
( 4 ޖޫން 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އަންވަރުގެ ދެއަތް ތުރުތުރު އަޅަމުން ދިޔައެވެ. މީގެ އެކާވީސް އަހަރުކުރިން އޭނާއަށް ކުރެވުނު ފާފައިގެ މަތިން ހަނދާން ވުމުން ހިތްބިރުގެންފައިހުރެ ، އޭނާއަށް ކުރެވުނު ކުށަށް އަމިއްލަ ނަފްސަށް ލަޢުނަތް ދެމުން ގެންދިޔައެވެ. އެ ހިނދު ، އޭނާގެ ކުރިމަތީ އެދުވަހުގެ އެ ހިތި މަންޒަރު ކުރެހެމުން ނިއުޅެމުން ދިޔައެވެ.
ޝާހްނަވާޒުގެ ހުރި ހަމަ އެކަނި އަންހެންދަރިފުޅު ، ނާދިޔާއާއެކީ ވޭތުކުރަމުން ގެންދިޔަ އުފާވެރި ދުވަސްތަކެވެ. އެ ދެމަފިރިންގެ ކައިވެންޏަށް އަހަރު ނުވަނިސް ، ނާދިޔާ ބަލިވެ އިނެވެ. މުޅި ޢާއިލާއަށް ލިބިގެންދިޔަ އުފާވެރިކަން ކޮޅުން ލިއެވެ. ޝާހްނަވާޒާއި ، ޚާނަމަށް ލިބިފައިތިބީ ، ހަމައެކަނި މުރުތަސިމާއި ނާދިޔާއެވެ. ނާދިޔާ ބަލިވެ އިންއިރު ، ޚާނަމް އަށް މުރުތަސިމް ލިބި ، ދެއަހަރު ވެއްޖެއެވެ. ކައިވެނީގެ ކުރީކޮޅު ، މުރުތަސިމް ބަލަމުން ގެންދިޔައީ ނާދިޔާއެވެ. ބަނޑަށް ގިނަދުވަސްވަމުން ދިޔަވަރަކަށް ، ނާދިޔާ ބަރުހެލިވެ ، މުރުތަސިމު ބަލަން އުނދަގޫ ވާވަރު ވިއެވެ.
ނާދިޔާ ، އަންހެންކުއްޖަކު ވިހައިފިނަމަ ، މުރުތަސިމާ ކައިވެނި ކުރުމަށް ، ޝާހްނަވާޒް ނިންމީ ، މުރުތަސިމަށް އެންމެ ދެއަހަރުގައެވެ. އެކަމަށް ، ނާދިޔާއާއި އަންވަރުވެސް ހިތުން ރުހުމުން އެއްބަސް ވިއެވެ. އަދި ، ޚާނަމްވެސް އެ ނިންމުމަށް ތާއީދު ކުރިއެވެ. ޢާއިލާއިން ބޭރުން ކައިވެނީގެ ގުޅުން އުފެއްދުމަކީ ، ޝާހްނަވާޒްގެ މަތިފުށަށް ހުއްދަ ނޫންކަމެއްގެ ގޮތުގައި ޒަމާނުއްސުރެ އައީ ބަލަމުންނެވެ. ދުވަސްފުރި ވިހަން ގާތްވީވީހެން ، ނާދިޔާގެ ބަލިބޮޑުވަމުން ދިޔައެވެ. ނާދިޔާގެ ފުރާނަޔަށް ގެއްލުންވެދާނެކަމުގެ ބިރު ބޮޑުވަމުން ދިޔައެވެ.
ސިޒޭރިއަން ހަދައިގެން ނާދިޔާ ވިއްސީ ، ދެމައިންގެ ފުރާނަޔަށްވެސް ގެއްލުން ވެދާނެކަމަށް ޑޮކްޓަރުން ލަފާދިނުމާ ގުޅިގެންނެވެ. އޮޕަރޭޝަން ކުރިއިރުވެސް ، ދެމައިންކުރެ އެކެއްގެ ފުރާނަވެސް ސަލާމަތް ކުރެވިދާނެކަމަކަށް ، ޑޮކްޓަރުން ލަފައެއް ނުކުރެއެވެ. ކަންދިމާވީވެސް އެހެންނެވެ. އޮޕަރޭޝަނުގެ ތެރޭގައި ، ނާދިޔާގެ ފުރާނަ މިދުނިޔެއާ ވަކިވެ ދިޔައެވެ. ސަލާމަތް ކުރެވުނީ ، ހަމައެކަނި ދަރިފުޅުގެ ފުރާނައެވެ.
ދަރިފުޅު ވިހެއުމާއެކީ ، މީރަބްގެ ނަމުން ނަންދީ ، މުރުތަސިމާއި މީރަބްގެ ކައިވެނި ކުރުމަށް ، ޢާއިލާއިން ނިންމާފައިވާ ނިންމުން އާކޮށް އެކަމަށް ޢަހްދު ކަށަވަރު ހިފިއެވެ.
ނާދިޔާ ނިޔާވުމާގުޅިގެން ، އަންވަރުގެ ޙާލަތު ވަރަށް ގޯސްވިއެވެ. ދުނިޔެއިން މޮޔަނުވީ ކިރިޔާއެވެ. ނުކައި ނުބޮއެ ، މީހަކާ އަނގައިން ނުބުނެ ، އެތައް ދުވަހެއްވަންދެން އަންވަރު ދިރިއުޅުނެވެ. އޭނާގެ ޙާލަތު ރަނގަޅުވާން ފެށީ ، ޝާހްނަވާޒް ނިޔާވުމާގުޅިގެން ، ޢާއިލީ ވިޔަފާރި ބެލެހެއްޓުމަށް ޚާނަމްއަށް އުނދަގޫވި ހިސާބުންނެވެ. އެ ހިތްދަތި ، އެކަނިވެރި ދިރިއުޅުމުން އަންވަރުގެ ޙަޔާތް ހުސްކޮށްލަމުން އެގެންދަނީ ނާދިޔާއަށް ޓަކައެވެ. އެހެން ކައިވެންޏެއް ކުރުމުގެ ވިސްނުމެއް އޮޅިގެންވެސް ، އަންވަރުގެ ސިކުނޑިޔަކަށް ނުވަދެއެވެ. މުރުތަސިމް ބަލައި ބޮޑުކުރުމުގެ ޒިންމާ ޚާނަމް އުފުއްލަމުން ގެންދިޔައިރު ، އަންވަރުގެ ހުރިހާ ވަގުތެއް ހޭދަކުރަމުން ގެންދިޔައީ ، ޢާއިލީ ވިޔަފާރި ތަރައްޤީކޮށް ކުރިއެރުވުމުގައެވެ.
މީގެ އެކާވީސް އަހަރު ކުރިން ، އަންވަރަށް އެކުރެވުނު ފާފައިގެ މަތިން ހަނދާންވުމުން ، އަންވަރަށް ރޮވެއެވެ. އެދުވަހު ، އޭނާގެ ދަރިޔެއްގެ ގޮތުގައި މީރަބް ބަލައިގަތުމަށް ، އަންވަރު އިންކާރު ކުރިއެވެ. އެ ތުއްތުތުއްތު މީރަބް އަތްދަނޑިމައްޗަށް ލައިގެން ، އަންވަރުގެ ގާތަށް ޚާނަމް އައެވެ. އެހެނަސް ، އެ ކުއްޖާއަކީ އޭނާގެ ބަދު ނަސީބުކަމަށް ބުނެ ، މީރަބާ ދިމާލަށް ބަލައިލުމަށްވެސް ، އަންވަރު ބޭނުމެއް ނުވިއެވެ. އޭނާގެ ލޯބިވާ އަންހެނުން ، ނާދިޔާގެ ފުރާނަ ދިޔައީ މީރަބާ ހުރެއެވެ. ދުވަހަކުވެސް ، މީރަބަކީ އޭނާގެ ދަރިޔެއްގެ ގޮތުގައި ނުބެލުމަށް ، އަންވަރުހުރީ ނިންމައިގެންނެވެ.
އެ ދަރިފުޅު ، އޭނާ ބޭނުން ނޫންކަމަށާއި ، ކޮންމެވެސް މީހަކަށް އެކުއްޖާ ދިނުމަށް ޚާނަމްގާތު އަންވަރު ބުންޏެވެ. އެހެން ނުހެދުމަށް ، ޚާނަމްއާއި ޝަހްނަވާޒް އެތައްވަރަކަށް އާދޭސްކުރިއެވެ. އެހެނަސް ، އަންވަރުގެ ނިންމުން ބަދަލެއް ނުކުރިއެވެ.
ވައްޤާސް އާއި އަނީލާއާ ދެމަފިރިންގެ އަތްމައްޗަށް މީރަބް އައީ ، ޝަހްނަވާޒްގެ ނިންމުމެއްގެ މަތިންނެވެ. އެމީހުންނާ މީރަބް ޙަވާލު ކުރުމަށްފަހު ، އެދުވަހުން ފެށިގެން ، މީރަބަކީ ވައްޤާސްގެ ދަރިއެއްކަމުގައި ބެލުމަށް ޝާހްނަވާޒް އެދުނެވެ. އެދެމަފިރިންނަށް އޭރު ކުއްޖަކު އަދި ނުލިބެއެވެ. އެހެންކަމުން ، އެއީ އެމީހުންގެ ދަރިއެއްކަމަށް ބަލައިގަނެ ، މީރަބް ބަލައި ބޮޑުކުރީ ، ޝާހްނަވާޒަށް ، އެދެމަފިރިން ވެފައިވާ ޢަހްދާއި ވަޢުދާ އެއްގޮތްވާ ގޮތުގެ މަތިން ، އެއީ އެދެމީހުންގެ ލޮލުގެ އަލިކަންކަމުގައި ބަލައިގެންނެވެ. އަދި އިތުރު ކުއްޖަކު ހޯދުމަށް ، އެދެމަފިރިން މަސައްކަތެއް ނުކުރެއެވެ.
މީރަބްގެ ހުރިހާ ޒިންމާއެއް އުފުއްލަމުން ގެންދިޔައީ ވައްޤާސް އެވެ. މީރަބަށްޓަކައި ވައްޤާސްގެ ޖާނާއި މާލު ޤުރުބާން ކުރަމުން ގެންދިޔައިރު ، ޝާހްނަވާޒަށް އޭނާ ވެފައިވާ ވަޢުދުގެ މަތިން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތައެއް ނުލައެވެ. ކޮންމެވެސް ދުވަހަކުން ، މީރަބް ، އޭނާގެ ޢާއިލާއާ އަނބުރާ ޙަވާލުކުރާނެކަމަށް ، ވައްޤާސްވަނީ ޝަހްނަވާޒަށް ވަޢުދުވެފައެވެ.
މީރަބް ވިހޭ ވަގުތު ، އަންވަރު އެނިންމި ނިންމުމުގެ ހިތްދަތިކަން އަންވަރުގެ ހިތުން ފިލައިގެންނެއް ނުދާނެއެވެ. ހަމައެއާއެކީ ، މީރަބްގެ ޙަޤީޤަތް އޭނާއަށް އެނގޭ ހިނދު ، މީރަބްގެ ހިތުގައި އަޅާނެ ވޭނަކީ ، އަންވަރުގެ އެނިންމުމާ ގުޅިފައިވާ ކަމެކެވެ. ކޮންމެ ގޮތަކަށް އޭނާއަށް ނިންމިފައި އޮތްނަމަވެސް ، މީރަބަށް އެއްވެސް ތަކުލީފެއް ލިބުމަކީ އަންވަރު އެދޭކަމެއްނޫނެވެ. އެހެނަސް ، އެ ޙަޤީޤަތް މީރަބަށް އެނގޭހިނދު ، އެކުއްޖާފުޅުގެ ހިތް ފޮތިފޮތިވެގެން ދާނެއެވެ. އަދި ، އެއީ ކޮންމެވެސް އެއްދުވަހަކުން ވާނެ ކަމެކެވެ.
އެތައް އަހަރެއްގެ ކުރިން އަންވަރު ، އޭނާގެ ދަރިފުޅު ބަލައިނުގަތުމުގެ ހިތިރަހަ ، އޭނާގެ ކަރުބުޑުގައި ހުރީ ހިފާފައެވެ. މީރަބް ބޮޑުވެގެން އައިއައިހެން ، މީރަބް އޭނާއަށް ފެންނަ ކޮންމެ ވަގުތަކުވެސް ، އޭނާއަށް އެކުރެވުނު މޮޔަކަމުގެ މަތިން ހަނދާން ވެއެވެ. މީރަބަކީ ، ދުނިޔެއަށް އައުމުގައި ، ނާދިޔާގެ ފުރާނަ ހިފައިގެންދިޔަ ކުއްޖެއް ނޫނެވެ. މީރަބަކީ ، ދުނިޔެދޫކޮށްފައި ދިއުމުގެ ކުރިން އަންވަރަށް ނާދިޔާ ދިން އަގުހުރި ހަދިޔާ އެކެވެ. އެހެނަސް ، އަންވަރަށް އެކަން އިޙްސާސް ވާން ދުވަސް ގަނޑެއް ނެގީއެވެ. މިހާރު އެއޮތީ ވާނެ އެއްޗެއް ވެނިމިފައެވެ. އެންމެ ހިތާމަ ހުރިކަމަކީ ، މީރަބްގެ ހިތް ހަލާކު ކޮށްލެވުމެވެ. ހަމަ އެއާއެކީ ، މީރަބަށް ތަސައްލީއެއް ދިނުމަށްޓަކައި އަންވަރަށް ކުރެވޭނެ އެއްވެސްކަމެއް ނެތުމެވެ. އަންވަރު ދެކެ ، އިންތިހާއަށް މީރަބް ފޫހި ވެއެވެ. މީރަބްގެ ކަންކަން ނިންމުމުގައި ، ވައްޤާސްއަށް އޮތް ޙައްޤު ، އަންވަރު ބޭނުންކުރަމުން އައީ ، ވައްޤާސް އަށް ކުޑަވެސް ދުލެއް ނުދީއެވެ. މީރަބާބެހޭ ހުރިހާކަމެއްވެސް ، ވައްޤާސް ކުރަމުން އައީ އަންވަރު ބުނާ ގޮތަކަށެވެ.
އަންވަރަކީ ، އޭނާގެ ދުނިޔެއަށް އުފަންކުރި ބައްޕަކަމުގައި ޤަބޫލު ނުކުރުމުގެ ފުރިހަމަ ޙައްޤު މީރަބަށް އެބަ އޮތެވެ. އެހެނަސް ، ދުނިޔެ ދެއްކި ޙަޤީޤަތް އެއްވެސް މީހަކަށް އޮޅުވައެއް ނުލެވޭނެއެވެ.
އޭނާގެ އުފަންދުވަހެއްގައި ނަގާފައިވާ ފޮޓޯތަކަކަށް ބަލަހައްޓައިގެން މީރަބް އިނެވެ. އެ ފޮޓޯތަކުގައި އެ ފެންނަނީ މުޅިންވެސް އޮޅުވައިލުމާއި ޙީލަތެވެ. ފޮޓޯތައް ކިތަންމެ ރީތި ނަމަވެސް ، އެ ފޮޓޯތަކުން އެ ފެންނަނީ ޙަޤީޤަތެއް ނޫނެވެ. އޭނާގެ މަންމަ އާއި ބައްޕަކަމަށް ބަލައިގެން އެކުގައި ދިރިއުޅެމުން ގެންދިޔަ ދެމީހުންގެ އޮޅުވައިލުމެވެ. ކައިރީ ހުރި މޭޒެއްގެ މަތީ ، އުއްބައްތި ދިއްލަން ބާއްވާފައި އޮތް ، އަލިފާން ފޮށްޓެއް ނަގައި ، އޭނާގެ އަތުގައި އޮތް އަލްބަމް ބިންމައްޗަށް ވައްޓައިލުމަށްފަހު އަލްބަމްގައި މީރަބް ރޯކޮށްލިއެވެ. އޭނާއަށް އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަމެއް ، މީރަބަކަށް އިޙްސާސެއް ނުވެއެވެ. އަލްބަމްގައި ރޯވެ ، ކޮޓަރީގައި އަޅަފައިވާ ބޯ ދޫލައިގާ އަލިފާން ހިފައި ، މީރަބް ސަލާމަތް ނުވާވަރުގެ ޙާދިސާއެއްވެސް ހިނގައިފާނެއެވެ. އެއިން އެއްވެސް ކަމަކާ މީރަބްގެ ވިސްނުމެއް ނެތެވެ. އެވަގުތު ، މީރަބް ބޭނުންވީ ، އޭނާގެ ޙަޔާތަށް އެ ކުރިމަތިވި ތޫފާނާ ދުރަށް ޖެހިލުމަށެވެ.
ޙަޔާއާ ދިމާލަށް އެއްޗެތި ކިޔައިގަތުމަށްފަހު ، މަރިޔަމް އެ ކޮޓަރިން ނުކުމެގެން އައިއިރު ، މީރަބްގެ ކޮޓަރީގެ ދޮރުދަށުން ނުކުންނަމުން ދިޔަ އޮލަ ދުންތައް ، މަރިޔަމަށް ފެނުމާއެކު ، ދޮރުގައި ތަޅައި ހަޅޭއްލަވަން ފެއްޓިއެވެ. އަދި އަޑުގެ ނެތްތަނަށް ، އަންވަރަށް ގޮވަމުން ގެނދިޔައެވެ. އެއްވެސް މީހަކަށް މަރިޔަމްގެ އަޑެއް ނީވުނެވެ. ދުވެފައި ގޮސް ، އަންވަރާއި ވައްޤާސް ވާހަކަ ދައްކަން ތިއްބާ ، މީރަބްގެ ކޮޓަރީގެ ދޮރުދަށުން ، ދުން އަރާވާހަކަ މަރިޔަމް ބުންޏެވެ.
އަންވަރާއި ވައްޤާސްއާ ދެމީހުންނަށް އެކީގައި ދުއްވައި ގަނެވުނީ މީރަބްގެ ކޮޓަރިޔާ ދިމާލަށެވެ. އޭރު ، ކޮޓަރިން ނުކުތް އޮލަ ދުމުން ، މުޅި ގޭތެރެއޮތީ ، ކައިރީގަ ހުންނަ މީހާވެސް ނުފެންނަ ވަރަށް ފުސް ވެފައެވެ. ދޮރުގައި ބާރަށް ތަޅަމުން ދެމީހުންވެސް މީރަބަށް ގޮވަމުން ގެންދިޔައެވެ. އެންމެ ފަހުން ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވުނެވެ. އޭރު މުޅި ކޮޓަރިތެރޭގައި އޮތީ ހުޅު ހިފާފައެވެ. މީރަބް ދަމާނެރެގެން އެތަނުން ދުރަށް ގެންގޮސް އޭނާއަށް ފެންފޮދެއް ދެވޭތޯ ވައްޤާސް މަސައްކަތް ކުރަމުން ، ދަރިފުޅާއޭ ބުނެ ، އާދޭސް ކުރަމުން ގެންދިޔައެވެ. މީރަބް ހުރީ ކޮށިއަރާ ނޭވާ ކުރުވާ ގޮތް ވެފައެވެ. ވާހަކަ ދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ.
" ކޮން ދަރިފުޅެއް ހެއްޔެވެ ؟ އަހަރެންނަކީ އެއްވެސް މީހެއްގެ ދަރިއެއްނޫނެވެ. ތިޔައީ އަހަރެންނާ ބެހޭ ބަޔެއްނޫނެވެ. ތިއީ ދޮގުވެރިން ތަކެކެވެ. މި ޢާއިލާގެ ނަން އަހަރެން ބޭނުމެއްނޫނެވެ. ތިޔައިން އެކެއްގެ އެހީތެރިކަމެއްވެސް އަހަރެން ބޭނުމެއް ނޫނެވެ. މިގޭގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް އަހަރެން ބޭނުމެއްނޫނެވެ. " މީރަބް ބުނަމުން ގެންދިޔައެވެ.
ރޮމުންރޮމުން ވާހަކަ ދައްކަމުން ތެދުވެ ، އެތަނުން ދުރަށްދާން މީރަބް ދުއްވައިގަތެވެ. ގޯތި ތެރެޔަށް ނުކުމެވުނުތަނާ މުރުތަސިމާ ދިމާވެ ، މީރަބް ހުއްޓުވިއެވެ. އެގޮތަށް މީރަބް އެގެއިން ނުކުމެގެންދާކަށް ، މުރުތަސިމް ދުލެއް ނުކުރިއެވެ. އެއްވެސް މީހަކަށް އޭނާ ނުހުއްޓުވޭނެކަމަށް ބުނެ ، މުރުތަސިމާ ދިމާލަށް މީރަބް ހަޅޭއްލަވަމުން ގެންދިޔައެވެ. އަދި ، އަމްދުން ، ކައިވެންޏަށް ނުރުހި އެކަމަކު ، އެކަން ޢާއިލާއަށް އަންގަން ނުކެރޭ ، މުރުތަސިމްފަދަ އަންހެންދުޅާ ފިރިހެނަކަށް ، އޭނާ ނުހުއްޓުވޭނެކަމަށް މީރަބް ބުންޏެވެ. މުރުތަސިމްގާތަށް އައިސް ހުރި ރުޅީގައި އަތްދަމާފައި މީރަބްގެ މޫނުމަތީ ތަފާލެއް ޖެހިއެވެ. އެތަން އަންވަރަށްވެސް ފެނުނެވެ. މީރަބްގެ މޫނުމަތީ މުރުތަސިމް ޖެހިލެއް ބާރުކަމުން ، މީރަބް އަނބުރައިގަނެ ، ޚަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓެން ދިޔަތަނާ ، މުރުތަސިމް ހިފެހެއްޓިއެވެ. މުރުތަސިމްގެ އަތުގައި ހުރިބާރެއްލާފައި މީރަބްގެ މޫނުމަތީ ، މުރުތަސިމް ޖެހިތަން ޙަޔާއަށްވެސް ފެނުނެވެ. އެއީ ، ޙަޔާއަށް ލިބުނު ހިތްވަރެކެވެ. ހިނިތުން ވެލާފައި ޙަޔާ ވަނީ ގޭތެރެޔަށެވެ.
މުރުތަސިމަށް އެކުރެވުނުކަމެއްގެ ހިލަންވީ ، ޚަބަރު ހުސްވެގެން ވެއްޓެންދިޔަ މީރަބް ، ހިފަހައްޓަން އުޅުމުގެ ތެރޭގައެވެ. މީރަބްގެ ނާޒުކު މޫނު އެރު އޮތީ މުރުތަސިމްގެ ކޮނޑުމަތީ ބޭއްވިފައެވެ. ބޭއިޚްތިޔާރުގައި ، މީރަބްގެ މޫނުގައި މުރުތަސިމަށް ފިރުމައިލެވުނެވެ. އަދި ، ހަމަ އެއާއެކު އޭނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.
ޚަބަރު ހުސްވެފައި މީރަބް އޮންނަތާ އެތައް އިރެއްވެއްޖެއެވެ. އަންވަރާއި ވައްޤާސް އަދި އަނީލާ ، ކަންބޮޑުވެފައި އެނދުކައިރީ ތިއްބެވެ. ވެގެން އުޅޭގޮތެއް އަނީލާއަކަށް ނޭނގެއެވެ. ގަހެއްގައި ފޮޅިފައި އިން މަލެއްފަދައިން ، މީރަބް ބަލައި އޭނާ ބޮޑުކުރިއިރު ، މިދެތިން ދުވަހެއްގެ ތެރޭގައި ، މީރަބަށް އެލިބެމުންދާ ތަކުލީފުތައް އެހެން އިންސާނަކަށް އިޙްސާސެއް ނުކުރެވޭނެއެވެ. ވައްޤާސް ވެސްހުރީ ، މީރަބަށް އެވީގޮތެއް ނޭނގޭކަމަށް ހަދައިގެންނެވެ. ތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ޤުރްބާނީތަކެއް ވާންޖެހޭކަން ، ވައްޤާސްއަށްވެސް އެނގެއެވެ. އެހެނަސް ، ތުއްތު އިރުއްސުރެ ބަލައި ބޮޑުކުރި ، އޭނާގެ ދަރިފުޅަށް އެލިބެންދާ ތަކްލީފުތައް އެއީ ، އޭނާގެ ކެތްތެރިކަން ކޮޅުންލާ ވަރުގެ ކަމެކެވެ.
" މީރަބްގެ ގައިގައި މުރުތަސިމް ޖެހުމަކީ ، އަހަރެންނަށް އެއްވެސް ޙާލެއްގައި ބަރުދާސްކުރެވޭނެ ކަމެއްނޫނެވެ. " އަންވަރަށް ބުނެވުނެވެ.
އަނީލާ ދިޔައީ ސިއްސައިގެންނެވެ. އެ ކައިވެންޏަށް އިންކާރު ކުރުމުގެ ޙައްޤު ، މުރުތަސިމަށް އެބައޮތެވެ. އެހެނަސް ، އެކަމާ ރުޅިއައިސްގެން މީރަބަށް އަނިޔާއެއް ދިނުމަކީ ، އަނީލާގެ ނަޒަރުގައި މުރުތަސިމް ކޮށްގެންވާނެ ކަމެއްނޫނެވެ. ޚާނަމްގެ އެ ނިންމުމާ ގުޅިގެން ، މީރަބަށް އަނިޔާއެއް ލިބެންވީ އެއްވެސް ސަބަބެއް ނެތެވެ. މުރުތަސިމް ކުރާކަމެއް ކުރަންޖެހޭނީ ޚާނަމް އަށެވެ. ޚާނަމްގެ ނިންމުމެއްގެ ރުޅިގަނޑު ، އޭނާގެ ދަރިފުޅަށް ބާލަންޖެހޭ އެއްވެސް ސަބަބެއް ، އަނީލާއަކަށް ނުވިސްނެއެވެ.
މުރުތަސިމަށް އެކުރެވުނު ކަމެއްގެ އިޙްސާސްގައި ދެރަވެފައި ކޮޓަރިތެރޭ ހުއްޓާ ، ޙާލާ އެތަނަށް އައެވެ. މިހާތަނަށް އެއްވެސް އަންހެނަކަށް އަނިޔާއެއް ދިނުމަށް ، މުރުތަސިމް ޚިޔާލުވެސް ކޮށްލާފައެއް ނުވެއެވެ. މިއަދު އޭނާއަށް އެވީ ކިހިނެއް ހެއްޔެވެ ؟
" އަނިޔާ ތިދިނީ ، މުރުތަސިމްގެ ކައިވެނިކުރެވޭ އަންހެން ކުއްޖާއަށެވެ. އެގެއިން ނުކުމެގެން މޮޔައެއްހެން ، މީރަބް އެދިޔައީ ކީއްވެގެންތޯ ސުއާލެއް ނުކުރާނަން ހެއްޔެވެ؟ އެކުއްޖާ އެދިޔައީ ، އަހަރެން މުރުތަސިމްދެކެ ލޯބިވާ ފަދައިން ދުނިޔެއިން މޮޔަ ވެގެންނެވެ. އެކުއްޖާ ، ދުނިޔެއިން މޮޔަވީ ކޮންކަމަކާތޯ ނާހާނަން ހެއްޔެވެ ؟ މުރުތަސިމްދެކެ ، މީރަބް ފޫހި ވެއެވެ. ތި އިންނަން އުޅޭ އަންހެންކުއްޖާއަކީ ، އޭނާއަކީ ކާކުކަން ޚުދު އޭނާއަށްވެސް ނޭނގޭ ކުއްޖެކެވެ. އެއީ ވައްޤާސްގެ ދަރިއެއްނޫނެވެ. އެއީ ، އަނީލާގެވެސް ދަރިއެއްނޫނެވެ. އެކުއްޖާ ދިރިއުޅެ ބޮޑުވެ ، ތަޞައްރުފް ފުދި ފިރިފުރާވަރަށް އެއެޅީ ، އޭނާއާ ތިމާގެކަމުގެ ގޮތުން އެއްވެސް ގުޅުމެއް އޮތް ބަޔަކާއެކީ އުޅެމުންނެއް ނޫނެވެ. ބައްޕާއޭ ގޮވަމުން މީރަބް އެދުވާ މީހާއަކީ ، މީރަބްގެ ބައްޕައެއް ނޫނެވެ. މީރަބްގެ ބައްޕަޔަކީ އަންވަރެވެ. " ޙާލާ އަނގަ ހުއްޓައިނުލާ ވާހަކަ ދައްކަމުން ގެންދިޔައެވެ.
ޙާލާގެ ވާހަކަތަކުން ، މުރުތަސިމުގެ ދެބުމަ ގޮށްޖެހި ދަތްކުނޑި ވިކެމުން ދިޔައެވެ. އަދި ، ޙާލާ އެހަދަނީ ހުސްދޮގު ކަމަށާއި އޭނާ އެ ދައްކާ ވާހަކަތައް އަޑުއަހަން ބޭނުން ނުވާކަމުގައި ، މުރުތަސިމް ބުނަމުން ގެންދިޔައެވެ. ( ނުނިމޭ )