެ މޫނުވެސް ދެކިނުލައި ، ހިތްހަލާލު ނުހޯދައި ، ވައްޤާސްގެ ދެމަފިރިންނަށް އެޖެހުނީ ، އެނބުރި ކަރާޗީއަށް ދާށެވެ. ހިތާމައިގެ މައްޗަށް ހިތާމައެވެ. އެއްވޭނަކަށްފަހު ، އެއަށްވުރެ ތަކްލީފުގަދަ އިތުރު ވޭނެއް ، އެމީހުންނާ އެބަ ކުރިމަތި ވެއެވެ. މީރަބަށްޓަކައި އެއްވެސްކަމެއް ކުރުމުގެ އިޚްތިޔާރެއްވެސް އަދި ޙައްޤެއްވެސް ، އެދެމީހުންކުރެ މީހަކަށް ލިބިގެންނެއް ނުވެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

2 ޚިޔާލު

  1. އުރުދޫ ޑުރާމާ ތަކުގެ ތަރުޖަމާ ވިޔަސް ދިވެހިން ކިޔާލަން ލިބުން ވަރަށް ހިތްގައިމު ސާބަހާ އައްސަރިބަސް ފާރޫގު ބޭ..

  2. ވާހަކަ އަކަށް ދޫކުރާނެ ވާހަކަ އެއް ނުގެނެސްދެމުއެވެ. ހާދަހާވާ ފުރިހަމަ އެވެ. ކިޔާ ފޫހި ނުވެއެވެ. ކޮންމެ ފަހަރަކު ކެންޓު ނުކުރިޔަސް އަބަދުމެ މި ވާހަކައަށް އިންތިޒާރު ކުރަމެވެ. ފާރޫޤުގެ ތަރުޖަމާ އަކީ ވަރަށް ފުރިހަމަ ތަރުޖަމާ އެކެވެ. ހާދަހާވާ މޮޅެވެ. އިންސާނުންނަށް ޢިލްމު ދެއްވި ފަރާތުގެ މަތިވެރިކަމެވެ. ޚިޔާލެއް ދެން ހެއްޔެވެ. އަދި ތަންކޮޅެއް ދިގު ކޮށްލާށެވެ. އެހެން ނޫނީ މި އަހަރަކު މިވާހަކަ ނުނިމޭ ވެއެވެ. ފާރޫޤުގެ އެހެން ތަރުޖަމާ އެއްވެސް ކިޔާލާހިތްވާތީވެ މިހެން ބުނެވުނީ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.